Advertisement

ވާހަކަ: ހަމައެކަނި

16 އޭޕްރީލް 2022 - 08:48 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: ހަމައެކަނި

16 އޭޕްރީލް 2022 - 08:48 0

އޭނާ އަށް ހެނދުނު ތެދުވެވުނީ ވެސް ވަރަށް ވަރުންނެވެ. ހަށިގަނޑުގައި އިހު ހުރި ބާރެއް މިއަދަކު ނެތެވެ. ފާހާނާ އަށް ދާން ވެފައި އޮންނަތާ އެތައް އިރެއް ވެއްޖެ އެވެ. ނަމަވެސް މީހަކަށް ގޮވިޔަސް އަޑު އިވޭ ކަމަކަށް ނުވެ އެވެ. އަޑު އިވޭ ހިސާބުގައި މީހުން ތިއްބަސް އެ މީހުންނަށް ފަތިހެއް ނުވެ އެވެ. އެ މީހުންނަށް ފަތިސް ވަނީ މެންދުރު ވުމުންނެވެ.

އެނދުގައި ހިފަހައްޓަމުން ގުދަށް އޮވެގެން މަޑުމަޑުން ފިޔަވަޅު ނަގަމުން ހިނގައި ގެންފި އެވެ. ދެން ހުރީ ގޮނޑިއެކެވެ. ގޮނޑީގައި ހިފުނު ގޮތަކުން އަރި އަޅާލައިގެން ވެއްޓިއްޖެ އެވެ. ވެއްޓުނު އިރު ބޯ ގޮސް ޖެހުނީ ވަޑާމުގެ ސާމާނު އަޅާފައި ހުރި ލަކުޑި ފޮށްޓެއްގަ އެވެ. ފޮށީގެ ދާރައިގައި ބޯ ޖެހި ފަޅައިގެން ގޮއްސިހެން ހީވި އެވެ. ހީ ޔަގީނަށް ވީ ތަދުވާތަނުގައި އަތް ކާއްތާލުމުން އަތަށް ތެއްކަން އިހުސާސް ވުމުންނެވެ. މަޑު މަޑުން ފިރުކެމުން ގޮސް ފާހާނާގެ ދޮރާ ހަމައަށް ދެވިއްޖެ އެވެ. ވަރަށް ވަރުން ތެދުވެ ތަޅުން މަތީ އިށީދެވިއްޖެ އެވެ. ވަރުބަލިވެ މާނޭވާ ލެވެން ފަށައިފި އެވެ. އިރުކޮޅެއް ފަހުން ފާރުގައި ހިފަހައްޓައިގެން މަޑުމަޑުން ތެދުވެއްޖެ އެވެ. ފާހާނާކޮށް އަވަދިވެގެން ތަންތާގައި ހިފަހައްޓަމުން އެނދާ ހިސާބަށް ދެވުނީ ކިރިޔާ އެވެ. އެނދު މައްޗަށް ވެއްޓިއްޖެ އެވެ.

މުދިމު ހަސަން މަނިކަކީ މާލޭގެ ގަދަރުވެރި ނަން ހިނގާ އާއިލާއެއްގެ މީހެކެވެ. އެއްބަނޑު އެއްބަފާ ގިނަ ކުދިން މިހާރު ދުނިޔެއަކު ނެތެވެ. ހަސަން މަނިކަށް މައިފުނަގެއިން ލިބުނު ބައި އެއްބަޑު އެއްބަފާ ކުދިންނަށް ދޫކޮށްލީ މާލޭގެ ރަނގަޅު ހިސާބަކުން ހަތަރު ހާސް އަކަފޫޓުގެ ގޯއްޗެއް އޮތުމުންނެވެ. އެއީ އެ ދުވަސްވަރު ކުއްޔަށް ދިން ބިންތަކުން ތަނެއް، ފަހުން އެ ބިންތައް ކުއްޔަށް ހިފައިގެން ތިބި މީހުންނަށް ރަޖިސްޓަރީ ކޮށްދިނުމަށް ނިންމި ދުވަސް ވަރެވެ. ހަސަން މަނިކުގެ ނަސީބު ވެސް ރަނގަޅީ އެވެ.

