Advertisement

ވާހަކަ: ދިލަ ހޫނު

12 އޭޕްރީލް 2022 - 09:44 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: ދިލަ ހޫނު

12 އޭޕްރީލް 2022 - 09:44 0

ރަށުން ބޭރު މީހަކާ ފަޒުނާ ފާއިޒުގެ ކައިވެނި ކުރާކަށް އޭނާގެ މަންމަ ގަބޫލެއް ނޫނެވެ. ނަމަވެސް މިއަދު ވެސް ފަޒުނާގެ އާދޭހަކީ އެކަމަށް އާނ ބަސް ބުނުމެވެ.

ފަޒުނާގެ މަންމަ ސަލީމާއަކީ ގޮތް ދޫނުކުރާ, ބުނާ ބަހެއްގައި ގަދަފައި ވިއްދާފައި ހިފަހައްޓާ މީހެކެވެ. ހަރުދަނާ ގޮތް ތަކެއް ވެސް ގެންގުޅޭ މީހެކެވެ. ކަމެއް ނިންމައިފި ނަމަ ފަސް އެނބުރި ބަލައިލަން ބޭނުންވާ މީހެއް ނޫނެވެ. ފަޒުނާގެ ފުރަތަމަ ކައިވެނި ރޫޅުނީ ވެސް ރަށުން ބޭރު މީހަކާ އިނުމުން ކަމުގައި އަބަދު ވެސް ސަލީމާ އައީ ބުނަމުންނެވެ. އެހެން ވުމުން މި ފަހަރު ޖެހޭނީ މަންމަގެ ރުހުން އޮތް މީހަކާ ކައިވެނި ކުރާން ކަމުގައި ބުނެ ގޮތް ދޫނުކޮށް ހިފަހައްޓަނީ އެވެ.

ފަޒުނާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅަށް މިހާރު ހަތަރު އަހަރު ފުރިއްޖެ އެވެ. މި ވީހާ ދުވަހު މީހަކާ ނުއިނދެ މަޑުކޮށްގެން ހުރީ ކުރިން ލިބުނު ހިތި ނަތީޖާ އަށް ބަލައިފަ އެވެ. ކައިވެނީގެ އަލަތު ދުވަސްކޮޅު އުފާވެރިކަމުގައި ވިޔަސް ދަރިޔަކު ލިބުމުން ފިރިމީހާގެ ފަރާތުން އަނިޔާވެރި އަމަލުތައް ގިނަ ވާން ފެށި އެވެ.

ގަދަކަމުން ކަންކަން ކުރުވުމެވެ. ޖިންސީ ގޮތުން ވެސް އަނިޔާވެރި އަމަލުތައް ފެންނާން ފެށި އެވެ. ސާޖިދަކީ ސަފާރީތަކަށް ސަޕްލައި ކުރާ މީހެއް ކަމުން ރަލުގެ މަސްތުގައި ޖެހެން ފެށި އެވެ. އެކަމުގައި އޭނާގެ ރަހުމަތްތެރިން ބައިވެރިކޮށް ބައި ބޮޑު ކުރަމުން ދިޔަ އެވެ.

ގިނަ ރޭރޭ ނިދަން އަންނަނީ ފަތިސްވާ ފަހުންނެވެ. ކަންކަމާ ސުވާލު ކުރުމުން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމުގެ ދިލަ ހޫނުކަން ދިޔައީ ފެންނަމުންނެވެ. ސިނގިރޭޓް ބުރި ގައިގައި ޖެއްސުމާއި ހޫނު ކޮފީ ތަށި ބޮލަށް އަޅާލުން ފަދަ ކަންކަމެވެ.

ކައިވެނި ކުރެވުނީ އޭރު ވެސް މަންމަ ދިން ނަސޭހަތާ ދެކޮޅަށެވެ. ރަށުން މީހަކާ އިންނަން މަންމަ ބުނަމުން ދަނީ ފެންނަ ހިސާބުގައި ދަރިފުޅު ބޭންދުމަށެވެ. ލިބޭ ދެރަ އާއި ނިކަމެތިކަން ހައްލު ކުރާން ފަސޭހަ ވާނެތީ އެވެ.

ދަރިފުޅަށް އެއް އަހަރު ވީއިރު ފަޒުނާއަށް ކެތްނުކުރެވިގެން އެންމެ ފަހުން ވަރިއަށް އެދެން ފެށި އެވެ. ނަމަވެސް ވަރި ނުކުރާނެ ކަމަށް ބުނެ ސާޖިދު ބިރު ދައްކަމުން ދިޔަ އެވެ. ފަޒުނާގެ ބަރަހަނާ ފޮޓޯ އޭނާ އަށް ނޭނގި ސިއްރުން ނަގާފައި ހުރިކަން އެނގުނީ ސާޖިދު އެ ފޮޓޯތައް ދެއްކުމުންނެވެ. ވަރި ވެގެން ގޮއްސި ނަމަ ލީކު ކުރާނެ ކަމަށް ބުނަމުން ދިޔަ އެވެ.

ފަޒުނާ ވެސް ދިޔައީ އިތުރު ގޮތެއް ފެނޭތޯ ބަލަމުންނެވެ. އޭނާއާ އެއްކޮށް ކިޔަވަން އުޅުނު ކުއްޖެއްގެ މަޝްވަރާ ހޯދި އެވެ. މިހާރު އެ ކުއްޖާ އަކީ ކައުންސެލިން ދޭ ކުއްޖެކެވެ. އޭނާގެ ލަފާގެ މަތިން ސާޖިދުގެ ފޯނުގައި ހުރި ފަޒުނާގެ ހުރިހާ ފޮޓޯއެއް ޑިލީޓް ކޮށްލި އެވެ. އެކަން އޭނާ ކުރީ ވަރަށް ހުޝިޔާރު ކަމާއެކުގަ އެވެ.

ސާޖިދަށް ސިއްރުން ވަރިޔަށް އެދި ފޯމް ހުށަހެޅި އެވެ. މިކަން ސާޖިދަށް އެނގުމާއެކު އައި ގަދަ ރުޅީގައި ފަޒުނާ އަށް އަނިޔާ ކުރެ އެވެ. އެ ލިބުނު އަނިޔާތަކުގެ މައްސަލަ ކައުންސެލަރުގެ އެހީގައި ކަމާ ގުޅުން ހުރިހާ ފަރާތްތަކަށް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ސާބިތު ހެކި ހުރުމާއެކު ކޯޓުން ފަޒުނާ ވަރިކޮށް ދިނެވެ.

އެނބުރި ރަށަށް އައި ފަހުން ވެސް ސާޖިދު އަލުން ކައިވެނި ކުރާން އެދި އާދޭސް ކުރި އެވެ. ނަމަވެސް ފަޒުނާ ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހުން ދަރިފުޅު ޒަޔާން ހޯދުމަށް ސާޖިދު އަލީ މަސައްކަތް ކުރާން ފަށަ އެވެ.

ސާޖިދު ދައްކާ ހުއްޖަތަކީ ކިޔެވުން ރަނގަޅު ނޫން ރަށެއްގައި ދަރިފުޅު ބަހައްޓައިގެން ރަނގަޅު ތައުލީމެއް ނުދެވޭނޭ ކަމުގަ އެވެ. ފަޒުނާގެ އާއިލާގެ ނިކަމެތިކަމުން ރަނގަޅު ކާނާ އާއި އަންނައުނު ހޯދާ ނުދެވޭނެ ކަމުގަ އެވެ. މިކަމާ ފަޒުނާ އެއްބަހެއް ނުވެ އެވެ.

މަހުން މަހަށް ދަރިފުޅަށް ދޭންވާ ހަރަދު ކުރީގައި ދިނަސް މިހާރު އެ ހަރަދު ވެސް ނުދީ ހިފަހައްޓާތީ ފަޒުނާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މިކަމާ ގުޅިގެން ސާޖިދުގެ އުނދަގޫ އިންތިހާ އަށް ބޮޑުވާން ފެށި އެވެ.

ސާޖިދުގެ އުނދަގޫ ބޮޑުވާން ފެށުމުން ފަޒުނާ ނިންމީ އަވަހަށް މީހަކާ ކައިވެނި ކުރާށެވެ. ފޭސްބުކުން ދިމާވި މީހަކާއި ރައްޓެހިކަން އުފެދި މިހާރު ވަނީ އިނުމާ ގާތަށް ގޮއްސަ އެވެ. ނަމަވެސް ހުރަހަކީ މަންމަ އެވެ.

ފަޒުނާ ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން ބަލާ ބޮޑުކުރީ މަންމަ އެވެ. މަންމަ އަކީ މަސައްކަތްތެރި އަންހެނެއް ކަމުން ހާލުގައި ނުޖެހި އުޅެވުނެވެ. ރޯނު ވެށުމާއި ފަންގި ވިނުމެވެ. ހަވާދު ހެދުމާއި ފަތް ތެއްލުލުމެވެ. އެތަކެތި މާލެ ފޮނުވައިގެން ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް އައީ ލިބެމުންނެވެ.

ފަޒުނާ މިފަހަރު ކައިވެނި ކުރާން އުޅެނީ މާލޭ މީހަކާ އެވެ. ގެދޮރު ހުރި މީހެކެވެ. ކުރިން މީހަކާ އިނދެ ވަރިކޮށްފައިވާ އުމުރުން ސާޅީހުގެ ފަހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ.

ފަޒުނާ އަށް ހަމަ ލޮލުން ތޮއްޔިބު ޝަހީމް ފެނުނީ އެންމެ ފަހަރަކު އެވެ. އެއީ އެ ރަށަށް ތޮއްޔިބު ކުރި ދަތުރެއްގަ އެވެ. ވާހަކަ ދެއްކުމުގައި މަޑު މައިތިރި ގޮތެއް ހުންނަ މީހެކެވެ. އިސްކޮޅުން ދިގެއް ނޫނެވެ. ގައިގާ މަސް ޖަހާލާ ރޫފަ ހެޔޮކޮށް ހުންނައިރު ކުލަ ދޮނެއް ނޫނެވެ. ބޮލުގައި ހުރި އިސްތަށިކޮޅު މިހާރު ހުރީ މަދު ތަނެއްގަ އެވެ. އެންމެ ނުރައެއް ވެސް ނުފެނެ އެވެ. ހީވަނީ ކަޅު ކުރާ ބޭހަށް ދެވި ހިފާފައި ހުރީ ހެންނެވެ. ތުނބުޅި މަތިމަސް ހުރީ އޮޑި ހަނެއް ހެން އޮފް އަރުވާލާފަ އެވެ. އެންމެ އިސްތައްޓެއް ވެސް ނުފެނެ އެވެ. ކިތަންމެ މަޑުމައިތިރި ކަމަށް ފެނުނަސް ކޮންމެ ކަމެއް ވެސް އަވަހަށް ކުރާން ބޭނުންވާ މީހެކެވެ.

ފަޒުނާ އަކީ ތޮއްޔިބު ޝަހީމާ އަޅައިބަލާއިރު ޒުވާނެކެވެ. ގައިގެ ކުލަ އަލި އިސްކޮޅުން ދިގު ކުއްޖެކެވެ. ހުންނަނީ ފިރިހެނުން ގަޔާވާ ފާޑުގެ ބައްޓަމަކަށެވެ. ވާހަކަ ދެއްކުމާއި ބަލާ ބެލުންތަކުގައި އިޝްގީ ގޮތެއް ހުންނަ އަންހެނެކެވެ. ފޭސްބުކާއި އިންސްޓަގްރާމްގައި ރީތި މަންޒަރުތަކާއި ގޮތްގޮތަށް ނަގާފައި ހުންނަ ފޮޓޯތައް ކޮންމެ ދުވަހަކު އާކުރެ އެވެ. މީހުން އެ އޮޅިތަކުގައި ކުރާ ސުވާލުތަކަށް ބައެއް ފަހަރަށް ޖަވާބުދެ އެވެ. ފަޒުނާ އެންމެ ކުރާ ހިތްވާ ކަމަކީ މޮޑެލް ކުރުމެވެ. އެކަމަށް ފުރުސަތު ފަހި ވާނެކަން އެނގުނީ ތޮއްޔިބު ޝަހީމްއާ ޗެޓް ކުރާން ފެށި ފަހުންނެވެ.

ތޮއްޔިބަކީ ފިލްމީ ތަރިންނަށް ނަށަން ދަސްކޮށްދިނުމާއި ފޮޓޯ ނެގުމުގެ މާހިރެކެވެ. އަމިއްލަ ސްޓޫޑިއޯއެއް ހުރެ އެވެ. މާލޭގައި އަމިއްލަ ބިމެއްގައި ހަ ބުރީގެ އިމާރާތެއް ހުރެ އެވެ. ގިނަ ތަންތަން ހުންނަނީ ކުއްޔަށް ދީފަ އެވެ. އޭނާގެ ބައްޕަ އާއި މަންމަ ވަނީ މަރުވެފަ އެވެ. އެ ދެ މީހުންގެ ހުރި ހަމަ އެކަނި ދަރިއަކީ ތޮއްޔިބެވެ. އެހެން ވުމުން މިއަދު ފިކުރެއް ކުރާނެ ކަމެއް އޭނާގެ ނެތެވެ. އޮޔެއް ވަޔެއް ނުޖެހެވެ.

އޭނާގެ ދުނިޔެއަކީ ފިލްމީ ދުނިޔެ އެވެ. ރީތި އަންހެން ކުދިން ހޯދައިގެން މޮޑެލް ކުރުވާ އިސްތިހާރަށް ޕޯސްޓަރު ހެދުމެވެ. އޭނާގެ ނަން މުޅި ރާއްޖެއަށް މަޝްހޫރު ވެފައި ވަނީ މޮޑެލް ތޯބެގެ ނަމުންނެވެ. ޓޫރިސްޓް ރިސޯޓް ތަކުން ވެސް ފޮޓޯ ނެގުމުގެ ފުރުސަތު ފަހިވެފައި އޮވެ އެވެ. ރިސޯޓް ތަކަށް އަންނަ ފަތުރުވެރިންނަށް މޮޑެލް ތޯބެގެ މޮޅު ހުނަރު ފެނި އެ މީހުންގެ އެކި ހަފުލާތަކަށް ދިއުމުގެ ދައުވަތުދެ އެވެ. މި ހުރިހާ ކަމަކާއި ގުޅިގެން ތޯބެގެ ތަރި މިހާރު ހުރީ މެދު އުޑުގައި ފިޔަޖަހަ ޖަހަ އެވެ.

ކުރިން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނީ ވެސް ވަރަށް މަޝްހޫރު މޮޑެލްއަކާ އެވެ. ނަމަވެސް އެއީ މީގެ 15 އަހަރު ކުރި އެވެ. މިހާރު އެކަން މާޒީ ވެއްޖެ އެވެ. އެ ކައިވެނި ރޫޅުނީ ވެސް ތޮއްޔިބު މާގިނަ އަންހެން ކުދިންނާ ގާތް ކަން އޮންނާތީ އުފެދުނު ޝައްކުގައި ކަމުގައި އަޑު އެރި އެވެ.

ގިނަ މީހުން ވަރިވާ އަސްލު ސަބަބު ގިނަ ފަހަރަށް އޮންނަނީ ފޮރުވިފަ އެވެ. އެކަން ފަޅާ އަރަނީ ދެ މީހުން އެކަކު އަނެކަކަށް ކަލަ ގޮވާ، އާޑަ ފުރައްސާރަ ކުރާ ހިސާބަށް ދިއުމުންނެވެ. ކޮޓަރީގެ ބޭރަށް އެ ސިއްރުތައް ހާމަ ވާއިރު ދެ މީހުން ކުރެ ކާކުގެ ވާހަކަތޯ ގަބޫލު ކުރާނީ އޮންނަނީ ސުވާލު މާކެއްގެ ތެރޭގައި ތާށިވެފަ އެވެ.

ތޮއްޔިބަކީ މާ ފިރިހެން ވަންތަ ފިރިހެނެއް ނޫނެވެ. މޮޑެލްކުރާ ކުދިން ވެސް ގާތްކޮށް އުޅެނީ ގިނަ ފުރުސަތު ހޯދުމަށެވެ. ހީނ ސަމާސާ ކޮށް ކޮނޑަށް އަތް ވައްޓާލައިގެން އުޅެނީ މޮޑެލް ތޯބެގެ ނުބައި ނިޔަތެއް އޮތް ހެން ހީ ނުވާތީ އެވެ. ފިރިހެން ވަންތަ ވަހުޝީ ފިރިހެނަކަށް ނުވާތީ އެވެ.

ތޮއްޔިބުގެ ރަހުމަތްތެރިންގެ ގޮތުގައި ވެސް ތިބެނީ އަންހެން ދުޅާ ފާޑަށް ތިބޭ ފިރިހެނުންނެވެ. ފަހާ މީހުންނެވެ. މޮޑެލުންގެ ބަޓްލަރުންގެ ގޮތުގައި ގެންގުޅޭ އަތްދަށު "ބޯއީން" ނެވެ. ނަމަވެސް ދުވަހަކު ވެސް ހަޑި އަޑެއް އަރާ މައްސަލައެއް ކުރިމަތި ވެފައި ނެތެވެ. އެހެން ވުމުން ބައެއް މީހުންގެ ހިތުގައި ޝައްކު ކަމެއް ހިނގައި ގަތަސް އިހުތިރާމް އާއި ގަދަރު ހޯދުމުގައި ތޮއްޔިބު އުޅެނީ ވަރަށް ކުރީގަ އެވެ.

ފަޒުނާއާ އިންނަން ތޮއްޔިބު ބޭނުންވަނީ އޭނަގެ ވިޔަފާރި ކުރިއެރުވުމުގައި ފަޒުނާގެ ފޮޓޯ ވިއްކައިގެން އާމްދަނީ އިތުރު ކުރުމަށެވެ. ހީނުކުރާ ވަރުގެ ކާމިޔާބެއް ހޯދިދާނެ ކަމުގެ އުންމީދުގަ އެވެ. ތޮއްޔިބު ދެކޭ ގޮތުގައި އެކަހަލަ ލޮލެއް އަދި އެކަހަލަ މޫނަކާއި ކަނދުރާއެއް ލިބިފައިވާ ދެވަނަ ކުއްޖަކު އޭނާގެ ފޮޓޯ ނެގުމުގެ ހަޔާތުގައި މިހާތަނަށް ފެނިފައެއް ނެތެވެ. ފޮޓޯ އަށް އެހާ ވެސް ރީއްޗެވެ. ވައްތަރު ވައްތަރުގެ ހެދުން އަޅުވާލުމުން އަޖައިބެއް ފަދަ ޖާދޫއެއް އެކުލެވޭނެ އެވެ. މިހާރު ފެންނަ ފޮޓޯތަކުން ވެސް އެކަން އޭނާ އަށް އިހުސާސްވެ އެވެ.

ފަޒުނާ މިއަދު ވެސް މަންމަ ކައިރީ އާދޭސް ކުރަނީ އޭނާ އެންމެ ކުރަން ބޭނުންވާ ކަންތަކަށް މަގުފަހިވާން އޮތީ މަންމަ ރުހުން ދީގެން ކަމުގަ އެވެ. ނަމަވެސް އޭނާގެ މަންމަ ހަމަ އާނ ބަސް ދޭން ބޭނުން ނުވަނީ އެވެ. މަންމަގެ ލޯމަތިން ފަޒުނާ ގެއްލިދާނެތީ އެވެ.

މަސް ދުވަހު އާދޭސް ކުރުމުން އެންމެ ފަހުން މަންމަގެ އާނ ބަސް ލިބިއްޖެ އެވެ. ފުރަތަމަ ވެސް ފަޒުނާ ގުޅާލީ ތޮއްޔިބު ޝަހީމާ އެވެ. ތޮއްޔިބުގެ ބަހަކީ ވީހާ އަވަހަކަށް މާލެ އައުމަށެވެ. ކައިވެނީގެ ކަންތައް ފުރިހަމަ ކުރުމަށެވެ.

ދެ މީހުންގެ ކައިވެނި ކުރެވުނީ ތޮއްޔިބުގެ ގޭގެ ޓެރަސް މަތީގަ އެވެ. މި ކައިވެނީގެ ހަފުލާގައި ފަޒުނާގެ ތިމާގެ މީހުންނެއް ނުފެނެ އެވެ. ކައިވެނީގެ ވަލީ ވެސް ހޯދީ ރަށު ކޯޓުންނެވެ. މާލޭގައި އުޅޭ ދެތިން ރަށްޓެހި ކުދިން ބައިވެރިވެ އެވެ. މުޅި ތަނުގައި އޮތީ ތޮއްޔިބުގެ ގާތް އެކުވެރިންނެވެ. މޮޑެލުންނެވެ. ފަރުމާ ކުރާ މީހުންނެވެ. އާޓިސްޓުންނާއި ފިލްމު އުފައްދާ މީހުންނެވެ.

މިރޭ ފަޒުނާ އަޅާފައި ހުރި ހެދުމަކީ ތޮއްޔިބުގެ ފަރުމާއެކެވެ. ގަދަ ނޫކުލައިގެ ވިދާ ހެދުމުން ފަޒުނާގެ ރީތިކަން ފެނިގެންދެ އެވެ. ކޮށްފައިވާ މޭކަޕުން އަދި އިހުނަށް ވުރެ ރީއްޗެވެ. ކައިވެންޏަށް އައި ހުރިހާ މީހުން ވެސް ދައްކަނީ ފަޒުނާގެ ރީތިކަމުގެ ވާހަކަ އެވެ.

ތޮއްޔިބު ހުރީ ހުދުކުލައިގެ ކޯޓަކާއި ކަޅު ފަޓުލޫނެއް ލައިގެނެވެ. ބޮލުގައި ހުރި މަދު އިސްތަށިކޮޅު ބާލާލާ މުޅި މޫނުގައި ފުއް ޖަހާލާ ތުންފަތުގައި ލިޕް ބާމު އުނގުޅާ ލާފަ އެވެ. މޭކަޕް އާޓިސްޓެއްގެ މޮޅު ކަމުން މިރޭ ތޮއްޔިބު ހީވަނީ ޒުވާނެއް ހެނެވެ. ފޮޓޯ އަށް ދެމަފިރިން ހުއްޓިލީމާ ފަޒުނާގެ އިސްކޮޅު ދިގު ކަމުން ބަލާ މީހުންނަށް އުނިކަމެއް ހީވެދާނެ އެވެ. ނަމަވެސް ތޮއްޔިބުގެ ހުންނަ ރޮމޭންޓިކް އެކްޓް ނުވަތަ މީހުން ކުރިމަތީ ތަމްސީލް ކުރުމުގެ ހުނަރުން ފޮޓޯ ނަގަން އުޅޭ އިރު އެންމެން ތިބެނީ އެމަންޒަރު ފެނި ހީނ ހީނ އެވެ. ފަޒުނާގެ ގައިގާ ލޯބިން ބައްދާލައި ނޫނީ ފިރުމާލައިގެން ނޫން ގޮތަކަށް އެންމެ ފޮޓޯއެއް ވެސް ނުނަގަ އެވެ. ދޭތެރެ ދޭތެރެއިން ކޮލަށް ދޮނެއް ވެސްދެ އެވެ. އަދި ފަޒުނާ އަށް ގޮވާލަނީ ވެސް ހާއްސަ އަޑަކުން "މަގޭ ދޫނީ" އޭ ކިޔާފަ އެވެ.

ފަޒުނާ މާލެ އައީ އޭނާގެ ދަރިފުޅު ވެސް ގޮވައިގެން ނެވެ. އޭނާ ތޮއްޔިބާ ކައިވެނި ކުރީ ޝަރުތެއްގެ މަތިންނެވެ. އެއީ އިތުރު ކުއްޖަކު ހޯދުމާއި އަދި އޭނާގެ ބޮޑު ދަރިފުޅު ދަރިއެއްގެ ގޮތުގައި ބަލައިގެން ބޮޑު ކުރުމުގެ ޝަރުތެވެ. ތޮއްޔިބު ލޮލުން ބޮލުން އެ ހުރިހާ ކަމަކަށް އެއްބަސްވި އެވެ. ތޮއްޔިބުގެ ޝަރުތަކީ އޭނާގެ ގާތް ރަހުމަތް ތެރިންނާ އޭނަ އާއި އޮންނަ ގުޅުމާއި ނުބެހުމެވެ. މުނިފޫހި ފިލުވުމުގެ ދާއިރާގައި އިވޭ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށް ވެސް ޝަރުތު ކުރުވި އެވެ.

ދަރިފުޅު ނިންދަވަން ކަމަށް ބުނެ ބާރަ ޖެހިއިރު ފަޒުނާ ޓެރަހުން ފޭބި އެވެ. ދަރިފުޅުގެ ކޮޓަރީގައި އޭނާ ނިދަން ދެން އިނެވެ. އަދި ދެމަފިރިންނަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށް އައިސް ނިދާ ހެދުމުގައި ދޭއް ޖަހަން ދެން ހޭލާ އިނެވެ. ތޮއްޔިބަށް ތިން ފަހަރު ގުޅި އެވެ. މިދަނީ ކަމަށް ކޮންމެ ފުރަތަމަ ފަހަރު ބުނެ އެވެ. ހަތަރު ވަނަ ފަހަރު ފޯނެއް ނުނަގަ އެވެ. އެންމެ ފަހުން ފަޒުނާ އަށް ނިދުނީ އެވެ. ކައިވެނީގެ ފުރަތަމަ ރޭ ތޮއްޔިބަށް ކޮޓަރި އަށް އާދެވުނީ ޓެރަހުގައި އޭނާގެ އެކުވެރިންނާއި ހީނ ސާމާސާ ކުރުމާއި ނެށުމުގައި އެތައް ވަގުތެއް ހޭދަކުރުމަށް ފަހުގަ އެވެ.

ފަޒުނާ އަށް ހޭލެވުނީ ތޮއްޔިބު ކޮޓަރިއަށް ވަން އަޑެށެވެ. އޭރު ފަތިސް ނަމާދަށް ގޮވައިފި އެވެ. ތޮއްޔިބު ހުރީ ދެވަރުން އެއްވަރުވެ ފާޑެއްގެ މަސްތެއްގައި ހެން ފަޒުނާ އަށް ހީވި އެވެ. ކޮޓަރި އަށް ވަނުމާއެކު އެނދަށް ވެއްޓި ގަތެވެ. ފަޒުނާ ފިރުމާލަފައި ތޮއްޔިބަށް ގޮވާލުމުން ވެސް ބުނި ބަހަކީ "މިހާރަކު ނޫން، ފަހުން" ނެވެ.

ފަޒުނާ އަށް ފޫހި ކަމެއް އިހުސާސް ކުރެވުނެވެ. ފަސް އަހަރު ފަހުން ކުރި ކައިވެނީގެ ފުރަތަމަ ރޭ އުފަލެއް އަރާމެން ނެތި ދިއުމުންނެވެ. ވިސްނާ ފިކުރު ކުރާން އިނދެވުނެވެ. އަޑު ނުވީއްލާ ރޮވޭ ގޮތްވި އެވެ. އިރު އެރުމުގެ ކުރިން ނަމާދު ކޮށް ދުއާ ކުރެވުނެވެ. ބާއްޖަވެރި އުފާވެރި ދިރި އުޅުމަކަށް އެދި އެވެ.

ތޮއްޔިބަށް ހޭވެރިކަންވީ މެންދުރެވެ. އޭގެ ކުރިން ދެ ފަހަރަކު ފަޒުނާ ގޮވައިލި އެވެ. ހެނދުނަށް ތައްޔާރުކުރި ސައި ވެސް ބޯން ޖެހުނީ ފަޒުނާ އާއި ދަރިފުޅެވެ. ފުރަތަމަ ދުވަސް ކަމުން ފަޒުނާ ތައްޔާރު ކުރީ ތޮއްޔިބަށް އެންމެ މީރު ކާއެއްޗިއްސެވެ. ހުނިލީ ރޮށްޓާ ތެއްލި ރިހާ ކުރެވެ. ފަތު މަސްހުންޏެވެ.

މެންދުރު ތެދުވެގެން ވެސް ތޮއްޔިބު އެއްޗެއް ކާކަށް ބޭނުމެއް ނުވި އެވެ. ދޭއް ޖާހާއިރު އޮތް ޝޫޓިން އަކަށް ދާން ރިސޯޓަކަށް ފުރީ އެވެ.

ފަޒުނާގެ މާޔޫސް ކަން ދިޔައީ އިތުރު ވަމުންނެވެ. ރިސޯޓަށް ދެވޭ ހާއިރު ހުއްޓާ ގުޅާލި އެވެ. ލިބުނީ ބިޒީ މެސެޖެވެ. ހަވީރު މެސެޖް ކޮށްލުމުން ބުނީ މިރޭ ގުޅާނެ ކަމަށެވެ. ރޭގަނޑު 10 ޖެހި ފަހުން ގުޅާލުމުން ތޮއްޔިބު ފޯނު ނެގި އެވެ. އަދި ވަރަށް ލޯބިން ވާހަކަ ދެއްކި އެވެ. އަދި މާދަން މާލެ ދާނެ ކަމަށް ވެސް ބުންޏެވެ. ފުރަތަމަ ރޭ ކަންތައް ވީ ގޮތުން ސޮރީއޭ ވެސް ބުނެލި އެވެ.

ޖެހިގެން އައި ދުވަހު ތޮއްޔިބު މާލެ އައީ އިރު އޮއްސުނު ފަހުންނެވެ. އެރޭ ވަރަށް މުހިންމު ޕާޓީއެއް އޮތް ކަމަށް ބުންޏެވެ. އެ ޕާޓީއަށް ފަޒުނާ ދާން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ޕާޓީ އޮތީ ގެއެއްގެ ޓެރަހުގައި ބަންދު ކޮށްފައިވާ ތަނެއްގަ އެވެ. ބައެއް ފިލްމީ ތަރިންނާއި މޮޑެލުންނެވެ. މާ ގިނަ ބަޔަކު ނެތެވެ.

ފަޒުނާ އަށް ބައެއް މޫނުތައް ފެނިފައިވަނީ ޓީވީ އާއި ފޭސްބުކް ނުވަތަ ޓުވިޓަރުންނެވެ. އެ ޕާޓީ އަކީ ތޮއްޔިބުގެ ކައިވެންޏާ ގުޅިގެން ބައެއް އެކުވެރިން ރޭވި ޕާޓީއެއްކަން އިއުލާން ކުރެވުނެވެ. އެންމެން ނަށަން ފަށައިފި އެވެ. ޑިސްކޯ ލައިޓާ ލަވައިގެ އަޑު ގަދަ ކަމުން އެކަކު އަނެކަށް ދައްކާ ވާހަކައެއް ވެސް ދައްކަން ޖެހެނީ ކަންފަތް ބުޑުގައި ހަނދު ބަޑިއެއް ޖަހާ ހެންނެވެ.

ފަޒުނާ ނުނަށާ އިށީދެގެން އިނުމުން ތޮއްޔިބު އާދޭސް ކުރާން ފެށި އެވެ. އެންމެ ފަހުން ގޮނޑިން ތެދުވެ ލަދުން ހުރެ ގޮތެއް ހަދާން ފެށި އެވެ. ތޮއްޔިބު ފަޒުނާގައިގާ އޮޅުލައިގެން ނަށަނީ އެވެ. އިރު ކޮޅަކުން ބޮލަށް ގޮތެއް ވާހެން ހީވާތީ ފަޒުނާ އަނެއްކާ ވެސް އިށީދެއްޖެ އެވެ.

ފަޒުނާ އަކީ ދުވަހަކު ވެސް މިފަދަ ޕާޓީއެއްގައި ބައިވެރިވި މީހެއް ނޫނެވެ. އޭނާ ބޭނުން ވަނީ އަވަހަށް މިތަނުން ނުކުންނާށެވެ. ތޮއްޔިބު މިހާރު ނަށަނީ މަޝްހޫރު ފިލްމީ ތަރިއަކާ އެކުގަ އެވެ.

ޕާޓީ ނިމިގެން ގެއަށް އާދެވުނު އިރު ބާރަ ޖަހައިފި އެވެ. ފަޒުނާގެ ދަރިފުޅު ނުނިދާ ހޭލާ އިނެވެ. ގޭގައި ގެންގުޅޭ މީހާ އޭނާ ކައިރީ ސިޓިން ރޫމުގައި އިނެވެ. މަންމަ ފެނުމާއެކު ޝަކުވާ ކުރާން ފެށި އެވެ. ރޮވެން ވެސް ފެށި އެވެ. ދަރިފުޅު ނުނިދާ ގިނަ އިރު ހޭލާ އިނުމުން ފަޒުނާގެ ހިތް ވެސް ނުތަނަވަސް ވިއެވެ. ދެރަ ވިއެވެ.

މިރޭ ވެސް ތޮއްޔިބު ނިދަން ނުވަދެ ސިޓިން ރޫމްގައި ފެޝަން ޗެނަލެއް ބަލަން އިނީ އެވެ. ދަރިފުޅު ނިންދަވާފައި ފަޒުނާ ނުކުމެ ނިދަން ދާން ނުވޭތޯ ތޮއްޔިބު ކައިރިން ވަރަށް ލޯބިން ބުނެލި އެވެ. ތޮއްޔިބު ވެސް ދޫނި ދާށޭ އަހަރެން މި ބަލާ ބައި ނިމުނީމާ ދާނެމޭ ބުނެ ފަޒުނާ ކޮޓަރިއަށް ފޮނުވާލި އެވެ.

ތޮއްޔިބުގެ އިންތިޒާރުގައި އޮއްވާ ފަޒުނާއަށް ނިދިއްޖެ އެވެ. ހޭލެވުނު އިރު ތޮއްޔިބު ވެސް ގަދަ ނިދީގައި އޮތެވެ. ހެނދު އޭނާ ހޭލާނެ ވަގުތަކަށް ފަޒުނާ ބަލަމުން ދިޔަ އެވެ. ނަމަވެސް ދިހައެއް ޖެހިއިރު ވެސް ނުހޭލައިގެން ގޮވީމާ ބުނީ ބޮލުގައި ރިއްސާތީ އަދި އޮވެލަން ބޭނުން ކަމުގަ އެވެ.

ޖެހިގެން އައި ދުވަހު ފަޒުނާގެ މޮޑެލް ކުރުމުގެ ފުރަމަތަ ފޮޓޯ ޝޫޓިން ތޮއްޔިބުގެ ސްޓޫޑިއޯގައި އޮތެވެ. ތަފާތު އެކި ބާވަތުގެ ހެދުމުގައި ފޮޓޯ ނަގަމުން ދިޔައެވެ.

ކައިވެންޏަށް ފަސް މަސް ދުވަސް ވީއިރު ވެސް ދެމަފިރިންގެ ދޭތެރޭ އޮންނަން ޖެހޭ އުފާވެރި ލޯބީގެ "ގުޅުން" ތަކެއް ނެތެވެ. ފަޒުނާ ބޭނުންވެގެން އާދޭސް ކޮށްގެން ގަދަ ކަމުން ކަހަލަ ގޮތަކަށް އެފަދަ "ގުޅުމެއް" ބޭއްވި އަސް ފަޒްނާ އަށް އުފާވެރި ކަމެއް އިހުސާސެއް ނުވެ އެވެ. އެ ގުޅުމުން ލިބެނީ އިތުރު ވޭނެކެވެ. މިހާރަކަށް އައިސް ބަނޑުގައި ރިއްސުމާއި ބޮލުގައި ރިއްސުން ވެސް ނުފިލާ ބައްޔަކަށް ވެއްޖެ އެވެ.

ތޮއްޔިބުގެ އެކުވެރިންނާއެކު ހީނ ސަމާސާ ކުރުމާއި އޭނާގެ ވިޔަފާރީގައި ވަގުތުތައް ހޭދަ ކުރެ އެވެ. އަހަރު ވީއިރު ފަޒުނާ އަކީ ރާއްޖޭގައި ހުރި އެއް ނަންބަރު މޮޑެލަށް ވެއްޖެ އެވެ. ފަޒުނާ އަށް އޮތް ހަމައެކަނި އުފަލަކީ އެއީ އެވެ. ހުރިހާ އިހުސާސްތަކާއި ހިއްސުތައް ވަނީ އެކަމަށް ހުސްކުރާން ޖެހިފައިވާ ކަހަލަ އެވެ.

ފަޒުނާގެ ސަބަބުން ވިޔަފާރީގެ ބޮޑެތި ފުރުސަތުތައް ތޮއްޔިބަށް ދިޔައީ ފަހިވަމުން ލިބެމުންނެވެ. ޓޫރިސްޓް ރިޒޯޓެއްގައި އޮތް ބައިނަލްއަގްވާމީ މޮޑެލް ކުރުމުގެ މުބާރާތަކުން ފަޒުނާ ރަން ވަނައެއް ހޯދި އެވެ. އިނާމުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އާއި ތަފާތު ބްރޭންޑްތަކުގެ އެންބަސަޑަކަން ލިބުނެވެ. މި ހުރިހާ ފުރުސަތު ތަކެއްގައި ހަދާ އެއްބަސްވުންތަކުގެ ހައްގުވެރިކަން އޮންނީ ތޮއްޔިބު އަތުގަ އެވެ.

މުބާރާތަށް ފަހު ރިސޯޓްގައި އޮތް ރޭގަނޑުގެ ކެއުމެއްގައި ދެމަފިރިން ވެސް ބައިވެރިވި އެވެ. އެ ކެއުމުގެ ތެރެއިން ދުނިޔޭގެ މުއްސަނދި މަހުޖަނަކާ ދިމާވިއެވެ. އޭނާ ފަޒުނާ އަށް ތޮއްޔިބު ތައާރަފު ކޮށްދިނެވެ. އަދި އޭނާ އަކީ އެތަކެއް ފަހަރު ރާއްޖެ އައިސް އެ ރިސޯޓްގައި ހުންނަ މީހެއް ކަމަށާއި ތޮއްޔިބުގެ ރަހުމަތްތެރިއެއްކަން ވެސް ބުނެދިނެވެ.

އޭނާ އެދުނީ ކެއުމަށް ފަހު އޮތް ނެށުމުގައި ފަޒުނާ އޭނާ އާއި އެކުގައި ނަށާ ލުމަށެވެ. މިހާރު ފަޒުނާ ވެސް ވަނީ ކޮންމެވެސް ވަރަކަށް ނަށަން ދަސްކޮށްފަ އެވެ. ނަމަވެސް ފަޒުނާ ނަށާކަށް ބޭނުމެއް ނުވި އެވެ. އެންމެ ފަހުން ތޮއްޔިބުގެ އާދޭހާ އެކު އެ މީހާއާއެކު ނަށާލި އެވެ.

ނެށުން ނިމުމަށް ފަހު ތަފާތު ބުއިން ތަކަށް އިންސާފު ކުރަމުން ދިޔަ އެވެ. ތޮއްޔިބު ވެސް އޭނާގެ އެކުވެރިންނާއެކު އުޅެ އެވެ. މަހުޖަނު ރިޗަޑްއާ އެއް މޭޒެއްގައި އިނުމުން އޭނާ އޯޑަރު ކުރާ ތަފާތު ބުއިންތައް ބޯން އެދެމުން ދިޔަ އެވެ. ނަމަވެސް ފަޒުނާ އިންކާރު ކުރަމުން ދިޔަ އެވެ.

ތޮއްޔިބު ވެސް ދޭތެރެއަކުން އެ މޭޒަށް އާދެ އެވެ. އެގޮތުން އެއް ފަހަރު އައިސް ފަޒުނާ އަށް ބުއިމެއް ގެނެސްދެ އެވެ. ލޯބިން ބައްދާލާ ކޮލަށް ދޮނެއް ދިނުމަށް ފަހު ގެނައި ޖޫސް ތަށި ބޯލަން އެދުނެވެ. ފަޒުނާ ޖެހިލުމެއް ނެތި ބޯން ފެށި އެވެ. އެއީ ތޮއްޔިބު އޭނާ އަށް ކޮންމެ ކޮންމެ ބުއިމެއް ނުދޭނެ ކަން ޔަގީން ވާތީ އެވެ. އެތަށި ބޮއި ނިންމާލިއިރު ވެސް ކައިރީގައި ތޮއްޔިބު އިނެވެ.

ފަޒުނާ އަށް ހޭވެރިކަން ވީއިރު އޮތީ އެ ރިސޯޓްގައި ފަޒުނާމެން ތިބޭ ކޮޓަރީގަ އެވެ. ކައިރީގައި ތޮއްޔިބު އޮތެވެ. ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ނަގާ ފާހާނާ އަށް ދާން ވެގެން ތެދުވަން ބަލައިލި އިރު އެނެއް ފަރާތުގައި އޮތީ މިރޭ އޭނާ އާއެކު ނެށި މުއްސަނދި މަހުޖަނު ރިޗަޑް އެވެ. ފަޒުނާ ރޯން ފެށި އެވެ. ތޮއްޔިބަށް ގޮވާ ހޭލެއްވި އެވެ. މަހުޖަހުނު ކަލޭގެ ވެސް ހޭލައިފި އެވެ.

ފަޒުނާ އަޑުން އަޑުނަގާ ރޮމުން ވާހަކަ ދައްކަން ފެށި އެވެ. އަހަރެންނަށް މިގޮތަށް ކަންތައް ކުރާނެކަން އެނގޭނަމަ ތޮއްޔިބާ ކައިވެނި ނުކުރާނަމެވެ. މިވަރުގެ ނުބައި ކަމެއްގެ ތެރެއަށް އަހަރެން ގެނައީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. އަހަރެންގެ ފުށުން ތޮއްޔިބުގެ ވިޔަފާރި އަށް ފައިދާ ނުވޭ ހެއްޔެވެ.

ތޮއްޔިބު ވަރަށް ލޯބިން ބުނެލި އެވެ. ދޫންޏަށް އަހަރެންމެން ކަމެއް ނުކުރަމެވެ. ރިޗަޑް އެއީ އަހަރެންގެ 20 އަހަރު ދުވަސްވީ ލޯބިވެރިޔާ އެވެ. އަހަރެންމެން ދެ މީހުން ފަޒުނާ ކައިރީ އޮވެގެން އުފާ ހޯދީ އެވެ.

މާދަން ނޫން އަނެއް ދުވަހު ރިޗަޑް އެނބުރި ގައުމަށް ދާއިރު ފަޒުނާ ވެސް ޗުއްޓީ ހަދާލަން ރިޗަޑާއެކު ދާން މިހާރު ވާނީ ޓިކެޓް ނަގާފަ އެވެ. އަހަރެންނަށް ނުދެވޭ އުފާ ރިޗަޑް ފަޒުނާ އަށް ހޯދާ ދޭނެ އެވެ. އޭނާ އަކީ ފިސާރި ފިރިހެނެކެވެ. ފަޒުނާ ބޭނުންވާ ގޮތަށް ދަރިޔަކު ވެސް ހޯދާ ދޭނެ އެވެ. ދަތުރަށް ފަހު ފަޒުނާ ވާނީ މިލިއަން ޑޮލަރު ބޭބީ އަކަށެވެ.

ފަޒުނާ ބާރަށް ރޮއި ގަތެވެ. ފަޒުނާ އަޑު ހަރުކޮށް ރުޅިވެރިކަމާއެކު ވާހަކަ ދައްކަން ފެށި އެވެ. މުޅި މީހާ ތުރުތުރު އަޅަ އެވެ. ތޮއްޔިބު ހީކުރީ އަހަރެން މީ ކަލޭ ބޭނުން ވީމާ ވިއްކާލަން ހުރި މުދާގަނޑެއް ކަމަށް ހެއްޔެވެ؟ ކަލޭ ހިތް ފުރޭ ވަރަށް ފައިސާ ލިބުނީމާ އަހަރެން ނީލަމުގައި ވިއްކާ ލެވިދާނެ ކަމަށް ކަލޭ ހީކުރީ ހެއްޔެވެ؟ ހިލާ އެހެނެއް ނުވާނެ އެވެ. އެހެން ބުނުމާއެކު ދުވެފައި ގޮސް ފާހާނާ އަށް ވަދެ ރީތި ވެގެން ނުކުމެ ފޮއްޓަށް އެއްޗެހި އަޅަން ފަށައިފި އެވެ.

ރިސޯޓްގެ ފާލަން މަތީގައި ގަދަ ހޫނުގައި ފަޒުނާ ހުއްޓެވެ. ހިޔަލަށް ވަންނާކަށް ބޭނުމެއް ނުވެ އެވެ. ކައިރީގައި ތޮއްޔިބު ވެސް އާދޭސް ކުރާން ހުއްޓެވެ. ލޯންޗް އައުމާއެކު މާލެއަށް ދިއުމަށް ފުރި އެވެ. ގެއަށް އައިސް ވަނުމާއެކު ތޮއްޔިބުގެ އަސްލު ސިފަ ދައްކާލި އެވެ. ކޮޓަރިއަށް ވަނުމާއެކު ފަޒުނާގެ ގައިގާ ދެތިން ގުއްޓު އެޅި އެވެ. އަދި ރިޗަޑާއެކު ނުދާނެ ނަމަ ވަގުތުން ވަރިކުރާނެކަމުގެ އިންޒާރު ދިނެވެ. ފަޒުނާ އަށް ވަނީ ދުވަހަކު ވެސް ނާންނަ ކަހަލަ ހިތްވަރެއް އައިސްފަ އެވެ.

ކޮންމެ ގޮތެއް ހެދިޔަސް ނުދާނެ ކަމަށް ބުނުމުން ވަގުތުން ފަޒުނާ ވަރިކުރި އެވެ. އަދި ރިސޯޓުން އައި އިރު ގެނައި ފޮއްޓާއި ކުޑަ ދަރިފުޅާ އެކު ގެއިން ބޭރުކޮށްލި އެވެ.

ފަޒުނާ ދަރިފުޅުގެ އަތުގައި ހިފައިގެން ރަތް ދަކަ އަވީގައި ފޮށި ދަމަމުން ހިނގައި ގަތެވެ. އެ ދިލަ ހޫނުގަދަ ދުވަހު ގައިން އޮހޮރޭ ދަލުން އޭނާގެ މައުސޫމް ކަމާއި އިއްފަތްތެރިކަން ދިޔައީ އިހުސާސް ކުރެވެމުންނެވެ. ކިތަންމެ މަޝްހޫރު ކަމެއް ލިބުނަސް އުފާވެރި ރީތި ހަޔާތެއް ނުލިބޭނެ ކަން އޭނާ އަށް މިއަދު ކަށަވަރު ވެއްޖެ އެވެ.

ތޮއްޔިބު ޝަހީމުގެ މަކަރުވެރި ދިލަ ހޫނުން ފަޒްނާ ފިހިއްޖެ އެވެ. އޭނާ ދާން އޮތީ ހަމަ އެންމެ މަންޒިލެކެވެ. އެއީ އޭނާގެ ރަށަށެވެ. އޭނާގެ ލޯބިވާ އަބަދު ވެސް ހެޔޮ އެދޭ މަންމަ ކައިރިއަށެވެ.