Advertisement

ކޮވިޑަށް ޕޮޒިޓިވްވެ، ޕްލޭއޮފްގައި ޕެޕޭ އަށް ނުކުޅެވޭނެ

22 މާރިޗު 2022 - 13:16 0


ކޮވިޑަށް ޕޮޒިޓިވްވެ، ޕްލޭއޮފްގައި ޕެޕޭ އަށް ނުކުޅެވޭނެ

22 މާރިޗު 2022 - 13:16 0

ލިސްބަން (މާޗް 22) - ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ކޮވިޑް-19 އަށް ޕޮޒިވިވްވެ، ފީފާ ވޯލްޑް ކަޕް ޕްލޭ-އޮފް ސެމީ ފައިނަލްގައި ތުރުކީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ޕްލޭއޮފްގައި ބުރާސްފަތި ދުވަހުގެ ރޭ ޕޯޗުގަލް އާއި ތުރުކީ ބައްދަލުކުރާ މެޗުގައި ޕެޕޭ އަށް ނުކުޅެވޭތީ، އޭނާގެ ބަދަލުގައި ލިލްގެ ޑިފެންޑަރު ޓިއާގޯ ޖާލޯ އަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ.

ޕެޕޭގެ އިތުރުން، މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް އަށް ވެސް އަނިޔާގެ ސަބަބުން ޕްލޭއޮފް މެޗު ގެއްލޭނެ އެވެ.

ތުރުކީ އަތުން މޮޅުވެއްޖެ ނަމަ، ފަހު ޕްލޭއޮފްގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ އިޓަލީ ނުވަތަ ނޯތު މެސެޑޯނިއާ އެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން، ޕޯޗުގަލްގެ ކުޅުންތެރިން ވަނީ ހޯމަ ދުވަހު ޓީމުގެ ކޭމްޕްގައި ބައިވެރިވެފަ އެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ ފާއިތުވި ހަތް މެޗުގެ ތެރެެއިން ޕޯޗުގަލް ބަލިވީ އެންމެ މެޗަކުން ކަމަށާއި އެހެންވެ، ވޯލްޑް ކަޕަށް ކޮލިފައިވެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. ޕޯޗުގަލް ސަޕޯޓަރުންނަކީ ވެސް ޓީމާ މެދު އިތުބާރު ގެއްލުވާނުލައި ހިތްވަރު ދޭ ބައެއްކަން ޔޫރޯ 2016 ވަނަ އަހަރުގެ ކާމިޔާބީން އެނގޭ ކަމަށާއި މި ފަހަރުގެ ޕްލޭއޮފްގައި ނުކުންނާނީ އެ ރޫހުގައި ކަމަށް ސަންޓޯސް ވަނީ ބުނެފަ އެވެ.

އަނިޔާ އާއި ސަސްޕެންޝަން އަދި އެހެނިހެން ސަބަބުތަކާ ހުރެ ނުކުޅެވޭ ކުޅުންތެރިންގެ ވާހަކަތަކެއް ދައްކައި، ޝަކުވާ ކުރަން ބޭނުންނުވާ ކަމަށް ސަންޓޯސް ވަނީ ބުނެފަ އެވެ.

ޕޯޗުގަލް ވަނީ ފާއިތުވި ފަސް ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. އެންމެ ފަހުން ޕޯޗުގަލް ކޮލިފައިނުވި ވޯލްްޑް ކަޕަކީ ފްރާންސްގައި 1998 ވަނަ އަހަރު އޮތް މުބާރާތެވެ. -- އޭއެފްޕީ