ހަސަން މަނިކުގެ މިހާރުގެ އުމުރަކީ 90 އަހަރެވެ. ޒުވާން ދުވަސްވަރު ބޯޓު ދަތުރު ކުރުމާއި މާލޭ ބާޒާރުގައި ވިޔަފާރި ކުރި އެވެ. އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރީ ކަސްޓަމްސްގަ އެވެ. ތިރީސް ފަސް އަހަރުގެ ހިދުމަތަށް ފަހު މިހާރު ދައުލަތުގެ ޕެންޝަނަރެކެވެ. ހަސަން މަނިކަކީ ކެރޭ ހީވާގި މީހެކެވެ. މީހުންނަށް ހެޔޮ ސާދާ މީހެކެވެ. އިސްކޮޅުން އެހާ ދިގެން ނޫނެވެ. ހަށިގަނޑު ފަލަވެ ލޮކިމަސް ޖަހާފައެއް ނުހުރެ އެވެ. އަބަދު ވެސް ކެއުމުގައި ރަނގަޅު ކާނާ ކާން އާދަ ކޮށްފައިވާ މީހެކެވެ. ނަމަވެސް މިއަދު އެ ދުވަސް ހިނގައްޖެ އެވެ. ގައިގެ ބާރު ދެރަވެ އަމިއްލަ ބާރުގައި ހިނގާ ބިނގާވެ އުޅުން ދަތިވެއްޖެ އެވެ. ބޭނުންވާ މީރު ކާއެތިކޮޅު އަމިއްލަ އިހުތިޔާރުގައި ކެއުމުގެ ފުރަސަތު ވެސް ވަނީ ގެއްލިފަ އެވެ. މީހަކު ދިން އެއްޗެއް ކާލައިގެން އިނުން ނޫން ގޮތެއް ނެތެވެ.

ހަސަން މަނިކު ކައިވެނި ކުރީ ވެސް ގެވެހި އުޅުން ހުރި މީހަކާ އެވެ. ދެމަފިރިންނަށް ބާރަ ކުދިން ލިބުނެވެ. ދުނިޔޭގައި ތިބީ ދިހަ ދަރިން ނެވެ. ހުރިހާ ކުދިންނަށް ވެސް މާލޭން ލިބެން ހުރި އެންމެ މަތީ ތައުލީމު ހޯދާ ދިނެވެ. ދިހަ ކުދިންގެ ތެރެއިން ފަސް ކުދިން އުޅެނީ ދުނިޔޭގެ އެކި ގައުމު ތަކުގަ އެވެ. ބައެއް ކުދިން އެތަންތާނގެ ރަށްވެހިންނަށް ވެސް ވެއްޖެ އެވެ. ބޭރުގައި އުޅޭ ކުދިން ހަމަ ލޮލަށް ނުފެންނަތާ ވެސް މިހާރު ދިހަ އަހަރު ވެއްޖެ އެވެ. ފޯނުން ގުޅާލާ ބައްޕަގެ ހާލު ބަލައިލާ ކުއްޖަކު ނެތެވެ. ހަސަން މަނިކުގެ ހިތަށް ކެތް ނުވެގެން ގުޅިޔަސް އެ ކުދިން ފޯނު ނަގަނީ ވެސް މަދު ފަހަރަކު އެވެ. މާލޭގައި ތިބޭ ކުދިންގެ ހާލަކީ ވެސް އެއީ އެވެ.

ގޯތި ދެ ބަޔަށް ބައި ކުރެވި ފަސް ކުދިން ފަސް ކުދިންވާ ގޮތަށް ތަނަވަސް ކޮށް، ހިތް އެދޭ ވަރަށް ބޮޑުކޮށް ގެ ހެދުނަސް އެ ކުދިންގެ ހިތުގައި ބައްޕަ އަށް އޮތް ލޯތްބާއި އިހުތިރާމް ބޮޑެއް ނުވި އެވެ. ބައްޕަ ފަރާތުން ލިބުނު ތައުލީމުގެ ހަނދާނެއް ނެތެވެ. ފަހި ދިރިއުޅުން އުޅެވި އިމާރާތުން ލިބޭ އާމްދަނީ އެ ކުދިންގެ އުފާތަކަށް ތަޅާ ބުރައްސަނީ ހިޔާލެއް ފިކުރެއް ނެތި އެވެ.

