13 މާރިޗު 2022 - 08:18 0
އައްޒާމް އަލިފުޅު
ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް: ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރޭގައި މެޗުތަކެއް ހޯދައިދީ ކުޅުންތެރިންނަށް ފުރުސަތުތަކެއް ފަހިކޮށްދިން.
13 މާރިޗު 2022 - 08:18 0
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އަހުމަދު އާދަމް (އެޑަމް) ގިނިކަންޏާ ވާދަކުރައްވައި، ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި ހުރިހާ ކްލަބެއްގެ ފުރިހަަމަ ތާއީދާ އެކު އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އޭރު، މުޅި ދުނިޔޭގެ ވަކި ސިނާޔަތެއް ބެލުމެއް ނެތި، އޮތީ ކޮވިޑް-19ގެ ބަނަ ވިލާގަނޑު ތެރޭގަ އެވެ. ރާއްޖޭގެ މެޖޯރިޓީ ކުޅިވަރުތައް ހުއްޓި، ފެއްޓޭނެ ދުވަހެއް ވެސް ޔަގީންކޮށް ނޭނގި އޮއްވައި، އެޑަމް، ބާސްކެޓްބޯލް އެސޯސިއޭޝަން ކުރިއަށް ގެންދަން ވިސްނުން ބެހެއްޓީ، އެ ކުޅިވަރުގެ ކޮމިއުނިޓީގައި އުޅޭ ހުރިހާ ކްލަބެއް، ބައިވެރިކޮށްގެންނެވެ..
އެޑަމް، ވަނީ ކޮވިޑް-19ގެ އެ އުނދަގޫ ދުވަސްތަކުގައި ވެސް ބާސްކެޓްބޯޅަ ކްލަބަތްކާއި އެކެޑަމީތަކުން ކުރި މަސައްކަތާއި ކުޅިވަރާބެހޭ ވުޒާރާ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތުން ލިބިވަޑައިގަތް، އެހީތެރިކަމާ އެކު ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް މި ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތްތައް "އަދަދު"ގެ ފޯރި ޕްރޮގްރާމަށް ހިއްސާކޮށްފަ އެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑަމް ވިދާޅުވީ ކުރެވުނު މަސައްކަތުން ކުރިއަށްދާން އަލި މަގެއް ފެންނަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގައި ވެސް ކުޅިވަރުގެ މަސައްކަތް ކުރައްވަމުން އަންނަ އެޑަމް ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު އެންމެ ބޮޑު ޗެލެންޖަކަށް ދިމާވި ކަމަކީ އަރަމުން އައި ވަރަށް ގިނަ ކުޅުންތެރިންތަކެއް ނުކުޅެވޭގޮތްވުން ކަމަށެވެ. ބާސްކެޓްބޯޅަ އަކީ ޓީމު ކުޅިވަރަކަށްވާތީ ގޭގައި ހުރެގެން އިންޑިވިޖުއަލީ ފިޓްވުން ފިޔަވައި އެ ކުޅިވަރުން ކުރެވޭނެ މާކަ ބޮޑު ކަމެއް ނެތެވެ.
"އެއްކޮށް ކުޅެން ޖެހިފައި ނުކުޅެވޭތީ ވަރަށް ގިނަ ކުދިން ނުކުޅެވިފައި ތިބީ. ވަރަށް ގިނަ ޓީމުތަކުގެ ކޯޗިން ސްޓާފުންނަކީ އެކެޑަމީތަކުގައި ވެސް މަސައްކަތް ކުރާ މީހުން. އެ ކުދިންގެ އިންކަމަކީ އެއީ. ކުދިން މަދުވީމަ، ކޯޗުން ސަވައިވްވުމުގައި ވެސް ބައިވަރެއް ގޮންޖެހުންތައް ދިމާވި، އެކެޑަމީ ވެސް ސްޓާޓު ނުކުރެވި ގިނަ ދުވަސްވީމަ ވަރަށް މާޔޫސްކޮށް ތިބީ،" އޭރުގެ ހާލަތު އޮޅުން ފިލުވައިދެމުން އެޑަމް ވިދާޅުވި އެވެ.
