Advertisement

ޓެން ހާގާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ރަންގްނިކްގެ ސީދާ ޖަވާބެއް ނެތް

9 އޭޕްރީލް 2022 - 13:24 0

އަޔަކްސްއާ ޓޮޓެންހަމް ކުޅުނު މެޗެއްގެ ތެރެއިން ޓެން ހާގް.-- ފޮޓޯ: އޭއެފްޕީ


ޓެން ހާގާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ރަންގްނިކްގެ ސީދާ ޖަވާބެއް ނެތް

9 އޭޕްރީލް 2022 - 13:24 0

މެންޗެސްޓާ (އޭޕްރީލް 9) - އަންނަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ސީދާ ޖަވާބެއް ދޭން ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ދެކޮޅު ހަދައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް، އެ މަގާމަށް ޖަރުމަނުގެ ރަލްފް ރަންގްނިކް ގެނައީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.

ރަންގްނިކް، މި ސީޒަން ނިމުމުން ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށް ބަދަލުވާއިރު، ޓީމާ ހަވާލުވާނެ ކޯޗެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި އޭނާ ވެސް ބައިވެރިވެ އެވެ.

ފާއިތުވި ހަފްތާ ތެރޭގައި ޔުނައިޓެޑުން ޓެން ހާގް، 52، އާ މަޝްވަރާތައް ފެށިއިރު، މިހާރު އޭނާ ވަނީ ޔުނައިޓެޑަށް އަންނަން އަނގަަބަހުން އެއްބަސްވެފައި ކަމަށް އިނގިރޭސި މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ރަންގްނިކް (ކ): ޔުނައިޓެޑުން ދާން އުޅޭ ވާހަކަ ދޮގުކުރޭ.


ޓެން ހާގް ގެންނަން ޔުނައިޓެޑުން ނިންމާފައިވޭތޯ އެހުމުން ރަންގްނިކް ބުނީ ކްލަބެއްގައި ހުރި ކޯޗެއްގެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށެވެ.

"އަހަންނަށް އެނގޭހާ ވެސް ވާހަކަ އަކީ ޔުނައިޓެޑާ ހަވާލުވާނެ ކޯޗެއް ކަނޑައަޅަން ވާހަކަދެކެވުނު ހުރިހާ ކޯޗުންނަކީ ވެސް އެންމެ މަތީ ފަންތީގެ ކޯޗުން. މި ކޯޗުންގެ ތެރޭގައި ޓެން ހާގް ހިމެނޭ ކަމަށްވާނަމަ އޭނާ އަކީ ވެސް ވަރަށް މޮޅު ކޯޗެއް،" އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުންޏެވެ.

"މިއީ މި ވަގުތަށް އަހަންނަށް ބުނެވެން އޮތްހާ ވެސް ވާހަކަ އަކީ. މި ވަގުތު އަހަރެން މި ހުރީ ޔުނައިޓެޑަށް ދެން އަންނަ ކޯޗެއްގެ ވާހަކަ ދައްކާކަށެއް ނޫން. ކުރިއަށް އޮތް މެޗުގެ ވާހަކަ ދައްކަން،"

މި ސީޒަން ނިމުމުން ރަންގްނިކް، ޔުނައިޓެޑްގެ އެއްވެސް މަގާމެއްގައި ނުހުންނާނެ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އެއީ ރަންްގްނިކް ހޯދަން އޮސްޓްރިއާގެ ގައުމީ ޓީމުން މަސައްކަތް ކުރަމުން އަންނާތީ އެވެ.

ރަންގްނިކް ބުނީ މީޑިއާގައި ދެކެވޭ ކޮންމެ ވާހަކަ އަކަށް ޖަވާބުދޭން އޭނާ އަށް ފަސޭހައެއް ނޫން ކަމަށެވެ. އަދި ޔުނައިޓެޑްގެ އެޑްވައިޒަރީ މަގާމެއްގައި ހުންނަން ދެ އަހަރުގެ ކޮންޓްރެކްޓެއް އޮއްވައި އޭނާ އަށް އެހެން ޓީމަކާ ވާހަކަ ދެއްކޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތްއިރު، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަކީ ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ޔުނައިޓެޑަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ރެލިގޭޝަން ޒޯނާ ގާތުގައި އޮތް އެވަޓަން ދަނޑުގައި މިއަދު ޔުނައިޓެޑުން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 16:30 ގަ އެވެ.