Advertisement

ހަނދާންތަކުން: ސިގެއްލާ ރޯގާގެ ދުވަސްވަރު ފެންވަޅުތަކަށް ކްލޮރިނޭޓްކުރުން

15 އޭޕްރީލް 2022 - 15:40 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ހަނދާންތަކުން: ސިގެއްލާ ރޯގާގެ ދުވަސްވަރު ފެންވަޅުތަކަށް ކްލޮރިނޭޓްކުރުން

15 އޭޕްރީލް 2022 - 15:40 0

އަޅުގަނޑު އޭރު އުޅޭ އޮފީހުގެ ފަރާތުން ހަދާފައި އޮންނަ ތާވަލުގައި ވާ ގޮތުން، ދެ ދުވަހުން އެއް ދުވަހު، މާލޭގެ ވަކި ސަރަހައްދަކަށް ދާންޖެހެ އެވެ. މަސައްކަތަކަށް އޮންނަނީ އެ ސަރަހައްދުގެ ގޭގޭގެ ވަޅުތައް ކްލޮރިނޭޓް ކޮށްފައި ހުރިތޯ ބެލުމެވެ. ސަރުކާރުގެ ހުރިހައި އޮފީސް ތަކުން މިކަމަށް މުވައްޒަފުން ނަގައި ޓީމުތަކަކަށް ވަނީ ބަހާފަ އެވެ.

މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި އޭރު ދިޔައީ ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންނެވެ. ސިގެއްލާ އެވެ. މި ރޯގާގެ ކަންކަމަށް ހާއްސަކުރެވުނު، މައި މަރުކަޒަކީ އިންޑޯ ސްޓޭޑިއަމް އެވެ. ބެޑްމިންޓަން ކުޅުމަށްޓަކައި ހަދާފައި ހުރި، މި ތަން ހުންނަނީ މިހާރު ދާރުލްއާސާރު އެހެރަ ތަނުގެ އުތުރުކޮޅުގަ އެވެ. ދާރުލްއާސާރު ހަދާފައި އެ ހުރީ މާލޭ ޓެނިސްކޯޓު ހުރި ބިމުގަ އެވެ.

ފުރާޅާއި ބިތްތަކުގާ ޓިނުޖަހައި ދަގަނޑުން ހަދާފައި ހުރި ތަން، މިހާރު އެންމެ ވައްތަރު ވާނީ، ހަނޑޫ ހަކުރު ފުށް ވައްދާފައި މާލޭގައި އެ ހުންނަ ކަހަލަ ގުދަންތަކާ އެވެ. ސިގެއްލާ ފެތުރެން ފެށުމާއެކު، އެއް އިމާރާތެއްގައި ފަސޭހައިން މަރުކަޒު ހަދަން، މާލެއިން ލިބެން ހުރި ތަނަކަށް އެ ތަންވާތީ، އެ ވަގުތު އެ ބަލީގެ ޓާސްކުފޯސް ޓީމު ހަރަކާތްތެރިވާ ވަގުތީ މަރުކަޒެއްގެ ގޮތުގައި އެ ތަން ކަނޑައެޅީ އެވެ. މޭޒުތައް އަތުރައި، އެކި އަވަށްތަކާއި އަތޮޅުތަކަށް ހާއްސަ ކުރެވުނެވެ. އެ ތާނގައި ބޮޑެތި ޗާޓުތައް ބަހައްޓައި ވަމުންދާ ގޮތް ފެންނާން ހުރެ އެވެ. ޗާޓުތައް ތައްޔާރުކުރުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ސައިކުރާ އިބްރާހިމް ނައީމެވެ. އެ ތަނަކީ ޓިނުން ހަދާފައިވާ ތަނަކަށް ވުމާއެކު، ހޫނު ގަދަވާތީ ބޭނުންކުރަނީ ސްޓޭންޑް ފަންކާ އެވެ.

ސިގެއްލާ ރޯގާ ފެތުރެން ފެށުމުން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތޭރޭގައި، ރާއްޖޭގެ ރަށްތަކުގެ ގޮނޑު ދޮށްތަކާއި ވަލުތެރެއަށް ގަލޯހާޖާކުރުން ހުއްޓުވުން ހިމެނުނެވެ. ވަޅުޖަހައިގެން ނޫން ގޮތަކަށް، ބޮޑުކަމު ހާޖަތަށް ދިއުން މަނާކުރި އެވެ.

