Advertisement

ދިގު ވާހަކަ: ރަންދާ

7 އޭޕްރީލް 2022 - 07:56 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ރަންދާ

7 އޭޕްރީލް 2022 - 07:56 0

ހަ ވަނަ ބަޔާ ގުޅޭ

ޝަރުވާނު ޗޮކެއް ކަނޑައިލީ ސީދާ ހަމްދާނުގެ މޫނަށެވެ. އެ މަންޒަރު ބަލަން ރީމާ ހެވިފައި އިނެވެ.

"ކޮން ދުނިޔެއަކަށް ގެއްލިފަ." އިސްވެ ސުވާލުކޮށްލީ ޝަރުވާނެވެ.

ހަމްދާނު އުޅުނީ ނޫން ކަމަށް ހެދޭށެވެ. އޭނާއަށް ދެ ފަހަރު އެއް ވާހަކައެއް ނުބުނެވުނެވެ. އެކި ފަހަރު މަތިން ބުނެވުނީ އެކި ވާހަކަ އެވެ. މީހާގެ ހަރަކާތްތައް އަވަސްވީ އެވެ. ނޭފަތު ކުރީގައި ދެ ފަހަރަކު އިނގިލި ޖައްސާލަމުން ދާ ތިކިތައް ފޮހެލީ އެވެ. އެކަން ޝަރުވާނު ވަރަށް ރަނގަޅަށް ދެނެގަތެވެ. ޝަރުވާނު ބަލައިލީ ސީދާ ރީމާގެ މޫނަށެވެ.

"އަސްލު އެއީ ވަރަށް މަކަރުވެރި މަންޖެގަނޑެއް." ޝަރުވާނު ބޭނުންވީ ނަޒީހާގެ ވާހަކަ ދައްކާށެވެ.

"އޭނާ ކީއް ކުރީ؟" ހަމްދާން އުޅުނީ ނޫން ކަމަށް ހެދޭށެވެ.

ރީމާ ކުރިމަތީގައި އިނީމަ އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދޭށެވެ. ނަޒީހާ އާއި އޭނާއާ ދެމެދުގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ދައްކާށެވެ.

"ބަލައިބަލަ ޕްރެގޭ ކިޔައިގެން އެ ހަދައިލި ދޮގު. އެހެން ނޫނަސް މަށަކީ އެ ކަހަލަ ހޭބައްޔެއް ވެސް ނޫން ދޯ. ވާނުވާ ނޭނގި ހިނދުކޮޅުގައި ހުންނަ މީހެއް ނޫން މީ. އޭނާއަށް އެ ވަރު ނޭނގުނު. މަ ކުރާކަމެއް މަށަށް ވަރަށް ސާފުކޮށް އެނގޭނެ." ޝަރުވާނު ނިތް އަރުވާލީ ރީމާ އަށެވެ.

"ދެން އެކަން ނިމުނީއެއްނު. އެހެން މީހުންގެ ވާހަކަ އެ މީހުން ނުތިބޭ ތަންތަނުގައި ދައްކާކަށް ނުވާނެ." ހަމްދާނު އުޅުނީ މައުލޫ ބަދަލުކޮށްލާށެވެ.

"އޯކޭ. އަޕް ޓު ޔޫ." ޝަރުވާނު ފަހުރުވެރިކަމާއެކު ބުނެލި އެވެ. "ރީ! އަސްލު ކޮންކަމެއްގަ އަންނަން ބުނީ."

ޝަރުވާނު އެހެން އަހާނެ ކަމަކަށް ރީމާ ހިޔެއް ނުކުރެ އެވެ. އޭނާ ދެ ފަހަރަކު ލޮލުން އެ ވާހަކަ ނުފަށަށް އިޝާރާތެއް ވެސް ކޮށްލި އެވެ. ނަމަވެސް، ޝަރުވާނަށް އެކަން ނޭނގުނީ ކަންނޭނގެ އެވެ. ނޫނީ ރީމާ އިޝާރާތުން ބުނި ވާހަކައެއް އޭނާއަށް ނުވިސްނުނީ ކަން ނޭނގެ އެވެ. އެހެން ނޫންނަމަ ރީމާ އެ ވަރަށް އެ ކުރި ހަރަކާތްތަކުން އޭނާ އެ ވާހަކަ ހުއްޓާނެ އެވެ.

"އާނ، އަސްލު ގެޔަށް ޑްރޮޕްކޮށްލަން ބުނަން." ރީމާއަށް މަޖުބޫރުވީ ވާހަކައެއް ހަދައިލާށެވެ.

