Advertisement

އަންހެން ސަޕޯޓަރުން ދަނޑަށް ވަނުން އަނެއްކާ ވެސް މަނާކުރުމުން އިރާނަށް ފީފާ އަދަބެއްގެ ބިރު

31 މާރިޗު 2022 - 10:29 0

އިރާނުގެ އަންހެން ސަޕޯޓަރެއް ދަނޑުގައި: ލެބަނަންއާ ދެކޮޅަށް އިރާން ކުޅުނު މެޗަށް އަންހެން ސަޕޯޓަރުން ދަނޑަށް ވައްދަން ދެކޮޅު ހެދުމުން ފީފާ އިން އިރާނަށް ފިޔަވަޅު އަޅާފާނެ.-- ފޮޓޯ: އޭއެފްޕީ


އަންހެން ސަޕޯޓަރުން ދަނޑަށް ވަނުން އަނެއްކާ ވެސް މަނާކުރުމުން އިރާނަށް ފީފާ އަދަބެއްގެ ބިރު

31 މާރިޗު 2022 - 10:29 0

ތެހެރާން، އިރާން (މާޗް 31) - ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗެއް ބަލަން އަންހެނުން ދަނޑަށް ވައްދަން އިރާނުން އަނެއްކާ ވެސް ދެކޮޅު ހެދުމާ އެކު އެ ގައުމަށް ފީފާގެ އަދަބެއް އައުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އިރާންގެ މަޝްހަދު ސިޓީގެ އިމާމް ރެޒާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ލެބަނަން އަތުން 2-0 އިން އިރާން މޮޅުވި މެޗުގައި ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން ޓިކެޓް ގަތް ނަމަވެސް މެޗު ބަލަން ދަނޑަށް ނުވައްދަން ފަހު ވަގުތު އިރާންގެ އިސް އޮފިޝަލުން ނިންމި އެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލި ނަމަވެސް އެ ނިންމުން ބަދަލެއްނުވި އެވެ.

އިރާނުގެ ނިއުސް އެޖެންސީތަކުން ރިޕޯޓްކުރާގޮތުގައި 2000 އަށް ވުރެ ގިނަ އިރާންގެ އަންހެނުން ލެބަނަން އާއި އިރާން ކުޅޭ މެޗަށް ޓިކެޓް ގަނެ، ދަނޑަށް ވަންނަން ވެގެންދިޔަ އެވެ. އެކަމަކު، ފަހު ވަގުތު ދަނޑަށް ވަދެވޭ ގޮތެއްނުވެ، ޖެހުނީ އެނބުރި ގެއަށް ދާށެވެ.

އިރާންގެ ފުޓްބޯޅަ ހަރަކާތްތައް ފެޑެރޭޝަނެއްގެ ސިފައިގައި 1979 ގައި ފެށިގެން ގިނަ އަހަރުތަކެއް ވަންދެން އޮތީ އަންހެން ސަޕޯޓަރުން ދަނޑަށް ވަނުން މަނާކޮށްފަ އެވެ. އެކަމަކު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ފީފާ އިން ހަރުކަށި އިންޒާރަކާ އެކު އިރާނަށް އެންގީ އަންހެނުންނަށް ދަނޑަށް ވަނުމުގެ ހުއްދަދިނުމަށެވެ. އޭގެ ފަހުން މަދުމަދުން ނަމަވެސް އިރާނުން އައީ އަންހެން ސަޕޯޓަރުން ދަނޑަށް ވައްދަން ހުއްދަދެމުންނެވެ.

އީރާނުން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ ޖެނުއަރީ މަހު ވަނީ އަންހެން ސަޕޯޓަރުން ވައްދައިގެން ވޯލްޑް ކަޕް ކޮލިފައިންގައި އިރާގާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު، މި ހަފްތާގައި އަނެއްކާ ވެސް އަންހެން ސަޕޯޓަރުން ދަނޑަށް ނުވައްދަން އިރާނުން ނިންމި ނިންމުމާ ދެކޮޅަށް ފީފާ އިން އަޅާނެ ފިޔަވަޅެއް އަދި ސާފެއް ނުވެ އެވެ.

ފީފާގެ ޑިސިޕްލިނަރީ ގަވާއިދުގެ މާއްދާތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިރާނުން އަންހެން ސަޕޯޓަރުން ދަނޑަށް ނުވައްދައި، އެއް ކުށެއް ތަކުރާރުކުރާތީ ދެން ފީފާ އިން ދޭނީ ހަރުކަށި އަދަބެކެވެ. މާނަ އަކީ އެ މައްސަަލައިގައި އިރާނަށް އެކަށީގެންވާ ޖަވާބެއް ނުދެވިއްޖެނަމަ މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް އިރާން ކޮލިފައިވެފައިވީ ނަމަވެސް މުބާރާތުގެ ފުރުސަތު އެ ޓީމު އަތުން ނެގުމުންނެވެ.

ޔޫރަޕްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިރާނަށް ވޯލްޑް ކަޕުން ލިބިފައިވާ ޖާގަ ގެއްލިއްޖެނަމަ ފީފާގެ އުސޫލުގެ ތެރެއިން ފީފާ ރޭންކިން ކޯއެފިޝެންޓް ޕޮއިންޓަށް ބަލައި، އިޓަލީ އަށް ފުރުސަތު ދެވޭނެ ގޮތެއް އެބައޮތެވެ. އެކަމަކު، މިއީ އަދި ރަސްމީ އެއްވެސް އިދާރާ އަކުން ކަށަވަރުކޮށްދީފައިވާ ކަމެއް ނޫނެވެ.