ކަންކަން ރަނގަޅު މިސްރާބަށް ގެންދިއުމުގެ ފެށުމެއްގެ ގޮތުން މިދިޔަ އަހަރު އޮގަސްޓް މަހު ޕްލޭންތަކެއް ހަދަން ފެށި އެވެ. އެންމެ އިސްކަމެއްގެ ގޮތުގައި ދެކުނީ ކޮމްޕެޓިޝަން ލެވަލްގައި ކުޅުންތެރިންނަށް މެޗުތަކެއް ކުޅެވޭނެ މާހައުލެއް ގާއިމްކޮށްދޭށެވެ.
އެޑަމް ވިދާޅުވީ އެކެޑަމީތަކަށް ވެސް ހިންދެމިލާނެ ވަގުތެއް ދީފައި މިދިޔަ އޮގަސްޓް މަހު އެކި ގޮތްގޮތުން މަސައްކަތް ފެށި ކަމަށެވެ. ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ނުހަދައި، ޕްރޮފެޝަނަލް ވެސް ފަށައިގަންނަ ކުޅުންތެރިއަކު ވިޔަސް ކުޅެވޭ ގޮތަށް ފެށީ ވީކެންޑް ލީގެކެވެ. މިއީ ކްލަބްތަކުގެ އެއްބާރުލުމާ އެކުގައި އެމްބީއޭގެ ލީޑަޝިޕުން ރޭވި މުބާރާތެކެވެ. ގައުމީ ޓީމުން ވެސް ސާބާ މުބާރާތަށް ތައްޔާރުވަމުންދާތީ އެމްބީއޭ އިން ވިސްނީ ހުރިހާ ބަޔަކަށް ވެސް އިންސާފުވެރިވާނެހެން މެޗުތައް ގެންދިއުމަށެވެ.
"ގައުމީ ޓީމަށް ގެންދާ ކުޅުންތެރިން ނަގާފައި، ބާކީ ތިބި އެންމެން ވީކެންޑް ލީގު ކުޅެވޭ ގޮތަށް، އަޅުގަނޑުމެން ވީކެންޑް ލީގު ފަށައިގެން މެދާ ހަމައަށް ދިޔައިރު، އުޅޭނީ އޮކްޓޫބަރު ދެން ނޮވެމްބަރު އެންޑްގައި، އޭގައި ވެސް ސެޓް ކުރީ ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ވީކެންޑްގައި ދެ ޑިވިޝަނަކަށް ބަހާލައިގެން ކުޅެފައި، އެ ހިސާބުން ޕްލޭއޮފް ކުޅެގެން ފައިނަލް ކުޅެފަ ނިންމާލަން. ނިންމާލީ ޑިސެމްބަރުގައި،" ވީކެންޑް ލީގު ކުޅެވުނު ގޮތަށް އިޝާރާތްކޮށް އެޑަމް ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ތެރެއިން އެޑަމް.
އެޑަމް ވިދާޅުވީ މިހާރު ކުރިއަށްދާ ބާސްކެޓްބޯޅަ ލީގާއި ގައުމީ ބާސްކެޓްބޯޅައިގެ މި ފަަހަރުގެ މުބާރާތުގައި 21 ޓީމު ވާދަކޮށް ގާތްގަނޑަކަށް 90 މެޗު ކުޅޭ އެންމެ ބޮޑު ސަބަބަކީ ކޮވިޑްގެ ރާޅުތަކުގެ ތެރޭގައި ހުއްޓިފައި އޮތް ބާސްކެޓް ހަރަކާތްތައް ކޮޅަށް ޖަހަން ފެށި ވީކެންޑް ލީގު ކަމަށެވެ.
