Advertisement

ރޮބެން ދެ ވަނަ ފަހަރަށް ރިޓަޔާކޮށްފި

16 ޖުލައި 2021 - 07:48 0


ރޮބެން ދެ ވަނަ ފަހަރަށް ރިޓަޔާކޮށްފި

16 ޖުލައި 2021 - 07:48 0

އަމްސްޓަޑަމް (ޖުލައި 16) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ވިންގް ނެދަލެންޑްސްގެ އާޔެން ރޮބެން ދެ ވަނަ ފަހަރަށް ފުޓްބޯޅަ އިން ރިޓަޔާކޮށްފި އެވެ.

ބަޔާން މިއުނިކަށް ކުޅުމަށް ފަހު 2019 ވަނަ އަހަރު ޖުލައި މަހު ރޮބެން ވަނީ ފުޓްބޯޅަ އިން ރިޓަޔާކޮށްފަ އެވެ. އެކަމަކު، މިދިޔަ އަހަރު ޖޫން މަހު ރޮބެން އަލުން އޭނާ އެންމެ ފުރަތަމަ ފުޓްބޯޅަ ކެރިއަރު ފެށި ގްރޮނިންގެން އަށް ސޮއިކުރީ ހާއްސަ ސަބަބަކާ ހުރެ އެވެ.

އެއީ ކޮވިޑް-19ގެ ހާލަތުން އަރައިގަންނަން އެ ކްލަބުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުންނެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްރޮނިންގެން އިން ރޮބެން ނެގީ 50 ޕަސެންޓް މުސާރަ އެވެ. ބާކީ ހަދިޔާކުރީ ކްލަބަށެވެ.

ބަޔާން މިއުނިކްގެ މެޗެއްގެ ތެރެއިން ރޮބެން.-- ފޮޓޯ: އޭއެފްޕީ


އުމުރުން 37 އަހަރުގައި ދެ ވަނަ ފަހަރަށް ރިޓަޔާކުރަން ރޮބެން ނިންމީ އަނިޔާ އާއި އެކި ސަބަބުތަކާ ހުރެ އެވެ. ރޮބެން ވަނީ ފުޓްބޯޅައިގައި ކުރިއަށްދާން އޭނާ އަށް ސަޕޯޓް ދިން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

ރިޓަޔާމަންޓް އުވާލުމަށް ފަހު އަލުން އެނބުރި އައި މެޗުގައި ރޮބެން ވަނީ 28 މިނިޓަށް ފަހު އަނިޔާވެގެން ބަދަލުކުރަން ޖެހިފަ އެވެ. އަނިޔާއިން ރަނގަޅުވެގެން އައިސް ރޮބެން ވަނީ ސީޒަނުގެ ފަހު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ދާދި ފަހުން ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނެދަލެންޑްސް ޓީމުގައި ހިމަނަން ވެސް ވާހަކަތަކެއް ދެކެވުނެވެ. ރޮބެން، ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރު އެވެ.

ގްރޮނިންގެން އިން ކެރިއަރު ފަށައި އޭގެ ފަހުން ޕީއެސްވީ އެއިންދޯވަން އަށް ވެސް ކުޅުނު ރޮބެން އަށް އެންމެންގެ ލޯ އަމާޒުވާން ފެށުމާ އެކު ހޯސޭ މޮރީނިއޯ ވަނީ 2004 ވަަނަ އަހަރު ޗެލްސީ އަށް އޭނާ ގެނެސްފަ އެވެ. ތިން ސީޒަން ޗެލްސީގައި ހޭދަކުރުމަށް ފަހު ރޮބެން ދެން ގުޅުނީ ސްޕެއިނުގެ ރެއާލް މެޑްރިޑާ އެވެ. އެ ޓީމުން އެންމެ އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ 2009 ވަނަ އަހަރު ބަޔާނަށް ބަދަލުވި އެވެ.

ރޮބެން ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 28 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޖަރުމަނު ލީގު ހިމެނެ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ސީޒަނަކީ 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރި ފަހަރެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޑޯޓްމަންޑް އަތުން ބަޔާން މޮޅުވި ގޯލު ޖެހީ ރޮބެން އެވެ.

ރޮބެން އަކީ ނެދަލެންޑްސް ގައުމީ ޓީމުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނުއިރު އެ ޓީމުގެ މުހިއްމު ތަރިއެކެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 2003 އިން 2017 އަށް ކުޅެދިން ރޮބެން ވަނީ އެ ޓީމަށް 96 މެޗުން 37 ގޯލު ޖަހައިފަ އެވެ.