30 މާރިޗު 2022 - 16:37 0
އަމަން ހަލީމް
ތިލަފުށީގައި އައިމާގެ މުވައްޒަފުން ހިންގި ކަމަށް ބުނާ ހަމަނުޖެހުމުގެ ތެރެއިން: މި މުވައްޒަފުން އަނބުރާ ގައުމަށް ފޮނުވާލީ ބޯޑަރު ބަންދުކޮށްފައި ހުރި ދުވަސްވަރު ފްލައިޓުތަކެއް ޗާޓަރުކޮށްގެން. -- ފޮޓޯ: ސޯޝަލް މީޑިއާ
30 މާރިޗު 2022 - 16:37 0
އައިމާ ކޮންސްޓްރަކްޝަނުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާ ދެކޮޅަށް ހުށަހެޅި އަބުރު ގެއްލުމާ ގުޅިގެން ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅި ދައުވާ ޓްރާންސްޕޭރެންސީގެ މައްޗަށް ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ފުރަތަމަ ލޮކްޑައުން ދުވަސްވަރު އައިމާ ކޮންސްޓްރަކްޝަނުގެ ދެ ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މުވައްޒަފުންތަކެއް ހަމަނުޖެހުން ހިންގި ކަމަށް ބުނެ ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު މުސާރަ ނުދީ ރާއްޖޭން ފޮނުވާލި ކަމަށް އެ ކުންފުންޏަށް ކުރެވުނު ތުހުމަތުތަކަކާ ގުޅޭ މައްސަލައެކެވެ.
މީޑިއާތަކުން ބޮޑު ސަމާލުކަމެއް ލިބުނު މި މައްސަލައިގައި 442 ބިދޭސީ މަސައްކަތްތެރިން ހިމެނެ އެވެ. އޭގެ ތެރެއިން 178 މީހުންނަކީ އިންޑިއާ މީހުންނެވެ. ބާކީ 264 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އައިމާ އިން މި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތް ކަމުގެ އަޑު ގަދަވީ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް ހާއްސަ ހުއްދަތަކާ އެކީ ފްލައިޓުތަކެއް ޗާޓަރުކޮށްގެން އެ އެންމެން ފޮނުވާލުމުންނެވެ.
ޓްރާންސްޕޭރެންސީން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ޝަކުވާ ހުށަހެޅީ މި މުވައްޒަފުން ފޮނުވާލީ ދޭން ޖެހޭ މުސާރަތައް ނުދީ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށް ބުނެ އެވެ. އައިމާ އިން ދައުވާ ކުރީ އެ ޝަކުވާ އާ ގުޅިގެން ޓްރާންސްޕޭރެންސީ ހާޒިރުކުރުމުން ކޮމިޓީގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
މި ދައުވާގައި އައިމާ އިން ބުނީ ކޮމިޓީގައި އެ ކުންފުނީގެ އަބުރަށާއި ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކުމުން އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
އެގޮތުން، މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000ރ. އާއި މާލީ ގެއްލުމުގެ ބަދަލު ޓްރާންސްޕޭރެންސީން ނަގައިދޭން އައިމާ އިން އެދުނެވެ. އެކަމަކު ދައުވާ ހުށަހެޅުމާ ހަމައަށް ލިބުނު މާލީ ގެއްލުމުގެ ހިސާބުތައް ނުނިމޭތީ، އައިމާ އިން އެދުނީ އެ ހިސާބުތައް ނިމުމުން މާލީ ބަދަލު ނަގައިދޭން ވަކި ދައުވާއެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.
ދައުވާއަށް އިންކާރު ކުރަމުން ޓްރާންސްޕޭރެންސީން ބުނީ މިއީ މަޖިލިހުގެ ކޮމިޓީއެއްގައި ދެއްކި ވާހަކަތަކަކާ ގުޅޭ ދައުވާއެއް ކަމުން މި ދައުވާއަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ހުށަހެޅި ދައުވާއެއް ކަމަށެވެ.