"މިހާ ބައިވަރު ޓީމުތަކެއް އައުމުގެ އެއް ސަބަބަކީ ވީކެންޑް ލީގު، ކޮމްޕެޓިޝަންގެ އާ ކަމެއް މި ފެށުނީ. ވީކެންޑް ލީގު ނިންމާލިތާ ދެ މަސް ތެރޭ މުބާރާތް ފެށީމަ، ވަރަށް ގިނަ ކުދިން މީގެ ތެރޭގައި އިންވޯލްވްވެފައި މިތިބީ. ވަރަށް ހިތްހަމަ ޖެހޭ ވީކެންޑް ލީގުން މި ހިސާބަށް އާދެވިފައި މި ހުރީ. ވަރަށް ދުވަސްވެއްޖެ މިކަން ބޭނުންވެފައި ހުންނަތާ،" އެޑަމް ވިދާޅުވި އެވެ.
މީގެ ކުރިން އެމްބީއޭ އަށް ގަބޫލުކުރެވިފައި އޮތީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބުމުން ނޫން ގޮތަކަށް މުބާރާތް ނުކުޅެވޭނެ ވިސްނުން ކަމަށް އެޑަމް ވިދާޅުވި އެވެ. އެއީ މޫސުމަށް ބަލާފައި ވިސްނާ ގޮތް ކަމަށާއި ކޮންމެ ގޮތެއް ވިޔަސް އައުޓް ޑޯގައި ވެސް މުބާރާތް ބޭއްވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބަލައި، ބާސްކެޓް އެސޯސިއޭޝަންގެ މިހާރުގެ ލީޑަޝިޕުން އެ ގޮތަށް ކުރިއަށްދިޔައީ އެވެ.
"ވިއްސާރަ ވެއްޖިއްޔާ ޑިލޭ ކުރާނީއޭ، މި ވަގުތަށް ހަމަ ފަށާނީއޭ. އައުޓް ޑޯގައި މީތި ފަށައިގެން ގެންދިޔައީމަ، މުޅި ކޮމިއުނިޓީ އަށް، ވަރަށް ބޮޑު ފައިދާއެއްކޮށްފި. ތުރީ އޮން ތުރީ އަށް ބެލިޔަސް، މިދިޔަ އޮކްޓޫބަރުގައި ގާތްގަނޑަކަށް 70 ޓީމާ އެކު ބޭއްވީ. ހަތަރު ދުވަހުން ނިންމާލިއިރު، ހުރިހާ އޭޖް ގްރޫޕްގެ ކުދިންނެއް ކުޅުނު. 12 އަހަރުން ދަށުން ފެށިގެން ސީނިއާ ކެޓަގަރީއާ ހަމައަށް ކުދިން ކުޅުމުން މި އެނގުނީ ނުކުޅެވިތިބި އެންމެނަށް އޮގަސްޓް، ސެޕްޓެމްބަރުގައި ޕްރެކްޓިސްކޮށްފައި، އައިސް ދެން މި އައި މަސްތަކުގައި މި އޮތީ ބައިވަރު މުބާރާތްތަކެކޭ ލިބިފައި،" އެޑަމް ވިދާޅުވި އެވެ.
