Advertisement

ވާހަކަ: އަނެއް ފަރާތް

9 އޭޕްރީލް 2022 - 09:16 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: އަނެއް ފަރާތް

9 އޭޕްރީލް 2022 - 09:16 0

ޒުމްނާ ހައިދަރަށް ބައެއް ރޭ ރޭ ހޭލެވެނީ ބިރުވެރި ހުވެފެނެއް ފެނިގެންނެވެ. މިކަމެއް ވާން ފެށީ އޭނާގެ އުމުރުން ފަސް އަހަރުން ފެށިގެންނެވެ. ބައެއް ފަހަރު ހޭލެވޭ އިރު ކޮޓަރި ތެރެއިން ކަޅު ހިޔަންޏެއް ނުކުމެގެން ދާހެން ވެސް ހީވެ އެވެ. ހުވަފެނުގައި ފެންނަނީ ކަޅު ބޮޑު މީހެކެވެ. ޒުމްނާ ފަހަތުން ދުވަނީ އެވެ. އެކަމު އޭނާގެ އަތުގައި އެ މީހަކު ހިފާ ތަނުން ހޭލެވެ އެވެ. އޭރު އޮންނަނީ މާނޭވާ ލެވި ރޮވޭ ގޮތް ވެފަ އެވެ. ފެންނަމުން ދިޔަ ހުވަފެނުގެ ވާހަކަ ވެސް ދައްތަ އަށް ކިޔާދެ އެވެ. ދައްތަގެ ނަސޭހަތަކީ ޝަހާދަތް ކިޔައިގެން ކުރުސި ކިޔައިގެން ނިދަން އާދަ ކުރާށެވެ.

މިހާރު ޒުމްނާގެ އުމުރުން ނުވަ އަހަރު ވެއްޖެ އެވެ. އެއް ރޭ ހޭލެވުނު އިރު އޮތީ މަސްވަރުކަންތައް ލައި ގަނެފަ އެވެ. މިކަމާއި ގުޅިގެން އަދި އިހުނަށް ވުރެ ބޮޑަށް ބިރު ގަތެވެ. ފާހާނާ އަށް ގޮސް ސާފު ތާހިރު ވެގެން އެންމެ އަވަހަށް ދިޔައީ އޭނާގެ ދައްތަ އަށް މި ހަބަރު ދޭށެވެ. ދައްތަ ގައިގައި އޮޅުލައިގަނެ ރޯން ފެށި އެވެ. ދައްތަ ނަސޭހަތުގެ ގޮތުން ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ބިރު ނުގަތުމަށެވެ. ކޮންމެ އަންހެން ކުއްޖަކު ވެސް ފުރާވަރަށް އަރާއިރު އެ ގޮތަށް އެކަން ވާނޭ ކަމަށް ބުނެ ވިސްނާ ދިނެވެ. އަދި ދީނުގައި ވާ ގޮތުގެ މަތިން ހުރިހާ ވާހަކައެއް ކިޔާ ދިނެވެ.

ޒުމްނާގެ މަންމަ ވަނީ އޭނާގެ އުމުރުން ފަސް އަހަރުގައި ކެންސަރު ބަލީގައި ނިޔާވެފަ އެވެ. ބައްޕަ ހައިދަރު އަލީ އަކީ ބޮޑު ވިޔަފާރި ވެރިއެކެވެ. ދިރިއުޅެނީ މާލޭގަ އެވެ.

ޒުވާން ދުވަސްވަރު ބޯޓު ދަތުރު ކުރާން އުޅުނު ސީމަނެކެވެ. އޭނާ އާއި އެކު އިސްކޫލުން ކިޔަވައިގެން ނުކުތް ބައެއް ދަރިވަރުން އެގޮތް ހިޔާރު ކުރުމުން އޭނާ ވެސް އެގޮތް ނިންމީ އެވެ. ހައިދަރަކީ ހއ. ހޯރަފުށީގެ ރައްޔިތެކެވެ. މާ ފޯރުންތެރި އާއިލާއެއްގެ މީހެއް ނޫނެވެ. ދަތުރު ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ރަށަށް ނުފޮނުވިޔަސް މުސާރައިގެ ބޮޑު ބައި ފޮނުވަނީ ރަށަށެވެ. އެއީ ރަށުގައި ހުރި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހަރަދު ބަރަދަށެވެ. ހައިދަރު ކިޔަވާ ނުނިމެނީސް އޭނާގެ މަންމަ އާއި ބައްޕަ ނިޔާވި އެވެ. އޭގެ ފަހުން އޭނާގެ ހަރަދު ބަރަދު ބެލެހެއްޓީ ބައްޕަ ފަރާތު ބޮޑު ބޭބެއެކެވެ.

ސީމަނެއްގެ ގޮތުގައި 20 އަހަރު ހޭދަ ކުރުމަށް ފަހު ދަތުރުކުރުން ހުއްޓާލި އެވެ. ދެން އޭނާ ވަޒީފާއެއް ހޯދީ ރިސޯޓަކުންނެވެ. ރިސޯޓްގެ އިންޖީނުގޭގައި މަސައްކަތް ކުރާން ޖެހުނުއިރު އެތަނުގައި އެކުގައި އިސްކޫލު ދައުރު އުޅުނު ކުއްޖަކާ ދިމާވިއެވެ. އެއީ އަހުމަދު ހުސައިން އެވެ.

ދުވަސް ކޮޅަކު އެކުގައި އުޅެފައި އަހުމަދު ހުސައިން ވަޒީފާއިން ވަކިވެގެން އަމިއްލަ މަސައްކަތެއް ފެށި އެވެ. މާލޭގައި ވޯކްޝޮޕެއް ހުޅުވައިގެން ވަރަށް ބާރަށް ހިންގާން ފެށިއެވެ.

ޗުއްޓީ ދުވަސް ދުވަހު ހައިދަރު މާލެ އަންނަ އިރު އެންމެ ފުރަތަމަ ވެސް ޒިޔާރަތް ކުރާތަނަކީ އަހުމަދު ހުސައިންގެ ވޯކްޝޮޕެވެ. ހައިދަރުގެ އުންމީދަކީ ވެސް އަމިއްލަ މަސައްކަތެއް ފެށުމެވެ. މިކަމާ އަހުމަދު ހުސައިންއާ އެތަކެއް ފަހަރު ވާހަކަ ދައްކައެވެ.

އަހުމަދު ހުސައިންގެ ވިޔަފާރި ފުޅާވެ އަތްމަތި ތަނަވަސް ވަމުންދެ އެވެ. އެންމެ ފަހުން ސަފާރީއެއް ބަނުމުގެ ހިޔާލު ހައިދަރާ ހިއްސާކުރެ އެވެ. އަދި އެކަމަށް ހަރަދުވާ ފައިސާ އަހުމަދު ހުސައިން ހައިދަރަށް ދިނުމަށް ނިންމަ އެވެ. ނަގުދު ފައިސާގެ ގޮތުގައި ފުރަތަމަ ވެސް އެއް މިލިއަން ރުފިޔާ ދެ އެވެ. އަދި މަސައްކަތް ކުރިއަށް ދާ ވަރަކުން އިތުރަށް ފައިސާ ދިނުމަށް ނިންމި އެވެ. ޝަރުތަކީ އެ ދިން ފައިސާ ފަސް އަހަރު ތެރޭ އަނބުރާ ދެއްކުމެވެ.

ސަފާރީ ބަންނަން ގަސްދުކުރީ އޭނާގެ އުފަން ރަށް ކަމުގައިވާ ހޯރަފުށީގަ އެވެ. ސަފާރީ ބަނދެ ނިމުނުއިރު އިތުރު ކުއްޖަކު ވެސް ހައިދަރަށް ލިބިއްޖެ އެވެ.

ހައިދަރު ސަފާރީ ދުއްވާތާ ފަސް އަހަރު ވީ އިރު އިތުރު ދެ ސަފާރީއެއް ބަނެވެ. އަހުމަދު ހުސައިން މަތިން މިހާރު ހަނދާން ވާ ކަމަކަށް ނުވެ އެވެ. ސަފާރީ ބަންނަން ދިން ފައިސާ އިން އެންމެ ރުފިޔާ އެއް ވެސް އަނބުރާ އަހުމަދު ހުސައިން އަކަށް ނުދެ އެވެ. މި މައްސަލާގައި ދެ މީހުންގެ ގުޅުން ވަނީ ކެނޑިފަ އެވެ. އަހުމަދު ހުސައިން އަކީ މަޑު މައިތިރި ހިތްތިރި މީހެއް ކަމުން ހައިދަރު ގޮވައިގެން ކޯޓަށް ދިއުމުގެ ވިސްނުމެއް ނެތެވެ.

ހައިދަރު ބޭނުން ވަނީ ރަށުން ސާނަވީ ތައުލީމު ނިމުމުން ޒުމްނާ ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވާށެވެ. މިއޮތް ހުރިހާ ދުވަހު ރަށުގައި ބެހެއްޓީ މާލެ ގެނެސް ދޮންމަންމަ ގާތުގައި ބަހައްޓަން ހައިދަރުގެ ދޮށީ ދަރި ހަފީޒާ ގަބޫލު ނުވީމަ އެވެ.

މަސްވަރުކަންތައް ޖެހުނު ދުވަހުގެ ރޭ ޒުމްނާ ނިދީ އުފަލުން ހުރެ އެވެ. ބޮޑު ކުއްޖަކަށް ވީ ކަމުގެ އުފަލެވެ. އެ ވާހަކަ އޭނާ އިސްކޫލުގައި އެންމެ ގާތްކޮށް އުޅޭ ދެ ކުއްޖަކަށް ކިޔާ ދިނެވެ. އެ ކުދިންނަށް ވެސް އެގޮތް ދިމާވިކަމާ ކަންކުރި ގޮތް ވެސް ކިޔާދިނެވެ. ނަމަވެސް ޒުމްނާ އަށް މިކަމުގައި އަޅާ ވޭން ކުޑައެއް ނޫނެވެ. ބަނޑުކޮޅުގައި ރިއްސުމުގެ ވޭން ތަހައްމަލު ކުރަމުން ގެންދިޔަ އެވެ. ނިދަން ވަންދެން ޒުމްނާގެ ބަނޑުގައި ހަފީޒާ ދައްތަ ހޫނު ފެން އަޅާދިނެވެ. އެކަމުން ލުއިވެ ނިދޭ ގޮތްވި އެވެ.