ހަސަން މަނިކުގެ އަންހެނުން ނިޔާވިތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ. އޭނާ ނިޔާވުމުން ހަސަން މަނިކުގެ އެކަނިވެރިކަން ވަރަށް ބޮޑުވި އެވެ. ކުރިން ގަވާއިދުން ގަޑިން ގަޑިއަށް ލިބޭ ކާއެތި ކޮޅު ވެސް މިހާރު ލިބެނީ އެކި ދުވަހު އެކި ގަޑީގަ އެވެ.

ހަސަން މަނިކުގެ ހާލު ބަލައިލަން ގަވާއިދުން ޒިޔާރަތް ކޮއްލާ ހުންނަނީ އެންމެ މީހެކެވެ. އެއީ އޭނާއާ އެއްބަނޑު މީހެއްގެ ދަރިއެއް ކަމަށްވާ އަލީ ޒައިދެވެ. ދަރިންގެ ފަރާތުން ނުލިބޭ އެހީތެރިކަން އޭނާގެ ފަރާތުން ލިބެ އެވެ. ނަމަވެސް އޭނާ އަކީ ގިނައިން ރަށުގައި ހުރެވޭ ކުއްޖަކަށް ނުވާތީ ހަސަން މަނިކުގެ ގިނަ މުހުތާދުތައް އޮންނަނީ ނުފުދި އެވެ.

ތަފާތު ބަލިތަކުގައި ބޭސް ކުރާން ހަސަން މަނިކަށް އޮންނަނީ މިހާރު ޖެހިފަ އެވެ. ހަކުރު ބައްޔެވެ. ލޭ މައްޗަށް ދިއުމެވެ. އަދި މި ފަހުން ކުޑަކަމުދިޔުމުގެ ނިޒާމުގައި ހިލަ ހުރެގެން އެކަމަށް ވެސް ފަރުވާ ކުރާން ޖެހުނެވެ. މި ހުރިހާ ކަމަކަށް ފަރުވާ ކުރާން ޖެހުމުން ކާ ބޭސްތަކާއި ކެއުން ބުއިމުގެ އާދަތައް ވަނީ ވަރަށް ބޮޑަށް ބަދަލު ކުރާން ޖެހިފަ އެވެ.

ގޯތި ދެބައިކުރިއިރު ވެސް ގޯތީގެ އެއްބައިގެ ބެހިނިވެރިންގެ ތެރޭގައި ހަސަން މަނިކު ހިމެނެ އެވެ. އެގޮތަށް ހަސަން މަނިކު ނިންމީ އުމުރުން ދުވަސްވާ މީހުން ގެއިން ބޭރުކޮށްލާ މަގުމަތި ކޮށްލުމުގެ ހާދިސާ ތަކުގެ އަޑުއިވި ފެނިފައި ވާތީ އެވެ.

އަމިއްލަ ގޭގައި އުފަން ދަރިއެއް ގާތު އޮތަސް އޭނާ އަކީ މިއަދު ބީރަށްޓައްސެކެވެ. ގޭގައި އުޅޭ ގެންގުޅޭ މީހުންގެ ދަރަޖައިގެ މީހެކެވެ. ބަލި ވީމާ ބޭސްކުރުމާއި އެހެނިހެން ކަންކަން ދަރިން ކޮށްދެނީ މަޖުބޫރު ވެގެންނެވެ. ބޭސް ހުސްވެ ކިތަންމެ ފަހަރަކު ޑޮކްޓަރަށް ނުދެއްކި އޮންނާން ޖެހެވެ. ޑޮކްޓަރު ބުނާ ޓެސްޓް ތަކެއް ނުހެދެ އެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ފާ ކޮށްކޮށް ތިބެނީ އެވެ. މިއަދު އެ ކުދިންނަށް ބައްޕަ އަކީ ބުރައެކެވެ. އެއް ކަމެއް ވެސް ކުދި ނުކިޔާ ނުކޮށްދެ އެވެ.