އޭރުވެސް މަދުން ނަމަވެސް ރާއްޖޭގެ ރަށްތަކުގައި މި އާދަ ކާދަ އޮވެ އެވެ. ކޮލެރާގެ ދުވަސްވަރުވެސް މިކަން މަނާކުރެއްވި އެވެ. މީގެ އިތުރުން މާލޭގައި ލޮނުމަސް އަވީލުން ވެސް 1982 ޖުލައި 12 ވަނަ ދުވަހު މަނާކުރެއްވި އެވެ. އަދި 1 ޖަނަވަރީ 1983 އިން ފެށިގެން، މާލޭގައި ބަކަރި ގެންގުޅުން ވެސް މަނާކުރެއްވިއެވެ. މިހުރިހާ ކަމެއް ވެސް ހިނގީ ސިގެއްލާ ރޯގާ އާއި ގުޅިގެންނޭ ބުނުމީ ދޮގަކަށް ނުވާނެ އެވެ.

މާލޭގެ ހުޅަނގު ފަރާތުން، ސަރުކާރުން ހިއްކި ބިމުން ފުރަތަމަ ގޯތި ދިނީ ހުޅުލޭން މާލެއަށް ބަދަލު ކުރި މީހުންނަށެވެ. ހުޅުލޭން ބަދަލު ކުރި މީހުންގެ ސަރަހައްދަކީ މި ރޯގާ އާއި ގުޅިގެން އަޅުގަނޑު ޗެކްކޮށް ބަލަން ދާންޖެހޭ ގެތައް ހުންނަ ސަރަހައްދެވެ. އެއީ ގިރާވަރު މީހުންގެ ސަރަހައްދެވެ. މާލޭގެ ހުޅަނގު އުތުރުކަން ހިމެނޭ ބްލޮކް ތަކެވެ.

ހުޅުލޭގައި ދިރިއުޅެމުން ދިޔައީ މާލެ އަތޮޅު ގިރާވަރު މީހުންނެވެ. ގިރާވަރުގައި އެ މީހުން ދިރިއުޅުނީ ވަރަށް ދަތި ހާލުގަ އެވެ. ހުޅުލެއަށް ބަދަލު ކުރުމުން ކުރިއަށް ވުރެ ހާލަތު ރަނގަޅުވި އެވެ. ހުޅުލޭ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް 1978 ގައި ފަށަން ވެގެން ހުރިހައި ރައްޔިތުން މާލެއަށް ބަދަލުކުރީ އެވެ.

އެއީ މިހާރު މާބުލް ގެސްޓުހައުސް ހުރި ހިސާބެވެ. ބައެއް ގޭގޭގެ މަގުފާރު ރާނާފައި ހުންނަނީ ތެޅިގަލުންނެވެ. ކޮންމެ ގޯއްޗެއްގައި ފެންވަޅެއް ނުހުރެ އެވެ. ވަޅު ބަހައްޓާފައި ހުންނަނީ ދެ ގެއަށް އެއް ވަޅު ވާ ގޮތަށެވެ. އެ ކަމުގެ ސިއްރަކީ، އެ ސަރަހައްދުގައި ފެންވަޅު ބަހައްޓަން އުނދަގޫ ވުމެވެ. އެއީ ގިނައިން ގާ އަޅައިގެން ހިއްކާފައިވާ ސަރަހައްދަކަށް ވާތީ އެވެ. ފެންވަޅު ބަހައްޓަން ބައެއް މީހުން ކޮނެފައި ހުރި ވަޅުގަނޑުގަނޑުގައި ވެނާއި ދިރޭ މަސް އުޅޭތަންވެސް ފެނެ އެވެ. ބައެއް މީހުން ކެއުމަށް އެތަނުން މަސް ހިފައި ހެދިކަމަށް ވެސް ބުނެ އެވެ. ސަރުކާރުން އެ މީހުންނަށް ގޯތި ދެއްވިއިރު އަސާސީ ޚިދުމަތްކަމަށް ބަލާ މިންވަރަށް ކަންކަން ކޮށްދީފައެއް ނުވެ އެވެ. ކޮންމެވެސް ވަރަކަށް ފައިސާ ދެއްވި އެވެ.

