Advertisement

ހަމަލާތަކުން ފައްޔާޒު ދިފާއުކުރަން މަޖިލީހުގައި ދުވާފަރު މެމްބަރާއި އިހަވަންދޫ މެމްބަރު

9 މާރިޗު 2022 - 15:43 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.


ހަމަލާތަކުން ފައްޔާޒު ދިފާއުކުރަން މަޖިލީހުގައި ދުވާފަރު މެމްބަރާއި އިހަވަންދޫ މެމްބަރު

9 މާރިޗު 2022 - 15:43 1

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުގައި ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށާއި ސަރުކާރަށް ފާޑުވިދާޅުވެ، ގިނަ މެމްބަރުންތަކެއް ދެއްކެވި ވާހަކަތަކަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ހިނގި ޒުވާބަކަށް ފަހު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވެސް ބައެއް މެމްބަރުން އެ ބަހުސް ވެއްދެވި އެވެ. ސިވިލް ސާވިސް ގާނޫނަށް ބަދަލެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލެއްގެ ބަހުސްގައި ޕާޓީގެ އެތެރޭގެ އަރައިރުމުގެ ވާހަކަ ފުރަތަމަ ފެށްޓެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

ރޭ ހިނގި އަރައިރުމުގައި ފައްޔާޒް ދެއްކެވި ވާހަކައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ރައްދު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އޭނާ ނުރުހުން ފާޅުކުރެއްވީ ސަރުކާރަށް ޖެއްސުންކުރަން މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތްކުރާ ކަމަށް ކުރާ ތުހުމަތަށެވެ. ވަޒީރަކު އެ ތުހުމަތު ކުރައްވާ ކަމަށާއި އެގޮތަށް ތުހުމަތު ކުރައްވާ ނަމަ، "ޖެއްސުން ކުރަން ކުރީ ކޮން ކަމެއް" ކަން ވިދާޅުވާން ޖެހޭނެ ކަމަށް މީކާއީލް ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ ސީދާ ފައްޔާޒުގެ ނަން ވިދާޅެއް ނުވެ އެވެ.

މީކާއީލްގެ އެ ވާހަކައަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން، އިދިކޮޅު ފަރާތްތަކުން ނުގޮވާހާ އެއްޗިހި ސަރުކާރާ ދިމާލަށް ގޮވާފައި އެބަހުރި ކަމަށެވެ. އޭގެ މިސާލުތައް ކަމަށް އޭނާ ގަބޫލުކުރައްވާ ބައެއް ކަންތައްތައް ވެސް އިސްމާއީލް ވިދާޅުވި އެވެ.

"އެންމެ ފަހުން ނިމިދިޔަ، އެމްޑީއެންގެ މައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާ [އިބްރާހީމް މުހައްމަދު ސޯލިހު] ރައްޔިތުންނާ އެއްކޮޅަށް ދީލައިލެއްވުމާ އެކު ފިނޑިއަކަށް ހެދީ ހަމަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން. އަދި ކުރީގެ މާލޭ މޭޔަރު ކުރި ވައްކަން ބަލަން ހެދީމާ އެކަން ހުއްޓުވީ ހަމަ ސީދާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުފޫޒުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ސަރުކާރުން ބަލަމުން ގެންދަނިކޮށް، އެކަމުގެ ތުހުމަތުވާ ފަރާތްތަކުގެ ލިސްޓް މަޖިލީހަށް ގެނެސް، އެ ލިސްޓުން ނަންތަކެއް އުނިކުރީ ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެބޭފުޅުން މިސަރުކާރަށް ޖެއްސުންކުރަން ކޮށްފައި ނުކުރާކަ ކަމެއް ނެތް،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ވާހަކަދައްކަވާ މެމްބަރުން އެދިވަޑައިގަންނަވާ ވަރަށް މަޖިލީހުގެ ތެރެއިން ވޯޓް ލިބިވަޑައިގަންނަވާ ނަމަ ރައީސް އެމަގާމުގައި ހުންނަވާނެ ކަމާ މެދުގައި ވެސް ޝައްކެވެ.

ބައެއް މެމްބަރުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ފައްޔާޒު ވިދާޅުވީ އެހެންވެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދުގެ ޖަލްސާގައި ކުރެއްވި ކަމަކީ ފައްޔާޒަށް ތައުރީފުކުރެއްވުމެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ގައުމުތައް (އިގުތިސާދީ ގޮތުން) ވީރާނާ ވަމުންދާ ކަމަށާއި އެހެން ނަމަވެސް, ރާއްޖެއަށް އެ ގޮތް ދިމާނުވީ ވަޒީރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަންކަމުގައި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ބޯގަންވިލާ ފައްޔާޒް އިސްމާއީލަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް،" ޝިފާއު ވިދާޅުވި އެވެ.