Advertisement

ތަހާ ދޫކޮށްލައި އީގަލްސްގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ދިވެހި ކީޕަރުންނަށް

7 އޭޕްރީލް 2022 - 12:51 0

އީގަަލްސްގެ ސީނިއާ ޓީމުގައި ހިމެނޭ ތިން ދިވެހި ކީޕަރުން: ސިނާހު (ކ)، ޝައިހާން (މ) އަދި އަލީފް (ވ).-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


ތަހާ ދޫކޮށްލައި އީގަލްސްގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ދިވެހި ކީޕަރުންނަށް

7 އޭޕްރީލް 2022 - 12:51 0

ލެބަނަންގެ ގޯލްކީޕަރު މުހައްމަދު ތަހާ، ކްލަބް އީގަލްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުން އެ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ދިވެހި ކީޕަރުންނާ ހަވާލުކުރަން ޖެހިއްޖެ އެވެ.

މިދިޔަ ސީޒަނުގައި އީގަލްސް އިން އޭއެފްސީ ކަޕް ކޮލިފައިންއާ ދިމާކޮށް ތަހާ ސޮއިކުރީ، ފުރަތަމަ އެ ޓީމުން ގެނައި ގޯލުކީޕަރު މޮންޓެނެގްރޯގެ މިލާން ޔެލޮވަކް ދަށްވުމުންނެވެ. ތަހާ ވަނީ މިދިޔަ ސީޒަނުގައި އީގަލްސްއާ އެކު އޭއެފްސީ ކަޕް ކޮލިފައިން ފުރަތަަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން އީގަލްސް 2-0 އިން މޮޅުވިއިރު، ތަހާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.

ލެބަނަންގެ 20 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ތަހާ ވަނީ މި ސީޒަނުގައި އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ހަތް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަަތަމަ ބުރުގެ ހަތް މެޗުގައި ކުޅެފަ އެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި އީގަލްސް އިން ވެލެންސިއާ ބަލިކުރި މެޗުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނު ތަހާ، އީގަލްސް ދޫކޮށްލިކަން އިއުލާނުކުރީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ. ތަހާ ބުނެފައިވަނީ މިދިޔަ ދެ ސީޒަނުގައި އީގަލްސްގައި ހޭދަކުރި ދުވަސްތަކަށް ފަހު އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރު އީގަލްސްގެ މެޗެއްގެ ތެރެއިން ކީޕަރު ތަހާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، މާޒިޔާ އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހަތް މެޗުން ވެސް މޮޅުވެ އެއް ވަނައިގައި 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ހަތަރެއްގައި 10 ޕޮއިންޓާ އެކު ޓީސީ އޮތްއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ސަސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތީ އަދި މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ 22:00 ގައި އީގަލްސް ކުޅޭނީ މާޒިޔާ އެެވެ. މި މެޗުގައި އީގަލްސްގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު ލިބޭނީ ދިވެހި ކީޕަރަކަށެވެ. އީގަލްސްގެ ސީނިއާ ސްކޮޑުގައި ދިވެހި ތިން ކީޕަރުންގެ ނަން ވަނީ ހިމަނައިފަ އެވެ. އެއީ ކުރިން އީގަލްސްގެ ޒުވާން ޓީމުތަކުގެ ގޯލު އެކި މެޗުތަކުގައި ބަލަހައްޓާފައިވާ ހަސަން އަލީފް އިބްރާހިމް، 20، އާއި މުހައްމަދު ސިނާހު، 24، އެވެ. އަދި މީގެ އިތުރުން މި އަހަރު ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ މޮޅު ކީޕަރުގެ މަގާމު ހޯދި 17 އަހަރުގެ ކީޕަރު ޝައިހާން އަލީ ވެސް ވަނީ އީގަލްސް ސީނިއާ ޓީމަށް ނަގައިފަ އެވެ.

މީގެ ކުރިން އަލީފް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނުއިރު، ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރުސަތުގެ ބޭނުންހިފައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސްގެ ބައެއް މެޗުތަކުން ވެސް އަލީފަށް ބެންޗުން ވަނީ ފުރުސަތު ދީފަ އެވެ. އެކަަމަކު، ސީނިއާ މެޗަކުން އަދި ނުފެނެ އެވެ.

ސިނާހު ވަނީ މިދިޔަ ސީޒަނުގައި އީގަލްސް އިން ބިދޭސީ ކީޕަރެއް ގެނައުމުގެ ކުރިން އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އީގަލްސް އިން މިދިޔަ ސީޒަނުގައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ސިނާހު އެވެ.