Advertisement

އާމިރު މަގާމުން ވަކިކުރުން ސަރުކާރުން ދިފާއުކޮށްފި: "އެކަން ކުރީ އުސޫލުގެ ތެރޭން"

1 މާރިޗު 2022 - 11:17 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އޮފީހުގެ ތަރުޖމާނު، މުހައްމަދު މަބްރޫކް އަޒީޒް-- ފޮޓޯ: ރައިސް އޮފީސް


އާމިރު މަގާމުން ވަކިކުރުން ސަރުކާރުން ދިފާއުކޮށްފި: "އެކަން ކުރީ އުސޫލުގެ ތެރޭން"

1 މާރިޗު 2022 - 11:17 1

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅުވައިގެން ސިޔާސީ މަގާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު، ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގާތްވެ, ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ވަނީ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް, ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޓީމުން އެ ތުހުމަތު ދޮގުކުރެ އެވެ.

މިހާރު ފެންމަތިވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު، ވަޒީފާއިން ވަކިކޮށްފަައިވާ ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓާ އަހްމަދު އާމިރު، އެ މަގާމުން ވަކިކުރި މައްސަލަ އެވެ. އެ މައްސަލާގައި އިމްތިޔާޒުގެ ޓީމުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިއަދު ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ، އެނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ލިބިގެން އެކަން ބެލުމަށްފަހު ކަމަށެވެ.

"ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގަ އާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސްގެ އޮފީހަށް ލިބިފައިވުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އެޅީ،" މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި، އެފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ މީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ހައްހަކަށް ވާއިރު އެ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އާމިރު އެ މަގާމުން ވަކި ކުރުމުން، ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުންވެ, ރައީސް ސޯލިހަށް ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންތިހާބާ ދިމާކޮށް ރައީސްގެ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާ ކަމަށެވެ.

އަދި ގާނޫން އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންިހާބާ ދިމާކޮށް، ޕާޓީން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެ އެވެ.