Advertisement

ފުޓްބޯޅައިން ރިޓަޔާކޮށްގެން ހުރި ރޮބެން މެރަތަން ދުވަން ނުކުމެއްޖެ

12 އޭޕްރީލް 2022 - 05:58 0

ރޮޓަޑަމް މެރަތަންގައި ރޮބެން ދުވަނީ.-


ފުޓްބޯޅައިން ރިޓަޔާކޮށްގެން ހުރި ރޮބެން މެރަތަން ދުވަން ނުކުމެއްޖެ

12 އޭޕްރީލް 2022 - 05:58 0

ރޮޓަޑަމް، ނެދަލެންޑްސް (އޭޕްރީލް 12) - މިދިޔަ އަހަރު ފުޓްބޯޅައިން ދެ ވަނަ ފަހަރަށް ރިޓަޔާމަންޓް އިއުލާނުކުރި ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް، އާރްޔެން ރޮބެން ފުރަތަމަ ފަހަރަށް ފުލް މެރަތަން (42 ކިލޯމީޓަރު) އެއް ފުރިހަމަކޮށްފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ވިންގް ނެދަލެންޑްސްގެ ރޮބެން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ޖުލައި މަހު ރިޓަޔާ ކުރުމަށް ފަހު 2020 ވަނަ އަހަރުގެ ޖޫން މަހު އެނބުރި އައިސް ގުޅުނީ އޭނާ އެންމެ ކުރިން ކުޅުނު ކްލަބް ގްރޮނިންގެން އަށެވެ. އެ ޓީމަށް ކުޅެން ފެށިތާ އަހަރެއް ފަހުން މިިދިޔަ އަހަރު ޖުލައި މަހު ދެ ވަނަ ފަހަރަށް ރިޓަޔާކުރިކަން އިއުލާނުކުރި އެވެ. އެއީ އަނިޔާއާ ހެދި ހަތް މަސް ވަންދެން ނުކުޅެ ހުރުމަށް ފަހު އެނބުރި އައިސް އެވެ.

އުމުރުން 38 އަހަރުގެ ރޮބެން މެރަތަން ދުވަން ނުކުމެ، ފުރަތަމަ މި ފުރިހަމަކުރީ ދާދި ފަހުން ނެދަލެންޑްސްގެ ރޮޓަޑަމްގައި ކުރިއަށްދިޔަ މެރަތަން އެވެ. މިއީ ކާމިޔާބު ފުޓްބޯޅަ ތަރި، ރޮބެން މެރަތަން އެއްގައި ދުވި ފުރަތަމަ ފަހަރެވެ. ރަނގަޅު ޓައިމިންއެއްގައި ނިންމި ނަމަވެސް ރޮބެން ބުނީ މިއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ފުޓްބޯޅައިގައި ބޯޅަ ހިފައިގެން (ބާރަށް) ދުވުނަސް މިއީ (މެރަތަން ދުވުމަކީ) ފަސޭހަކަމެކޭ ނުބުނެވޭނެ. މިއީ އަހަރެން ކުޅުނު އެއްވެސް ފުޓްބޯޅަ މެޗެއްގައި ކުރެވުނު ތަޖުރިބާއާ މުޅިން ތަފާތު ކަމެއް،" ރޭސް ފުރިހަމަ ކުރުމަަށް ފަހު ރޮބެން ބުންޏެވެ.

މެރަތަން ފުރިހަމަ ކުރުމަށް ފަހު ރޮބެން އެހެން ދުވުންތެރިއަކާ އެކު: މިއީ ރޮބެން މެރަތަން އެއްގައި ދުވި ފުރަތަމަ ފަހަރު.


ރޮޓަޑަމް މެރަތަންގައި ރޮބެންގެ ޓައިމިން އަކީ ތިން ގަޑިއިރާއި 13 މިނިޓް 40 ސިކުންތެވެ. މިއީ ފުލް މެރަތަން ފުރަތަމަ ފަހަރަށް ޖެހި އެތުލީޓަކާ ބަލައި ރަނގަޅު ޓައިމިން އެކެވެ.

"ފުރަތަމަ އަހަރެން ޓައިމިން ރަނގަޅު ކުރަން ވިސްނިން. އެކަމަކު، ފަހުން ވިސްނީ ފުރަތަމަ މެރަތަން ވީމަ މި ފުރިހަަމަ ކުރަން. ނުވާނެއޭ ކިޔާފައި ހުއްޓާލުމުގެ ބަދަލުގައި ފުރިހަމަކުރެވުނީތީ އުފާކުރަން. އެންމެންގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ފާހަގަކުރަން،" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ގޯލު ޖެހިއިރު، ބޯޅަ ހިފައިގެން ރެކޯޑް ޓައިމިންއެއްގައި ދުވުނު ރޮބެން ބުންޏެވެ.

މީގެ ކުރިން ފުލް މެރަތަން ދުވެފައިވާ ފުޓްބޯޅަ ކުޅުންތެރިންނަށް ބަލާއިރު، 2011 ވަަނަ އަހަރު ނިއުޔޯކް މެރަތަންގައި ދުވުނު މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ ކުރީގެ ކީޕަރު އެޑްވިން ވެން ޑަ ސާގެ ޓައިމިން އަކީ ހަތަރު ގަޑިއިރާއި 19 މިނިޓް 16 ސިކުންތެވެ.

އިންގްލެންޑްގެ ކުރީގެ ފޯވާޑް މައިކަލް އޯވެން 2014 ވަނަ އަހަރު ލަންޑަން މެރަތަންގައި ދުވިއިރު، ޓައިމިން އަކީ ތިން ގަޑިއިރާއި 45 މިނިޓް 43 ސިކުންތެވެ. އަދި ޔުނައިޓެޑަށް ކުރިން ކުޅުނު ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ޑްވައިޓް ޔޯކް ވަނީ އޮވެންއާ އެކު ލަންޑަން މެރަތަން ދުވެ، ތިން ގަޑިއިރާއި 31 މިނިޓް 56 ސިކުންތުން ރޭސް ފުރިހަމަކޮށްފަ އެވެ.