މިއީ ކޮވިޑްގެ ސަބަބުން އަޑިއަށް ދިޔަ ބައި ނަގާލަން ލިބުނު ފުރުސަތެއް - އެޑަމް
ދެ އަހަރަށް ފަހު އިންޑޯ ބާސްކެޓްބޯޅަ ހަރަކާތްތައް ފެށިިއިރު، މި ފަހަރުގެ ގައުމީ ލީގުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. އެޑަމް ވިދާޅުވީ ފުރަތަމަ ޑިިވިޝަނަށް ބަލާއިރުގައި އޭނާ އަށް ފެންނަން އޮތީ ހަމަހަމަކޮށް އޮތް ތިން ޓީމެއް ކަމަށެވެ. މުޅި ޖުމްލަ ލީގަށް ބަލާއިރު ވެސް ކުރިއެރުން ފެންނަކަން ފާހަގަކޮށް އެޑަމް ވިދާޅުވީ އެންމެ ފަހުން ކުޅުނު ލީގުގައި އެންމެ ފުލަށް ދިޔަ ޓީމުތައް ވެސް މިހާރު ވަރަށް މަސައްކަތް ކޮށްގެން ކުރިއަށް ދިއުމުގެ ވިސްނުމާ އެކު ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
"މިހާރު ނުދާނެ ކުރިން ރިޒަލްޓް ނިންމާލެވޭނެ މެޗެއް. މިހާރު ހަމަ މެޗުގެ ފަހު ވަގުތާ ހަމައަށް ވަރަށް ފޯރިގަދަކޮށް ދާނީ،" މި ފަހަރުގެ ބާސްކެޓްބޯޅައިގެ އިންޑޯ ސީޒަނުގެ ފުރަތަމަ މުބާރާތްތަކަށް އަލި އަޅުވާލައި އެޑަމް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން އަސްލު ބޭނުންވީ ދެ ވަނަ ޑިވިޝަނުގައި ވެސް ހަ ޓީމު އަންހެން ޑިވިޝަނުގައި ވެސް ހަ ޓީމު، ފުރަތަމަ ޑިވިޝަނުގައި ވެސް ހަ ޓީމު، މިހެން ގެންދިޔައިރު، ފާހަގަކުރެވުނީ މެޗުތައް ލިބެން ފެށީމަ ކުދިން ކުރިއަރަމުންދާ މިންވަރު، ޔަންގް ކުދިން، އެ ކުދިން އެ ކުރިއަރަމުން އަންނަ ވަރަކީ، ދެ ވަނަ ރައުންޑްގައި ވާދަވެރިކޮށް، އެބަ ކުޅޭ ކުރިން ރައުންޑަށް ވުރެ، ތަންކޮޅެއް ސީނިއާ ކުޅުންތެރިންނާ ވެސް އެބަ ވާދަކުރޭ،"
ރާއްޖޭގެ ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނަށް ނުކުމެ، ވާދަކުރަން ޖެހޭ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ އެންމެ ބޮޑު ފަރަގަކީ ކުޅެފައިވާ މެޗުތަކުގެ ޖުމްލަ އަދަދެވެ. އަހަރެއްގެ މައްޗަށް ލޯކަލް ލެވަލަށް ބަލާއިރު، އެހެން ގައުމުތަކުން ގިނަ މެޗުތަކެއް ކުޅޭއިރު، ރާއްޖޭގައި ކުޅެނީ ބައިނަލްއަގުވާމީ ލެވަލަށް ތައްޔާރުވާން ބަލާއިރު މަދު މެޗެކެވެ. މިއީ ބަދަލުވާން ޖެހޭ ކަމެކެވެ. އެ ވިސްނުމުގައި ބާސްކެޓްބޯލް އެސޯސިއޭޝަނުން ވެސް ކަންކަން ބަދަލުކުރަން އަމާޒުހިފައިފި އެވެ.
"އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން މިހާރު ޓާގެޓްކޮށްފައި މި އޮތީ ކުރިއަށް ވުރެ 37 ޕަސެންޓް މެޗު އިތުރުކުރަން، އެހެން ބުނާއިރު ވެސް ވަރަށް ބައިވަރު ރިސޯސަސް އެ އޮކިއުޕައިވަނީ. ޓާގެޓަކީ އެ 37 ޕަސެންޓާ ހަމައަށް ގެންދިއުން، އޭރުން އަހަރެއްގެ މައްޗަށް މި ކުދިން ކުޅޭނެ ފުދޭ ވަރެއްގެ އަދަދަކަށް މެޗު،" އެޑަމް ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑުމެންގެ ކުދިން ކުޅެފައި އިންނާނީ 12 މެޗު ނޫނީ 15 މެޗު. އަޅުގަނޑުމެން ދާން މި އުޅެނީ އެ އަށް ވުރެ މައްޗަށް. ހުރިހާ އޭޖް ގްރޫޕަކަށް އެކި ލެވަލްގެ މުބާރާތުން މެޗު އިތުރުކުރުމަކީ ކުރިއަށް އެޅޭ ރަނގަޅު ފިޔަވަޅެއް،"
އަންހެން ބާސްކެޓަށް ބަލާއިރު، ކުރިން ފެންނަ ހަގީގަތަކީ ކިރިޔާ ތިން ޓީމު ހަަމަވުމެވެ. އެކަމުގެ ބަދަލެއްގެ ފެށުމަކީ މި ފަަހަރު ހަ ޓީމު އޮތުމެވެ. ޑިވެލޮޕްމަންޓްގެ މަސައްކަތް ރަނގަޅަށް ކުރެވި، ގިނަ ކުޅުންތެރިންތަކެއް ނެރެވިއްޖެނަމަ ބާސްކެޓްބޯޅައިގެ އަންހެން ވެސް ދެ ވަނަ ޑިވިޝަނެއް އޮންނާނެ ކަމަށް އެޑަމް ވިދާޅުވި އެވެ.
މިދިޔަ އަހަރު ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ހައްލެއް ހޯދުނީ ކުޅުންތެރިންގެ ހައްގުގައި، ކުޅެވޭނެ ފުރުސަތުތައް ގާއިމްކޮށްގެންނެވެ. ސީޒަން ކަލަންޑަރެއް އެކުލަވާލައި، އަހަރު ދުވަހަށް މުބާރާތްތަކެއް ބަހާލައިގެންނެވެ. މި އަހަރު ވެސް ޕްލޭން އޮތީ އަހަރު ފަހު ކޮޅުގައި ވެސް ބާސްކެޓް ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށެވެ.
އެޑަމް ވިދާޅުވީ ޓާގެޓް އޮތީ އަހަރުގެ ފަހުކޮޅުގައި ނޮވެމްބަރާއި ޑިސެމްބަރުގައި ލޯކަލް ޗެމްޕިއަންޝިޕެއް ކުޅުމަށް ކަމަށެވެ. އެއީ ކުރިން އެމްބީއޭ ޗެމްޕިއަންޝިޕްގައި ހުރިހާ އެންމެން އެއް ޑިވިޝަނެއްގައި ކުޅޭ ގޮތަށް އޮތް ނަމަވެސް މި ފަހަރު އެމްބީއޭ ޗެމްޕިއަންޝިޕަށް ގެންނަ ބަދަލަކީ، އެ މުބާރާތުގައި ކުޅޭނީ ފުރަތަމަ ޑިވިޝަނުގެ ހަ ޓީމު ގޮތަށެެވެ. އަންހެން އަދި ފިރިހެން ވެސް ކުޅޭ ގޮތަށް އޮތްއިރު، ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ކުޅޭނެ އެވެ.
"އަންހެން ވެސް ފިރިހެން ވެސް ދެ ރައުންޑް ކުޅޭނެ. ދެން، ދެ ވަނަ ޑިވިޝަނަށް މި ގެންނަނީ އެމްބީއޭ ކަޕް. ކަޕާ އެކު އިންޓްރޮޑިއުސް (ތައާރަފް) މި ކުރަނީ ޖޫނިއާ ޗެމްޕިއަންޝިޕް. މިއީ، އަރަމުން އަންނަ ހުރިހާ ކުދިން 12 އަހަރުން ފެށިގެން 18 އަހަރާ ހަމަައަށް ކުދިންނަށް ކުޅެވޭނެ މުބާރާތެއް. ޖޫނިއާ ޗެމްޕިއަންޝިޕްގައި ބިދޭސީ ޓީމެއް ގެނެސްގެން މެޗުތަކެއް ކުޅެގެން މި ކުދިން އެބަޖެހޭ ތައްޔާރުކުރަން،" އެޑަމް ވިދާޅުވި އެވެ.
ކުޅުންތެރިންނަށް ފުރުސަތުތައް ބޮޑަށް ފަހިކޮށްދީ ބާސްކެޓަށް ހިތްޖައްސުވައިދޭން ކުރިއަށްގެންދާ "ވީކެންޑް ލީގާއި ތުރީ އޮން ތުރީ،" މި ފަހަރު ވެސް އޮންނާނެ ކަމަށް އެޑަމް ވަނީ ވިދާޅުވެފަ އެވެ.
Comment