މަދު ގެތަކެއްގައި ވަކިން ވަޅު ބަހައްޓާފައި ހުރެ އެވެ. ދެން ހުންނަނީ ފާޚާނާ ކުރަން ތިރި ތަށި ބަހައްޓާފަ އެވެ. ނުވަތަ ވަޅުޖަހައިގެން ބޮޑު ކަމުގޮސް ހަދާގޮތަށެވެ. ގާފޮޅު ރާނާ އޭގެ މަތީގައި ފަނުން ބިތް ގަތާފައި ހުރި ގެތައްވެސް ހުއްޓެވެ. ގެތައް ހުންނަނީ ވަރަށް ކުދިކޮށެވެ. އާންމުކޮށް އެ ސަރަހައްދުން ދިން ގޯތިތަކުގެ ބޮޑު މިނަކީ 2500 އަކަފޫޓެވެ. ގޭގެއަށް ވަދެވެނީ އޮޅިއެއް ގިރާ ކޮށްގެންނެވެ. ކޮޓަރިތައް ވެސް ވަރަށް ކުއްޖެވެ. ކޮޓަރިތައް ހުންނަނީ ފިލާ ނުވަތަ ގޯނި ޖަހައިގެން ބިތް ހަދާފައެވެ. މަދު ގެއެއްގައި ކޮޓަރި ރާނާ ފައި ވެސް ހުރެ އެވެ. އަދި ތަޅުން އަޅާފައި ވެސް ހުރެ އެވެ. ގިނަ ގޭގޭގައި ގޭތެރެއަށް އޮންނަނީ ކަށިވެލި ލާފަ އެވެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ.

ވަޅުތައް ކްލޮރިނޭޓް ކުރަނީ އެ ގެއެއްގެ ވެރި ފަރާތުންނެވެ. ކްލޮރިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަ ޖައްސަވާފަ އެވެ. ކްލޮރިން ކޮށްފައި ހުރިތޯ ބަލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ރޯގާ ފެތުރުމުގެ އެއް ސަބަބަކަށް ފެން ތަގައްޔަރު ވުން، ހިމެނޭތީ އެވެ.

ބައެއް މީހުން ކްލޮރިނޭޓް ކުރަން ބޭނުމެއް ނުވެ އެވެ. ފެންވަރާއިރު ލޮލުން ދިލަ ނަގާތީ އެވެ. އަދި ކެއްކުމަށް ފެން ބޭނުން ކުރާއިރު އެ ރަހަ މާގަދަޔަށް ހުންނާތީ އެވެ.

އޭރު މާލޭގައި ބުއިމަށް ބޭނުން ކުރަނީ ވާރޭ ފެނާއި ވަޅުފެނެވެ. މިސްކިތްތަކާއި ބައެއް ބިންތަކުގައި ވާރޭފެން ނަގާ ތާންގީ ދިޔައީ ބަހައްޓަމުންނެވެ. ވާރޭ ފެން ހުސްވުމުން ދެން ބޭނުން ކުރަނީ މިސްކިތު ވަޅު ފެނެވެ. އަދި ބައެއް ގޭގޭގައި އިހުއްސުރެ ފެން ބޯން ބަހައްޓާފައި ހުރި ވަޅުތައް ވެސް ހުރެ އެވެ. މިފަދަ ވަރަށް ގިނަ ވަޅުތައް މާލޭގެ ކޮންމެ އަވަށެއްގައި ވެސް ހުއްޓެވެ.