ހަސަން މަނިކުގެ އެކަނިވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑު ވަމުންނެވެ. ކުރެވޭ އިހުސާސްތަކާއި ބަލިތަކުގެ ސަބަބުން އަޅާ ވޭނާއި ކެކުޅުން ދިޔައީ ބޮޑު ވަމުންނެވެ. ގިސްލައި ރޮވި ފައިބާ ކަރުނަ ހިކޭއިރު ވެސް އެކަން ފެންނާނެ ދަރިއެއް ނެތެވެ. އާދޭހާ އެކު އެދުނަސް، ބައްޕަ ދެކިލަން ބޭނުން ވިއަސް އަންނާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ.

ހަސަން މަނިކު އެ ކުދިންނަށް ދިން ތަރުބިއްޔަތު މިއަދު ވަނީ ފޫނެއް ފަޔަކަށް އެޅި ފެން ފަދައިން ފައިބައިގެން ގޮއްސަ އެވެ. ކުރި ބުރަ މަސައްކަތާއި އޮހޮރި ދަލުގެ އަގެއް މިއަދަކު ނެތެވެ.

ޒުވާން ދުވަސްވަރު ގަދަ ކަނޑުގައި އަންހެނުންނާއި ދަރިންނާ ވަކިން އުޅުނެވެ. ރާއްޖެ ނައިސް އަހަރު ދެއަހަރު އުޅުނީ ހަމަ އެކުދިންގެ ހައްގުގަ އެވެ. ދަތުރު ކުރުން ހުއްޓާލާ އެއްގަމުގައި ފިހާރަތަކުގައި ރެއާއި ދުވާލު މަސައްކަތުގައި އުޅުނެވެ. ގުދަންތަކުގައި ފަންކާގެ ފިނި ކަމެއް ނެތި ހިކިމަސް ބަންދު ކުރުމުގައި އުޅުނެވެ. މުޅި މީހާގެ ގައިން އޭރު އޮހޮރުނު ދަލާ، ދުވި މަސް ވަސް މިއަދު އޭނާގެ ދަރިންގެ ހަނދާނުގައި ހުރި ހެނެއް ހިއެއް ނުވެ އެވެ.

އެ ކުދިންގެ ހައްގުގައި ބައްޕަ އެ ދުވަހު އުފުލި ބުރަ މިއަދު އެ ކުދިންނަށް އިހްސާސެއް ނުކުރެވެ އެވެ. ސްކޫލަށް ބޭނުންވާ އަގުބޮޑު ޓެކްސްޓް ފޮތްތައް ހޯދާ ދިނުމުގައި މީހުންގެ އަތުން ދަރަންޏަށް ފައިސާ ނެގި ކަމެއް އެ ކުދިންނަކަށް ނޭނގޭނެ އެވެ. މިއަދު އެ ކުދިންނަށް މީހަކު އެކަން ހަނދާން ކޮށްދިނަސް ދޭ ޖަވާބު ހަސަން މަނިކަށް އިވެ އެވެ. އެ ދުވަހު ބައްޕަ އެކަން ކުރަން މަޖުބޫރު ވާނެކަމެވެ. އެކަމު މިއަދު އެ ކުދިންނަށް ބައްޕަގެ މުހުތާދުތައް ފުއްދާ ދިނުން މަޖްބޫރު ނުވާ ކަމީ އަރަތެއް ކަހަލަ ކަމެކެވެ.

މިކަހަލަ ދަރިންގެ ހިތުގައި ރަހުމާއި ހަމްދަރުދީ އަދި ކުލުނު އޮންނަނީ ކިހާ ވަރަކަށް ކަން އެހެން މީހުންނަށް އިހުސާސް ކުރެވޭނީ އެފަދަ ކަމެއް ކުރިމަތިވީމެވެ. އެ ދަރިން މުސްކުޅިވާ ދުވަހު އެނދުގައި އޮށޯވެ އޮންނައިރު އެ މީހުންގެ ދަރިންގެ ފަރާތުން އެހީތެރިކަން ނުލިބުމުން ކުރެވޭ އަސަރު މިއަދު އެ ބައްޕަ ކުރާނެކަން ނުދަންނަނީ ހެއްޔެވެ؟ މާދަމާ ކޮންމެ ފަދަ ގޮތަކަށް ވެސް ކަންކަން ބަދަލުވެދާނެކަން އެ މީހުން ނުދަންނަނީ ހެއްޔެވެ؟ ހެޔޮ ހާލުގައި ގަދަ ފަދަކޮށް ތިބޭ މީހުން ކުއްލި އަކަށް ބަލިވެ އެދުގައި މުޅި އުމުރު ހޭދަކުރާން ޖޭހޭލެއް ވެސް މަދެއް ނޫނެވެ. އެއީ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ. އެކަން މިއަދު އެ މީހުން ހަނދާނެއް ނުހުރެ އެވެ.

