Advertisement

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ކާށިދޫ ކައުންސިލުން ބޭރުގެ އިންވެސްޓަރަކު ހޯދައިފި

8 މާރިޗު 2022 - 16:50 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކާށިދޫ ބަނދަރުމަތީ ހުރި އެ ރަށުގެ ނަންބޯޑު. ކާށިދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން، އެރަށު ކައުންސިލުން ވަނީ ބޭރުގެ އިންވެސްޓަރަކު ހޯދާފައި. ފޮޓޯ: އާއިމް ޒަމީރު/އަދަދު


ލޯކަލް ޓޫރިޒަމް ކުރިއަރުވަން ކާށިދޫ ކައުންސިލުން ބޭރުގެ އިންވެސްޓަރަކު ހޯދައިފި

8 މާރިޗު 2022 - 16:50 0

ކ. ކާށިދޫގެ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ތުރުކީވިލާތުގެ ކުންފުންޏަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ތުރުކީގެ ބީއެންޖީ އިންސާތު އޭއައި ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ކާށިދޫ ކައުންސިލުން ގާއިމްކުރި އެމްއޯޔޫގައި ސޮއިކުރީ މިދިޔަ ހޮނިހިރު ދުވަހު ކާށިދޫގެ ދެކުނު އަވަށު ތުނޑީ ސަރަހައްދުގަ އެވެ. އެ އެމްއޯޔޫގައި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާމިރެވެ. ބީއެންޖީ އިންސާތުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ހަކާން ޔަޒީޖީ އެވެ.

އެ އެމްއޯޔޫގެ ދަށުން ކާށިދޫ ކައުންސިލާއި ބީއެންޖީ އިންސާތުގެ ހިއްސާ އެކުލެވޭގޮތަށް ޖޮއިންޓްވެންޗާ އެއް އުފައްދައި، ކާށިދޫގައި ޓޫރިސްޓް ވިލެޖެއް ތަރައްގީކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

ޓުއަރިސްޓް ވިލެޖެއް ތަރައްގީކުރަން ކާށިދޫ ކައުންސިލުން ވަނީ 12 ހެކްޓަރުގެ ބިމެއް ކަނޑައަޅައިފައެވެ. ކާށިދޫ ކައުންސިލާއި ބީއެންޖީ އިންސާތު އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މަޝްވަރާކުރާނީ 200،000 އަކަފޫޓްގެ ބިމުގައި 120 ކޮޓަރިއާ 180 ކޮޓަރިއާ ދެމެދުގެ ވިލެޖެއް ތަރައްގީކުރުމާ ބެހޭ ގޮތުންނެވެ.

ރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސްވިހާ އަވަހަކަށް މިކަމަށް ބޭނުންވާ ބިން ދޫކޮށް އެ މަޝްރޫއުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.

ކާށިދޫ އަކީ ލޯކަލް ޓުއަރިޒަމް ކުރިއަރުވަން މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން އަދި ކާމިޔާބު ނުވެ އޮތް ރަށެކެވެ.

ތުރުކީ ކުންފުންޏާ އެކު ގާއިމްކުރި އެމްއޯޔޫގައި ކާށިދޫ ކައުންސުިލްގެ ރައީސް މުހައްމަދު އާމިރު ސޮއިކުރައްވަނީ. ފޮޓޯ: ކާށިދޫ ކައުންސިލް


" ވޭތުވެ ދިޔަ ދުވަސްތަކުގައި ކާށިދޫގައި ޓުއަރިޒަމް ތަރައްގީކުރަން އަމިއްލަ ބައެއް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނި ތަކުންވެސް މަސައްކަތްތަކެއް ކޮށްފި. އަޅުގަނޑުމެންނަށް މިފެންނަނީ އެކަންކަން ހުއްޓިފައިވާތަން. އެއް ސަރަހައްދަކުން މިފެންނަނީ ވީރާވާން ދޫކޮށްލާފައިވާ އިމާރާތްތަކެއް. އަނެއް ތަނަކަށް މިފެންނަނީ ރާވަން ފަށާފައިވާ ބޮޑު އިމާރާތެއް. ކައުންސިލްގެ ރައީސްކަމަށް ރައްޔިތުން އަޅުގަނޑު ހޮވުމާއެކު މިކަމުގައި ކުލަޖެހޭ ތޯ ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު އެކުންފުނިތަކާ އެކު ކުރިއަށް ދެވޭނެ މަގެއް ނުފެނުނު. އެހެންވެ އަޅުގަނޑުގެ މިސްރާބު މިބަދަލުކޮށްލީ،" ކާށިދޫ ކަައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކާށިދޫގައި ސިޓީ ހޮޓާ ހެދުމަށް އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައިވާ ބިމުގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓި އެތަން ވަނީ ވީރާނާ ވެފައެވެ. އަދި އެމްއައިޓީޑީސީން ކާށިދޫގައި ތަރައްގީކުރަން ފެށި އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯންގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.

އާމިރު ވިދާޅުވި ގޮތުގައި އިތުރު ފަރާތްތަކެއް ޝާމިލްނުކޮށް ސީދާ ބޭރުގެ އިންވެސްޓަރުން ކާށިދޫ އަށް ގެނައުން އެއީ އޭނާގެ އަމާޒެކެވެ. ބީއެންޖީ އިންސާތު އާ ވާހަކަ ދެއްކީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.