11 އޭޕްރީލް 2022 - 05:40 0
ރޭގެ މެޗުގެ ތެރެއިން މިލާންގެ ފޯވާޑް އޮލިވިއޭ ޖިރޫޑް.-- ފޮޓޯ: އޭއެފްޕީ
11 އޭޕްރީލް 2022 - 05:40 0
ޓިއުރިން (އޭޕްރީލް 11) - އިޓާލިއަން ލީގުގައި ރޭ ރަށުންބޭރުގައި ޓޮރީނޯއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، އޭސީ މިލާނުން ލީގުގެ އެއް ވަނައިގައި ލީޑުނަގަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
މެޗުން މޮޅުނުވި ނަމަވެސް އަދިވެސް ލީގުގެ އެއް ވަނައިގައި އޮތީ މިލާނެވެ. އެއީ 32 މެޗުން 68 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނަށް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އިން މެޗު ހަމަކުރާއިރު، އެއް ވަނަ އަށް އެރުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފަ އެވެ.
ރޭ އަމިއްލަ ދަނޑުގައި ނަޕޯލީ ވަނީ 3-2 އިން ފިއޮރެންޓީނާ އަތުން ބަލިވެފަ އެވެ. ނަޕޯލީ ރޭ މޮޅުވިނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ. ބަލިވުމުން ތިން ވަނައިގައި އޮތީ 32 މެޗުން 66 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޔުވެންޓަސް އޮތީ 32 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ.
މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މީގެ ތިން ހަފްތާ ވަރު ކުރިން ލީގު ފޭވަރިޓަކީ މިލާން ކަމަށާއި މިހާރު އެކަން ބަދަލުވިޔަސް އަދި ލީގު ހޯދުމުގެ ރޭސް އޮތީ ހުޅުވިފައި ކަމަށެވެ.
"ތެދެއް ތިއީ، މީގެ ތިން ހަފްތާ ވަރު ކުރިން އަހަރެމެންނަކީ ލީގު ފޭވަރިޓުން. އެކަމަކު، ފަހުން ބަދަލުވީ ނަޕޯލީ އަށް، ދެން މިހާރު ތިވީ އިންޓަ އަށް. އަހަރެންގެ ނަޒަރުގައި މި ރޭސް ލީގުގެ ފަހު ދުވަހާ ހަމައަށް ދެމިގެންދާނެ،" ޕިއޯލީ ބުންޏެވެ.
ޓޮރީނޯގެ ކެޕްޓަން ލޫޝިއާނޯ ބެލޮއްޓީ ގިނަ ހަމަލާތަކެއް ރޭގެ މެޗުގައި ފޮނުވާލި އެވެ. އެކަމަކު، މިލާނުގެ ގޯލުގައި ހުރި ފްރާންސް ގޯލްކީޕަރު، މައިކް މައިންގްނޯން ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. މިލާނުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ޓޮރީނޯގެ ކީޕަރު އެޓްރިޓް ބެރީޝާ ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ފުރަތަމަ ހާފުގައި މިލާންގެ ޑަވިޑޭ ކަލާބްރިއާ ޖެހި ބޯޅަ ބެރީޝާ މަތަކުރިއިރު، ދެ ވަނަ ހާފުގައި ސަންޑްރޯ ޓޮނާލީ ޖެހި ޝޮޓް ޓޮރީނޯ ޖެލްސަން ބްރެމާ ގައިގައި ޖެހިފައި ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ޓޮނާލީ ޖެހި ބޯޅަ ކީޕަރު ބެރީޝާ ވަނީ މަތަކޮށްފަ އެވެ.
ނަޕޯލީ ދަނޑުގައި ރޭގެ މެޗުގެ 29 ވަނަ މިނިޓްގައި ފިއޮރެންޓީނާ އިން ލީޑުނެގީ ނިކޮލަސް ގޮންޒާލޭޒް ޖެހި ގޯލުންނެވެ. މެޗުގެ 58 ވަަނަ މިނިޓްގައި ނަޕޯލީން އެެއްވަރުކުރީ ވިކްޓަ އޮސީމެން ދިން ބޯޅައަކުން ޑްރީސް މާޓެންސް ޖެހި ގޯލުންނެވެ.
އޭގެ ފަހުން ފިއޮރެންޓީނާ އިން ވަނީ ޖޮނަތަން އިކޯނޭ އާއި އާތޫރް ކަބްރާލް ޖެހި ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ނަޕޯލީން ކުރިއަށް ޖެހިގެން ކުޅެގެން، ޖެހުނީ އިތުރު އެންމެ ގޯލެކެވެ. މި ލަނޑު ޖެހީ މާރިއޯ ރުއީ ދިން ބޯޅައަކުން އޮސީމެން އެވެ.
ފަސް ވަނައިގައި އޮތް ރޯމާ އިން ވަނީ 2-1 އިން ފުލުގައި އޮތް ސެލަނިޓާނާ ބަލިކޮށްފަ އެވެ.
Comment