ޒުމްނާ ނިދަން އޮންނަނީ ވަކި ކޮޓަރިއެއްގަ އެވެ. ގޭގައި ދެން ހުންނަނީ ދެ ކޮޓަރި އެވެ. އެއް ކޮޓަރީގައި ދައްތަގެ ދެމަފިރިންނެވެ. އަނެއް ކޮޓަރި ހުންނަނީ ބޭރުގެ ޓީޗަރަކަށް ކުއްޔަށް ދީފައެވެ. އެ ކޮޓަރި ހުންނަނީ ގެއާއި މުޅިން ވަކިން ގޯތި ތެރޭގަ އެވެ.

ހަފްތާއެއްވީއިރު މަސްވަރުކަންތައް ރަނގަޅު ވެއްޖެ އެވެ. އެއްރޭ ނިދިފައި އޮއްވާ ޒުމްނާ އަށް ހޭލެވެނީ އޭނާގެ ފައިގާ މީހަކު އަތްލިހެން ހީވެގެންނެވެ. ސިއްސަގެން ގޮސް ހޭލެވުމާއެކު ފުންމައިގެން ތެދުވަން އުޅުނެވެ. ނަމަވެސް އެ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމަށް ފަހު ގައިގާ އަތްލާ ޖިންސީ ގޯނާ ކުރާން ފެށި އެވެ. އެ މީހެއްގެ އަތުގައި ދަތް އެޅުމަށް ފަހު އެނދުން ފުންމާލައިގެން ދުވެފައި ކޮޓަރިން ބޭރަށް ނުކުތެވެ. ވަރަށް ބާރަށް "ދައްތާ އޭ" ކިޔާފައި އޭނާ ގޮވާލި އެވެ. އެ މީހަކު ވެސް ފަހަތުން ނުކުތެވެ. ޒުމްނާ އަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އޭނާގެ ދައްތަގެ ފިރިމީހާ އެވެ. ޅިޔަނު ސައްދާމު އިބްރާހިމެވެ. ޒުމްނާ ދުއްވައި ގަންނަން އުޅުމުން އެނެއްކާ ހިފެހެއްޓި އެވެ. އަޑުގަދަ ކޮށްފިނަމަ ފަލީހަތް ކޮށްލާނެ ކަމުގެ ބިރު ދެއްކި އެވެ. އޭނާގެ އަތުގައި ޒުމްނާ ފެންވަރަން ފާޚާނާގައި އުޅެނިކޮށް ސިއްރުން ނަގާފައި ހުރި ވީޑިއޯ އާއި ފޮޓޯ ހުރި ކަމަށް ބުނެ ބިރު ދެއްކި އެވެ. އަދި ހަފީޒާ ދައްތަ އަށް އަނިޔާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ގޭގައި އެ ވަގުތު އެއްވެސް މީހަކު ނޫޅެ އެވެ. އިރާކޮޅު ދައްތަ ދިޔައީ ސިއްހީ މަރުކަޒަށް ކަން ހަނދާން ވާން ފެށި އެވެ. ގިސްލެވި ރޮވެން ފެށިއެވެ. އަހަރެންގެ އަތުން ދޫކޮށްލާށޭ ބުނެ އާދޭސް ކުރާން ފެށި އެވެ. އެކަމު ސައްދާމުގެ ހިތް އެއަށް ވުރެ ހިލަ އެވެ. އޭނާގެ ބޮލަށް ސައިތާނާ ވެރިވެފައި ހުރީ ސިކުނޑީގެ އެންމެ ހިމަނާރާ ހަމައަށެވެ. ގަދަ ކަމުން ދަމާފަ ކޮޓަރިއަށް ވެއްދި އެވެ. ޒުމްނާ އަކީ ވަރަށް ހިކިކޮށް ކަމީނާކޮށް ހުންނަ ކުއްޖެއް ކަމުން ސައްދާމު ފަދަ ޖާނުގައި ވަރު ހުރި މީހެއްގެ އަތް ދަށުން ސަލާމަތް ވުމުގެ ހިތްވަރާ ބާރެއް ނުދެއްކުނެވެ. އޭނާ ވަނީ ވަރު ދޫވެ ގައިގެ ބާރު ކެނޑިފަ އެވެ. ގަދަ ކަމުން އިއްފަތް ފޭރި ގަތެވެ.

ލިބުނު އަނިޔާ އާއި ވޭނުގައި ރޯން އޮއްވާ ނިދިނު ކަމެއް އޭނާއަށް ވެސް ނޭނގުނެވެ. ހޭލެވުނީ ދައްތަ ގޮވާ އަޑަށެވެ. ސްކޫލަށް ދާން ނުތެދުވާތީ އަވަހަށް ތެދުވުމަށެވެ. ޒުމްނާގެ ހަބަރެއް ނުވެގެން ދައްތަ ކޮޓަރިއަށް ވަދެ ގޮވިއެވެ. ދައްތަ ފެނުމުން ބައްދައި ގަތެވެ. އަދި ރޯން ފެށިއެވެ. ވީގޮތް ކިޔާ ދޭހާ ހިތްވަރެއް އޭނާ އަކަށް ނުލިބެ އެވެ. ހުން އައިސްފައި ހުރިކަން އެނގުނީ ވެސް ދައްތަ ބުނުމުންނެވެ. ބޮލުގައާ ބަނޑުގައި ވެސް ދިޔައީ ރިއްސަމުންނެވެ. ދައްތަ ބޭސް ދިނެވެ. އަދި ޒުމްނާ އަށް ކެވޭ ޒާތުގެ ތަކެތި ތައްޔާރު ކޮށްދިނެވެ. ޒުމްނާ އަކީ ފެށުނީންސުރެން ބަސް މަދު ކަންކަމުގެ ޝަކުވާ ނުކުރާ ކުއްޖެއް ކަމުން ދައްތަ ނިންމީ ބޮލުގައި ރިހި ހުން އައިސްގެން ރޮވުނީ ކަމުގަ އެވެ.

