8 އޭޕްރީލް 2022 - 14:47 0
1986 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މަރަޑޯނާ އުފާފާޅުކުރަނީ.--
8 އޭޕްރީލް 2022 - 14:47 0
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 8) - މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް އަތުން ގޯލެއް ޖެހިއިރު، އާޖެންޓީނާގެ ލެޖެންޑަރީ ފޯވާޑް ޑިއޭގޯ މަރަޑޯނާ ލައިގެން ހުރި ޖޯޒީ ނީލަން ކިޔަން ނިންމައިފި އެވެ.
މެކްސިކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް އަތުން 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގެ ދެ ގޯލު ވެސް ޖެހީ މަރަޑޯނާ އެވެ. އެއް ގޯލަކީ އަތުން ޖެހި ގޯލެކެވެ. އަނެއް ގޯލު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް އިންގްލެންޑްގެ ފަސް ކުޅުންތެރިން ނައްޓައިފަ އެވެ. މި ގޯލަކީ ފީފާ އިން 2002 ވަނަ އަހަރު ވޯޓަކުން ހޮވި ގަރުނުގެ އެންމެ މޮޅު ގޯލެވެ.
އިންގްލެންޑް ކޮޅަށް މަރަޑޯނާ އަތުން ގޯލު ޖަހަނީ.--
މެކްސިކޯ ސިޓީގެ އަޒްޓެކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވޯލްޑް ކަޕް ތާރީހުގައި ހާއްސަ އެވެ. މަރަޑޯނާ އަތުން ޖެހި ގޯލުގެ މައްސަލަ އިތުރަށް ގޯސްވީ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި އެ ބޯޅަ މަރަޑޯނާ އަތުގަޔާއި ބޮލުގައި ޖެހުނު ކަމަށް ބުނުމުންނެވެ.
އެ ފަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ވެސްޓް ޖާމަނީ 3-2 އިން ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެއީ އެ ގައުމަށް އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ފަހަރެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން މަރުވި މަރަޑޯނާ، 1986 ގެ ވޯލްޑް ކަޕްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ޖޯޒީ ބައިންދާފައި ހުރީ މެންޗެސްޓާގެ މިއުޒިއަމެއްގަ އެވެ. އެކަމަކު، މިހާރު ނިންމާފައިވަނީ މި މަހު 20 އިން އަންނަ މަހުގެ 4 އަށް ކުރިއަށްދާ އޮންލައިން ނީލަމެއްގައި ވިއްކާލުމަށެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ މަރަޑޯނާގެ ޖޯޒީ.-- ފޮޓޯ: އޭއެފްޕީ
މަރަޑޯނާއާ އެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމަށް ކުޅުނު އޮސްކާ ގާރޭ ވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހާއްސަ އިލްތިމާސެއްކޮށްފަ އެވެ. އެއީ ނީލަމުގައި ބައިވެރިވެ މަރަޑޯނާގެ އެ ޖޯޒީ ގަތުމަށެވެ. އަދި އެ ޖޯޒީ އާޖެންޓީނާގެ ގައުމީ ތަރިކައިގެ ތެރޭގައި ހިމެނުމަށް އޮސްކާ ވަނީ ބުނެފަ އެވެ.
މަރަޑޯނާގެ އަންހެން ދަރިފުޅު، ޑަލްމާ މަރަޑޯނާ ބުނީ ނީލަން ކިޔަން ނިންމާފައިވަނީ މަރަޑޯނާ އިންގްލެންޑް މެޗުގައި ބޭނުންކުރި ޖޯޒީއެއް ނޫން ކަމަށެވެ. އަދި އިންގްލެންޑް މެޗުގައި ބޭނުންކުރި ޖޯޒީ އޮތީ މަރަޑޯނާ އެ ރައްކާކުރަން ދިން ގާތް މީހެއްގެ އަތުގައި ކަމަށް ޑަލްމާ ވަނީ ބުނެފަ އެވެ.
ނީލަމުގެ ކަންކަން އިންތިޒާމުކުރުމާއި އެ ޕްރޮމޯޓްކުރުމަށް އިސްކޮށް ހަރަކާތްތެރިވާ ސޯލްތުބައި އިން ބުނީ މަރަޑޯނާ އެ މެޗުގައި ދެ ޖޯޒީއެއް ބޭނުންކުރި ކަމަށެވެ. އަދި އެއް ޖޯޒީ ދިނީ އިންގްލެންޑްގެ ކުޅުންތެރިއަކަށް ކަމަށާއި ނީލަން ކިޔަނީ އެ ޖޯޒީ ކަމަށެވެ. އަދި ޖޯޒީގެ ސައްހަކަން ކަނޑައަޅަން ކުރަން ޖެހޭ ދިރާސާތަށް ކޮށް ނިމިފައިވާ ކަމަށް ވެސް ސޯލްތުބައިގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.
މަރަޑޯނާގެ އެ ޖޯޒީ ގަންނަން ބިޑްކުރެވޭނެ އެންމެ ދަށް އަގަކީ 5.2 މިިލިއަން ޑޮލަރެވެ. މިިހާތަނަށް މެޗެއްގައި ކުޅުންތެރިއަކު ބޭނުންކުރި ޖޯޒީއެއް ނީލަމުގައި އެންމެ އަގުބޮޑުކޮށް ދިޔައީ 5.6 މިލިއަން ޑޮލަރަށެވެ. އެއީ 2019 ވަނަ އަހަރު ކުރިއަށްދިޔަ ނީލަމެއްގައި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ، ނިއުޔޯކް ޔަންކީސްގެ ބޭބް ރޫތުގެ އެވެ. މަރަޑޯނާގެ ޖޯޒީ އެ އަށް ވުރެ އަގުބޮޑުކޮށް ވިކޭނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު ޕެރިހުގައި ކުރިއަށްދިޔަ ނީލަމެއްގައި ވަނީ މަރަޑޯނާ ދުއްވި ކާރެއް 578،000 ޑޮލަރަށް ވިއްކާލައިފަ އެވެ. އެއީ މަރަޑޯނާގެ ސްޕެއިނުގެ ސެވިއްޔާގައި ހޭދަކުރި ދުވަސްވަރު ދުއްވި ސިލްވަ ޕޯޝް 911 އެވެ. އެއީ 1992-1993 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
މިިދިޔަ އަހަރު ބޭއްވި ނީލަމެއްގައި 1950 ގެ އަހަރުތަކުގެ ތެރޭ ކުޅުނު ބްރޫކްލިން ޑޮޖާސްގެ އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ، ޖެކީ ރޮބްސަން ބޭނުންކުރި ޖޯޒީ ވަނީ 4.2 މިލިއަން ޑޮލަރަށް ވިކިފަ އެވެ.
Comment