Advertisement

ތިން އިރު ބޭސް ކާން ޖެހޭ، ރޯދަ މަހު ހަދާނީ ކިހިނެއް؟

7 އޭޕްރީލް 2022 - 08:13 0

ޑރ. ސަލްމާން ނިޡާމް

ޑރ. ސަލްމާން ނިޡާމް


ތިން އިރު ބޭސް ކާން ޖެހޭ، ރޯދަ މަހު ހަދާނީ ކިހިނެއް؟

7 އޭޕްރީލް 2022 - 08:13 0

ދިގު މުއްދަތަކަށް ބޭސްކާންޖެހޭ ބަލިތަކަށް ފަރުވާ ހޯދާ މީހުން މަދެއް ނޫނެވެ. މިފަދަ ގިނަ މީހުން ބޭސް ކަމުންދާނީ އާންމު ގޮތެއްގައި ދެ އިރު ނޫނީ ތިން އިރު އެވެ. އާދަކާދައިގެ މަތިން ބޭސް ބޭނުންކުރާނީ ހެނދުނާއި މެންދުރާއި ރޭގަނޑެވެ. ނަމަވެސް ރޯދަ މަހު އެ ހުރިހާ ވަގުތެއްގައި ބޭސް ބޭނުމެއް ނުކުރެވޭނެ އެވެ. ފަތިހުގެ އަލިކަމުން ފެށިގެން އިރު އޮއްސެންދެން ކެއުމާއި ބުއިމާ ދުރުގައި ތިބޭ ގޮތަށް މުސްލިމުންގެ މި ވާޖިބު އަދާ ކުރަމުން ވެސް ބޭސް ބޭނުން ކުރެވޭނެ ގޮތެއް އޮންނާނެ އެވެ. އެ ކަމަށް ތާވަލެއް ހެދިދާނެ އެވެ.

ތައިރޮއިޑް ބޭސް

މިއީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުމުގެ ސަބަބުން އެ ގްލޭންޑުން އުފައްދާ ހޯމޯން މަދުވެ ދިމާވާ ޢާލާމާތްތަކުގެ ފަރުވާއަށް ބޭނުންކުރާ ބޭހެކެވެ. މިއީ ހޯމޯނެކެވެ. ތައިރޮއިޑް ބޭހަކީ އާންމު ގޮތެއްގައި ކެއުމުގެ ކުރިއަށް ކާން ޖެހޭ ބޭހެކެވެ. ބަނޑު ބަހައްޓަން ޖެހެނީ ހުހަށެވެ. ބޭސް ބޭނުން ކުރުމަށް ފަހު، ކާން ޖެހޭނީ 40 މިނެޓް، ނޫނީ 60 މިނެޓް ފަހުންނެވެ. އާންމު ގޮތެއްގައި ހެނދުނު ހޭލާފައި މި ބޭސް ކާން ޑޮކްޓަރުން އިރުޝާދު ދެ އެވެ. އޭގެ ގަޑިއިރެއް ފަހުން ހެނދުނު ސައި ބޯ ގޮތަށެވެ.

ރޯދަ މަހު ގެންނަންވީ ބަދަލަކީ، ހާރު ކެއުމުގެ 40 މިނެޓް ނޫނީ 60 މިނެޓް ކުރިން ބޭސް ކެއުމެވެ. ނޫނީ ނިދުމުގެ ކުރިން ކެވިދާނެ އެވެ. ހާރު ވަގުތު ހޭލައިގެން ހާރު ކާނީ އެވެ. ރޯދަ ވީއްލާ ވަގުތު ވެސް ކަދުރުކޮޅަކުން ރޯދަ ވީއްލުމަށް ފަހު މި ބޭސް ބޭނުންކުރުން އެންމެ ރަނގަޅެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ 40 މިނެޓް ފަހުން ކާސް ފެށުމަށެވެ.

ހިތުގެ ބައްޔާއި ކިޑްނީ ބަލީގެ ބޭސް

ހިތުގެ ބައްޔާއި ކިޑްނީ ފަދަ ބަލިތައް ހުންނަ މީހުނަކީ އާންމު ގޮތެއްގައި އެކި ޒާތުގެ ބޭސް ކާ މީހުނެވެ. އެ ކާ ޒާތުގެ ބޭހާއި އެ ބޭސް ކާ ވަގުތަށް ރިއާޔަތްކޮށް ރޯދަ މަހު ބޭސް ކާނެ ވަގުތުތައް ތާވަލުކޮށްލެވިދާނެ އެވެ.

ހިތުގެ ބަލި ހުންނަ މީހުން، ލޭ ދިޔާ ކުރާ ބޭސް އާންމުކޮށް ކާން ޖެހޭނީ މެންދުރު އެވެ. ރޯދަ އެ ބޭސް ރޭގަނޑަށް ބަދަލު ކުރުމަކީ މައްސަލައެއް ނޫނެވެ.

ފުއްޕާމެއަށް ފެން ވަނުމުން ނޫނީ ފައި ދުޅަވުން ފަދަ ކަމެއް ދިމާވާނަމަ ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް އަދި ކިޑްނީ ބަލި ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހަށިގަނޑުގެ ފެންތައް ދަށްކޮށްލާ ބޭސްތަކެއް ދޭނެ އެވެ.

