Advertisement

ރޯދަ މަހަށް "އަދަދު"ގެ ފުރަތަމަ ހަދިޔާ، "ރޯދަ އަދަދު" މެގަޒިން ނެރެފި

24 މާރިޗު 2022 - 13:06 1

"ރޯދަ އަދަދު" ގެ ބޭރުގަނޑަކީ އޯގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ބޭރުގަނޑެއް. މިއީ ރާއްޖޭގައި ނެރޭ މެގަޒިނެއްގައި މިފަދަ ބޭރުގަނޑެއް ހިމެނުނު ފުރަތަމަ ފަހަރު --- ފޮޓޯ: އަދަދު


ރޯދަ މަހަށް "އަދަދު"ގެ ފުރަތަމަ ހަދިޔާ، "ރޯދަ އަދަދު" މެގަޒިން ނެރެފި

24 މާރިޗު 2022 - 13:06 1

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް "ރޯދަ އަދަދު" ގެ ނަމުގައި "އަދަދު" ނޫހުން ހާއްސަ މެގަޒިނެއް މިއަދު ނެރެފި އެވެ.

މިއީ ރޯދަ މަހަށް ހާއްސަ ލިޔުމާއި ފޮޓޯ އަދި އެހެނިހެން ކޮންޓެންޓު ހިމެނޭ ގޮތަށް ނެރޭ 100 ސޮފްހާގެ މެގަޒިނެކެވެ. މި މެގަޒިންގެ ކޮންޓެންޓް ތައްޔާރުކޮށްފައި ވަނީ "އަދަދު" ނޫހުގެ ނޫސްވެރިންނެވެ.

"ރޯދަ އަދަދު" ގެ އެންމެ ހާއްސަ ސިފައަކީ ބޭރުގަނޑެވެ. އެންމެ ޒަމާނީ އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ބޭރުގަނޑުގައި ވާ ކުރެހުމަށް "އާޓިވައިވް" އެޕުން ދިރުން ގެނެސްދެ އެވެ. އެގޮތުން، މިއީ ރާއްޖޭގައި ނެރޭ މެގަޒިނެއްގައި މިފަދަ ބޭރުގަނޑެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

މިއީ "އަދަދު" ގެ ކިޔުންތެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ނެރޭ ހާއްސަ މެގަޒިނެއް ކަމަށް ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

"ކޮންޓެންޓް ތަފާތު ގޮތްގޮތަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ރަނގަޅު ކޮންޓެންޓްތަކެއް ގެނެސްފިނަމަ ރާއްޖޭގައި މެގަޒިން ވެސް އަދި ފޮތް ވެސް ކިޔާނެކަން ސާފް ޗެމްޕިއަންޝިޕަށް ނެރުނު މެގަޒިން އިން ވެސް އެނގިގެން ދިޔަ. އެ ތަޖުރިބާގެ އަލީގަ އަޅުގަނޑުމެން ރޯދައަށް ހާއްސަކޮށް މި މެގަޒިން ނެރުނީ،" ފިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަދަދުގެ ކިޔުންތެރިންނަށް "ރޯދަ އަދަދު" ފޯރުކޮށްދިނުމަށް ގިނަ ރަށްތަކަކަށް މި މެގަޒިން ފޮނުވާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އަންނަ އޭޕްރީލް 2، ގައި ފެށޭ ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އިން ހަތް ވީޑިއޯ ޝޯ ވެސް އުފައްދަ އެވެ. އޭގެ ތެރޭގައި، މިދިޔަ ރޯދަ މަހު މަގްބޫލުކަން ހޯދި "ކުޅިކޮށް" ޕްރޮގްރާމާއި، އަލަށް އުފައްދާ ސިޔާސީ ޕްރޮގްރާމެއް ކަމަށްވާ "ގޮނޑި" ހިމެނޭނެ ކަމަށް ނޫހުން ބުނެ އެވެ.

މަޝްހޫރު ޓީވީ ހޯސްޓް އާމިނަތު މައުރީނާ (މައު) އާއެކު ގެނެސްދޭ "މީރު ބައިޓްސް" އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކު ގެނެސްދޭ "ސުންދޫސް" ޕްރޮގްރާމް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މެގަޒިން އާއި ޝޯތަކުގެ އިތުރުން "ރޯދަ އަދަދު" އަށް ހާއްސަ އޮންލައިން ޕޭޖެއް ވެސް ރޯދަ މަހާ ދިމާކޮށް ލޯންޗުކުރާނެ އެވެ. އެ ޕޭޖުގައި ވެސް މުޅިން އާ ތަފާތު ކޮންޓެންޓް ހިމެނޭނެ އެވެ. އަދި، އެ ޕޭޖުގައި ރެސްޓޯރަންޓުތަކުގެ މެނޫ އާއި ރެސިޕީ ވެސް ހިމެނޭނެ އެވެ.

އިޝްތިހާރު ކުރުމުގެ ފުރުސަތު


ރޯދަ އަދަދު ޕޭޖާއި ވީޑިއޯ ކޮންޓެންޓްގައި އިސްތިހާރު ކުރުމާއި، ރޯދަ ޕޭޖުގައި މެނޫ ހިމެނުމުގެ ފުރުސަތު އެބަ އޮތެވެ. ޝައުގުވެރިވާ ފަރާތްތަކުން 3301519 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ.