24 މާރިޗު 2022 - 12:45 0
ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިން ރޮނާލްޑޯ.--- ފޮޓޯ: އޭއެފްޕީ
24 މާރިޗު 2022 - 12:45 0
ޕޯޓޯ (މާޗް 24) - މި އަހަރަށް އޭނާ އަށް ކަނޑައެޅޭނެ އެންމެ ބޮޑު ޓާގެޓަކީ ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ޕޯޗުގަލް އަށް ހޯދައިދިނުން ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ގަތަރުގައި މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ބާއްވާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ޕޯޗުގަލް އިން މިރޭ ދަތުރު ފަށާނެ އެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އިން މިރޭ ތުުރުކީއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ޕޯޗުގަލް އިން ޕްލޭއޮފް ފައިނަލްގައި ކުޅުމުގެ ފުރުސަތު ބޮޑީ އިޓަލީއާ އެވެ. އިޓަލީން މިރޭ ކުޅޭނީ ޕްލޭއޮފްގެ ފުރަތަމަ ބުރުގައި ނޯތު މެސެޑޯނިއާއާ އެވެ.
ޕޯޗުގަލްގެ ޓީވީ އަކަށް ރޮނާލްޑޯ، 37، ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ހުރިހާ ފޯކަސް އެއް މި ވަގުތު ހުރީ ޕޯޗުގަލް އަށް ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިދިނުމަށް ކަމަށެވެ.
"އަހަރެންގެ ކެރިއަރުގެ މި ހިސާބުގައި މިހެން ކޮންމެ ބޮޑު މުބާރާތެއް ވެސް މުހިންމު. އަހަންނަކީ އަބަދުވެސް އެންމެ މަތީ ލެވަލްގައި ޕާފޯމްކުރަން ޝައުގުވެެރިވާ މީހެއް. މި އަހަރުގެ އެންމެ ބޮޑު ޓާގެޓަށް މި ވަގުތު ވާނީ ގަތަރު ވޯލްޑް ކަޕްގެ ޖާގައެއް ޕޯޗުގަލް އަށް ހޯދައިދިނުން،" ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑާއި ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލް އިން މިރޭގެ މެޗަށް ނުކުންނައިރު، އަނިޔާ އާއި ސަސްޕެންޝަންގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން ރުބެން ޑިއާޒް އާއި ރުބެން ނެވޭސް އަށް އަނިޔާވެފައިވާއިރު، ޕެޕޭ ހުރީ ކޮވިޑް ޖެހިގެން ޓީމާ ދުުރުގަ އެވެ. ޔާއޯ ކަންސޭލޯ އާއި ރެނާޓޯ ސަންޗޭސް ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަނެއްކޮޅުން ތުރުކީގެ ހުރިހާ މުހިންމު ކުޅުންތެރިން ޓީމުގައި އެބަތިބި އެވެ.
ޕޯޗުގަލް އާއި ތުރުކީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.
Comment