އާންމު ގޮތެއް މި ބޭސް ދެނީ ދުވާލަކު ދެ އިރު ކެއުމަށެވެ. އެއީ ހެނދުނާއި މެންދުރަށެވެ. ބައެއް ހާލަތްތަކުގައި ތިން އިރަށް ވެސް ދެ އެވެ. ރޯދަ މަހު މި ބޭސް ބަދަލުކޮށްލަންވީ ހާރު ވަގުތަށާއި އޭގެ ކުރީގެ ވަގުތަކަށެވެ. ރޯދަ ވީއްލާއިރާއި އިރާކޮޅު މި ބޭސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އެއީ މި ބޭސް ކެއުމުން ކުޑަކަމު ދިއުން އިތުރުވާތީ، އިރުއިރުކޮޅާ ކުޑަކަމުދާން ހޭލާންޖެހި ރޭގަނޑުގެ ނިދި ހަރާބުވުމަކީ ގާތް ކަމަކަށް ވާތީ އެވެ. އެންމެ މުހިންމީ ބޭސްކުރައްވާ ޑޮކްޓަރުގެ މަޝްވަރާ ހޯދައިގެން ބަދަލުގެނެވޭނަމަ ބަދަލުގެނެސްގެން ބޭސްކެއުމެވެ.

ޕްރެޝަރު ދަށްކުރާ ބޭސް

ޕްރެޝަރު މައްޗަށް ދާތީ ދީފައި ހުންނަ ބޭސްތައް ކެއުމުގައި ތިމާގެ ހާލަތަށް ރިއާޔަތް ކުރުން މުހިންމެވެ. ރޯދަ މަސް އަންނަ އިރު ޕްރެޝަރު ކޮންޓްރޯލް ނަމަ، ދެ އިރު ބޭސް ކާން ޖެހޭ މީހަކު ރޯދަ ވީއްލާ ވަގުތާއި ހާރު ކާ ވަގުތު ބޭސް ކެވިދާނެ އެވެ.

ޕްރެޝަރު މަތިވާ ކަމަށް ނުވަތަ މާ ބޮޑަށް ދަށްވާ ކަމަށް ގަބޫލު ކުރެވޭނަމަ ޑޮކްޓަރުގެ އިރުޝާދު ވީހާވެސް އަވަހަކަށް ހޯދަން ވާނެ އެވެ. ޑޮކްޓަރާ ވާހަކަ ދައްކައިގެން ބޭހުގެ ޑޯޒު މަދު ވެސް ކޮށްލެވިދާނެ އެވެ. ޕްރެޝަރުގެ އާލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ފަދަ ކަންކަން ހެމެނެ އެވެ.

އެންޓި ބައޮޓިކް

ބެކްޓީރިއާއެއްގެ ސަބަބުން ހަށިގަނޑުގައި ޖަރާސީމު އުފެދިއްޖެނަމަ އެންޓި ބައޮޓިކް (ޖަރާސީމު މަރާ ބޭސް) ކާންޖެހެ އެވެ. ބައެއް ފަހަރު އެ ޖަރާސީމެއްގެ ގޮތުން ބޭސް ދޭނީ އެއްއިރު ނޫނީ ދެއިރު ނުަވަތަ ތިންއިރު ކާގޮތަށެވެ. ރޯދަ މަހު މީހަކު ބަލިވެ ޖަރާސީމު މަރާ ބޭހެއް ކާންޖެހޭ ފަދަ ހާލަތަކަށް ގޮސްފިނަމަ ދުވާލަކު އެއް ފަހަރު ކާ ބޭހަކުން އެ އިންފެކްޝަނެއް ނައްތާލެވޭ ނަމަ އެގޮތަކީ އެންމެ ފަސޭހަ ގޮތެވެ. ރޭގަނޑު އެއް ފަހަރު ކާނީ އެވެ. ރޯދަ މަހު ހާއްސަކޮށް ތިންއިރު ކާން ޖެހޭ ބޭސް ނުދެވޭތޯ ޑޮކްޓަރުން ވަރަށް ބަލާނެ އެވެ.

އެންޓި ބައޮޓިކެއް ކާން ޖެހިއްޖެނަމަ އޭގެ ޑޯޒް ފުރިހަމަ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ޑޯޒު ފުރިހަމަ ނުކޮށްފިނަމަ އެހެން ފަހަރަކު އެ ބޭސް ކެމުން އެދެވޭ އަސަރެއް ނުކޮށްފާނެ އެވެ. ބެކްޓީރިއާތައް އެ ބޭހަށް ހޭނި އެ ބޭހަށް ގުޑުން އެރުން ހުއްޓިދާނެ އެވެ. އޭރުން ވަރަށް ވަރުގަދަ ބޭހެއް ދީގެން ނޫނީ ސަލާމަތް ވުން ދުރުވާނެ އެވެ.

އަބަދުވެސް ބަލީގެ ހާލަތު އެނގުން މުހިންމެވެ. ބަލި ހާލަތު އޭރަކު ހުންނަ ގޮތަކާމެދު ޑޮކްޓަރުންގެ ލަފައާއި މަޝްވަރާ ހޯދަން ވާނެ އެވެ. ރޯދަ މަހު ބޭސްތައް ކާނެ ތާވަލު އެކުލަވާލަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު އެ ކަމުގައި ހޯދައިގެނެވެ.