Advertisement

ދައުލަތުން ހައި ކޯޓުގައި ވަކާލާތު ކުރީ މަހްލޫފު މައްސަލައިގައި އަދީބަށް ހެކިބަސް ދެވޭނެ ކަމަށް

މަހްލޫފުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ދުވަހު އެ ކޯޓު ކުރިމަތީގައި ހުއްޓިލައިގެން: އެ މައްސަލަައުގެ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ނިންމާލައިފި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދައުލަތުން ހައި ކޯޓުގައި ވަކާލާތު ކުރީ މަހްލޫފު މައްސަލައިގައި އަދީބަށް ހެކިބަސް ދެވޭނެ ކަމަށް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރި ރިޝްވަތު ނެންގެވުމުގެ ދައުވާ ދަށު ކޯޓުން ބޭރުކޮށްލި އިރު، އެ ރިޝްވަތު ދިން ކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމުމުން އެކަމަށް ފާޑު ކިޔައި، ހެކި ވަޒަން ކުރުމުގައި ފަނޑިޔާރު އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޔޫތު މިނިސްޓަރަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދައުވާ އުފުއްލެވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ވަކި ގޮތަކަށް ވޯޓު ދިނުމަށް 33،000 ޑޮލަރު (508،860ރ.) މަހްލޫފް ނެންގެވި ކަމަށް ބުނެ އެވެ. އެ ރިޝްވަތު ދިން ކަމަށް ބުނާ އަދީބަކީ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެންމެ ބޮޑު އެއް ހެއްކެވެ.

ނަމަވެސް ދަށު ކޯޓުން ނިންމީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރި ސުޕްރީމް ކޯޓުގެ ހުކުމުގައި އަދީބަކީ ފާސިގެއް ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. އެކަމަކު މިއަދު ހައި ކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައިގައި އިސްތިއުނާފުގައި ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ އަދީބުގެ ހެކިބަހާއެކު ވެސް ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަމަވެސް އަދީބުގެ ހެކިބަސް ނެނގިނަމަ ކޯޓުގެ އެ ނިންމުން ބަދަލުވުމުގެ އިހްތިމާލު އޮންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި ބުންޏެވެ. އަދި ބުނީ، އަދީބަކީ ފާސިގެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅީ މަހްލޫފްގެ މައްސަލައިގައި ހިމެނޭ ކިތާބީ ހެކިތަކާއި އަދީބުގެ ހެކިބަހާ ގުޅުވާލެވޭނެތީ ކަމަށެވެ.

އޭގެ އިތުރުން، އަދީބުގެ ހެކި ބަހަށް ބާރު ދިނުމަށް ފޮރެންސިކް ހެކިތަކެއް ދަށު ކޯޓަށް ހުށަހެޅިކަން ދައުލަތުން ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި މަހްލޫފްގެ ފޯނުގައި ހުރި މެސެޖްތަކުގެ ސައިބާ ކްރައިމް ރިޕޯޓެއް ހިމެނެ އެވެ. އަދި މަހްލޫފްގެ ބޭންކް ކާޑުގެ ސްޓޭޓްމަންޓްއެއް ވެސް ހިމެނެ އެވެ.

ނަމަވެސް މަހްލޫފުގެ ދިފާއީ ވަކީލުން ވިދާޅުވީ އަދީބަކީ ފާސިގެއް ކަމަށް އެންމެ މަތީ ކޯޓުން ކަނޑައަޅާފައި އޮތުމުގެ އިތުރުން އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ވެސް ހުރި ކަމަށެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެ ފުށުއެރުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން، މަހްލޫފުގެ މައްސަލަ މަދަނީ މިންގަނޑު ނުބެލޭނެ ކަމަށް ބަލައި ކްރިމިނަލް ކޯޓުން ބޭރުކޮށްލީ، ހައި ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކާތަކާމެދު ގޮތެއް ނިންމުމެވެ.