26 މާރިޗު 2022 - 13:46 0
26 މާރިޗު 2022 - 13:46 0
ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 26) - އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމުގެ އިޝާރާތެއް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދީފި އެވެ.
މެސީ، 34، މީގެ ކުރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު މާގިނަ ދުވަހެއް ނުވެ، ނިންމުން ބަދަލުކޮށް އަލުން އެނބުރި އައިސްފަ އެވެ. އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމުން 2016 ވަނަ އަހަރު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމަށް ފަހު އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ޓީމާ ގުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަަގައިފަ އެވެ. އެކަމަކު، އެ ފަހަރު ގައުމީ ޓީމާ ދުރަށް ދިޔައީ ރިޓަޔާކޮށްގެން ނޫން ކަމަށާއި އަމިއްލަ ބްރޭކެއް ނެގީ ކަމަށް މެސީ ބުނެފައިވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ އާޖެންޓީނާ އިން 3-0 އިން ވެނެޒުއޭލާ ބަލިކޮށް، ބަލިނުވެ 30 މެޗު ހަމަކުރިއިރު، މެސީ ވަނީ މި މެޗުގައި އާޖެންޓީނާގެ ފަހު ގޯލު ޖަހައިފަ އެވެ. ފުރަތަމަ ދެ ގޯލު ޖެހީ ނިކޮލަސް ގޮންޒާލޭޒް އާއި އަންހެލް ޑި މާރިއާ އެވެ.
ރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މީޑިއާގައި ބުނެފައިވަނީ ރޭގެ މެޗަކީ މެސީ އާޖެންޓީނާގައި ގައުމީ ޖޯޒީގައި ރަސްމީ މެޗެއްގައި ކުޅޭ ފަހު ފަހަރު ވެދާނެ ކަމަށެވެ. އެ ވާހަކަތަކާ އެކު ރޭ އާޖެންޓީނާގެ ލަ ބޮމްބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެސީ އަށް ހާއްސަކޮށް ސަޕޯޓް ކުރުމަށެވެ. މެޗަށް ފަހު މެސީ އަށް އޮތް ސަޕޯޓް ދައްކުވައިދޭން ސަޕޯޓަރުން އަޑުވެސް އުފުލި އެވެ.
ސްކަލޯނީ ދެއްކި ވާހަކައާ ބެހޭގޮތުން ރޭގެ މެޗަށް ފަހު މެސީ ގާތުގައި ނޫސްވެރިން ސުވާލުކުރި އެވެ. މެސީ ބުނީ މި ވަގުތު ވިސްނަނީ ކުރިއަށް އޮތް އެކުއެޑޯ މެޗަށް ކަމަށާއި އޭގެ ފަހުން ވިސްނަން ޖެހޭ އެހެން ކަންކަން އެބަހުރި ކަމަށެވެ.
"ވޯލްޑް ކަޕް (ގަތަރުގައި މި އަހަރު ނޮވެމްބަރު/ ޑިސެމްބަރު) ގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި،" މެސީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ އެންހެލް ޑި މާރިއާ ވެސް ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތް ކަމަށް ދެކުނު އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އާޖެންޓީނާ އާއި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ އަންނަނީ ގަތަރު ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުންނެވެ. މެސީ ވަނީ މިދިޔަ އަހަރުގެ ކޮޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ގައުމީ ޓީމާ އެކު ތަށްޓެއް ހާސިލްކުރުމަށް ކުރަމުން އައި އުންމީދު ފުރިހަމަކޮށްފަ އެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމަށް ހުއްޓާލުމަށް މާ ބޮޑު ހުރަހެއް ނެތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment