Advertisement

އުނދަގޫ ވަގުތެއްގައި މޮޅެއް ހޯދައި ޗެލްސީ ހިންދެމިލައިފި

11 މާރިޗު 2022 - 02:38 0

ލަނޑު ޖަހާފައި މައުންޓް ޗެލްސީ ޖޯޒީ އަށް ބޮސްދެނީ.-- ފޮޓޯ: އޭއެފްޕީ


އުނދަގޫ ވަގުތެއްގައި މޮޅެއް ހޯދައި ޗެލްސީ ހިންދެމިލައިފި

11 މާރިޗު 2022 - 02:38 0

ލަންޑަން (މާޗް 11) - ދަނޑުބޭރުގައި މި ވަގުތު އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން 3-1 އިން ރެލިގޭޝަނުގައި އޮތް ނޮރިޗް ސިޓީ ބަލިކޮށް ހިންދެމިލައިފި އެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް، އެ ކްލަބް ވިއްކާލަން ކުރަމުން އައި މަސައްކަތަށް ހުރަސް އަޅަން އިނގިރޭސި ސަރުކާރުން ވަނީ އަބްރަމޮވިޗްގެ އިނގިރޭސި ވިޔަފާރިތަކާ ގުޅޭ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އަދި ޗެލްސީން މިރޭގެ މެޗު ކުޅެން ކުޑަތަންވެފައި އޮއްވައި، އެ ކްލަބްގެ މެއިން ސްޕޮންސަރުން ވަނީ އެ ޓީމާ އެކު އޮތް ކޮންޓްރެކްޓް ކެންސަލްކޮށް، ވަގުތުން ޖޯޒީން އެ ސްޕޮންސަރުގެ ލޯގޯ އުނިކުރަން އަންގައިފަ އެވެ. އެކަމަކު، ވަގުތު ކުޑަތަން ވެފައި އޮތުމުން ޗެލްސީން ކުޅުނީ ސްޕޮންސަރުގެ ލޯގޯ ޖެހި ޖޯޒީގަ އެވެ.

ނޮރިޗް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޓްރެވޯ ޗަލޯބާ ވަނީ މޭސަން މައުންޓް ނެގި ކޯނަރަކުން ބޮލުން ގޯލެއް ޖަހައި ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 14 ވަނަ މިނިޓްގައި ކައި ހަވާޓްޒް ހުސްކޮށްލާފައި ދިން ބޯޅަ މައުންޓް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އިތުރު ގޯލު ޖަހަން ޗެލްސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައިރު، ނޮރިޗުން ވަނީ 69 ވަނަ މިނިޓްގައި ޓީމޫ ޕޫކީގެ ގޯލުން މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. މިއީ ޗަލޯބާ އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީއެކެވެ. ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ހަވާޓްޒް އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު ޗެލްސީ ތިން ވަަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ.

ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުންބޭރުގައި 2-1 އިން ސައުތެމްޓަން ބަލިކޮށް، އެންމެ ފަހުން ކުޅުނު ހަތް މެޗުން ހަ މޮޅު ހޯދައިފަ އެވެ. މި މޮޅާ އެކު ނިއުކާސަލް ލީގުގެ 14 ވަނަ އަށް ޖެހިލިއިރު، އެއީ ރެލިގޭޝަން ޒޯނާ 10 ޕޮއިންޓުގެ ފަރަގަކާ އެކު އެވެ. ވުލްވްސް އިން ވަނީ މިރޭ އަމިއްލަ ދަނޑުގައި 4-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. އަދި އެސްޓަން ވިލާ އިން ވަނީ 3-0 އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. ވުލްވްސް 28 މެޗުން 43 ޕޮއިންޓާ އެކު އަށް ވަނައިގައި އޮތްއިރު، އެސްޓަން ވިލާ ނުވަ ވަނައިގައި އޮތީ 27 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.