ޒުމްނާގެ ދައްތަ ހަފީޒާ އަކީ ކުދިން ނުލިބޭ މީހެއްގެ ގޮތުގައި އަބަދު ވެސް ފިރިމީހާ ސައްދާމު ބުނަމުން ދެއެވެ. އެކަމު ހަފީޒާ ހަދާ ޓެސްޓް ތަކުން އެކަން ފެންނާކަށް ނުހުރެ އެވެ. ސައްދާމު ރާއްޖޭން ބޭރަށް ކުރާ ވިޔަފާރި ދަތުރު ތަކުގައި ޓެސްޓްކުރާ ކަމަށް ބުނެ އޮޅުވާލަ އެވެ. އަދި އެއްވެސް މައްސަލައެއް ނުހުންނަ ކަމަށް ހަފީޒާ ގާތު ބުނަމުންދެ އެވެ. މިމައްސަލާގައި ދެމަފިރިން ދެބަސްވެ އެވެ. އަދި ބައެއް ފަހަރު ސައްދާމު އަތް އިސްކުރެ އެވެ. ހަފީޒާ ވެސް ހުންނަނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. ވަރި ކުރާނެ ކަމުގެ އިންޒާރު ދެ އެވެ. ކައިވެންޏަސް 25 އަހަރު ވެގެން ދިޔައިމާ މިހާރު ހުންނަނީ އެއް ގޯސް ވެފަ އެވެ. ހަފީޒާގެ އުމުރު ވެސް މިހާރު ދެބައި ވެއްޖެއެވެ.

ޒުމްނާ ރަށު ސްކޫލުން ސާނަވީ ތައުލީމު ނިންމައިފި އެވެ. މުޅި އިސްކޫލުން އެއްވަނަ ހޯދި އެވެ. ޒުމްނާ އަކީ އާދަޔާ ހިލާފަށް މޮޅު ކުއްޖެކެވެ. ޓިއުޝަން ނެގުމާއި ގިނަ ގިނަ އިން ފިލާވަޅު ދަސްކުރާކަށް ނުޖެހެވެ. ހިތް އަލި ކުދިންނަށް ތައުލީމް އުނގެނުމަކީ ދަތިކަމެއް ނޫނެވެ. އޭނާ ޝައުގުވެރި ވަނީ ކުރެހުމާއި ޑިޒައިން ކުރުމަށެވެ.

ސްކޫލުން އެހާ ރަނގަޅު ނަތީޖާ އެއް ހޯދުމުން ހައިދަރު ގަސްދުކުރީ ޒުމްނާ އިނގިރޭސި ވިލާތައް ކިޔަވަން ފޮނުވާށެވެ. މި ހަބަރު ލިބުމުން ޒުމްނާ ވަރަށް އުފާވި އެވެ. އަދި ރަށުން ބޭރަށް ދެވި ޅިޔަންބެގެ ދުއްތުރާ ތަކުން މިންޖު ވެވޭތީ ހުރީ އުފާވެފަ އެވެ. ކުރިން ޅިޔަންބެ އޭނާ އަށް ގޯނާ ކުރަމުން ދިޔައިރު ބޭނުން ހާ ގޮތެއް ހެދިޔަސް މިހާރު ޅިޔަންބެގެ މަޅީގައި ނުޖެހި އުޅެން އޭނާ ހުރީ ދަސްކޮށްގެންނެވެ. ތަޅުދަނޑިން ކޮޓަރިއަށް ނުވަދެވޭ ގޮތަށް އެތެރޭން ތަންޑެއް ވެސް އަޅުވަ އެވެ. އަދި ދައްތަ ގޭގައި ނޫޅޭ ވަގުތު ޒުމްނާ އުޅެނީ ކޮޓަރިން ބޭރަށް ނުނިކުމެ އެވެ.

އިނގިރޭސި ވިލާތުގައި ޒުމްނާ ކިޔަވަން ހުރީ ދިވެހި ކުއްޖަކާއެކު އެއް އެޕާޓްމަންޓެއްގަ އެވެ. އެއީ ޒުމްނާގެ މަންމަ ފަރާތު ބޮޑު ބޭބެއެއްގެ ކުއްޖެކެވެ. ޒުމްނާގެ މަންމަ އަކީ އައްޑު އަތޮޅުގެ ރައްޔިތެކެވެ. ބައްޕަ އާއި މަންމަ ބައްދަލުވީ މާލޭންނެވެ. ދެ މީހުންގެ ކައިވެނި ވެސް އޮތީ މާލޭގަ އެވެ. ބައްޕަ ބޭނުން ވީ ރަށުގައި މަންމަ ބައިންދާށެވެ. ސަބަބަކީ ކާފަމެންގެ ފަރާތުން ވާރުތަވިގެ ވީރާ ވެދާނެތީ ބެލެހެއްޓުމަށެވެ. ހައިދަރުއަކީ މުދަލުގެ ދަހިވެތިކަން ހިތުގައި އޮންނަ މީހެއް ކަމުން އެ ތަން އެހެން ބަޔަކަށް ލިބިދާނެތީ އެގޮތަށް ކަން ކުރީ އެވެ.