"ބަލަ ޑޭޓަށް އަންނައިރު..." ޝަރުވާނު ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ ހަމްދާނުގެ މޫނަށެވެ.

"ނޮޓްއަ ޑޭޓް އިނގޭ. މި ވައުދު ފުއްދުމެއް." ޝަރުވާނުގެ މޫނު މަތިން ކުލަވި ސުވާލުގެ ޖަވާބު ދިނީ ރީމާ އެވެ.

"މިހާރު ރިޔާސީ ވައުދުގައި ވެސް ޑޭޓުކުރާ މީހުންނަށް އިނާޔަތާއި އެލަވަންސް ލިބޭ ގޮތަށް ހަމަޖެއްސީތަ؟" ޝަރުވާން ހިނިގަނޑެއް ޖަހައިލި އެވެ.

ރީމާ ވެސް ހިނިތުންވެލި އެވެ. އޭނާ ބަލައިލީ ހަމްދާނުގެ މޫނަށެވެ. ހަމްދާނު އިނީ ފާޑަކަށް ރަކިވެފަ އެވެ. ލަދުގަނެފަ އެވެ. ރީމާއަށް ވިސްނައިލެވުނެވެ. އޭނާއަށް ވިސްނައި ނުލައި ބުނެވުނު ބަހުގެ ސަބަބުން ހަމްދާނުގެ މޫޑު ބަދަލުވި ކަމެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔަ އުފާވެރިކަމާއި ތާޒާކަން ގެއްލުނު ކަމެވެ.

"އޯކޭ! ކިހާ އިރަކު ނިންމާލާނީ؟" ޝަރުވާނު އަހައިލި އެވެ.

"ޝަރޭ ދޭ! އަހަރެން ރީމާ ގެއަށް ލައިދޭނަން." ހަމްދާނު ހިތުގައި އޮތް ޖުމުލަ އަނގައިން ބޭރުވީ ގަދަ ކަމުންނެވެ.

ޝަރުވާނު ބަލައިލީ ސީދާ ހަމްދާނުގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ރީމާގެ މޫނަށެވެ. ރީމާ ލޮލުން ހަރަކާތެއް ކޮށްލިއެވެ. ދާށޭ ބުނާ ފަދަ ގޮތަކަށެވެ. އެކަމަކު ފޯނަށް ސަމާލުވާން ވާނެ ކަމަށް އިނގިލިން އިޝާރާތްކޮށްލި އެވެ.

"ރީ! ކަމެއް ބޭނުން ވަންޏާ ބުނެލާތި!" ޝަރުވާނު ކޮޅަށް ތެދުވެ ފަސް އެނބުރި ބަލައިލަމުން ބުނެލި އެވެ.

ބަދަލުގައި ރީމާ ބޯ ޖަހައިލަމުން ހިނިތުންވެލި އެވެ. ޝަރުވާން ނުކުންނަންދެން އޭނާގެ ހަރަކާތްތަކަށް ބަލަން ހަމްދާނު އިނެވެ. އެކަން ރީމާ ދެނެގަތެވެ.

"ރީމާއަށް އަހަންނަށް އިތުބާރެއް ނުކުރެވޭ ދޯ." ހަމްދާނު އަހައިލި އެވެ.

"ކިހިނެއްވީ؟" ޖަވާބު ދިނުމުގެ ބަދަލުގައި ރީމާ ބަލައިލީ ހަމްދާނުގެ މޫނަށެވެ.

"އަހަންނަށް އެނގޭ ރީމާއަކީ ކާކުކަން؟" ހަމްދާނު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ބަދަލުގައި ރީމާގެ ދެ ބުމަ ކައިރިކޮށްލި އެވެ. އޭނާ ތުންފަތަށް ބާރުކޮށްލަމުން ހަމްދާނުގެ މޫނަށް ފުން ނަޒަރަކުން ބަލައިލި އެވެ. ހަމްދާނު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އޭނާ އިނެވެ. ކުލާހުގައި ރީމާ ބާކީ ކޮށްލާ ވާހަކަ އެވެ. އޭނާ ލައިގެން ހުންނަ ހެދުމަށް ޖޯކު ޖަހާ ވާހަކަ އެވެ. ގަޔަށް ދޫ ކަޅު ހެދުން ލާތީ އެ ކަމަށް އެހެން ކުދީން މަލާމަތްކުރާ ވާހަކަ އެވެ. އާދައިގެ ގޮތަކަށް ބުރުގާ އަޅާތީ އެކަމަށް ކުދި ކިޔާ ވާހަކަތަކެވެ.

"އެއީ އަސްލު އަހަރެން. އަހަރެން އަހަންނަށް ވަނީ އެ ގޮތަށް ހުރީމަ." ރީމާ ފަހުރުވެރިކަމާއެކު ބުނެލި އެވެ.

"އަހަރެން ތިކަމާ ދެކޮޅެއް ނޫން. އަހަރެން މި ކިޔައި ދިނީ ކުލާހުގެ ކުދިން ރީމާ ލޭބަލްކޮށްފަ ހުންނަ ގޮތް،" ހަމްދާނު ހިނިތުންވެލި އެވެ. "މީހާ ހެދުން އަޅާ ގޮތުން ވެސް މީހާގެ ޕާސަނަލިޓީ ދައްކުވައިދޭނެ ދޯ!"

"ތިކަން އެނގޭތާ އެންމެނަށް ވެސް." ރީމާ ރުންކުރު ރާގެއްގައި ބުނެލި އެވެ.

"އަހަރެން ކަމަކަށް އެދެފި ނަމަ އެކަން ކޮށްދޭނަންތަ؟" ހަމްދާނު ނޫން ކަމަށް ހެދި އިނދެ އަހައިލި އެވެ.

"އަހަރެންގެ ސްޓައިލް ބަދަލުކޮށް ޖީންސާއި ޓޮޕު ލާން ބުނަންތަ ތިއުޅެނީ؟" ރީމާ އެއް ނޭވާއިން އަމުނައިލި އެވެ.

"އެހެން ބުނެފިއްޔާ..." ހަމްދާނު ހުއްޓައިލި އެވެ.

"އަހަރެންގެ މި ސްޓައިލް ބަދަލު ކުރެވޭނީ އެއްމެ މީހަކަށް." ރީމާ އަޒުމާއެކު ބުނެލި އެވެ.

ހަމްދާނު ލޮލަށް ގޮތެއް ހަދައިލި އެވެ. އޭނާ އިނގިލި ޖައްސާލީ ފޯނުގަ އެވެ. އެއާއެކު ފޯނުގެ ސްކުރީނުގެ އަލި ހަމްދާނުގެ މޫނަށް އެޅުނެވެ. ރީމާ ބަލައިލީ ހަމްދާނުގެ ރީތި މޫނަށެވެ. އެއާއެކު ރީމާގެ އިހުސާސްތައް ގަނޑުވި ކަހަލަ އެވެ. އޭނާގެ ވިންދު ހުއްޓުނު ކަހަލަ އެވެ. ދައްކަމުން ދިޔަ ވާހަކަތައް ހަނދާންނެތި މައުލޫ އޮޅުނު ކަހަލަ އެވެ.

"އެ ކާކު ބާ؟" ފޯނަށް ބަލައިގެން އިނދެ ހަމްދާނު އަހައިލި އެވެ.

ރީމާއަށް އެ އަޑެއް ނީވުނެވެ. އޭނާ އިނީ ހުއްޓުން އަރައިފަ އެވެ. ފާޑަކަށް ގަނޑުވެފަ އެވެ. ހިމޭން ވެފަ އެވެ.

"އަހަރެން ބުނީ އެއީ ކޮން ނަސީބުވެރިއެއް ހޭ؟ ބުނަން ބޭނުން ނެތިއްޔާ އަޅައި..." ހަމްދާނު ބަލައިލީ ރީމާގެ މޫނަށެވެ.

ރީމާއަށް ވެފައި އިން ގޮތް ފެނިފައި ހަމްދާނު ވެސް ހައިރާންވި އެވެ. ރީމާގެ އަނގަ ހުޅުވި ހަރަކާތްތައް ހުއްޓިފައި ހުރި ގޮތުން ހަމްދާން ދެ ލޯ ބޮޑުވި އެވެ.

"ރީ! ރީމާ." ވައި އަޑުން ހަމްދާނު ރީމާއަށް ގޮވާލަމުން އޭނާގެ މޫނަށް އިނގިލިން ޗޮކެއް ކަނޑައިލި އެވެ.

ރީމާ ސިހިފައި ބަލައިލި އެވެ. ފާޑަކަށް ރަކިވެ މޫނުގައި އަތް އަޅައިލެވުނެވެ.

"ކޮން ދުނިޔެއަކަށް ގެއްލުނީ؟" ހަމްދާން ހިނިތުންވެލި އެވެ.