ރައްދުގައި އައިމާ އިން ބުނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އިން ދޮގު މައުލޫމާތު ދޭން ހުއްދަ ނުކުރާ ކަމަށެވެ.
ހަމަ އެހެންމެ، މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނުގެ މަގުސަދަކީ މަޖިލީހާއި ކޮމިޓީތަކުގައި ދައްކާ ވާހަކައަކާ ގުޅިގެން ގާނޫނީ ބާރެއް ލިބިގެންވާ އެއްވެސް ފަރާތަކަށް ދައުވާ ނުކުރެވުނު ނަމަވެސް ދޮގު މައުލޫމާތު ރައްދުވާ ޝަހުސެއްގެ އަބުރަށް އަރައިގެންފި ހާލަތެއްގައި ކުރެވޭ ދައުވާގައި އެ އިމްތިޔާޒުތަކެއް ދިފާއުއަށް ނުނެގޭނެ ކަމަށް އައިމާ އިން ބުންޏެވެ.
އައިމާ އިން މިހެން ފާހަގަކުރި ނަމަވެސް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި، މަޖިލީހުގައި ދައްކާ ވާހަކަތަކާއި ފޯރުކޮށްދޭ ލިޔެކިޔުންތަކާ ގުޅިގެން ބާރެއް ލިބިގެންވާ މުއައްސަސާއަކަށް ސުވާލުކޮށް ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުގެ އިތުރުން، އެފަދަ މީހަކަށް އެއްވެސް ދައްޗެއް ނުވަތަ އުނދަގުލެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާން ކުރެ އެވެ.
ޓްރާންސްޕޭރެންސީ ކޮޅަށް މައްސަލަ ނިންމަމުން މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމުގައި ކަނޑައެޅީ ޓްރާންސްޕޭރެންސީގެ ވާހަކަތަަކަށް އިމްތިޔާޒު ލިބިގެންވާ ކަމަށެވެ.
ސަބަބެއް ކަމަށް ވަނީ ޝަކުވާ ހުށަހެޅީ ޓްރާންސްޕޭރެންސީން ކަމުގައިވީ ނަމަވެސް ކޮމިޓީއަށް ހާޒިރުވެ ދެއްކި ވާހަކަތަކަކީ ކޮމިޓީން އަންގައިގެން ދެއްކި ވާހަކަތަކަށް ވުމެވެ. އަދި، އައިމާ އިން ހުށަހެޅި ދައުވާއަކީ ކޮމިޓީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ހުށަހެޅި ދައުވާއެއް ކަމުން އިމްތިޔާޒުތަކުގެ ގާނޫނުގެ ދަށުން ލިބިދޭ އިމްތިޔާޒުތައް ލިބުމަށް ހުރަހެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.
ޓްރާންޕޭރެންސީން ދޮގު ހެދި ކަމަށް ބުނި ނުކުތާގައި ޝަރީއަތުން ނިންމެވީ މަޖިލިހުގެ ކޮމިޓީތަކުގައި ދޮގު ހަދާ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރި ނަމަވެސް މިހާތަނަށް ޓްރާންސްޕޭރެންސީގެ އެފަދަ މައްސަލައެއް ބަލަމުން ނުދާތީ ދޮގު މައުލޫމާތު ފޯރުކޮށްދިނީ ކަމަށް ބެލެވެން ނެތް ކަމަށެވެ.
ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި އައިމާއާ ދެކޮޅަށް މި ތުހުމަތުތައް ކުރެވުނު ނަމަވެސް މި މައްސަލައިގައި އެ ކުންފުނިން އަމަލުކުރީ ރަނގަޅަށް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ނިންމާފައިވާ ކަމަށް އެ ކުންފުންޏާ ހަވާލާދީ ހަބަރުތަކުގައި ވެ އެވެ. ނަމަވެސް އެ އޮތޯރިޓީން މި މައުލޫމާތު ކަށަވަރެއް ނުކުރެވެ އެވެ.
Comment