Advertisement

މާލީ ކަންކަން ޑިޖިޓަލައިޒްކޮށް 2024 އަށް ޗެކު ބޭނުންކުރުން ހުއްޓާލަނީ

7 އޭޕްރީލް 2022 - 12:43 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޗެކު ފޮތެއް: ރާއްޖޭގައި 2024 ވަނަ އަހަރަށް ޗެކު ބެނުންކުރުން ހުއްޓާލަނީ އޭގެ ބަދަލުގައި ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށްފަހު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މާލީ ކަންކަން ޑިޖިޓަލައިޒްކޮށް 2024 އަށް ޗެކު ބޭނުންކުރުން ހުއްޓާލަނީ

7 އޭޕްރީލް 2022 - 12:43 0

ކުރިޔަށް އޮތް ދެ އަހަރު ތެރޭ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމުގެ ކަންކަން އިތުރަށް ޑިޖިޓަލައިޒްކޮށް ޗެކް ބޭނުންކުރުން މުޅިން ހުއްޓާލުމަށް އަމާޒުކުރާކަމަށް ރާއްޖޭގެ މާލީ އިދާރާތަކުން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ބޭންކް އޮފް މޯލްޑިިވްސް (ބީއެމްއެލް) އިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާތަކުން ވަނީ މިދިޔަ ދެ ތިން އަހަރު ތެރޭ ކުރެވުނު މަސައްކަތްތަކުން ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު 50 ޕަސަންޓަށްވުރެ ދަށް ކުރެވިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ރާއްޖޭގެ މާލީ އިދާރާތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ބާކީ އޮތް 40 ޕަސަންޓު ވެސް މަދުކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި ކުރިޔަށް އޮތްތަނުގައި ޗެކާ ނުލާ އުޅެވޭނެ ދުވަހެއް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ 50 ޕަސަންޓަށްވުރެ ގިނައިން އެއް އަހަރު ތެރޭގަ ދަށްކުރެވުނު ޗެކު ބޭނުންކުރާ ވަރު، މިހާރު އަޅުގަނޑުމެން މަސައްކަތްކުރަން މިޖެހެނީ 40 ޕަސަންޓު މަދުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ޗެކާ ނުލާ އުޅެވޭނެ ދުވަހެއް ވެސް އަންނާނެ. އިރާދަކުރެއްވިއްޔާ 2024 ގައި އަޅުގަނޑުމެންނަށް ޗެކު ބޭނުންކުރުން ރާއްޖޭގައި އެއްކޮށް ހުއްޓާލެވި ދާނެ،" ރިޒާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ ޗެކު ބޭނުންކުރުން ހުއްޓާލަން މާލީ އިދާރާތަކުން އަމާޒުކުރާ ސަބަބަކީ އެއީ ފައިސާގެ ކަންކަމަށް ބަރޯސާވާން އެންމެ ރަނގަޅު ވަސީލަތަކަށް ނުވާތީ ކަމަށެވެ. އަދި ޗެކަކީ އެއްވެސް ހާލެއްގައި ފަައިސާގެ ގެރެންޓީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ވެސް ވިސްނާލަންވީ ކަމަކީ ޗެކަކީ ގެރެންޓީއެއް ނޫނޭ. ރިސްކީ އެއްޗެއް އެޒް އަ މޯޑް އޮފް ޕޭމަންޓް، އެޒް އެން އިންސްޓްރުމެންޓް، ޗެކަކީ ރިސްކީ އެއްޗެއް،" ނިމާލް ވިދާޅުވި އެވެ.

އެމްއައިބީގެ ސީއީއޯ ރިޒާ އިތުރަށް ވިދާޅުވީ ޗެކު ބޭނުންކުރުން މަދުކުރެވުނު ނަމަވެސް ރާއްޖޭގައި ޗެކު ބޭނުންކުރާ ވަރާއި ޗެކުން ދިމާވާ މައްސަލަތައް އަދިވެސް ގިނަ ކަމަށެވެ. އެގޮތުން ޗެކު ބައުންސްވާ ރޭޓު ވެސް ގިނަ ކަމަށާއި، ސޮއި ދިމާނުވުމާއި، އެކައުންޓުގައި ފައިސާ ނެތުން އަދި ޗެކަށް ގިނަ ދުވަސްވެފައި އޮތުން ފަދަ އެތައް މައްސަލައެއް ޗެކު ބޭނުންކުރުމުން ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރިޒާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ ބޭންކުތަކުން މިހާރު އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިން ހިދުމަތް ދޭއިރު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވެސް ފައިސާ ދެއްކޭނެ އެތައް ގޮތްތަކެއް އެބަ ހުރި ކަމަށެވެ. އަދި މާލީ ކަންކަން ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ޗެކަށް އެހާ ބޮޑަށް ބަރޯސާވާކަށް ނުޖެހޭ އަޅުގަނޑުމެންނެއް މިއަދު. މިއަދު އެ ފެސިލިޓީޒްތައް އެބަ ހުރި،" ރިޒާ ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ހައްވާ ލަތީފާ ވަނީ ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރާ ގުޅޭގޮތުން ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އެންމެ އާންމުކޮށް ޗެކު ބޭނުންކުރަނީ ކޯޕަރޭޓް ކަސްޓަމަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރަށް ބަލާއިރުގަ 75 ޕަސަންޓު ގާތްގަނޑަކަށް ޗެކު މި ބޭނުންކުރަނީ ކޯޕަރޭޓް ކަސްޓަމަރުން، ބިޒްނަސްތަކުން، އާންމު ވަކިވަކި ފަރުދުންނަށް ވުރެ،" ހައްވާ ވިދާޅުވި އެވެ.

ހައްވާ ވިދާޅުވީ އެތަންތަނުން ޗެކު ބޭނުންކުރަނީ ރެކޯޑު ބެލެހެއްޓުންފަދަ ސަބަބުތަކަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މާލީ ކަންކަން ޑިޖިޓަލައިޒްކުރާއިރު، ސްޓޭޓްމަންޓް ނެގުމާއި ޕޭމަންޓުގެ ރަސީދު ލިބުންފަދަ ހިދުމަތްތައް ދެވޭނަމަ ކަސްޓަމަރުންގެ އެފަދަ ބޭނުންތައް ވެސް ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މީގަ އަޅުގަނޑުމެން ވިސްނަންވީ ޑިޖިޓަލް ސޮލިއުޝަންސްތަކެއް ބޭންކުތަކުން ވެސް ޕޭމަންޓު ހިދުމަތްދޭ ފަރާތްތަކުން ވެސް ތައާރަފްކުރަމުންދާއިރުގަ، ކޯޕަރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްތަކެއް ތައާރަފްކުރަން،" ހައްވާ ވިދާޅުވި އެވެ.