Advertisement

ވިޔަރެއާލުން ހިތްވަރު ހޯދީ ބަޔާން ކޯޗު ކުރި ބޭއިހުތިރާމުން

13 އޭޕްރީލް 2022 - 15:07 0


ވިޔަރެއާލުން ހިތްވަރު ހޯދީ ބަޔާން ކޯޗު ކުރި ބޭއިހުތިރާމުން

13 އޭޕްރީލް 2022 - 15:07 0

މިއުނިކް (އޭޕްރީލް 13) - ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ ވިޔަރެއާލުން ބަޔާން މިއުނިކް ކަޓުވާލިއިރު، މި މެޗަށް ވިޔަރެއާލުން އިތުުރު ހިތްވަރު ހޯދީ ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވިޔަރެއާލަށް ނިސްބަތްކޮށް އިހުތިރާމްކުޑަކޮށް ވާހަކަ ދެއްކުމުން ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން ޑަނީ ޕަރޭހޯ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ވިޔަރެއާލް ދަނޑުގައި އެ ޓީމުން ބަޔާން އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. އަދި ރޭ ބަޔާން ދަނޑުގައި ކުޅުނު މެޗުގައި ވިޔަރެއާލުން ފަހު ވަގުތު ގޯލު ޖަހައި، މެޗު 1-1 އިން އެއްވަރުކޮށް، އެގްރިގޭޓުން ކުުރިހޯދީ 2-1 އިންނެވެ.

މެޗަށް ފަހު ވިޔަރެއާލް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެއީ 17 އަހަރަށް ފަހު އަލުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ލިބުމުންނެވެ.

ބަޔާނާ ދެކޮޅަށް ވިޔަރެއާލުން ކުޅުނު ދެ މެޗުގައި ވެސް ވިޔަރެއާލް މެދުތެރޭގައި މޮޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ޕަރޭހޯ އެވެ. ކުރިން ވެލެންސިއާ އަށް ކުޅުނު ޕަރޭހޯ ބުނީ ވިޔަރެއާލަށް ހިތްވަރު ލިބުނީ ބަޔާންގެ ކޯޗު ނާގަލްސްމަން، "ވިޔަރެއާލަށް ބޭއިހުތިރާމް ކުރުމުން" ކަމަށެެވެ.

"ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން ނިމުމާ އެކު އެ މީހުންގެ ކޯޗު (ނާގަލްސްމަން) އަހަންނަށް ނޭނގެ ކާކުކަމެއް. އޭނަ ހަމައެކަނި ބޭއިހުތިރާމް ކުރީ ވިޔަރެއާލަށް އެކަންޏެއް ނޫން، ފުޓްބޯޅަ އަށް. އޭނާ ބުނެފައިވަނީ އެއް ލެގުން މެޗު (ވިޔަރެއާލް) ނިންމާލެވޭނެ ކަމަށް،" ރޭގެ މެޗަށް ފަހު ޕަރޭހޯ ބުންޏެވެ. "އެއީ އަހަރެމެންނަށް އަމާޒުކޮށް އިހުތިރާމް ކުޑަކޮށް ބުނި ބަސްތަކެއް. ބައެއް ފަހަރު މައްޗަށް ކުޅު ޖެހީމަ، އެ ވެއްޓޭނީ އަމިއްލަ މޫނަށް،"

ވިޔަރެއާލްގެ ފޯވާޑް ޖެރާޑް މޮރޭނޯ ވެސް ވަނީ ނުސީދާކޮށް ނާގަލްސްމަން އަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މޮރޭނޯ ބުނީ ބަޔަކު ދަށްކޮށްލުމުގެ ނިޔަތުގައި ބުނާ ބަހަކުން ގިނަ ފަހަރު ދެވެނީ ހިތްވަރުކަން ހަނދާން ކުރަން ޖެހޭ ކަމަށެެވެ.

ފުރަތަމަ ލެގުގައި ވިޔަރެއާލް އަތުން ބަލިވި މެޗަށް ފަހު ނާގަލްސްމަން ވަނީ އެ މެޗުން ބަޔާން ބަލިވުން ހައްގު ކަމަށް ބުނެފަ އެވެ. ރޭގެ މެޗުގެ ކުރިން ނާގަލްސްމަން ބުނީ މެޗުގެ ކުރިން މާ ގިނަ ވާހަކައެއް ނުދައްކައި، ދަނޑު މަތީގައި ނަތީޖާ ނެރެން ބޭނުންވާ ކަމަށެވެ. ރޭގެ މެޗަށް ފަހު އޭނާ ބުނީ ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުދިޔަ ކަމަށާއި މި ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށެވެ.

ބަޔާންގެ ސަޕޯޓަރުން އަންނަނީ ނާގަލްސްމަން މަގާމުން ވަކިިކުރަން ޖެހޭ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ވިޔަރެއާލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނީ 2005 ވަނަ އަހަރު އެވެ. އެ ފަހަރު އާސެނަލް އަތުން ބަލިވީ އެވެ. ވިޔަރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު މި ހޯދީ ދެ ވަނަ ބުރުގައި ޔުވެންޓަސް އަދި ކުއާޓާގައި ބަޔާން ކަޓުވާލައިފަ އެވެ. ސެމީގައި ވިޔަރެއާލް ކުޅެން ޖެހޭނީ ކުއާޓާގައި ލިވަޕޫލާއި ބެންފީކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.