ޕަލެރްމޯ، އިޓަލީ (މާޗް 25) - ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ނޯތު މެސެޑޯނިއާ އަތުން 1-0 އިން ބަލިވެ، އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ ކެޓިއިރު، ތުރުކީ 3-1 އިން ބަލިކޮށް ޕޯޗުގަލް ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިއީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދި އިޓަލީ އަށް ވޯލްޑް ކަޕްގެ ދެ މުބާރާތުން ޖެހިޖެހިގެން ފުރުސަތު ގެއްލުނު ފުރަތަމަ ފަަހަރެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު މި ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
އިޓަލީ ޕްލޭއޮފްގައި ކުޅެން ޖެހުނީ ވާދަކުރި ކޮލިފައިން ގްރޫޕްގައި ސްވިޒަލެންޑް ފަހަތުން ދެ ވަނައިގައި ނިންމުމުންނެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން އިޓަލީ ވަނީ ހަތަރު މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރުވެފަ އެވެ.
ދުނިޔޭގެ ރޭންކިން ހައެއްގައި އޮތް އިޓަލީ އަށް ރޭގެ މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުންނުކުރެވި ދިޔައިރު، ލަނޑު ޖެހީ 67 ވަނައިގައި އޮތް ނޯތު މެސެޑޯނިއާ އިންނެވެ.
ޕްލޭއޮފްގައި ރޭ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަތަކާ އެކުގައި ވެސް ޕޯޗުގަލް މި ވަނީ މޮޅުވެފަ އެވެ. ތުރުކީ ކޮޅަށް ޕޯޗުގަލް އިން ލީޑުނެގީ އޮޓާވިއޯ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއޯގޯ ޖޮޓާ ވަނީ ޕޯޗުގަލް އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި ކުޅެން ނިކުމެ، ޗެންގިޒް އުންޑެއާ ދިން ބޯޅައަކުން ބުރަކް ޔިލްމާޒް ވަނީ ތުރުކީ އަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ވަގުތުގައި މަތިއު ނޫނިއޭޒް ޖެހި ގޯލުން ޕޯޗުގަލް ވަނީ ޕްލޭއޮފް ފައިނަލަށް ދަތުރުކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ޖާގަ ހޯދަން އަންނަ އަންގާރަ ދުވަހު ޕޯޗުގަލް އަށް ޖެހޭނީ ނޯތު މެސެޑޯނިއާ ބަލިކުރާށެވެ.
ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ދެން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވޭލްސް ވަނީ 2-1 އިން އޮސްޓްރިއާ ބަލިކޮށްފަ އެވެ. ވޭލްސް ވޯލްޑް ކަޕްގެ ޖާގަ އަކަށް ކުޅޭނީ ޖޫން މަހު ސްކޮޓްލެންޑާއި ޔޫކްރެއިން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ސްވިޑެން ރޭ ވަނީ 1-0 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ. އަންނަ އަންގާރަ ދުވަހު ސްވިޑެން ކުޅޭނީ ޕޮލެންޑާ އެވެ. ރަޝިއާ ސަސްޕެންޑްކުރުމުން ޕޮލެންޑަށް ވަނީ ޕްލޭއޮފް ފައިނަލުން ފުރުސަތު ދީފަ އެވެ.
Comment