އިނގިރޭސި ވިލާތުން ފުރަތަމަ ޑިގްރީ ނިންމުމަށް ފަހު މާލެ އައިސް މިފަހަރު ރަށަށް ދާކަށް ޒުމްނާ ބޭނުމެއް ނުވިއެވެ. އޭނާ ހުރީ ބައްޕަ މާލޭން ގަނެފައި ހުރި އިމާރާތެއްގެ ވަކި އެޕާޓްމަންޓެއްގަ އެވެ. ޒުމްނާގެ ހިތު ތެރޭގައި އަދި ވެސް ނޭނގޭ އުނދަގޫ ތަކެއް ހުރެއެވެ. ކުޑައިރު އޭނާގެ އިއްފަތް ނަގާލުމުން ލިބުނު ނަފްސާނީ އުދަނގޫތަކެ އެވެ. ކިޔަވަން ހުރި އިރު ވެސް ނަފްސާނީ ޑޮކްޓަރަކަށް ދައްކާ ފަރުވާ ވެސް ހޯދި އެވެ. ނަމަވެސް އެކަމުން އަރައި ނުގަނެވެ އެވެ. އަދިވެސް އެ ވާހަކަތައް މީހަކަށް ކިޔާދިނުމުގެ ހިތްވަރެއް ނުލިބެ އެވެ. ޗުއްޓީގައި ރަށަށް އައުމަށް ދައްތަ އާދޭހާ އެކު އެދެމުން ދިޔަ އެވެ. އަދި ބައްޕަ ކައިރީގައި ގިނަ ދުވަހު ނުހުރެ ދައްތައާއެކު އުޅެލަން އަންނަން ބުނެ އެވެ. ނަމަވެސް ޒުމްނާ ކޮންމެވެސް ބަހަނާ އެއް ދައްކަ އެވެ. ނަމަވެސް އެންމެ ފަހުން ކުރުނުކޮށްގެން ރަށަށް ދެ އެވެ.

ރަށުގައި ހޭދަކުރަން ނިންމީ ހަފްތާއެކެވެ. އެގޮތަށް ނިންމީ ވެސް ރަށަށް އާދެވުމުން ޅިޔަންބެ ފެނުމުން އުނދަގޫތައް ބޮޑުވާތީ އެވެ. ކާހިތް ނުވުމާއި އަބަދު ކަންބޮޑުވެ ބިރު ގެންފައި ހުންނާތީ އެވެ. ދައްތައަށް މިކަން ފާހަގަ ވެގެން ސުވާލު ކުރެ އެވެ. އެކަމު މާބޮޑު ކަމެއް ނުވެއޭ ބުނެ ފުއްދާލަނީ އެވެ.

ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު ދައްތަ ގޭގައި ނެތް ވަގުތު ބަލާފައި ޅިޔަނު ޒުމްނާ އާއި ބެހެން އުޅުނެވެ. ނަމަވެސް ސައްދާމަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެ ދުވަހު ވެސް އުޅުނީ ބިރު ދައްކައިގެން ބެހެވޭތޯ އެވެ. ނަމަވެސް ޒުމްނާގެ ހުޝިޔާރު ކަމުން އޭނާގެ އަތްދަށު ނުވެ ސަލާމަތްވި އެވެ.

ރަށުން މާލެ އައި ދުވަހު ޒުމްނާ ވަރަށް މުހިންމު ނިންމުމެއް ނިންމި އެވެ. އެއީ އޭނާގެ ޅިޔަނު ސައްދާމު އިބްރާހިމް ކުޑައިރުންސުރެ އޭނާއަށް ދިން ޖިންސީ އަނިޔާ އާއި ގޯނާގެ ވާހަކަ ބައްޕައަށް ކިޔާދިނުމަށެވެ. އުމުރަށް ސައްދާމުގެ ކިބައިން ސަލާމަތްވެ އޭނާއަށް ހައްގު އަދަބު ދިނުމެވެ. ބައްޕަ އޮފީހުގައި އިންދާ ބައްދަލު ކޮށްލަން ބޭނުން ކަމަށް ބުނެ ޒުމްނާ ފޯނު ކުރެ އެވެ. އޮފީހުން ބައްދަލު ކުރާން ބޭނުން ވަނީ ކީއްކުރަންތޯ ސުވާލު ކުރެ އެވެ. ޒުމްނާގެ ޖަވާބަކީ ބައްދަލުވުމުގެ މުހިންމު ކަމުން އެ ނޫން ތަނެއް އޭނާ ބޭނުން ނޫން ކަމުގަ އެވެ. ހައިދަރު ވެސް ޒުމްނާ އެދުނު ގޮތަށް ބައްދަލުވުން ހަމަޖައްސައިދިނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ޒުމްނާ އޭނާގެ ބައްޕަ އާއި ބައްދަލު ކުރާންދެ އެވެ. އަދި އޮފީހުގައި ހުރި ބައްޕަގެ މުއްސަނދި ބޮޑު ކޮޓަރިއަށް ވަދެ އެވެ. ވާހަކަ ފެށުމުގެ ކުރިން އެ ކޮޓަރިއަށް އިތުރު މީހަކު ނުވަންނާނެތޯ ސުވާލު ކުރެ އެވެ. ހައިދަރު ހައިރާން ކަމާ އެކު ޖަވާބުދެ އެވެ. މިއޮފީހުގެ ވެރިޔަކީ އަހަރެން، އަހަރެންގެ އިޒްނަޔާ ނުލާ މީހަކު މިތަނަކަށް ނުވަންނާނެ އެވެ. ދަރިފުޅު ހާދަ ބޮޑު ސިއްރު ވާހަކައެއް ދައްކަން އުޅޭހެން ބައްޕަ އަށް ހީވެއޭ ބުނެ އެވެ.

