Advertisement

ދައުވަތު ލިބިއްޖެނަމަ ޔޫރޯގައި ކުޅެން ރޮބެން ތައްޔާރު

12 މޭ 2021 - 15:29 0

މި ސީޒަނުގެ ގްރޮނިންގެންގެ މެޗެއްގެ ތެރެއިން ރޮބެން.-- ފޮޓޯ: ގެޓީއިމޭޖަސް


ދައުވަތު ލިބިއްޖެނަމަ ޔޫރޯގައި ކުޅެން ރޮބެން ތައްޔާރު

12 މޭ 2021 - 15:29 0

ގްރޮނިންގެން، ނެދަލެންޑްސް (މެއި 12) - ނެދަލެންޑްސްގެ ގްރޮނިންގެން އަށް ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ އާރްޔެން ރޮބެން އަށް އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނެދަލެންޑްސްގެ ގައުމީ ޓީމުން ދައުވަތެއް ލިބިއްޖެނަމަ ބޭނުން ހިފާނެ ކަމަށް ބުނެފި އެވެ.

ނެދަލެންޑްސް އަށް 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް އިން ޖާގަ ގެއްލުމުން ކޮލިފައިން މެޗުތަކަށް ފަހު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރޮބެން ގައުމީ ޓީމުން ރިޓަޔާކުރި އެވެ. އެ ފަހުން އަލުން ގައުމީ ޓީމާ ގުޅެން އެކި ފަހަރު މަތިން ނުރަސްމީކޮށް ރޮބެން އަށް ހުށަހެޅުން ލިބުނު ނަމަވެސް ބޭނުން ނުހިފަން އޭނާ ނިންމި އެވެ. އެއީ އޭރު ފިޓްނަސްގެ ކަންތައްތައް ހުރި ގޮތުންނެވެ.

ބަޔާނަށް ކުޅުމަށް ފަހު 2019 ވަނަ އަހަރު ޖުލައި މަހު ރޮބެން ވަނީ ފުޓްބޯޅަ އިން ވެސް ރިޓަޔާކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު ޖޫން މަހު ރޮބެން އަލުން އޭނާ އެންމެ ފުރަތަމަ ފުޓްބޯޅަ ކެރިއަރު ފެށި ގްރޮނިންގެން އަށް ސޮއިކުރީ ހާއްސަ ސަބަބަކާ ހުރެ އެވެ. އެއީ ކޮވިޑް-19ގެ ހާލަތުން އަރައިގަންނަން އެ ކްލަބުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުންނެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްރޮނިންގެން އިން ރޮބެން ނަގަނީ 50 ޕަސެންޓް މުސާރަ އެވެ. ބާކީ ހަދިޔާކުރަނީ ކްލަބަށެވެ.

ގްރޮނިންގެން އަށް މިދިޔަ އަހަރު ބަދަލުވި ނަމަވެސް އަނިޔާގެ ސަަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރޮބެން އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އެކަމަކު ފަހަކަށް އައިސް އަނިޔާއިން ރަނގަޅުވެ، ރޮބެން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންވެ ނެދަލެންޑްސްގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ޔޫރޯގައި ވާދަކުރާ ނެދަލެންޑްސް ޓީމުގައި ރޮބެން އަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް ބުނެފަ އެވެ.

2010 ގެ ވޯލްޑް ކަޕް ފައިނަލުގައި ރޮބެން (ވ) ސްޕެއިންގެ ކީޕަރު ކަސިއަސް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް


ނެދަލެންޑްސްގެ މިހާރުގެ ކޯޗު ފްރޭންކް ޑި ބޮއާ ދާދި ފަހުން ވަނީ ރޮބެން ފަދަ ކުޅުންތެރިންގެ ބޭނުން ހިފެން އޮތް ގޮތަކަށް އެކަން ކުރުން އެއީ ފައިދާކުރާނެ ކަމެއް ކަމަށް ބުނެފަ އެވެ.

ރޮބެން ބުނީ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބިއްޖެނަމަ ހާލަތަށް ބަލާފައި އަބަދުވެސް އެކަމަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މި ވަގުތު އޭނާގެ ފިޓްނަސް ހުރި ގޮތަށް ބަލާއިރު ގައުމީ ޓީމުގައި ކޮންމެ ވެސް ވަރަކަށް ކުޅެވިދާނެ ކަމަށް ރޮބެން ގަބޫލުކުރެ އެވެ.

"އޭނަ (ޑި ބޮއާ) އަހަންނަށް ގުޅައިފިނަމަ އަހަރެންގެ ޖަވާބަކަށް ވާނީ އާނ އެކޭ. އެއީ އަހަންނަށް ޔޫރޯ ފަދަ މުބާރާތެއްގައި އަދިވެސް ގައުމީ ޓީމަށް އެހީތެރިވެވިދާނެ،" ރޮބެން ބުންޏެވެ.

ރޮބެން ވަނީ ނެދަލެންޑްސްއާ އެކު ބައިނަލްއަގުވާމީ ބޮޑު ހަ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އޭނާގެ އެންމެ ހާއްސަ މުބާރާތަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕް އެވެ. އެ ފަހަރުގެ ފައިނަލުން ނެދަލެންޑްސް ފުރުސަތު ހޯދިއިރު، އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ރޮބެން އެވެ. ފައިނަލުގައި ސްޕެއިން އަތުން 1-0 އިން ނެދަލެންޑަސް ބަލިވިއިިރު، އެ ޓީމު މޮޅު ކޮށްދޭން ރޮބެން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ.