Advertisement

ލީޑްސްގެ އާ ކޯޗަކަށް ރެޑްބުލްގެ ޓީމުތަކުން ފެނުނު މާޝް ހަމަޖައްސައިފި

1 މާރިޗު 2022 - 13:35 0


ލީޑްސްގެ އާ ކޯޗަކަށް ރެޑްބުލްގެ ޓީމުތަކުން ފެނުނު މާޝް ހަމަޖައްސައިފި

1 މާރިޗު 2022 - 13:35 0

ލަންޑަން (މާޗު 1) - ލީޑްސް ޔުނައިޓަޑްގެ ކޯޗަކަށް އެމެރިކާގެ ޖެސީ މާޝް އިއްޔެ ހަމަޖައްސައިފި އެވެ.

ލީޑްސް އިން އާ ކޯޗެއް މި ހަމަޖެއްސީ އެ ޓީމުން މި ފަހަކަށް އައިސް ނެރިފައިވާ ދަށް ނަތީޖާތަކާ ގުޅިގެން، ތާވަލްގެ ފަހަތަށް ވެއްޓުމާ އެކު، އެ ޓީމުގެ ކޯޗުކަމުން އާޖެންޓީނާ މާސެލޯ ބިއެލްސާ ވަކިކުރުމުންނެވެ. ބިއެލްސާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.

ލީޑްސް އިން ބުނީ ކުރިން، ރެޑްބުލް އިން އޮސްޓްރިއާ އާއި ޖަރުމަނުގައި ހިންގާ ދެ ކްލަބް، އާރްބީ ލައިޕްޒިގާއި އާރްބީ ސަލްޒްބާގަށް ކޯޗުކޮށްދިން މާޝް ،48، އެ ކްލަބާ ހަވާލުވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ލީޑްސް ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ މާޝް ކަމަށެވެ.

"މި ކްލަބުގެ ދިގު ރާސްތާ ޕްލޭނެއް އެބައޮތް. މި ނަޒަރުން ވިސްނާއިރު، މި ކްލަބުން ގަބޫލްކުރަނީ މާޝް އަކީ މި ވަގުތު މި ކްލަބަށް އެންމެ އެކަށީގެންވާ ކޯޗުކަމަށް،" ލީޑްސްގެ ޑިރެކްޓާ އޮފް ފުޓްބޯލް ވިކްޓާ އޯޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލީޑްސް ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަމިއްލަ ދަނޑުގައި ބަލިވީ 4-0 އިންނެވެ. މިއީ ލީގުގައި ލީޑްސް ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ. މި ހަތަރު މެޗުގައި ލީޑްސްގެ ކޮޅަށް ވަނީ 17 ލަނޑު ވަދެފަ އެވެ.

ލީޑްސްގެ ފޯމު ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން ތަޖުރިބާކާރު ކޯޗު ބިއެލްސާ އަށް އޮތެވެ. އެހެން ނަމަވެސް، ރެލިގޭޝަންގެ ބިރާ އެކު، ލީޑްސްގެ ބޯޑުން ވަނީ ބިއެލްސާ މަގާމުން ވަކިކޮށްފަ އެވެ.

އާރްބީ ސަލްޒްބާގާ އެކު އޮސްޓްރިއާގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ފަހު، މާޝް ޖަރުމަންގެ އާރްބީ ލައިޕްޒިގްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރެވެ. އެކަމަކު އެކަށީގެންވާ ނަތީޖާތައް ނުނެރެވުމުން، އެ ކްލަބުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ މަގާމުން ވަކިކޮށްފަ އެވެ. -- އޭއެފްޕީ