Advertisement

ކުރު ވާހަކަ: ކުޅިފަސް

10 މާރިޗު 2022 - 10:22 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ކުރު ވާހަކަ: ކުޅިފަސް

10 މާރިޗު 2022 - 10:22 1

ސަމުސާ ދިއްކޮށްލުމާއެކު އަހަރެންގެ އަތުގައި އަރީފުގެ އަތުން ޖެހި އެވެ. އަހަންނަށް ތަދު ވެސްވި އެވެ. ލޮލަށް ކަރުނަތައް ގިނަވި އެވެ. ނަމަވެސް، އެއީ ތަކުރާރުވާ ޢަމަލަކަށް ވާތީ މާބޮޑު ކަމަކަށް ނުހަދަމެވެ. އަތުގައި އޮތް ތުވާލިކޮޅު ނަގައި އަރީފުގެ ގަޔަށް އެޅުނު ކާ އެއްޗެހި ފޮހެލައި ދިނީމެވެ. އޭރު އޭނާ އިނީ ފާޑަކަށް ހެވިފަ އެވެ. ހީވާ ކަހަލަ އެވެ. އަހަންނަށް ގޮތެއް ހަދައިލެވޭ އިރަށް އޭނާއަށް ލިބޭ އުފާތައް ދެގުނަވަނީ އެވެ. އަރީފުގެ މޫނު ފުރައިލަމުން ހިނިތުން ވެލި އެވެ. އޭނާގެ ރަސްމީ ހަރަކާތްތަކުގެ ތެރެއަށް އިތުރުވީ ހިނިތުންވުމާއެކު ނުކުތް ބޮލަށް އުނދަގޫ އަޑެވެ.

ދެފަރާތަށް ބޯ އަރިކޮށްލަމުން ދެ އަތުން އަތްތިލަ ބަޑި ޖަހަމުން ދެ ފަރާތަށް އަރި ވަނީ އެވެ. ފާޑަކަށް ނަށަނީ އެވެ. އާއެކެވެ. ބުނަން ބޭނުން ނުވިނަމަވެސް، އެހެން ބުނެވޭނެއެވެ. ދެ އަކުރު އޭނާގެ ނަމާ ގުޅުވޭނެ އެވެ. އަހަންނަށް ގަދަކަމުން ހިންދިރުވާލެވުނެވެ. ލަސްލަހުން މަޑުމަޑުންނެވެ. ލޮލަށް ގިނަވި ކަރުނަތައް ބަސް އެހުމެއް ނެތި ކޯތާފަތަށް ހަމަލާ ދެމުން ދިޔަ އެވެ. އަރީފު އުޅެނީ އެހެން ދުނިޔެއެއްގަ އެވެ. އޭނާއަކަށް އޭނާގެ ދުނިޔެއެއް ނުފެނެ އެވެ. ކުލައެއް ނުވެ އެވެ. ޚުދު އޭނާއަށް އޭނާ ވެސް ނޭނގެ އެވެ. އަހަރެންގެ ހިތް އޭނާއަށް ފެންނަ ނަމަ އެ ހިތް މަޑުވެ ކަފައަށް ވާނެކަން ޔަގީންކުރެވުނެވެ.

އަރީފަކީ ނުބައި މީހެއް ނޫނެވެ. އޭނާއަކީ އޯގާތެރި މިތުރެކެވެ. ލަފާދާރު ބައިވެރިއެކެވެ. ނިޔަނެތި ފިރިއެކެވެ. ނަމަވެސް، އެއީ މީގެ ދެތިން މަސް ކުރިންނެވެ. މިހާރު އެ ހުރިހާ ސިފަތަކެއް ވައިރޯޅިއެއް ފަދައިން އުދުހިގެން ހިނގައްޖެ އެވެ. ހިމުން އަނދުން ކޮޅެއްހެން ވައިގެ ތެރެއަށް ފޭދިއްޖެ އެވެ. މިއަދު އޭނާއަކީ މުޅީން އެހެން މީހެކެވެ. އެހެން އިންސާނެކެވެ. ބައެއް ފަހަރު ކުޑަ ކުއްޖެކެވެ. އަނެއްބައި ފަހަރު ހޭބުއްދި ފިލައި ހުންނަ މީހެކެވެ. ސިކުނޑި ހަމަ ނުޖެހޭ މީހެކެވެ. އެފަދަ ހާލަތްތަކުގައި ކޮށްފާނެ ކަމެއް އަންދާޒާ ކޮށްލާކަށް ވެސް ނޭނގޭނެ އެވެ. ހިތަށް ނާރާ އެތައް ކަމެއް މިހާރު ވެސް އޭނާ ކޮށްފި އެވެ.