އަހަރެންނަށް މަސައްކަތް ޖެހޭ ދުވަސްތަކުގައި ހެނދުނު އޮފީހަށް ގޮސް ސޮއިކުރުމަށް ފަހު، 8:30 އަށް އިންޑޯ އިސްޓޭޑިއަމަށް ދާން ޖެހެ އެވެ. އެ ތަނުގައި އޮންނަ ފޮތެއްގައި ސޮއިކުރުމަށް ފަހު ފައިލާއި އަދި "ޓެސްޓް ކިޓް" ހިފައިގެން ކުރިން ދެންނެވި ސަރަހައްދަށް ދަނީ އެވެ. އަޅުނޑާއެކު އޮފީހުގެ ކޮންމެވެސް ޕިޔޯނަކުދެ އެވެ. އޭނާގެ މަސައްކަތަކީ "ޓެސްޓް ކިޓަށް" ބޭނުންވާ ފެން، ވަޅުން ނެގުމާއި ޓެސްޓް ކުރުމެވެ. އެއަށް ފަހު ފެނުގައި ހުންނަންވާ ވަރަށް ކްލޮރިން ހުރިތޯ އަޅުގަނޑު ޗެކް ކުރަނީ އެވެ.

ބައެއް ގޭގޭގެ ވަޅުގައި އެ މިންގަނޑަށް ކްލޮރިން ނެތްނަމަ، ބައެއް ފަހަރަށް ކްލޮރިން އަޅަނީ އަޅުގަނޑުމެންނެވެ. އަދި އެ ގެއެއްގެ މީހަކު ލައްވާ ފޯމުގައި ސޮއި ކުރުވާން ޖެހެ އެވެ. ބައެއް މީހުން އަޅުގަނޑުމެން ދާންވާއިރަށް ވަޅަށް ކްލޮރިން އަޅަ އެވެ. އެކަން އެނގެނީ ވަޅު ބަލައިލީމައެވެ. މާގިނައިން ކްލޮރިން އެޅުމުން ފެން ގަނޑު ހީވާނީ ބޯކިރު ގިރުވާފައި ހުންނަހެންނެވެ.

ވަޅުތައް ޓެސްޓްކުރާ ޓީމުގެ ފަރާތުން ފެން ޓެސްޓުކޮށްފައި ދާ ފަހުން، ބައެއް މީހުން ވަޅު ދިޔަ ހިއްކާ ކަމަށްވެސް، ތުންތުންމަތިން ދައްކާ ވާހަކައިން އެނގެ އެވެ.

މޫސުން ރީތި ކޮށް އޮންނަ ދުވަސްތަކުގައި މެންދުރު ވާއިރަށް މަސައްކަތް ނިންމާލެވެ އެވެ. ވިއްސާރަވެ ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި އެ ހިސާބުގައި އުޅެން ޖެހެނީ ވަރަށް ހާލުގަ އެވެ. ކަކޫތާފެނުގައި ވެސް ހިނގަންޖެހެވެ. އަދި ބައެއް ހިސާބުތަކުގެ ފާހާނާ ޖަންކްޝަންތަކުން ނަޖިސް ބޭރުވެފައި ވެސް ހުރެ އެވެ. އެއީ ފޯރާ މީހުންގެ ގޭގޭގައި ހަދާފައި ހުންނަ ޖަންކްޝަންތަކެވެ.

ކޮލަރާގެ ދުވަސްވަރުން ފެށިގެން، ސައި ހޮޓާތަކާއި ކާބޯތަކެތި ތައްޔާރުކުރާ ހުރިހާ ތަނެއްގައި މެހިދާ ޖެހުމަށް އެންގި އަމުރު، ސިގެއްލާގެ ދުވަސްވަރު ވެސް ދިޔައީ ތަންފީޒު ކުރަމުންނެވެ. މާލޭގައި ދެކުނު ފަރާތުގައި އޮންނަ ކުނިގޮނޑުގައި އުފެދޭ މެހީގެ އުނދަގޫ ވަރަށް ބޮޑެވެ.

ޕަބްލިކް ހެލްތްގެ ހާއްސަ ޓީމެއްގެ ފަރާތުން، ހޮވައިލެވޭ ބައެއް ގޭގޭގެ ވަޅުތަކުގައި ބަލީގެ އަސަރު ހުރިތޯ ބަލަ އެވެ. އަދި ބަލި ހުރިކަމަށް ޓެސްޓުން ދައްކާ ގޭގޭގެ ވަޅުތައް ހަތް ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް މަތިއަޅައި ބަންދު ކޮށްފައި ވެސްވެ އެވެ. ޓެސްޓުކުރަމުން ދިޔައިރު، ސިގެއްލާގެ އިތުރުން ކޮލަރާގެ އަސަރު ވެސް ފެންނަމުން ދިޔައެވެ.