"ކަމެއް ހަނދާންވީ."

"މެސްމެރައިޒްވީތަ؟"

"އެހެންތޯއްޗެއް އެވީ!" ރީމާ އިސް އުފުލައިލަން ވެސް ނުކެރި އިނދެ ބުނެލި އެވެ.

"އެކޮން ކަމެއް ކަން ބުނެލަ ދެވިދާނެތަ؟"

ހަމްދާނު އުޅުނީ ރީމާ ކޮނެލެވޭތޯ އެވެ. ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ރީމާ ލައްވާ ވާހަކަ ދެއްކުވޭތޯ އެވެ. އޭނާގެ ހިތުގައި ހަމްދާނަށް އެއްވެސް ޖާގައެއް އޮތްތޯ ޔަގީންކޮށްލާށެވެ.

"ރީމާ ގަޔާވާ މީހަކު އެބަހުރިތަ؟" ހަމްދާނު އަހައިލި އެވެ. "މި ބުނީ ބިޓެއް ހުރޭހޭ."

ރީމާ ބޯ ހޫރައިލި އެވެ. ނެތްކަން އަންގައި ދިނުމަށެވެ.

"ލޯބިވާ މީހަކު އެބަހުރި ދޯ! އެ ކަމަކު އެ ވާހަކަ ބުނާކަށް ނުކެރޭ ދޯ."

"ކިހިނެއް ހަމްދާނަށް..."

"ރީމާ! ތިމާ އެ މީހަކު ދެކެ ލޯބިވަންޏާ އެމީހާ ގާތުގައި ބުނަންވާނެ. ބުނުމަކީ މައްސަލައެއް ނޫނޭ. މީހަކު ދެކެ އަނެއް މީހާ ލޯބިވުމަކީ ފާފައެއް ނޫނޭ. އެއީ އަޒާބަށް ތިމާ ހުށަހެޅޭނެ ކަމެއް ނޫނޭ." ހަމްދާން އޯގާތެރިކަމާއެކު ރީމާއަށް ނަސޭހަތުގެ ރާގުގައި ބުނެލި އެވެ.

"އެއީ ނުވާނެ ކަމެއްކަން ޔަގީންވާ އިރުވެސްތަ؟ ހަނގުރާމަކޮށްގެން ލޯބި ހޯދަން ޖެހޭ އިރުވެސްތަ؟" ރީމާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.

"އެއް ނަޒަރަކުން ބަލާއިރު، ހަނގުރާމަ ކޮށްގެން ހޯދޭ ލޯބީގެ އަސަރު ގަދަވެފައި އެ ލޯބިން ތިމާއަށް ދުނިޔެ ފެންނާނެ. ސަމުސަލަށް އަރާ ލޯބި ބީވާލެއް އަވަސްވާނެ. އެހެންނެއްނު ވާނީ، އެ ކަހަލަ ލޯބީގައި އެއްވެސް ތާރީހެއް ނޯންނާނެއްނު. ހަނދާންތަކެއް ނުހުންނާނެއްނު ދޯ. ޖަޒުބާތެއް އިހުސާސެއްގެ ހަނދާނެއް ނުހުންނާނެއްނު." ހަމްދާނު ތަޖުރިބާގެ އަލީގައި ބުނެލި އެވެ.

"އެކަމަކު ތިބުނާ ކަހަލަ ލޯބި ހޯދަން މަސައްކަތް ކުރި މީހުންނަކީ އެއް ނަޒަރަކުން ބަލާއިރު ވަރަށް ނާކާމިޔާބު ބަޔެއް." ރީމާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"މާނައަކީ؟ ކޮބާ، ހެއްކަކީ؟"

"މުޅީން ވެސް ހެކި ފެންނާން މި ހުރީ. ދޮންހިޔަލައާއި އަލިފުޅު. ރޯމިއޯއާއި ޖޫލިއެޓް. މި ހުންނަނީ ހައްތަހާ ވެސް ނާކާމިޔާބު ލޯބިވެރިން. އެކަމަކު އެ މީހުންގެ ނަން މަޝްހޫރު މީހުން." ރީމާ ތުންފަތަށް ގޮތެއް ހަދައިލި އެވެ.

"ރީމާގެ ތި ދައުވާއަށް އަހަންނަށް ރައްދެއް ނުދެވޭނެ ކަންނޭނގެ."

"އެ މީހުންނަކީ ލޯތްބަށް ޓަކައި ފިދާވި މީހުންނޭ ކިޔަނީ. ކޮބާ އެއިން އެ މީހުންނަށް ލިބުނު އުފަލެއް؟ ހިތްހަމަ ޖެހުމެއް؟ ނެތެއްނު. ލޯތްބަށްޓަކައި ގުރުބާން ވުމަކީ ބޭކާރު ކަމެއް. އެހެންވެ މި ބުނަނީ އެއީ އަސްލު ލޯބީގައި ނާކާމިޔާބުވެފައި ތިބި މީހުންނޭ." ރީމާ މަސައްކަތްކުރީ އޭނާ ދައްކަމުންދާ ވާހަކަ ސާބިތުކޮށްދޭށެވެ.

"އެހެންވީމަ ރީމާއަކީ އެކަހަލަ މީހެއް ދޯ؟"

ހަމްދާނު މަސައްކަތްކުރީ ރީމާ ދެއްކި ވާހަކަ އާއި އޭނާ ކުރިން ބުނި ވާހަކައާ ގުޅުވާލައިގެން ރީމާގެ ހިތުގައި އޮތް އެއްޗެއް ބޭރުކުރާށެވެ. އޭނާގެ ހިތުގެ ބަތާނައިގައި އަތްފުނާ އަޅައިގެން ނަމަވެސް ހިތް ބަލާށެވެ.

"ކީއްވެ އެހެން ވާނީ؟" ރީމާ ފާޅުގައި ދެކޮޅު ހެދި އެވެ.

"އެހެން ވީމައެއްނު ލޯބިވާކަން ސިއްރުކޮށް ވަންހަނާ ކުރާނީ. ލޯބިވާކަން ހާމަކޮށް، އެ ލޯބި ހުށަހަޅަން ނުކެރިގެން ތިޔަ އުޅެނީ." ހަމްދާނު ހީނލި އެވެ.

"އަދި ހިތުގައި މީހަކަށް ހާއްސަ ގަދަރެއް ދެވުމަކީ ލޯބިވުންތަ؟ އެ މީހާގެ ހަރަކާތްތަކަށް ފާރަވެރިވުމަކީ ލޯބިވުންތަ؟ މީހަކު އުޅޭ ގޮތް ބެލުމާއި އޭނާގެ މީރުވަސް ދުވާ ހިސާބުގައި އުޅޭ ހިތްވުމަކީ ލޯބިވުން ކަމަށް މާނަކުރެވިދޭނެތަ؟" ރީމާ ހިތް ހުޅުވަމުން ދިޔަ އެވެ.

"އެއީ ގަޔާވުން، ހިތް އެދުން،" ހަމްދާނު ފުރުސަތުގެ ބޭނުން ހިފި އެވެ. "އެއީ ލޯބިވާކަމުގެ ނިޝާންތައް، އެކަމުގެ ހެކިތައް. ތިމާއަށް ނޭނގި ނަމަވެސް އެ މީހާގެ މައްޗަށް ހިތްލެނބެމުންދާ ކަމުގެ ކުލަވަރު. އެނގޭތަ! އެ ހުރިހާ އިހުސާސްތަކެއް އެއް ލަފުޒުން ބުނެދޭން ބޭނުންކުރާ ބަސްކޮށާރަކީ ލޯބި. ލޯބިވުން."

"ހަމްދާނު ދިވެހި ބަހަށް ވެސް ހާދަ ކުޅަދާނައޭ ދޯ!" ރީމާ މައުލޫ ބަދަލު ކޮށްލާން ވިސްނި އެވެ.

"މިހާރު އެއްކަލަ އެހެން ދިމާއަކަށް ވާހަކަ ބަދަލުކޮށްލާން އުޅެނީއޭ،" ރީމާގެ ވިސްނުން ހަމްދާނަށް ދެނެގަނެވުނެވެ. "ދެން އެ ނަސީބުވެރިއަކީ ކާކުކަން ބުނެދޭންވީނު."

"ކާކު މަ ކަހަލަ ރާއްޖެތެރޭ، ކަޅު ކަޅު މީހަކު ދެކެ ލޯބި ވާނީ؟ މަށަކީ މީހުން ގަޔާވާ ކަހަލަ އެއްވެސް ސިފައެއް. އެއްވެސް ރީތި ގޮތެއް ހުރި މީހެއް ނޫން. މި އެންމެ ކުޑައިރުން ފެށިގެން އަހަންނަށް އިވޭ ބަސްބަސް. ތަކުރާރުވާ ތައުރީފުތައް." ރީމާ ފެންކަޅިވި އެވެ. (ނުނިމޭ)