ފާއިތުވެ ދިޔަ ތިން މަސް ދުވަސް އަހަންނަށް ތިން ޤަރުނަށް ވެއްޖެ އެވެ. ތިން ސާސްކަފަށް ވުރެ އިތުރު ވެއްޖެ އެވެ. ހިތް ހަމަ ޖެހިލައިގެން އަރާމުކޮށް ނޭވާ ނުލާ ހިފަހައްޓައިލަން ޖެހޭ އެތައް ކަމަކާ ކުރިމަތި ލައިފީމެވެ. އެ ހުރިހާ ކަމެއް ކުރިމަތި ކުރުވަނީ ހަމަ އަރީފެވެ. މިއަދު ވެސް މި ކުރިމަތިލާން ޖެހުނީ އެފަދަ ތޫފާނަކާ އެވެ. އަރީފު އަމިއްލަ އަތުން ކާން ނޫޅެނީ އެވެ. އަމިއްލައަށް ތަށިން ކާ އެއްޗެހި އަޅަން ޖެހިއްޖެ ނަމަ ހީ ވެސް ނުކުރާ އެތައް ކަމެއް އޭނާ ކުރެ އެވެ. ރޮށްޓާއި ކަޅު ސަޔާއެކު މޮޑެފާނެ އެވެ. ސައިތަށްޓަށް ގަރުދިޔަ އަޅައިގެން ބޮއެފާނެ އެވެ. މޭޒު މައްޗަށް ބަތް އަޅައިގެން މޮޑެލަފާނެ އެވެ. ހެދިކާތައް ސައިތަށްޓަށް ކުދިކޮށް ކޮށައިލާ ބުއްތަށްޓަކަށް ހަދައި ގިރައިލަފާނެ އެވެ. އެވަރުން ފުދެނީއެއް ނޫނެވެ. ނޭފަތުން ކާން އުޅެފާނެ އެވެ. އަމިއްލަ އުޅަބޮށްޓަން ކާން ލަވާ ފާނެ އެވެ. ފިޔާއައި މިރުސް ވެސް ލޮލުގައި ޖައްސަފާނެ އެވެ.

އެ ހުރިހާ ކަމެއް ބަލަން ހިތްދަތި ކުރާނެހާ ހިތްވަރު އަހަރެންގެ ނުހުރެ އެވެ. އެހެންވެ އޭނާއަށް ކާންލަވައި ދެނީ އަހަރެންނެވެ. ބައެއް ދުވަސް ދުވަހު ކާންދިނުމުގެ ވަގުތަކީ އުފާވެރި ވަގުތުތަކެކެވެ. ބަހެއް ނުބުނު އޭނާ ކައި ނިންމާލާނެ އެވެ. އަހަރެން މޫނަށް ބަލައިގެން އިނދެ ލޮލަށް ފީނަމުންނެވެ. އަނެއް ބައި ދުވަސް ދުވަހު ކާންދިނުމަކީ ހަނގުރާމައަކަށްވެ އެވެ. މެދު އިރުމައްޗަށް ވުރެ ހަމަލާތައް ވަރުގަދަވާނެ އެވެ. ބޮމުގެ ހަމަލާތަކެވެ. ބަޑީގެ ހަމަލާތަކެވެ. ފަލަސްތީނުގެ މުޖާހިދުން އުކާ އޮއްގާ އަކިރީގެ ހަމަތައް ވެސް އަހަންނާ ދިމާއަށް އާދެ އެވެ. އެވަރުން ނިމެނީއެއް ނޫނެވެ.

"ދާނިޔާ. ކީއްވެ ރޮނީ؟" އަރީފު ހިނިތުންވެލިއެވެ.

އަހަންނަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތީގެ ކުލަތައް ބަދަލުވި އެވެ. އުފާވެރި ހިނިތުންވުމަށް ކަޅު ވިލާގަނޑެއް އަރައި ނިވާކޮށްލި އެވެ. އަހަރެންގެ ލޮލުން ތިރިއަށް ފެވެމުން ދިޔަ ކަރުނައިގެ ކޯރުގައި އަރީފު އިނގިލި ޖައްސައިލި އެވެ. އޭނާ ފުން ނަޒަރަކުން އަހަންނާ ދިމާއަށް ބަލައިލި އެވެ.