ޒުމްނާ އަށް ކުޑައިރު ފެންނަމުން ދިޔަ ހުވަފެނާއި އަދި ޅިޔަނު ސައްދާމު، އޭނާގެ އިއްފަތް ނަގާލި ގޮތުގެ ވާހަކަތައް ކިޔާދިނެވެ. ގިސްލާ ރޮމުންނެވެ. އަދި އެންމެ ފަހުން މި ދަތުރުގައި ރަށަށް ދިއުމުން ވެސް ބެހެން އުޅުނު ގޮތުގެ ވާހަކަ ވެސް ކިޔައި ދިނެވެ.

ހައިދަރުގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. އަދި މިއޮތް ހުރިހާ ދުވަހު އެ ވާހަކަތައް ކިޔާ ނުދީ ހުރީ ކީއްވެތޯ ސުވާލު ކުރި އެވެ. ޒުމްނާ އަށް އެ ވާހަކަތައް ކިޔާ ނުދެވުނީ އެ ވާހަކަ ކިޔައި ދީފިނަމަ އޭނާގެ ދައްތަ ނޭވާ ހާސްކޮއްލައިގެން މަރާލާނެ ކަމުގެ އިންޒާރު ދިނުމުން ކަމުގައި ބުންޏެވެ. އަދި ދައްތައަށް އެކަން ކުރާނެ ގޮތް ކަމަށް ބުނެ ޒުމްނާގެ މޫނުގައި ބާލީސް އަޅާ ނޭވާ ހާސްކުރި ކަމަށެވެ. އަދި ޖިންސީ ގޯނާ ކުރުމުގެ ތެރޭގައި އަނިޔާ ކޮށް ބިރު ދެއްކި ކަމުގެ ވާހަކަ ތަކެވެ.

ހައިދަރު އިށީނދެއިން ގޮނޑިން ތެދުވި އެވެ. އަދި ޒުމްނާ އަށް ފުރަގަސްދީގެން އިރުކޮޅަކު ހުއްޓެވެ. އަދި އޭނާގެ ޖީބުގައި އޮތް ރުމާ ނަގާ މޫނު ފޮހެލިއެވެ. އަދި ބުންޏެވެ. މިހާރު ވަގުތު ފާއިތު ވެއްޖެ އެވެ. ތިޔަ ކަމުން އިތުރަށް ކުރާނެ ފައިދާއެއް ނެތެވެ. ދަރިފުޅަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަށަށް ނުދިއުމެވެ. ޅިޔަންބެ އަށް އަދަބެއް ލިބި ބަންދު ވެއްޖެނަމަ ދައްތަ އަށް ވާނެ ގޮތެއް ނޭނގެ އެވެ. ދައްތަ ހިތް ހުއްޓިގެން މަރުވެދާނެ އެވެ. އެހާ ވެސް ބޮޑަށް ދައްތަ އޭނާ ދެކެ ލޯބިވެ އެވެ. އަދި އެންމެ ކުޑަ ދުވަހުން ފެށިގެން މަންމައެއްގެ ލޯބި ދީ ދަރިފުޅު ބަލާ ބޮޑު ކުރީ ދައްތަ އެވެ. މިއީ ބައްޕަގެ ލަފާ ތިކަމުގައި އޮތް ގޮތެވެ. ކަންކުރާނެ ގޮތް އެނގޭނީ ދަރިފުޅަށެވެ.

ޒުމްނާ ވާހަކަ ދެއްކިއެވެ. އިންސާފަކީ މިއަދު ބައްޕަ އަށް މުހިންމު އެއްޗަކަށް ނުވިއެވެ. އަހަރެންނަށް އެޅިވޭނާ ލިބުނު އަނިޔާ އަދި ނަފްސާނީ ގޮތުން ކުރި އަސަރު ބައްޕަ އަށް މިއަދު އިހުސާސް ނުވީތީ އަހަރެންނަށް ވަރަށް އަސަރުކޮށްފި އެވެ. އަހަރެން ބޭނުން ވަނީ މިރާއްޖެ ދޫކޮށް ދާށެވެ. އިނގިރޭސި ވިލާތަކަށް ވެސް ނޫނެވެ. ދުނިޔޭގެ އަނެއް ފަރާތަށް ދާށެވެ.

ހައިދަރު އިރު ކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. ދުނިޔޭގެ އަނެއް ފަރާތަކީ ކޮބައި ހެއްޔެވެ. މިހާރު ވެސް ތިޔަ ހުރީ ވަރަށް ދުރުގައެވެ. ތިޔަށް ވުރެ ދުރަށް ވެސް ދާން ހެއްޔެވެ. ޒުމްނާގެ އަނގައިން ނުކުތީ އެންމެ ޖުމްލައެކެވެ. ދުނިޔޭގެ އަނެއް ފަރާތަށެވެ.

ކުއްލި އަކަށް ޒުމްނާ ގޮނޑިން ތެދުވެ ހިނގައި ގެންފި އެވެ. ކޮޓަރީގެ ދޮރު ބާރަށް ޖަހައިފައި ނުކުތެވެ. މިސްރާބެއް އަމާޒެއް ނެތި އޭނާ މާލޭގެ މަގުމަތީގައި ހިނގަމުން ދިޔަ އެވެ. އޭނާގެ ހިތަށް އަރަމުން ދިޔަ އެވެ. އަހަރެން އެންމެ ލޯބިވާ ބައްޕަގެ ފަރާތުން ވެސް އަދު މިލިބުނީ ކޮންކަހަލަ ހިމާޔަތެއް ހެއްޔެވެ. އަހަރެންގެ ހައްގުގައި ބައްޕަ އަށް އެންމެ ބަހެއް ވެސް ބުނެ ނުލެވުނެވެ. ބައްޕަގެ އުފަން ދަރިޔަކަށް މީހަކު އެވަރު ކުރުމުން ވެސް ބައްޕަ އަށް މާބޮޑު އަސަރެއް ނުކުރި އެވެ. އަހަރެން ކައިވެނި ކުރާ މީހަކަށް އަލަށް ދޭނެ ހަދިޔާއެއް ނެތެވެ. އަހަރެންނަށް ދަރިއަކު ލިބުމުގެ އުންމީދެއް ވެސް ނެތެވެ. އަހަރެންގެ ދިރިއުޅުން ނިމިއްޖެ އެވެ. އަހަރެންގެ ތިމާގެ މީހުން ނުފެންނަ ހިސާބަށް މާދުރަށް ދާންވީ އެވެ.

ފުރަން ވަންދެން ވެސް ބައްޕައާ އެއް ގެއެއްގައި އޭނާ ހުންނާކަށް ބޭނުމެއް ނުވެ އެވެ. ފޯނު ނަގާ ގުޅާލީ އޭނާއާއެކު ކިޔަންވަން ހުރި އަޒްލިފާއާ އެވެ. މިހާރު އަޒްލިފާ އަކީ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރެކެވެ. އަޒްލިފާ މަތީ ތައުލީމް ހާސިލް ކުރީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ހަމަ އެ ދުވަހު އަޒްލިފާ ކައިރިއަށް އެ ރިސޯޓަށް ޒުމްނާ ދިޔަ އެވެ. އަޒްލިފާ އަކީ އެކުގައި ދެ އަހަރު ހޭދަ ކުރެވުމުން ވަރަށް ބޮޑު ގާތް ކަމެއް އުފެދިފައިވާ ކުއްޖެކެވެ. ބޭނުން ކޮންމެ ވާހަކައެއް ހިއްސާ ކޮށްލެވޭ ފަދަ އިތުބާރު ކުރެވޭ އެކުވެރި އެކެވެ. މިއޮތް ހުރިހާ ދުވަހު ހުރިހާ ވާހަކަތަކެއް ހިއްސާ ކުރަމުން އައިކަމުގައި ވިއަސް އޭނާ އަށް ޖިންސީ ގޯނާގެ ވާހަކަތައް ކިޔާނުދީ އޮތެވެ. ނަމަވެސް އެ ވާހަކަތައް މިއަދު ކިޔާދިނެވެ. އަޒްލިފާގެ ފަރާތުން ބައްޕަ އަށް ވުރެ ބޮޑު ހަމްދަރުދީއެއް ލިބުނެވެ. އަދި ހިތްވަރު ލިބި ޒުމްނާގެ ދައްތަ ހަފީޒާއަށް ގުޅި އެވެ. ހުރިހާ ވާހަކަތެކެއް ކިޔާދިނެވެ. ހަފިޒާ އަށް އެ ވާހަކަތައް ގަބޫލު ކުރާން ވެސް ދަތިވި އެވެ. ދެބެން ވެސް ރުއިމުގައި އެތައް ވަގުތެއް ހޭދަ ކުރިއެވެ.

ބައްޕަ އަށް އެކަން ބޮޑު ކަމަކަށް ނުވި ވާހަކަ ކިޔައި ދިނުމުން ދައްތަގެ ފަރާތުން ދެން ލިބުނީ އަދި މާ ހައިރާން ކުރުވާ ފަދަ ވާހަކަ ތަކެކެވެ. ބައްޕަގެ ފަރާތުން ހަފީޒާ ދައްތައަށް ލިބުނު ޖިންސީ ގޯނާގެ ވާހަކަ އެވެ. އަދި ކޮއްކޮ މާލެ ނުފޮނުވާ ކިޔަވަން ރަށުގައި ބަހައްޓަން ނިންމީ ވެސް ކޮއްކޮއަށް މާ ކުޑައިރު ބައްޕަގެ ފަރާތުން އެފަދަ ގޯނާ ލިބިފައިވާތީ އެވެ. އަދި އެކަން އެނގުމާއެކު މަންމަ ބައްޕަ ކައިރިން ވަރިވި ކަމުގަ އެވެ. އަދި ރަށު މީހުންނަށް އެކަން ސިއްރެއްގެ ގޮތުގައި އޮތީ ކަމަށެވެ.