ހަސަން މަނިކުގެ ބޮލަށް ލިބުނު އަނިޔާގެ ވޭން މިހާރު ގަދަވާން ފަށައިފި އެވެ. އޭނާގެ މޫނު މައްޗަށް އަނދިރި ވާހެން ވެސް ހީވެ އެވެ. ފަޅައިގެން ގޮއްސައިވާ ތަނުގައި ފޮތިގަނޑެއް އައްސައިގެން ލޭ އައުން މަނާ ކުރެވިއްޖެ އެވެ. އެކަމު ޖެހުނުލެއް ބާރު ކަމުން ވީ ތަދެއް ނުކެނޑެއެވެ. ލޯ މެރެން ފަށައިފި އެވެ.

ހޭވެރިކަން ވީއިރު ފެންނަނީ ހުދު އައްޔެކެވެ. ދެން ފެންނާން ފެށީ ހުދު ފަންގިފަލެ އެވެ. މަޑުމަޑުން ލޯ ބޮޑުކޮށްލާފައި ވަށައިގެން ބަލައި ލެވުނެވެ. އޮތީ ގޭގައި ނޫންކަން އިހުސާސް ވާން ފެށި އެވެ. ކައިރީގައި އިނީ ގޭގައި ގެންގުޅޭ ބިދޭސީ އަންހެނެކެވެ. އެއްވެސް ދަރިއަކު ފެންނާކަށް ނެތެވެ. ރޮވޭ ގޮތް ވެއްޖެ އެވެ. އަދި ސުވާލު ކުރާން ފެށުނެވެ. މިއީ ކޮންތަނެއް ހެއްޔެވެ؟ ކައިރީގައި އިން މީހާ ބުނެދިނެވެ. ހަސްފަތާލެވެ. މިތަނަށް ގެނެވުނީ ހޭނެތިފައި އޮތުމުން ހޭނާރައިގެންނެވެ. ކާކުތޯ ގެނައީ ސުވާލު ކުރުމުން ޖަވާބު ދީނީ ކައިރިއަށް އައިސް އެ ވަގުތު ހުއްޓުނު މީހާ އެވެ. އެއީ ހަސަން މަނިކުގެ އެއްބަފާ ކޮއްކޮގެ ދަރި އަލީ ޒައިދެވެ. އޭނާ ހަސަން މަނިކަށް ވަރަށް ނަސޭހަތް ދިނެވެ. ގައިގައި ފިރުމަމުންނެވެ. ހަސަން މަނިކަށް ދިމާވި ގޮތް ޒައިދަށް ކިޔާ ދިނެވެ.

