20 މާރިޗު 2022 - 13:23 0
އައްޒާމް އަލިފުޅު
ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
20 މާރިޗު 2022 - 13:23 0
އެފްއޭއެމުން 16 އަހަރުން ދަށަށް ހާއްސަކޮށްގެން އަންނަ ޖޫން މަހު މުބާރާތެއް ބާއްވަން ނިންމާފައިވާއިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ޒުވާން ކުޅުންތެރިންތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ވިސްނުމުގައި ޓްރަޔަލްސްތަކެއް ބާއްވަން ނިންމައިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީން ޓްރަޔަލްސް ކުރިއަށް ގެންދާނީ 15 އަހަރާއި 16 އަހަރުގެ ކުޅުންތެރިންނަށް ޓާގެޓްކޮށްގެން، މިރެއިން ފެށިގެން މި މަހުގެ ނިޔަލަށް ޓާފްދަނޑުގަ އެވެ.
ޓްރަޔަލްސްއާ ބެހޭގޮތުން ސާންތީ، "އަދަދު" އަށް ބުނީ ޒުވާން ކުޅުންތެރިންނަށް ދޭ އަހައްމިއްޔަތުކަން ޔުނައިޓެޑް ވިކްޓްރީން ރަނގަޅުކުރާ މަސައްކަތުގައި އަނެއްކާ ވެސް ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"ފުޓްބޯޅައިގައި އަޅުގަނޑު އެންމެ ޝައުގުވެރިވާ މަސައްކަތަކީ މިއީ އޭ އެންމެ ބޮޑަށް މި ބުނަނީ. ހަގީގަތުގައި މި ޓްރަޔަލްސްތަކުގެ ބޭނުމަކީ ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް އެ މަގެއް ހޯދައިދިނުން. ކުޅެން ބޭނުންވެފައި ހުރި ޔޫތު ކުޅުންތެރިއަކު އެ ފުރުސަތު ނުލިބި ހުންނާކަށް ނުޖެހޭނެ. މި ޓްރަޔަލްސް އަކީ 15 އަހަރާއި 16 އަހަރުގެ މުބާރާތަށް ހާއްސަވެފައި އޮތް ޓްރަޔަލެއް ކަމަށް ވިޔަސް ކޮންމެ ޔޫތު ކުޅުންތެރިއަކު ވެސް އަންނަންވީ. އަޅުގަނޑު މި ހުރީ އެ ފުރުސަތު ހޯދައިދޭން،" ސާންތީ ބުންޏެވެ.
ސާންތީ ވަނީ މިދިޔަ އޮގަސްޓް މަހު ތިން ވަނަ ދުވަހުން ފެށިގެން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ޓްރެއިނިންތަކެއް ގެންގޮސްފަ އެވެ. އޭގެ ބޭނުމަކީ މިދިޔަ ޖެނުއަރީ މަހު އެފްއޭއެމުން ބޭއްވި 19 އަހަރުން ދަށުގެ މުބާރާތަށް ކުޅުންތެރިން ހޯދުމާއި ޔޫވީގެ ސީނިއާ ޓީމުގައި ވެސް ޓީމެއް ބިނާކުރުމުގެ ސިލެކްޝަނެއް ހެދުމަށެވެ. އެ މަސައްކަތުގައި ސާންތީ ހޯދި ކުޅުންތެރިން ވަނީ ޔުނައިޓެޑް ވިކްޓްރީގެ ސީނިއާ ޓީމުން ޖާގަ ހޯދައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ކުޅުމުގެ އިތުުރުން އެ ކުޅުންތެރިން ވަނީ ޔޫތު މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، ޔުނައިޓެޑް ވިކްޓްރީގެ ގިނަ މެޗުތަކުގައި ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ޔޫތު ކުޅުންތެރިންނަށް ބޮޑަށް ބަރޯސާވެފައި ދެން އޮތް އަނެއް ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. އީގަލްސް އަކީ އަބަދުވެސް ޒުވާން ކުޅުންތެރިން ނެރެދޭ ޕްލެޓްފޯމެއް އޮންނަ ކްލަބެކެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން އަންނަނީ ރަނގަޅަށް އެކެޑަމީގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްގެ އިތުރުން ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި އެމްއެސް އެކެޑަމީ ގުޅިގެން ހިންގާ އެކެޑަމީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އެކެޑަމީ ހިމެނެ އެވެ. ދާދި ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކ. މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބާ އެކު އެކެޑަމީގެ މަސައްކަތް ފެށި އެވެ.
Comment