Advertisement

ވެން ހާލް ކެންސަރަށް ފަރުވާ ހޯދަނީ

4 އޭޕްރީލް 2022 - 10:56 0


ވެން ހާލް ކެންސަރަށް ފަރުވާ ހޯދަނީ

4 އޭޕްރީލް 2022 - 10:56 0

ދަ ހޭގް، ނެދަލޭންޑްސް (އޭޕްރީލް 4) - ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާކަން، ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗު ލުއީ ވެން ހާލް ހާމަކޮށްފި އެވެ.

އާރްޓީއެލް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވެން ހާލް ،70، ބުނީ މިހާތަނަށް ކީމޯ ތެރަޕީގެ 25 ރައުންޑް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޭމްޕްގައި ހުރިއިރު ވެސް، ކީމޯގެ ފަރުވާ ހޯދާފައިވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު، އޭނާ ކެންސަރަށް ފަރުވާ ހޯދަމުންދާކަން ޓީމުގެ ކުޅުންތެރިންނަށް ނޭނގޭނެ ކަމަށް ވެން ހާލް ބުނެފައިވެ އެވެ.

"ކުޅުންތެރިން ހީކުރަނީ އަހަރެން މިހުރީ ރަނގަޅު ސިއްހަތެއްގައި ކަމަށް. އެކަމަކު އެޔެއް ނޫން ހަގީގަތަކީ،" އަޔަކްސް އާއި މެންޗެސްޓާ ޔުނައިޓަޑާއި ބާސެލޯނާ އަދި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ވެން ހާލް ބުންޏެވެ.

"މިއީ މިހާރު އަހަރެންގެ ދިރިއުޅުމުގެ ބައެއް. ހަޔާތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ. މިއީ ވެސް އެފަދަ ކަމެއް."

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ވެން ހާލް ހަވާލުވީ ޔޫރޯ 2020ގެ ދެ ވަނަ ބުރުން ނެދަލޭންޑްސް ކެޓުމާ ގުޅިގެން ފްރޭންކް ޑެ ބޯ މަގާމުން ވަކިކުރުމަށް ފަހު އެވެ.

މި އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ހިމެނޭ ގުރޫޕް އޭގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު ގަތަރުގެ އިތުރުން ދެކުނު އެމެެރިކާ ކޮލިފައިން ބުރުގެ ހަތަރު ވަނަ އަށް ދިޔަ އެކުއެޑޯ އަދި އެފްރިކާގެ ޕްލޭއޮފް ބުރުން މިސްރު ކަޓުވާލުމަށް ފަހު ވޯލްޑް ކަޕްގެ ޖާގަ ހޯދި ސެނެގާލް އެވެ.

ވެން ހާލް ބުނީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ނަމަވެސް، މި އަހަރު އޮންނަ ވޯލްޑް ކަޕްގައި ނެދަލޭންޑްސަށް އިރުޝާދު ދިނުމުގައި ދެމިހުންނާނެ ކަމަށެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދާ ކަމަށް ވެން ހާލް އިއުލާންކުރުމާ ގުޅިގެން، އޭނާގެ ކުރީގެ ކްލަބުތަކާއި އެކި ކުޅުންތެރިންނާއި ކޯޗުން ވެސް ދަނީ ހިތްވަރުގެ މެސެޖެތުތައް ރައްދުކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ކުރިން ކޯޗުކޮށްދިން މެންޗެސްޓާ ޔުނައިޓަޑާއި ބަޔާން މިއުނިކްގެ ތަރިން ހިމެނެ އެވެ. -- އޭއެފްޕީ