ޒައިދު ފުން ނޭވާއެއްލި އެވެ. އަދި ބުންޏެވެ. އަހަރެންގެ ގޭގައި މިހާރު ހަދާ ބައި ނިމުމުން ބޮޑުބޭބެ ގެންދާނަމަވެ. އޭރުން ދުވަހަކުވެސް ބަޑު ބޭބެ އެކަނި އޮންނާކަން ނުޖެހޭނެ އެވެ. އަހަރެންގެ ބައްޕަ މަރުވުމުގެ ކުރިން ކުރި ވަސިއްޔަތުގައި ބޮޑުބޭބެ ހިތުގައި ނުޖެއްސުމަށް އެދުނެވެ. ގަވާއިދުން ހާލު ބެލުމަށް ވަސިއްޔަތްކުރި އެވެ. ބޮޑު ބޭބެ އެދޭ ކޮންމެ ކަމެއް ކޮށްދިނުމަށް އެދުނެވެ. ބައްޕަގެ ގެ ދަރަންޏެއް އޮވެގެން ގެ ނީލަމުގައި ވިއްކާލަން އުޅެނިކޮށް އެކަމުން ސަލާމަތް ކޮށްދިނީ ބޮޑު ބޭބެ ކަމަށް ބުންޏެވެ. އެނޫން ކަންކަމުގައި ވެސް ބޮޑު ބޭބެގެ އެހީތެރިކަން މެދު ކެނޑުމެއް ނެތި ލިބެމުން ދިޔަ ކަމުގައި ބައްޕަ ބުންޏެވެ. އަހަރެން ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އެ ވަސިއްޔަތް ފުރިހަމަ ކުރާނަމެވެ. މިހާތަނަށް ޒައިދުގެ ވާހަކަ ދިޔައިރު ހަސަން މަނިކަށް ރޮވެން ފަށައިފި އެވެ.

ހަސަން މަނިކު ހަސްފަތާލުގައި އޮތްއިރު އޭނާގެ އުފަން ދަރިން އެތަނަށް ވަދެލީ އެންމެ ދުވަހަކު އެވެ. އެވެސް އެންމެން ގްރޫޕު ހަދާފައި ބައްޕަ ދެކެލަން ކަމަށް ބުނެ ދިޔަ ދިޔުމެކެވެ. އެ ކުދިން އައުމުން ހަސަން މަނިކަށް ނޭނގޭ އިހުސާސެއް ކުރެވުނެވެ. އުފާ ވެސްވި އެވެ. ދެރަވެސްވި އެވެ. ރޮވެން ވެސް ފެށި އެވެ. އެވަގުތު ކޮޅުގައި ވެސް އެ ކުދިން ތިބީ ބައްޕައަށް ވަގުތު ދީގެނެއް ނޫނެވެ. އެމީހުންގެ ރަށްޓެހިންނާ ފޯނުން ވާހަކަ ދެއްކުމާއި ޗެޓް ކުރުމުގަ އެވެ. މީހުންގެ ލޯތަކުގައި އަނދުން އަޅުވަން ކުރި ޒިޔާރަތެކެވެ. އެދުވަހު މާ ބޮނޑިއެއް ހަދިޔާ އަކަށް ގެންދިޔަ އެވެ. އެއީ ދުރު ހިލޭ މީހުން ގާތަށް ވެސް މީހުން ޒިޔާރަތް ކުރާ އުސޫލެވެ.

ހަސަން މަނިކު ގާތުގައި ޑިއުޓީ ގައި ތިބެނީ ގޭގައި ގެންގުޅޭ މީހާގެ އިތުރުން އަލީ ޒައިދާއި އޭނާގެ ކޮއްކޮ މެންނެވެ. ހަސްފަތާލުގައި އެނދުމަތި ކޮށްފައި އޮންނަ އިރު ބައްޕަ އަކު ބޭނުންވާނީ ދަރިންގެ އޯގާތެރި ބަސްތަކެވެ. އެމީހުންގެ ފިރުމުންތަކެވެ. އެމީހުންގެ އަތުން ކާލަން ލިބުމެވެ. އެ އުފާ މިއަދަކު ނެތެވެ. ކާން ދެނީ އެހެން މީހުންނެވެ. ފިރުމައިދެނީ ވެސް އެހެން މީހުންނެވެ. އަޅާލަނީ ވެސް އެހެން މީހުންނެވެ.

މިއީ ހާދަ ވޭން ހުރި އިހްސާސް ތަކެކެވެ. ހާދަ އަސަރު ހުރި ކަމެކެވެ. އެކަނި އޮންނަ އިރު ކުރެވޭ އިހްސާސްތަކުގައި ފައިބާ ކަރުނައިގައި މާޒީގެ މަންޒަރު ތަކުގެ ފޮޓޯތައް ކުރެހެމުން ދާނެ އެވެ. މިއަދު ހަސަން މަނިކަށް ޅަ ދުވަހުގެ ހަނދާންތައް އާވާން ފަށައިފި އެވެ. ދަރިން ބަލިވެ، ހުން ގަދަވެގެން އުޅޭ ރޭރޭ ދެމަފިރިން ހޭލާ އެ ކުދިން ގައިގާ ފެން ފޮތި އަޅާ، އަތު ފަންކާއިން ވިހެދެ އެވެ. ބޭރަށް ހިންގައިގެން ހާލު ދެރަވެގެން އެކުދިން ހަސްފަތާލަށް ގެންދިޔަ ދުވަސް ތަކާއި ރޭ ތަކެވެ. ކޮނޑު މައްޗަށް ލައިގެން ގެންދިޔަ ފަހަރު ތަކެވެ.