ޒުމްނާ އަށް ފުސް ގޮތަކަށް އޭނާގެ ކުޑައިރުގެ ހަނދާންތައް އާވާން ފެށިއެވެ. ފެންނަ ބިރުވެރި ހުވަފެނުގައި އެ ފެންނަ މީހާ ބައްޕަ އާއި ވައްތަރު ވާހެން ހީވާން ފެށިއެވެ.

އެރޭ ނިދީ ރޮމުންނެވެ. މާދަމާ އަޒްލިފާއާއެކު ޑައިވިންނަށް ދިއުމަށް ބުނެފައި އޮތް ހަނދާން އާވި އެވެ. ނަމަވެސް ދާހިތެއް ނެތެވެ. ފޯނުން ގުޅާލާ އެ ވާހަކަ ބުންޏެވެ. ނަމަވެސް އަޒްލިފާ އެކަން ގަބޫލެއް ނުކުރި އެވެ. ބޭނުންވަނީ ޒުމްނާ އަށް ދިމާވެފައިވާ ނަފްސާނީ ބަލި މަޑުކަމުން އަރައި ގަނެ ކުށްވެރިވާ އެންމެނަށް ހައްގު އަދަބު ލިބުމެވެ. އެ ހިތްވަރު ޒުމްނާގެ ކިބައިގާ އާލާ ކުރާށެވެ. ރަސްމީ އިދާރާތަކަށް ގޮސް ހިތްވަރާ އެކު އެ ވާހަކަތައް ކިޔާދޭނެ ވަރަށް ނަފުސުގެ އިތުބާރު ގަދަ ކުއްޖަކަށް ޒުމްނާ ހެދުމެވެ. ވަރަށް އާދޭސް ކުރުމުން ޑައިވިންނަށް ދާން އެއްބަސްވި އެވެ. ނަމަވެސް އެހާ ހެނދުނު ހޭލަން ބޭނުން ނުވާ ވާހަކަ ބުންޏެވެ. ޑައިވިންނަށް ދާން ނިންމީ މެންދުރު ފަހު ތިނެއްޖަހާއިރު އެވެ.

ޒުމްނާގެ ލޯ މެރެމުން ދިޔައިރު ފެންނަނީ ހުއްޓިފައި ހުރި ފަންކާގެ ފިޔަތައް ފުސްވަމުން ދާތަނެވެ. އޭނާގެ ހިތުގައި ހިނގަނީ މާދުރަށް މާދުރަށް ދާށެވެ.

އަނެއް ދުވަހު ތިނެއް ޖެހިއިރު އަޒްލިފާ ހުރީ ޑަވިން ސެންޓަރު ކުރިމަތީގަ އެވެ. ޒުމްނާގެ ހަބަރެއް ނުވެ އެވެ. އެންމެ ފަހުން ޒުމްނާގެ ފޯނަށް ގުޅާލި އެވެ. ފޯނެއް ނުނަގަ އެވެ. ކޮޓަރީގައި ހުންނަ ފޯނަށް ގުޅާލި އެވެ. ހަބަރެއް ނުވި އެވެ. އެންމެ ފަހުން ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޖަހާލި އެވެ. ހަބަރެއް ނުވި އެވެ. ދިހަވަރަކަށް މިނެޓް ވީއިރު ވެސް އެއްވެސް ހަބަރެއް ނުވި އެވެ. ހައުސް ކީޕިންގެ މެނޭޖަރު މެދުވެރިކޮށް ތަޅުދަނޑި ގެނެސް ދޮރު ހުޅުވިއެވެ. އެތެރެއަށް ވަދެ ބަލައިލި އިރު ފެންނާކަށް ނެތެވެ. ފާހާނާ ބަލައިލި އިރު ފާހާނާ އަކު ނެތެވެ. ފޯނު އެނދުމަތީގައި އޮތެވެ.

މުވައްޒަފުން މެދުވެރިކޮށް ޒުމްނާ ފެނޭތޯ ވަށައިގެން މުޅި ރަށް ހޯދާ ބެލި އެވެ. ޒުމްނާ އެއް ނުފެނުނެވެ. ރިސޯޓްގެ މުވައްޒަފެއްގެ ފަރާތުން އެނގުނީ ޒުމްނާ މޫދަށް އެރެނިކޮށް ފެނިފައިވާ ކަމެވެ. ފުލުހުންނަށް އަންގައިގެން ފުލުހުންނާއި ސިފައިން މެދުވެރިކޮށް މުޅި ރަށް ވަށައިގެން ޑައިވްކޮށް ބަލަން ފެށި އެވެ.

ވަރަށް ހަވީރު ވެފައި ވަނިކޮށް ސްނޯކެލިންނަށް ދިޔަ ފަތުރުވެރިންގެ ގްރޫޕަކަށް މޫދުގެ އަޑިން ފަޅުތެރެއިން ޒުމްނާ ފެނުނެވެ. އަވަހަށް ނަގައިގެން ގެނެސް އަވަސް ފަރުވާ ދޭ މަރުކަޒަށް ވެއްދި އެވެ. ނަމަވެސް މާލަސް ވެއްޖެ އެވެ. އަބަދުގެ އަބަދަށް މި ދުނިޔެއާ އޭނާ ވަކި ވެއްޖެ އެވެ. އެންމެނަށް ނުފެންނަ ހިސާބަށް މާދުރަށް އޭނާ ގޮއްސި އެވެ.