Advertisement

އާމިރު ވަކިކުރަން ޕެޓިޝަން ހެދީ މިދިޔަ އަހަރު: ދުވާފަރު މެމްބަރު

1 މާރިޗު 2022 - 13:53 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އާމިރު ވަކިކުރަން ޕެޓިޝަން ހެދީ މިދިޔަ އަހަރު: ދުވާފަރު މެމްބަރު

1 މާރިޗު 2022 - 13:53 0

ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު އާމިރު ވަޒީފާއިން ވަކިކުރަން ދުވާފަރުގެ އެމްޑީޕީ މެމްބަރުން ޕެޓިޝަނެއް ތައްޔާރުކުރަން ފެށީ މާކުރިން ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅުވައި އެޅި ފިޔަވަޅެއް ކަމަށް ދެކެވޭ ވާހަކަ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު (އިއްސެ) ދޮގުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްސެ ވިދާޅުވީ ދުވާފަރުގައި ޖެހުނު މައްސަލައިގައި އެމްޑީޕީގެ އާއްމު މެމްބަރުން އަމަލުކުރެއްވީ އެމްޑީޕީގައި އެފަދަ ކަންކަމަށް އޮންނަ އުސޫލާ އެއްގޮތަށް ކަމަށެވެ. އާމިރަށް ފިޔަވަޅު އަޅަން ނިންމީ އާއްމު މެންބަރުން އެދޭތީ އެމްޑީޕީގެ(ދުވާފަރު ގޮފީގެ) ހިންގާ ކޮމިޓީން ކަމަށެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާ އެކުގައި ރައީސް އޮފީހުން ބަލަން ޖެހޭ ބެލުންތަކެއް ބެލި އިރުގައި މަހަކު ފަސް ދުވަހު އޮފީހަށް ނުނިކުންނަވައި، ތަނުގެ ކުރިއެރުމަށް މަސައްކަތެއް ނުކުރައްވާ، ހަވާލުވެފައި ހުރި ޒިންމާތައް އަދާނުކުރައްވާ،" އިސްމާއީލް ވިދާޅުވި އެވެ.

ދުވާފަރުގައި ސިޔާސީ ބޭފުޅަކު ހުންނެވި ހަމައެކަނި ތަނަކީ ސިއްހީ މަރުކަޒު ކަމަށާއި އެހެން ނަމަވެސް އެ ރަށުގައި އެންމެ ދަށްކޮށް އޮތީ ވެސް އެތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގާތްވެ, ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ވަނީ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އާމިރު ވަކިކުރީ އެ ގޮތަށް ކަމަށް ވެސް އިންތިގެ ޓީމުން ތުހުމަތު ކުރެ އެވެ. ނަމަވެސް, ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޓީމުން އެ ތުހުމަތު ދޮގުކުރެ އެވެ. ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ތާއީދުކުރައްވަނީ ފައްޔާޒަށެވެ.

އާމިރު ވަކިކުރީ އެ އިންތިހާބާ ގުޅުވައިގެން ކަމަށް ކުރާ ތުހުމަތަށް ރައީސް އޮފީހުން ވެސް މިއަދު ރައްދު ދިނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ، އެނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ލިބިގެން އެކަން ބެލުމަށްފަހު ކަމަށެވެ.

"ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގަ އާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސްގެ އޮފީހަށް ލިބިފައިވުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އެޅީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި، އެފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.