"ސޮރީ، އަހަންނެއް ނުޖަހަން. ނުޖަހަން. ދާނީ ދެރަވާ ކަމެއް އަހަންނެއް ނުކުރަން." އަރީފުގެ އަޑާއި މޫނުމަތިން ޖަޒުބާތީ ތަސްވީރުތައް އޮހެމުން ދިޔަ އެވެ.

އަހަރެން ގަދަކަމުން ހިންދިރުވާލަމުން ދެ ލޯ ފޮހެލީމެވެ. އަރީފު ވެސް ލަސްލަހުން ހިނިތުންވެލި އެވެ. އޭނާ ދެރަވެއްޖެ ނަމަ އަނެއްކާ އަނެއް ކަންތައް ކުރިމަތިވާނެ އެވެ. ފިޓު ޖެހި މީހާ އައިސީޔޫއަށް ލާން ޖެހޭ ހާލަތަށް ދާނެ އެވެ. ވީ ދެރައަށްވުރެ ބޮޑަށް ވިސްނަން ޖެހުނީ އެކަމާ އެވެ.

އަހަރެން ތެދުވީމެވެ. އަރީފުގެ އަތުގައި ހިފައިގެންނެވެ. އަރީފު ވެސް އަހަންނާ އެކު މަޑުމަޑުން ތެދުވި އެވެ. އޭނާގެ ބޯ ތެދުކޮށްލަ ދިނީމެވެ. ތެދުކޮށްލާއިރަށް ހަމަ އަރިވަނީ އެވެ. އެއީ އޭނާ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ބައެއް ފަހަރު ވާގޮތެކެވެ. އަރީފު ބަލިވީން ސުރެ އެކަހަލަ އެތައް ކަމެއް އޭނާއަށް ކުރިމަތިވެ އެވެ. ބައެއް ފަހަރު ދޫ ބޭރުގައި އޮވެދާނެ އެވެ. އަނެއްބައި ފަހަރު ލޮލަށް އުނދަގޫވާތީ އުޅެދާނެ އެވެ. އެކަން އޮތީ ޑޮކުޓަރުން ވެސް ހިއްސާކޮށްފަ އެވެ. އަހަންނަށް ކިޔައިދީފަ އެވެ.

"ވަރަށް މަޖާ."

އަރީފުގެ އަތުގައި ހިފައިލަމުން އަހަރެން ހިނިތުންވެލީމެވެ. މަޑުމަޑުން ދެ މީހުން ގާތްވެލަމުންނެވެ. އަރީފުގެ ނޭވާގެ ހޫނު ކަން އިހުސާސްކުރެވޭހާ ކައިރިއަށެވެ. އޭނާގެ މޭގައި އަހަރެންގެ މޭ ކޯތާފަތް ޖައްސާލީމެވެ. އޭނާގެ ހިތުގެ ތެޅުން އިވޭ ވަރަށެވެ. އަރީފުގެ ހިތުގެ ތެޅުން ހަމަ ރަނގަޅަށް ވެސް އަހަންނަށް އިވެމުން ދިޔަ އެވެ. އެ ހިތުގައި ޖަހަމުންދިޔަ ކޮންމެ ވިންދަކުން ކުޅެމުންދަނީ އެއް ރާގެކެވެ. އެއް މިޔުޒިކެކެވެ. ގޮވަމުން ދިޔައީ ސީދާ އަހަރެންގެ ނަމެވެ. އެކަން އަހަންނަށް ޔަގީންކުރެވުނެވެ.

"ހިނގައި ނަށައިލަންދޯ." ސިޓިން ރޫމުގައި ހުރި ލަވަ ޖަހާ ސެޓުން ލަވައެއް ޖަހައިލަމުން ބުނެލީމެވެ.

އަރީފު އައިސް އަހަރެންގެ އަތުގައި ހިފައިލި އެވެ. އެންމެ ޝާހީ ޑާންސްގެ ވަޒަނަށް އަހަރުމެން ދެމީހުން ފައި ހަމަ ކުރަމުން ދިޔައީމެވެ. އަހަންނަށް ބެލުނީ ސީދާ އަރީފުގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. އޭނާގެ މޫނުމަތިން ކުލައެއް މަދުވޭތޯ އެވެ. ކުލައެއް އިތުރުވޭތޯ އެވެ. ކުއްލިއަކަށް އަރީފުގެ ފޯނު ރިންގުވާން ފެށި އެވެ. ޖީބުން ފޯނު ނަގައި ބެލްކަންޏަށް އޭނާ ނުކުމެލި އެވެ. އަހަރެން އޭނާއާ ދުރަށް ޖެހިލާ ފިލޭތޯ އުޅުނީމެވެ. އަރީފު ގޮސް ހުއްޓުނީ ބެލްކަނީގެ ރޭލިން ތަކާ ދިމާއަށެވެ.

ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އޭނާ ތިރިއަށް ބަލައިލި އެވެ. އަރީފު މޫނަށް ދެތިން ރޫއެރި އެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން އުޅޭކަހަލަ ގޮތްތަކެއް ހަދައިލި އެވެ. އަހަންނަށް އެ މަންޒަރު ފެނުނެވެ. އެހެންވެ އަހަރެން ބޭނުންވީ ދުރުގައި ފިލައި ހުރެ އެ މަންޒަރުތައް ބަލާށެވެ. އެއީ އަހަރެން ތަރުތީބުކުރި ހަރަކާތްތަކެއްވީމަ އެވެ.

އަރީފުގެ އަތުން ފޯނު ދޫވި އެވެ. އޭނާ ދެ ލޯ ކާށި ކިބައަކަށް ހަދައިގެން ހުރެ ބަލަނީ ތިރިއަށެވެ. އޭނާއަށް އުނދަގޫ ކަމެއް ދިމާވެގެން އުޅޭކަން އަހަންނަށް ޔަގީންވި އެވެ. އަރީފުގެ އިސްތަށިގަނޑަށް އިނގިލިތައް މަހައިލައި ދެ އަތުން ބާރުކޮށްލި އެވެ. އެންމެފަހުން އޭނާ ބިމަށް ތިރިވާން ފެށި އެވެ.

އަހަންނަށް ދުއްވާ ގަނެވުނެވެ. ނަމަވެސް، އޭނާއާ ހަމަ ނުދެވި އުޅެނިކޮށް އަރީފު ބިމަށް ގުޅަވި އެވެ. އެ ވަގުތު ގޭގެ ދޮރު ހުޅުވާލައިފައި ވަދެގެން އައީ ޑޮކުޓަރަކާއި ނަރުހެކެވެ.

"މި ކޮންތަނެއް؟ ތި ކާކު؟ މަ މި ކާކު؟" އަރީފު ލޯ ހުޅުވާލުމާއެކު ސުވާލުގެ ފަތިވަރެއް އަމުނައިލި އެވެ.

"ތިޔައީ މުޙައްމަދު އަރީފް، އަހަންނަކީ މިރަށު ކަޅުއައިމިނަގެ ހައްވާފުޅުގެ ދޮށީ ދަރި އަލިފުޅު،" އަހަންނަށް ބަލައިލެވުނީ ޑޮކުޓަރުގެ މޫނަށެވެ. "އަހަރެންމީ، އަރީފުގެ ހަމައެކަނި އަނބިމީހާ. ކައިވެންޏަށް މިވީ ފަސްމަސް."

"އާން ހަނދާން ވެއްޖެ. އަހަރެން ދެންމެ ބައިލީމަ ވެސް ފެނުނީ ރިޔާޒު އެތަނުގައި އޮއްވާ. އޭނާ އެބައޮތް އެތަނުގައި، އޭނާ ވެއްޓުނު ތަނުގައި އެބައޮތް. އޭނާ އަހަންނަށް ބަލައިވެސްލި. ހަރަކާތް ވެސް ކޮށްލި. އޭނާ މަރެއް ނުވޭ. އަހަންނެއް ނޫން އޭނާ މަރައިލީ. އަހަންނެއް ނޫން. އޭނާ އަރިއަޅައިލައިގެން ވެއްޓުނީ. އަހަރެން ހިފަހައްޓަން އުޅެނިކޮށް އަހަރެން ވެސް އަރި އަޅައިލައިގެން ވެއްޓުނީ." އަރީފުގެ ސިކުނޑީގައި ކުރެހިފައިވާ މަންޒަރު ކިޔައިދެމުން ދިޔައެވެ.

އަހަންނަށް ހައިރާންކަމާއެކު އަނގަ ހުޅުވައިގެން އިނދެވުނެވެ. ޑޮކުޓަރު އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ.

"އިރާދަކުރެއްވިއްޔާ މިހާރު ދެން އަރީފު ހަމައަކަށް އެޅެމުން އެ ދަނީ. އަޅުގަނޑު ދެންނެވީމެއްނުންތޯ އޭނާއަށް ޝޮކެއް ދެވުނީމަ އެ ހަނދާންތައް އާވާނޭ. ސިކުނޑިއަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެ، މީހާ ނޯމަލް މީހަކަށް ބަދަލުވާނޭ. އިރާދަ ކުރެއްވިއްޔާ ދެން އަހަރުމެންނަށް ފެންނާނީ އަހަރުމެން ބޭނުންވި އަރީފު." ޑޮކުޓަރު ހިނިތުންވެލި އެވެ.

"މި ހުރިހާ ދުވަހު އަހަރެން ތި ގެންގުޅުނީ ކޮންތާކު؟" އަރީފު އަހައިލި އެވެ.

ހައިރާން ކަމާއެކު އަހަރެން ބަލަން އިނީމެވެ. އޭނާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ.

"މި ހުރިހާ ދުވަހު އަރީފުގެ ހަށިގަނޑު ގެންގުޅުނީ ހަމަ ދާނިޔާ. ދާނިޔާއަކީ ކެތްތެރި އިޚްލާސްތެރި، ވަފާތެރި އަނތްބެއް. ފިރިމީހާއަށް މިފަދަ ބޮޑުކަމެއް ދިމާވީމަ އެހެން މީހަކު ނަމަ ފިލައިގެންދާނީ. އުއްމީދެއް ނެތް އިރެއްގައި އުއްމީދުގެ އަލިކޮޅު ދިއްލައި ނުދޭނެ،" ޑޮކުޓަރު ހިނިތުންވެލި އެވެ. "ދާނިޔާއަށް ތައުރީފު ހައްޤު. މި ކުރަނީ ޙައްޤު ތައުރީފެއް."

"އަހަންނަށް ކިހިނެއްވީ؟" އަރީފު އަހައިލި އެވެ.

"ދާނިޔާ ކިޔައިދީ." ޑޮކުޓަރު ބުނެލި އެވެ.

"ރިޔާޒުގެ މަރާއެކު އަރީފަށް ލިބުނު ޝޮކުގެ ސަބަބުން ސިކުނޑީގެ ނާރުތަކުން ފޮނުވާ މެސެޖުތައް ތަފާތުވެ ކޯޑިނޭޝަން ގެއްލޭ ހާލަތްތައް މެދުވެރިވާން ފެށީ. އަނެއްކާ އަރީފު ވެސް އެހާ މަތިން ވެއްޓުނީމަ، ޖެހުނު ގޮތުން ސިކުނޑިއަށް އަސަރުކުރީ." އަހަރެން ކިޔައިދިނީމެވެ.

"އަރީފުގެ ހަނދާންތައް އަނެއްކާ އާވާން ތިފެށީ ދެންމެ ލިބުނު ޝޮކުން. ދާނިޔާއަކީ ހިތްވަރުގަދަ ހިތްދިރި އަނތްބެއް،" ޑޮކުޓަރު ކިޔައިދިނެވެ. "މިކަހަލަ އެތައް ކަމެއް ދާނިޔާ ރޭވި. އެހެނަސް މި ހަފަރު ބަދަލުކޮށްލީ. ރިޔާޒު ވެއްޓުނު ބެލްކަނި ފެނުނީމަ އަރީފު ނޯމަލް ވާން އެފެށީ. އިންޝާﷲ ދެން އަރީފުގެ ހަނދާންތައް ތި ލިބުނީ."

އަހަންނަށް ހަމްދަށް އަތް ނެގުނެވެ. ދެންނެވުނު ދެންނެވުންތައް މަތީން ހަނދާން އާވެ އާލާވަމުންދާ ފެށި އެވެ. އަހަންނަށް އަހަރެންގެ އަރީފު ލިބިއްޖެ އެވެ. ކުރިން އަހަރެން ކައިވެނި ކުރި އަރީފެވެ. އޯގާތެރި އަރީފެވެ. މިހުރިހާ ކަމަކުން އަހަންނަށް ދަސްވީ އެންމެ ބޮޑު ކަމަކީ ދެންނެވުމަކީ ހުރިހާ ކަމެއްގެ ހަތިޔާރު ކަމެވެ. މާޔޫސްނުވެ، އިޚްލާސްތެރިކަމާއެކު ކުރާ ކޮންމެ ކަމަކީ އެކަމުގެ އަޖުރު ފަހުން ވެސް މާ ފުރިހަމައަށް ލިބޭނެ ކަމެކެވެ. އާއެކެވެ. ދިރިއުޅުމުގެ ކުޅިފަސް އަތުވާނީ ޤުރުބާންތަކެއްގެ މަތީ ނިދައި ކައިބޮއި ހަދައިގެންނެވެ.