ކޮލެރާތެރޭ މަރުވި ދެ ކުދިންގެ ހަނދާނެވެ. އެ ދުވަހު ދެމަފިރިންގެ ލޮލުން ފޭބި ކަރުނަ އެވެ. މުޅި ގެއަށް ވެރިވި ހިތާމަ އެވެ. ދެން ތިބި ކުދިންގެ ފުރާނަ ސަލާމަތް ކުރާން ހަސްފަތާލުގައި ހޭދަ ކުރި ދުވަސް ތަކެވެ.

ހަސްފަތާލުގައި އެނދުމަތި ކުރި ފަހުން ހަސަން މަނިކުގެ އެހެން ބަލިތައް ބޮޑުވާން ފެށި ކަހަލަ އެވެ. ޕްރެޝަރު ދަށް ނުވުމެވެ. ކުޑަކަމު ދިޔުމުގެ ނިޒާމުގެ މައްސަލަ އަލުން ބޮޑުވާން ފެށުމެވެ. ހަތަރު ހަފުތާ ފަހުން ރަނގަޅުވާން ފެށިއެވެ. ހަސަން މަނިކު ހަސްފާތާލުން ދޫކޮށްލާން ޖެހޭކަން ޑޮކްޓަރު ބުނެފި އެވެ. ނަމަވެސް އަދި ދެ ދުވަހު ބާއްވާލުމަށް ފަހުގަ އެވެ. މިއަދު އަލީ ޒައިދު ވަރަށް ގިނަ އިރު ހަސަން މަނިކު ގާތުގައި އިނެވެ. ރަށުން ބޭރަށް މިއަދު ފުރާން ޖެހޭ ކަމަށް ބުންޏެވެ. އެކަމު ހަސްފަތާލުން ދޫކޮށްލާ ދުވަހު އަންނާނެ ކަމަށް ބުނެ އޭނާއިން ގޮނޑިން ތެދުވަން އުޅެނިކޮށް އަތުގައި ވަރަށް ބާރަށް ހަސަން މަނިކު ހިފެހެއްޓި އެވެ. އަދި ވަރަށް އަސަރާއެކު ވާހަކަ ދައްކާން ފެށި އެވެ.

"މަގޭ އުފަން ދަރިއަކަށް ނުވިއަސް ތިޔައީ ހަމަ ދަރިއެއް. އަހަރެން މިތަނުން ނެރެގެން ގެންދަން ވާނީ ތިޔަ ގެއަށް. ކޮންމެ ފަދަ ގޮތެއް ވިޔަސް ދެން ދަރިން ގާތަށް އަހަރެންގެ ގެއަށް ދާކަށް ބޭނުމެއް ނޫން. ބޭބެ އެއްކޮށްފައި ކުރި ފައިސާއިން އަދި ތިން ހަތަރު އަހަރު ހަރަދު ކުރެވޭނެ،"

މިހެން ބުނެވުނު އިރު ހަސަން މަނިކަށް ގަދައަށް ރޮވެން ފަށައިފި އެވެ. އަލީ ޒައިދަށް ކުރި އަސަރުން ލޮލުން ކަރުނަ ފޭދެން ފެށި އެވެ. ނަމަވެސް ބޮޑުބޭބެއަށް އެކަން ނުފެންނާނެހެން ފުރަގަސް ދިނެވެ. އަދި ބުނެލި އެވެ. ބޭބެ ދެރަ ނުވާށެވެ. މިފަހަރު ގެންދާނީ އަހަރެމެންގެ ގެ އަށެވެ.

