Advertisement

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީ އަރައިފި

17 މާރިޗު 2022 - 08:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުމުގެ ސަބަބުން ދެ މިލިއަން ގޭބިސީން ވަނީ ކަރަންޓު ކެނޑިފައި. -- ފޮޓޯ: އޭއެފްޕީ


ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީ އަރައިފި

17 މާރިޗު 2022 - 08:32 0

ޖަޕާނުގެ އިރުއުތުރަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ދެ މިލިއަން ގޭބިސީން ކަރަންޓު ކެނޑި، ބައެއް ހިސާބުތަކަށް ސުނާމީގެ އަސަރުކޮށްފި އެވެ.

ބިންހެލުން އައީ 7.3 މެގްނިޓިއުޑް ބާރު މިނުގަ އެވެ. ބިންހެލުން އައި ސަރަހައްދަކީ މީގެ 11 އަހަރު ކުރިން ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ފުކުޝިމާ ނިޔުކްލިއާ ކާރިސާ ދިމާވި ސަރަހައްދެވެ.

އޭއެފްޕީން ބުނީ ބައެއް ހިސާބުތަކުގައި ބިން ހެލުމުގެ ބާރުގަދަ ކަމުން މީހުންނަށް ކޮޅަށް ނުތިބެވުނު ކަމަށާއި ވެރިރަށް ޓޯކިޔޯގެ އިމާރާތްތަކަށް ވެސް ގުޑުން އެރި ކަމަށެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. މިޔާގީ ޕްރީފެކްޗާއަށް ޖަޕާނު ގަޑިން ދަންވަރު 12:20 ގައި 20 ސެންޓިމީޓަރުގެ ސިނާމީއެއް އެރި އެވެ.

މިޔާގީ އަދި ފުކުޝިމާ ޕްރީފެކްޗާގައި ބައެއް މީހުންނަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ޖަޕާން ޓައިމްސް ނޫހުން ބުނެ އެވެ.

އެ ނޫހުން ބުނީ ފުކުޝިމާ އާއި ޝިރޮއިޝިޒާއޯއާ ދެމެދު 96 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ރޭލެއް ދަގަނޑުން ކައްސާލި ކަމަށެވެ. ނަމަވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.

ބިންހެލުމާ ގުޅިގެން ސަރުކާރުގެ ހާއްސަ ޓާސްކް ފޯހެއް އުފައްދާފައިވާ އިރު، އާއްމުންނަށް އެހީ ފޯރުކޮށްދިނުމަށް ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވަނީ އޮފިޝަލުންނަށް އަންގަވާފަ އެވެ.

ޖަޕާނުގެ ނިޔުކްލިއާ ހަކަތައާ ބެހޭ އިދާރާއިން ބުނީ ފުކުޝިމާގެ ނިޔުކްލިއާ ޕްލާންޓުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

މީގެ 11 އަހަރު ކުރިން މާޗް 11، 2011 ގައި އެ ސަރަހައްދަށް އައި 9.0 މެގްނިޓިއުޑްގެ ބިންހެލުމަކާއި ސުނާމީގައި އެ ނިޔުކްލިއާ ޕްލާންޓަށް ގެއްލުންވެ، ރޭޑިއޭޝަން ލީކުވެ، ބޮޑު ކާރިސާއެއް ކުރިމަތިވި އެވެ.