ސަރުކާރުން އެކުލަވައިލި ޓާސްކްފޯސް ޓީމުގައި، ވަޒީރުންގެ އިތުރުން އެންމެ އިސް ދައުރެއް އަދާކުރަމުން ދިޔައީ ސިފައިންނެވެ. އަދި ޕަބްލިކް ހެލްތާއި ހެލްތް މިނިސްޓްރީގެ މުވައްޒަފުންނެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރި މީހުންނެވެ. ބައެއް އާންމުން އެ މީހުންގެ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރު، އެއްވެސް އަގަކާ ނުލައި މި މަސައްކަތަށް ދީފައިވެ އެވެ. ރޭޑިއޯ އަދި ޓީވީގެ ޒަރިއްޔާއިން ރައްޔިތުންނަށް ކޮންމެ ދުވަހަކު ސިއްހީ ދާއިރާގެ ބޭފުޅުން މައުލޫމާތު ދެއްވަމުން ގެންދަވިއެވެ. އަދި މުޅި ރާއްޖޭގެ ހާލަތު އެންމެ ފަހުގެ މައުލޫމާތު ތަފާސް ހިސާބުން ދެއްވަ އެވެ.

އިންޑޯ އިސްޓޭޑިއަމްގައި ހުރި މަރުކަޒުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންގެ ނަންތައް މިހާރު ވެސް ހަނދާން އެބަހުއްޓެވެ. އެއީ ހެލްތު ދާއިރާގެ އަބަދަށްފެހި ހިދުމަތްތަކެއް ކުރެއްވި ބައެއް ބޭބޭފުޅުންނެވެ. މުހައްމަދު އިސްމާއީލް ފުޅު، ކަނީރު އަބްދުއްރަހީމް، ނީސް ސަލީމް، ޓިނުޖެހިގޭ ޝަހީމް، ކުޑަހުވަދޫ ޒާހިރު، ގިނިރާހިގޭ ޝަކީލު ފަދަ ބޭބޭފުޅުންނެވެ. އޭރުގެ ހެލްތު މިނިސްޓަރަކީ ބޮޑުފެންވަޅުގޭ މުހައްމަދު މުސްތޮފާ ހުސައިނެވެ.

ސިގެއްލާގެ މައުލޫމާތު ފުރަތަމަ ހާމަ ކުރީ 1 ޖޫން 1982 ވަނަ ދުވަހު ނުކުތް "ހަވީރު" ނޫހުގައެވެ. އޭރު ސެންޓަރަލް ހޮސްޕިޓަލްގައި، މި ބަލީގައި 22 މީހުން އެނދުމަތި ކޮށްފައިވެ އެވެ.

ސަރުކާރުން، އިންޑޯ އިސްޓޭޑިއަމްގައި މަރުކަޒު ގާއިމުކުރީ، 13 ޖޫން 1982 ގައެވެ. އޭރު އޮތް ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުނީ 10 ޖުލައި 1982 ގައެވެ.

މި ރޯގާގެ ބަލި 13،752 މީހުންނަށް ޖެހުނެވެ. މަރުވީ 197 މީހުންނެވެ. ރޯގާއާ ބެހޭ ހާއްސަ މަރުކަޒު ބަންދުކުރީ 31 އޯގަސްޓު 1982 ގައެވެ. ފަހުން ރާއްޖޭގެ ދެ ރަށަކުން މި ރޯގާ ފެނިގެން ޓީމުތައް ހަރަކާތްތެރި ވެފައި ވެއެވެ. އެއީ ހއ. ކެލަ އާއި ރ. ކަނދޮޅުދޫއެވެ. ރޯގާގެ އަސަރު މުޅީން ފިލުވައިލެވުނީ، 18 ޖޫން 1984 ގައެވެ.

ތަފާސް ހިސާބުގެ މައުލޫމާތު ނެގީ:


މުހައްމަދު އިސްމާއީލްފުޅު ލިޔުއްވާފައިވާ ފޮތް ސިއްހީ ހިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެ އާއި އިހަށް ދުވަސް އިން