12 އޭޕްރީލް 2022 - 13:04 0
ޑރ. ސަލްމާން ނިޡާމް
12 އޭޕްރީލް 2022 - 13:04 0
ހަށިގަނޑުގެ ހަރަކާތްތައް ގެނުވަނީ ސިކުނޑި އާއި އެ ހަރަކާތެއް ގެނުވާ ގުނަވަނަކާ ދެމެދު ސިގްނަލްތަކެއް ބަދަލުކުރެވިގެންނެވެ. މި މުއާމަލާތްތައް ރަނގަޅަށް ބަދަލުކުރުމުގައި ސިކުނޑި އާއި ނާރުތަކާއި މަސްތަކާއި ގުނަވަންތައް ދުޅަހެޔޮކޮށް ހުރުން ވަރަށް މުހިންމެވެ.
ތުރުތުރު އަޅާ ބަލި (ޕާކިންސަން ޑިޒީޒް) ގައި ސިކުނޑީގެ ހަރަކާތްތައް ކޮންޓްރޯލްކުރުމުގައި މައްސަލަ ދިމާވެ، ތުރުތުރު އަޅާ ގޮތްވެ އެވެ. ގަސްތަކާ ނުލައި، ބޭނުން ނުވާ ހަރަކާތްތައް ހަށިގަނޑުގެ ގުނަވަންތަކުން ފެންނަމުންދެ އެވެ.
ތުރުތުރު އަޅާ ބައްޔަކީ، އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ނާރުތައް ބަލިކަށިވުމާއި ނާރުތައް ހަލާކުވާ ބަލިތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނައިން ޖެހޭ ބައްޔެވެ. މި ބަލީގެ އަލާމަތްތައް އެންމެ ފުރަތަމަ ބަޔާންކޮށްފައި ވަނީ 1817 ގައި އިނގިރޭސި ވިލާތުގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޖޭމްސް ޕާކިންސަން އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ މަޝްހޫރު ގައުމުތަކުގައި 2005 ވަނަ އަހަރު ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން މި ބަލީގައި އުޅުނުއިރު، މި އަދަދު 2030 ގައި ދެ ގުނައަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެ އެވެ. ސަބަބެއް ކަމުގައި ބެލެވެނީ އުމުރުން ދުވަސްވީ މީހުން ގިނަވުމެވެ. އާންމުކޮށް ތުރުތުރު އަޅާ ބަލި ޖެހެނީ އުމުރު 60 އަހަރު ހިސާބުގަ އެވެ. އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުންނަށް މި ބަލި ޖެހޭލެއް ގިނަ ކަން ފާހަގަ ކުރެވެ އެވެ.
ތުރުތުރު އަޅާ ބަލި ޖެހޭ ސީދާ ސަބަބުތަކެއް އަދިވެސް ހޯދިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެނގޭ ކަމެއް އެބަ އޮތެވެ. ސިކުނޑީގައި ޑޮޕަމިން ނަމަކަށް ކިޔާ ކެމިކަލް މާއްދާއެއް އުފައްދަ އެވެ. މި މާއްދާ، ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރަން އެހީތެރިވެދެ އެވެ. ތުރުތުރު އަޅާ ބަލި ހުންނަ މީހުންގެ ސިކުނޑީގެ ނާރުތައް ބަލިކަށިވެ، މަޑުމަޑުން ހަލާކުވެގެން ދިއުމުގެ ސަބަބުން ޑޮޕަމިން އުފެއްދުމަށް ނުކުޅެދި މި މާއްދާ މަދުވެ އެވެ. ނަތީޖާއެއްގެ ގޮތުން ތުރުތުރު އަޅާ ބަލީގެ އަލާމާތްތައް މަޑުމަޑުން ފެންނަން ފަށައި، ދުވަސްތަކެއް ނުވަތަ އަހަރުތަކެއްގެ ތެރޭގައި ބޮޑުވެރުވެގެންދެ އެވެ. މިކަން މިހެން ހިނގަން މެދުވެރިވަނީ ކިހިނެއް ކަމެއް އަދި ކީއްވެ ކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ.
ތުރުތުރު އަޅާ ބަލީގެ 10-15 ޕަސެންޓް މީހުންގެ މަންމަ ނުވަތަ ބައްޕަ، އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން ކޮންމެ ވެސް އެކަކު މި ބަލިޖެހިފައި ހުރެ އެވެ. މި ބަލި ޖެހިފައިވާ 50 އަހަރުން ދަށުގެ މީހުންގެ އާއިލާގައި މި ބަލީގެ މީހުން މަދުން ނަމަވެސް ފެންނަމުންދެ އެވެ. ހަށިގަނޑުގެ ޖީންއަށް އަންނަ ބަދަލަކުން މި ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭއިރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ތިމާ ދިރިއުޅޭ ވެށީގައި ހުންނަ މައްސަލަތަކުގެ ސަބަބުން ވެސް މި ބައްޔަށް މަގުފަހިކޮށްދެއެވެ.