ދަތުރު ނިންމާފައި އައިސް އަލީ ޒައިދު ފުރަތަމަ ވެސް ދިޔައީ ހަސްފަތާލަށެވެ. ބޮޑުބޭބެ ބާއްވާފައި އޮތް ކޮޓަރިއަށް ވަންނަން ދިޔައިރު ފަހަތުން މީހަކު ޒައިދަށް ގޮވާލި އެވެ. ޒައިދު އެނބުރި ބަލައިލި އެވެ. އެއީ ބޮޑުބޭބޭގެ އެންމެ ހަގު ދަރިފުޅެވެ. އޭނާ ބުންޏެވެ. ބައްޕަ ނިޔާވިކަން ދެނެ ހުރިން ހެއްޔެވެ. ހަސްފަތާލުން ގުޅާފައި އެ ވާހަކަ ބުނުމުން އަހަރެން ވެސް މިއައީ އެވެ. ޒައިދު ބުންޏެވެ. ތިޔައީ ހަމަ ތެދެއް ހެއްޔެވެ؟ އެވަރުވީއިރު އަހަރެންނަށް އަންގާނުލީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޖަވާބެއް ނުދެ އެވެ.

ކޮޓަރީގެ ދޮރު މަތީގައި ބޮޑު ބޭބެގެ ދެ ކުއްޖަކު ތިއްބެވެ. ދޮރުން ވަންނަން އުޅެން ފެށުމުން އެތަނުން އެއްކުއްޖަކު ބުންޏެވެ. ތަންކޮޅެއް ލަސްވީ އެވެ. މީގެ ގަޑިއެއް ހާއިރު ކުރިން ބައްޕަ ނިޔާވެއްޖެ އެވެ. އަހަރެމެންނަށް ވެސް އާދެވުނީ ދެންމެ އެވެ. އަހަރެމެންގެ އެކަކަށް ވެސް ބައްޕަގެ މަރެއް ނުފެނެ އެވެ.

ޒައިދު ހިތްހަމަ ނުޖެހިގެން ވަރަށް އަސަރާ އެކު ބުންޏެވެ. ލަސްވީ އަހަންނެއް ނޫނެވެ. ކަލޭމެންނެވެ. ކަލޭމެންނަށް ވެސް އަދި މިދުވަސް އަންނާނެއެވެ.

ބޮޑުބޭބެ ލޯ މަރާލުމުން ތިޔަ އައީ ކީއްކުރަން ހެއްޔެވެ؟ އޭނާ ލޯ ހުޅުވައިގެން އޮތް އިރު ކަލޭމެން ކޮބައި ހެއްޔެވެ. ލޯ މަރާލުމުން ކަލޭމެން އަޔަސް އޭނާ އަށް ކަލޭމެން ފެންނާނެ ހެއްޔެވެ؟ އެ ބައްޕަ އޭނާގެ ޒިންމާތައް އަދާކުރި އެވެ. ކަލޭމެން މިއަދު ތިޔަވަނީ ނިދާފަ އެވެ. ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތެވެ. އޭނާ މިތާ އެނދުމަތި ކޮށްފައި އޮންނަތާ މަސް ދުވަސް ވަނީ އެވެ. ކަލޭމެންނަށް ވަދެލެވުނީ އެންމެ ދުވަހަކު އެވެ. އެވެސް މީހުންގެ ލޯތަކުގައި އަނދުން އަޅުވަން ތަމްސީލު ކުޅުމަށެވެ. ކަލޭމެންނަށް ވެސް މިދުވަސް އަންނާނެއެވެ. އެ ދުވަހު އެކަނި އޮންނާން ބޭނުން ވާނެ ހެއްޔެވެ؟

ދެން އޭނާ އެއް އެނބުރިއެއް ނާންނެއެވެ. މިއަދު ރޯނެ ކަމެއް ނެތެވެ. އެ ބައްޕައަށް ތިޔަ ތަނެއް ނުފެންނާނެ އެވެ. ކަލޭމެން އަސަރުން ރޯންވީ ދުވަސް ފާއިތު ވެއްޖެ އެވެ. އޭނާ މި ދުނިޔެއާ އެ އަލްވަދާއުކީ އެކަނި އޮވެއެވެ.