Advertisement

ރަށު ނޯޓު: ކޮލަމާފުށި

5 އޭޕްރީލް 2022 - 12:17 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ގއ. ކޮލަމާފުށި: ރަށުގެ ޖުމުލަ އާބާދީ 1،600 އަށް ވުރެ އިތުރުވެފައިވީ ނަމަވެސް، ރަށުގައި ދިރިއުޅެނީ 600 މީހުން. އެހެން މީހުން ވަޒީފާތަކާއި އެހެން ބޭނުންތަކުގައި ދިރިއުޅެނީ މާލެ އާއި ރިސޯޓްތަކާއި އެހެން ރަށްރަށުގައި. --ފޮޓޯ: އަބްދުﷲ އަބީދު


ރަށު ނޯޓު: ކޮލަމާފުށި

5 އޭޕްރީލް 2022 - 12:17 1

ޖުމުލަ ބޮޑު މިނުގައި 38.5 އަކަ ކިލޯމީޓަރު ހުންނަ ހުވަދުއަތޮޅުގެ މޫނުމަތީގައި އެ އޮންނަ ރަށަކީ ކޮލަމާފުށްޓެވެ. ހުވަދުއަތޮޅު އުތުރުބުރީ (ގއ) ކޮލަމާފުށީގެ ބޮޑުމިނަކީ 34.6 ހެކްޓަރެވެ. މިއީ ހުވަދުއަތޮޅުގައި ހަތް ވަނަ އަށް އެންމެ ބިން ބޮޑު ރަށެވެ. ރަށަށް ދެވިފައިވާ ނަންބަރަކީ ޕީ-1 އެވެ. ހުވަދުއަތޮޅު އުތުރުބުރީގެ ފުރަތަމަ ރަށެވެ.

ކޮލަމާފުށީގައި މީހުން އާބާދުވި ޒަމާނެއް ތާރީހުން އެނގޭކަށް ނެތެވެ. ރަސްމީ ލިޔެކިޔުންތައް ބަލަހައްޓަން ފެށި ޒަމާނުއްސުރެ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކޮލަމާފުށި ލިސްޓުކުރެވިފައި އޮވެ އެވެ.

ނަވާރަ ސަތޭކަ އައްޑިހަ ފަސް ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ކޮލަމާފުށީގެ އާބާދީއަކީ 745 އެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން މި ރަށުގެ ޖުމުލަ އާބާދީއަކީ 1668 މީހުންނެވެ. އެއީ 810 އަންހެނުންނާއި، 858 ފިރިހެނުންނެވެ. ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި 32 އަހަރުގެ ތެރޭގައި އާބާދީއަށް އިތުރުވީ 923 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ކޮލަމާފުށީގެ އާދާބީއަކީ 1681 އެވެ. އެ ނިސްބަތުން ބަލާއިރު، 2017 ގެ ފަހަށް ވެއަތުވެދިޔަ ފަސް އަހަރު އާބާދީއަށް އިތުރުވީ 13 ބޮލެވެ. ރަށުގެ ރަޖިސްޓްރީގައި 1681 މީހުން ހިމެނިފައި އޮތަސް ރަށު ކައުންސިލްއިން ދިން މައުލޫމާތަށް ބަލާއިރު، މި ވަގުތު ރަށުގައި ދިރިއުޅެނީ 670 މީހުންނެވެ. ވަޒީފާއާ ތައުލީމު ފަދަ ބޭނުންތަކަށްޓަކައި 1011 މީހުން ދިރިއުޅެމުން ގެންދަނީ ރަށުން ބޭރުގަ އެވެ. ވޭތުވެދިޔަ 2021ގެ ނިޔަލަށް ބަލާނަމަ، ރިސޯޓުތަކުގައި 87 މީހުން ވަޒީފާ އަދާކުރަމުން ގެންދެ އެވެ.

ކޮލަމާފުށީގެ ޖުމުލަ އާބާދީގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި 25 މީހުން ދަފުތަރު ކުރެވިފައި ވެއެވެ. އެއީ 12 ފިރިހެނުންނާއި، 13 އަންހެނުންނެވެ.

ގއ. ކޮލަމާފުށީ ބަނދަރުގައި ރަށުގެ މަސް ދޯނިތައް އަޅާފައި: މަސްވެރި މި ރަށުގައި މަހަށް ފުރާ އޮތީ ފަސް ދޯނި. -- ފޮޓޯ: އަބްދުﷲ އަބީދު


ރަށަށް އާމްދަނީ ލިބޭ އަސާސީ މަސައްކަތަކީ މަސްވެރިކަމެވެ. މިވަގުތު މި ރަށުގައި އޮތީ މަހަށް ދުއްވާ ފަސް އުޅަނދެވެ. ސައިޒުން ބޮޑެތި މި އުޅަނދުތައް މާކަނޑަށް ނުކުންނަނީ ކޮންމެ އުޅަނދެއްގައި 25 އާ 30 އާ ދެމެދުގެ އަދަދަކަށް ފަޅުވެރިން ތިބެގެންނެވެ.

ރަށުގައި އާންމު ވިޔަފާރީގެ 35 ފިހާރަ ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް ގަވާއިދުން ހިންގަނީ ހަ ފިހާރަ އެވެ. ކެއިންބުއިމުގެ ހިދުމަތް ދޭ ތިން ކެފޭއެއް މި ރަށުގައި ހިންގަ އެވެ. ރަޖިސްޓްރީކޮށްގެން މި ވަގުތު ހިންގަނީ އެންމެ ގެސްޓްހައުސް އެކެވެ. އެހެން ނަމަވެސް، ރަށު ކައުންސިލްއިން މައުލޫމާތު ބުނި ގޮތުގައި އިތުރު ތިން ގެސްޓްހައުސްއެއް ރަޖިސްޓްރީކުރުމަށް ތައްޔާރު ކުރެވެމުން ދެ އެވެ. މި އަހަރު ތެރޭގައި އެ ގެސްޓްހައުސްތަކުގެ ހިދުމަތް ފެށޭނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.

ކޮލަމާފުށީގައި މިވަގުތު ހިނގަމުންދާ ތަރައްގީގެ އެންމެ މުހިންމު ޕްރޮޖެކްޓަކީ ރަށުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓެކެވެ. މަސްވެރިކަމަށް ބަރޯސާވެފައި އޮތް، އަދި ރާއްޖޭގެ ނިސްބަތުން ބޮޑެތި އުޅަނދު ގެންގުޅޭ މިރަށަށް ރަނގަޅު ބަނދަރެއް މުހިންމު ވަނީ ހަމައެކަނި މިރަށުގެ އުޅަނދުތަކަށް އެކަންޏެއް ނޫނެވެ. ކޮލަމާފުށި އޮތީ ހުވަދުއަތޮޅުގެ މޫނުމަތީގައި ކަމަށްވާތީ ރަނގަޅު ބަނދަރެއްގެ މުހިންމުކަން ބޮޑު ވެއެވެ.

ކޮލަމާފުށީގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫއުއެއް މިރަށުގައި ހިންގުމަށް ސަރުކާރުން ނިންމާފައި އޮތްނަމަވެސް އަދި އެ މަޝްރޫއު އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ. ރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ. ދަތުރުފަތުރުގެ ގައުމީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އައުޓް ޑޯ ޖިމްގެ މަސައްކަތާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުން ދެއެވެ.

ކޮލަމާފުށީގައި ސިއްހީ މަރުކަޒެއް ހުރެ އެވެ. މަރުކަޒުގައި ހިދުމަތްދެނީ އެންމެ ޑޮކްޓަރެކެވެ. ޑޮކްޓަރު ލިޔެދޭ ބޭސް، ރަށުގައި ގާއިމުކުރެވިފައި ހުރި އެސްޓީއޯގެ ފާމަސީއިން ލިބޭނެ އެވެ.

އަތޮޅުގެ އެހެން ރަށްތަކާ ވަކިން މާ ދުރުގައި އޮންނަ ކޮލަމާފުއްޓަކީ ރީތި ހިތްގައިމު ރަށެއް. -- ފޮޓޯ: އަބްދުﷲ އަބީދު


ކޮލަމާފުށްޓަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. އެ ރަށަކީ މުޅި އަތޮޅުގައިވެސް ވަކިން ދުރުގައި އޮންނަ ރަށެކެވެ. އެންމެ ކައިރިން މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ ވެރިކަން ކުރާ ވިލިނގިއްޔެވެ. އެރަށާއި، ކޮލަމާފުށްޓާ ދެމެދު 12 މޭލު ހުރެ އެވެ. ކޮންމެ ހަފްތާއަކު ދެ ދުވަހު އަތޮޅު ފެރީގެ ހިދުމަތް ލިބުނު ނަމަވެސް އެ ދުވަސްތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް އެ ފެރީ ދަތުރުކުރުމާއި، ފެރީގެ ދުވެއްޔަށް ބަލާއިރު އެ ފެރީގައި ދަތުރުކުރުމުގެ ތަކުލީފު ބޮޑުކަމަށް ރަށު ކައުންސިލުންވެސް ފާހަގަކުރެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްވެސް ތަޖުރިބާކުރަމުންދާ މިފަދަ ބައެއް ތަކުލީފުތަކާ އެކުވެސް، ކޮލަމާފުށްޓަކީ މަލަމަތި ރީތި، ވައިފެންހެޔޮ ފެންމީރު ރަށެކެވެ. ރަށުގެ މާހައުލުން ރީތި ދޮންވެލީގެ ގޮނޑުދޮށްތަކާއި، ހިތްގައިމު ޖައްވެއް ތަޖުރިބާ ކުރެވޭނެ އެވެ. ރަށުތެރެ އަމާންވެފައި ރަށްވެހީން ހެވެވެ. ރަށުގެ އާންމު ދިރިއުޅުން ހިތްފަސޭހަ އެވެ.