Advertisement

ވިލުފުށިން ދޫކުރާ 100 ގޯއްޗަށް 328 މީހަކު ކުރިމަތިލައިފި

15 އޭޕްރީލް 2022 - 16:12 0

އަމަން ހަލީމް

އަމަން ހަލީމް

ތ. ވިލުފުށި: މި ރަށަކީ 2004 ގެ އިންޑިއާ ކަނޑުގެ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވީ އެއް ރަށް. -- ފޮޓޯ: އައިލްސް ވެބްސައިޓު


ވިލުފުށިން ދޫކުރާ 100 ގޯއްޗަށް 328 މީހަކު ކުރިމަތިލައިފި

15 އޭޕްރީލް 2022 - 16:12 0

ސުނާމީގައި ހަލާކުވެގެން ދިޔަ ތ. ވިލުފުށި އަލުން އާބާދު ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ރަށުން ދޫކުރަން ހުޅުވާލި 100 ގޯއްޗަށް 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

ވިލުފުށި ކައުންސިލުން އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުގައި މި ގޯތިތަކަށް 328 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ގޯތި 315 މީހަކަށް ގޯތި ލިބޭ ވަރަށް ޕޮއިންޓު ލިބިފައިވެ އެވެ. މި ބުރު ދޫކުރާ 2000 އަކަފޫޓުގެ ގޯތިތައް ލިބެނީ ލިސްޓުގެ އެންމެ ގިނައިން ޕޮއިންޓު ލިބުނު ތަރުތީބުންނެވެ.

ވަގުތީ ލިސްޓު އިއުލާނުކުރުމާއެކު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ އޭޕްރިލް 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ. ކައުންސިލަށް ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމަކުންނެވެ.

ވިލުފުށި ކައުންސިލުން ބުނި ގޮތުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރާނީ ޝަކުވާތަކަށާއި އުސޫލުގައިވާ ބަޔާންކުރާ އެހެނިހެން ކަންކަން ކަށަވަރުކުރުމަށް ފަހު އެވެ. އެކަން ކުރާނެ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

ވަގުތީ ލިސްޓަށް ބަލާއިރު، އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތެރެއިން 40 މީހަކަށް 100 ޕޮއިންޓު ނޫނީ އެއަށް ވުރެ މަތިން ލިބުނެވެ.

މި ލިސްޓުގެ 100 ވަނައިގައިވާ މީހާއަށް އެއްވަރަށް، އެއީ 95 ޕޮއިންޓު، އިތުރު ފަސް މީހަކަށް ލިބުނެވެ. މިހެންކަމުން އެ މީހަކަށް ލިބުނު މާކުހަށް ބަދަލެއް ނާންނަ ހާލަތެއްގައި ގޯތި ލިބޭ މީހާ ކަށަވަރު ކުރާނީ އެއްވަރަށް ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރުއަތުލައިގެން ކަމަށް އުސޫލުގައި ވެ އެވެ.

ވިލުފުއްޓަކީ 2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީގައި ރާއްޖެއިން އެންމެ ބޮޑަށް ގެއްލުންވީ ރަށްތަކުގެ ތެރެއިން ރަށެކެވެ. މި ރަށް އަލުން އާރަސްތުކޮށް އަލުން މީހުން ދިރިއުޅެން ފެށީ އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން މެއި 2009 ގަ އެވެ.