މި ބަލީގެ އަލާމަތްތައް މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބަހާލެވެ އެވެ. ހަރަކާތްތަކާއި ގުޅިފައިވާ އަލާމާތްތަކާއި ހަރަކާތްތަކާ ގުޅުން ނެތް އަލާމާތްތަކެވެ. ހަރަކާތްތަކާ ގުޅިފައިވާ އަލާމާތްތަކަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށާއި އެކި ގުނަވަންތަކަށް ގެނުވައިދޭ އަލާމާތްތަކެވެ. މިއީ މި ބަލީގެ އެންމެ ބޮޑަށް ފެންނަން ހުންނަ އަލާމާތްތަކެވެ.
1. ތުރުތުރު އެޅުން
އާންމުކޮށް ތުރުތުރު އަޅާނީ ހަށިގަނޑުގެ އެއް ފަރާތުންނެވެ. އަދި ބޮޑަށް ފާހަގަ ވާނީ އެއްވެސް ކަމެއް ނުކޮށް އަތް ނުވަތަ ފައި ހިމޭނުން ބާއްވައިގެން ހުންނަ ނުވަތަ އިންނަ އިރު އެވެ.
ބަލީގެ ކުރީކޮޅު މި ހަރަކާތް އެހެން ބަޔަކަށް ފާހަގަ ނުވެ ހިނގައިދާނެ އެވެ. ބައެއް ފަހަރު ބަލި މީހާ އޭނާގެ ހަށިގަނޑުގެ ގުނަވަނެއްގެ (އަތް، ފައި، ތުންފަތް، ދޫ، ދަތްދޮޅި) އެތެރެއިން ތެޅޭހެން ނުވަތަ ވައިބްރޭޓްވާހެން ހީވެއޭ ބުނެފާނެ އެވެ. އެކަމަކު އެކަން ލޮލަށް ފެންނަ ވަރު ނުވެދާނެ އެވެ. އެ ހަރަކާތް ފެންނަން ފަށާއިރު، ބައެއް ފަހަރު ތަސްބީހަ ފައްޗެއް ގުނާ ފަދައިން އަތުގެ އިނގިލިތައް ހަރަކާތްކުރާ ތަން ފެންނަން ފަށައިފާނެ އެވެ. އަދި ބަލި ބޮޑުވެގެން ދާއިރު އެހެން މީހުންނަށް މިކަން ފެންނަން ފަށައި ފާހަގަވެ، އަދި ހަށިގަނޑުގެ ދެ ފަރާތަށް ވެސް މި އަލާމާތްތައް ފެތުރެން ފަށަ އެވެ. ހިތް ނުތަނަވަސް ވުމުން، މާބޮޑަށް އުފާވުމުން، ހާސްވުން ފަދަ ކަންކަމާ ގުޅިގެން މި ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެ އެވެ. ނުވަތަ އަލާމާތްތައް ބޮޑަށް ފާހަގަވެ އެވެ. މި ބަލީގައި އާންމުކޮށް ބޯ ތުރުތުރެއް ނާޅަ އެވެ.
2. ހަރަކާތްތައް ލަސްވުން
އާންމުކޮށް މިކަން މި ބަލީގައި އިހުސާސްކުރަން ޖެހެ އެވެ. އަތުގެ ހަރަކާތް ލަސްވުމުގެ ސަބަބުން ގަމީސް ނުވަތަ ހެދުމުގެ ގޮށް އަޅުވަން އުނދަގޫވުމާއި ބޫޓްގެ ނާޑުވާ އައްސަން އުނދަގޫވުމާއި ކޮމްޕިއުޓަރުގެ މަސައްކަތްތައް ކުރާއިރު ޑަބްލް ކްލިކް ކުރަން އުނދަގޫ ވުމާއި ވޮލެޓުން ވަކިލާރި ނަގަން އުނދަގޫ ވުން ކުރިމަތިވެ އެވެ. ހިނގާއިރު ފައި ދަމާފައި ދާ ކަހަލަ ގޮތަކަށް ހިނގުމާއި އަވަސް ކުރު ފިޔަވަޅު އެޅުމާއި ބެލެންސް ނުހިފެހެއްޓުން އަދި ހިނގާއިރު އަތް ހޫރުވުން މަދުވުން ފަދަ ކަންކަން ފާހަގަ ވާނެ އެވެ. މީގެ އިތުރުން އިށީނދެ އިނދެފައި ތެދުވަން އުނދަގޫވުމާއި ކާރުން ފައިބަން އުނދަގޫ ވެގެން އުޅެންޖެހޭ ފަހަރު އާދެ އެވެ.
3. އަތް ފައި ހަރުވުން/ ނުވަތަ ބާރުވުން
ކުރިން ބުނެވުނު ބީދައިން މިކަން ވެސް ފެންނަން ފަށަނީ އެންމެ ފުރަތަމަ ހަށިގަނޑުގެ އެއް ފަރާތުންނެވެ. އަދި އަހަރުތަކަކަށް ފަހު ނުވަތަ ބަލި ހާލަތު ބޮޑުވުމުން ހަތަރެސްފަޔަށް ވެސް މިހެން ދިމާވެ އެވެ. މީގެ އިތުރުން ވެސް ދިމާވާ ހަރަކާތްތަކާއި ގުޅުންހުރި އަލާމާތްތަކުގެ ތެރޭގައި އެސްފިޔަ ނުޖަހައި ގިނައިރު ހުރުމާއި ވާހަކަ ދައްކާއިރު ލަސްވުމާއި އެއް ޓޯނެއްގައި ވާހަކަ ދެއްކުމާއި ވާހަކަ ދައްކަން އުނދަގޫ ވުމާއި ވާހަކަ ދައްކާއިރު މޫނުގެ ހަރަކާތް ނުހުރުމާއި، ކުރިއަށް ގުދެއް ލެވިފައި ހުރުމާއި މުޅި މީހާ ގަނޑުވުން ފަދަ އިތުރު އަލާމާތްތައް ފެންނަން ހުރެ އެވެ.
މީގެ ތެރެއިން ގިނަ އަލާމާތްތަކަކީ އެ މީހެއްގެ ތޮބީއަތާއި ހިއްސުތަކާއި ވިސްނުމާއި ގުޅިފައިވާ ކަންކަމެވެ.
1. ވިސްނުމާއި ހަނދާނުގެ މައްސަލަ
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލީގެ 40 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ވިސްނުމާއި ހަނދާނުގެ މައްސަލަ ބަލީގައި އުޅޭތާ އަހަރުތަކެއްގެ ފަހުން ޖެހެ އެވެ. އާންމު ގޮތެއްގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި މައުލޫމާތުތައް ސިކުނޑީގައި ހަރުނުލުމާއި ދޭހަވުމަށް ވަގުތު ނެގުމާއި، ކަންތައްތައް ކުރުމަށް އުނދަގޫވުމާއި އެއް ކަމަކަށް ވުރެ ގިނަ ކަންކަން އެކުލެވޭ ޓާސްކްތައް އެއް ފަހަރާ ކުރަން އުނދަގޫވުމާއި ކައިރި މާޒީއެއްގައި ހިނގައިދިޔަ ކަންކަން ހަނދާނުގައި ބަހައްޓާން އުނދަގޫވުމާއި ކަންކަމުގައި ގޮތް ނިންމަން އުނދަގޫވުން ހިމެނެ އެވެ.
2. ނަފްސާނީ މައްސަލަ
ބަލި ހާލަތު ބޮޑުވެ އޭގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ބުރޫއަރަ އެވެ. އެހެން މީހުންނަށް ނުފެންނަ ތަކެތި ފެނުމާއި އެހެން މީހުންނަށް ނުދުވާ ވަސް ދުވުމާއި ނީވޭ އަޑު އިވުން ފަދަ ކަންކަމެވެ. ބައެއް ފަހަރު މި ބަލީގައި ދެވޭ ބޭހެއްގެ ސަބަބުން ވެސް މި ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.
3. ތޮބީއަތަށް ބަދަލު އައުން
ހިތް ނުތަނަވަސްވުން، ކަންކަން ކުރާ ހިތް ނުވުން، ދެރަވެ މާޔޫސްވުން، ކަންކަމުގައި އުޅެން ބޭނުން ނުވުން، ބިރު ގަތުން، ވާހަކަ މަދުވުން، ވާހަކަ ދައްކާ ހިތް ނުވުން، ފަދަ ކަންކަން މެދުވެރިވެ އެވެ.
4. ނިދުމުގެ މައްސަލަ
ބައެއް ފަހަރު އެނދުމަތީގައި ފުރޮޅިލަން އުނދަގޫވުމުގެ ސަބަބުން ވެސް މިކަން ދިމާވެ އެވެ. ގައިގެ މަސްތަކުގައި ރިއްސުމާއި ބިރުވެރި ހުވެފެން ފެނުމާއި ގިނަ ގިނައިން ކުޑަކަމުދާން ތެދުވަންޖެހުން ފަދަ ކަންކަމުގެ ސަބަބުން ވެސް ފުރިހަމަ ނިދި ލިބުމަށް ހުރަސް އަޅަ އެވެ. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ދުވާލު ނިދި ޖެހި، ވަރުބަލިވުން ފަދަ އެތައް ކަމެއް ދިމާވެ އެވެ.
މި ބަލީގެ ކުރީކޮޅު ބަލި ދެނެގަންނަން އުނދަގޫވެ އެވެ. ބަލި ދެނެގަންނަނީ ބަލި މީހާ އާއި އޭނާގެ ބެލެނިވެރިންނާއި ވާހަކަ ދައްކައިގެންނާއި ބަލި މީހާ ބަލައި ހަދައިގެންނެވެ. ބޭސް ދީގެން ވެސް ބަލި ދެނެގަނެވެ އެވެ. ހަރަކާތްތަކާއި ގުޅުންހުރި އަލާމާތްތައް ބޭސް ދެވޭތާ މަދު ދުވަސްތަކެއްގެ ތެރޭގައި ރަނގަޅުވާކަން ފާހަގަވެ އެވެ. ބައެއް ފަހަރު ސިކުނޑީގެ އެމްއާރުއައި ފަދަ ޓެސްޓް ހަދަ އެވެ. އެހެން ނަމަވެސް އެއީ މިބަލި ދެނެގަންނާކަށް ނޫނެވެ. ސިކުނޑީގެ އެހެން ބައްޔެއް ހުރެގެން ދިމާވާ ކަމެއްތޯ ބަލައި އެހެން ބައްޔެއް ނެއްތޯ ޔަގީން ކުރުމަށެވެ. މި ބަލި ދެނެގަންނާކަށް މާ ގިނަ ޓެސްޓްތަކެއް ހަދާކަށް ނުޖެހެއެވެ.
މި ބަލީގައި ފަހުން ދިމާވެދާނެ ކަމެއް ބުނަން އުނދަގުލެވެ. އެއީ މި ބަލިގައި އެކި މީހުންނަށް އެކިވަރުވުމެވެ. ނަމަވެސް ބޭސް ބޭނުން ކުރާނަމަ ބޮޑު އުނދަގުލަކާ ނުލައި، އާންމުކޮށް ކޮށް އުޅޭ ދުވަހުގެ މަސައްކަތް ކުރެވޭވަރުވެއެވެ. މި ބަލީގެ ހާލަތު ބޮޑުވެ، ނުކުޅެދުންތެރިކަން ނުވަތަ އެހެން މީހެއްގެ އެހީކާއި ނުލައި ނޫޅެވޭ ވަރުވާ ގިނަ ބަޔަކުވެސް އުޅެ އެވެ. އަދި ހަމަ އެހެންމެ، މި ބަލީގެ ވޭނުގައި ދުނިޔެ ދޫކުރާ މީހުން ވެސް މަދެއް ނޫނެވެ. މި ބައްޔަކީ މަރު ބައްޔެއް ކަމުގައި ނުވި ނަމަވެސް ނާޒުކު ހާލަތަކަށް މީހާ ހުށަހެޅި އޭގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދުނިޔެ ދޫކުރެ އެވެ. އޭގެ ތެރޭގައި ވެއްޓުމާއި ކޮށިއެރުމާއި ފުއްޕާމެއަށް ކާއެތިކޮޅު ވާސިލުވެ ފުއްޕާ މޭގައި ޖަރާސީމް އުފެދުން ފަދަ ކަންކަން ހިމެނެ އެވެ.
ހަގީގަތުގައި ވެސް މި ބައްޔަށް ފަރުވާ ކުރުމުގައި އެހެން ބަލިތަކެކޭ ވެސް އެއްފަދައިން، މި ބައްޔަކީ ކޮބައިކަމާއި ކިހިނެއް ދިމާވާ ކަމެއް ކަމާއި ބަލި ޖެހުނީމާ ފެންނަ އަލާމާތްތައް ފަދަ ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދާއިމީ ބައްޔެއް ހުރިކަން އެނގި އެއަށް އަބަދުމެ، ފަރުވާ ކުރަންޖެހޭކަން އެނގޭ ދުވަހަކީ ޖެހިލުންވެ ބިރު ގަނެ އަދި ބައެއް ފަހަރު މާޔޫސްވާ ކަމެކެވެ. ވުމާއެކު ބަލީގެ ފުރަތަމަ ދުވަސްކޮޅު ބައްޔާބެހޭ ސައްހަ މައުލޫމާތު ހޯދުން ވަރަށް މުހިންމެވެ.
އަލާމާތްތައް ހުންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ އަވަސްކުރަންވާނެ އެވެ. އަދި ލިބެން ހުރި ބޭސްތަކާއި އޭގެ ސައިޑް އިފެކްޓްތަކާއި، ބަލީގެ ފަރުވާގެ ބާވަތްތައް އޮޅުން ފިލުވަންވާނެ އެވެ. ތުރުތުރު އަޅާ ބައްޔަކީ އެއްކޮށް ފަސޭހަވާ ބައެއް ނޫންކަން ދަންނަންޖެހެ އެވެ. އެހެން ނަމަވެސް ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި އަލާމާތްތައް ކޮންޓްރޯލްކޮށް، ކޮލިޓީ އޮފް ލައިފް ރަނގަޅު ކުރެވޭތޯ ޑޮކްޓަރުންގެ ލަފާގެ މަތިން މަސައްކަތް ކުރަންވާނެ އެވެ.
ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރުމަކީ މި ބަލި އިތުރަށް ގޯސްވުން ލަސްކޮށްދޭ ކަމެކެވެ. ރިއްސުންތަކަށް ލުއި ލިބެ އެވެ. ކަސްރަތު ކުރުމަކީ މާއްދީ ދުޅަހެޔޮ ކަމާއި އެއްވަރަށް ނަފުސާނީ ދުޅަހެޔޮކަން ވެސް މުހިންމު ފަރުވާ އެކެވެ. މި ބަލީގައި ހިތް ނުތަނަވަސްވުން، ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށްވެ ދުނިޔެ މަތިން ފޫހިވާ ކަހަލަ އިހުސާސްތައް ބައެއް ފަހަރު ކުރުވަ އެވެ. އިޖުތިމާއީ ކަންކަމުގައި އުޅެ، ތިމާގެ މީހުންނާ ރައްޓެހިންނާއި ބައްދަލުވެ، ހިޔާލު ބަދަލުކޮށްލުމަކީ މި ފަދަ ކަންކަމަށް ކުރެވިދާނެ ކަންކަމެވެ. ފަރުވާއެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުޅަހެޔޮ ކާނާ ކެއުމަކީ މިފަދަ ބަލިތައް ޖެހި ހަނދާން ނެތުން ފަދަ ބަލިތަކުން ސަލާމަތްވުމަށް ނުވަތަ ބަލި ބޮޑުވަރު ވިޔަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ. އެހެންވެ، ކެއުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގިނަ ކުރުން މުހިންމެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ވެސް މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ މި ބަލީގައި ދިމާވާ މައްސަލަތަކުގެ ތެރޭގަގައި ހަފައިގެން ކެއުމާއި ދިރުވުމުގައި ބައެއް ފަހަރު އުނދަގޫތައް ތަހައްމަލުކުރަން ޖެހި، ކާން ފަސްޖެހެވެ އެވެ. ނަތީޖާއެއްގެ ގޮތުން މީހާ އަނަރޫފަވެ އެވެ. ބައެއް ފަހަރު ހެލިފެލިވެ ނޫޅެވުމުގެ ސަބަބުން ބަނޑު ހަރުވުން ފަދަ ކަންކަމާ ވެސް ކުރިމަތިލާން ޖެހެ އެވެ. އެހެންވެ ބައެއް ފަހަރު ޑައިޓީޝަނެއްގެ ލަފާގެ މަތިން ކެއުމުގެ ކަންކަން ރޭވިދާނެ އެވެ.
ބަލީގެ ފަހު މަރުހާލާތަކުގައި ނުވަތަ ބަލީގައި ގިނަ ދުވަސްވުމުގެ ސަބަބުން ނަފުސާނީ އެތައް މައްސަލަތަކާއި ކުރިމަތިލާން ޖެހެ އެވެ. އެފަދަ މީހުން އެކަހެރިކޮށް މުޖުތަމައުން ބާކީ ވިޔަނުދީ، އެ މީހުންގެ އިހުސާސްތައް ދެނެގަނެ އަޅާލުމާއި ކުލުނާއެކު މުއާމަލާތު ކުރުމަކީ ނޭނގި ނަމަވެސް ވެދެވޭ ވަރަށް ބޮޑު ފަރުވާއެކެވެ.
Comment