Advertisement

ލީޑްސްގެ ކޯޗުކަމުން ބިއެލްސާ ވަކިކޮށްފި

28 ފެބުރުވަރީ 2022 - 09:34 0


ލީޑްސްގެ ކޯޗުކަމުން ބިއެލްސާ ވަކިކޮށްފި

28 ފެބުރުވަރީ 2022 - 09:34 0

ލަންޑަން (ފެބްރުއަރީ 28) - މި ފަހަކަށް އައިސް ލީޑްސް ޔުނައިޓެޑުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން، އެ ޓީމުގެ ކޯޗުކަމުން އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ވަކިކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލީޑްސް ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަމިއްލަ ދަނޑުގައި ބަލިވީ 4-0 އިންނެވެ. މިއީ ލީގުގައި ލީޑްސް ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ. މި ހަތަރު މެޗުގައި ލީޑްސްގެ ކޮޅަށް ވަނީ 17 ލަނޑު ވަދެފަ އެވެ.

އެހެން ނަމަވެސް، ލީޑްސްގެ ފޯމު ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން ބިއެލްސާ އަށް އޮތެވެ. އެހެން ނަމަވެސް، ރެލިގޭޝަންގެ ބިރާ އެކު، ލީޑްސްގެ ބޯޑުން ވަނީ ބިއެލްސާ މަގާމުން ވަކިކުރަން ނިންމައިފަ އެވެ.

ލީޑްސްގެ ޗެއާމަން، އިޓަލީގެ ވިޔަފާރިވެރިޔާ އަންޑްރެއާ ރަޑްރިޒާނީ ވިދާޅުވީ ބިއެލްސާ ވަކިކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، މި ވަގުތު ކްލަބު އޮތް ހިސާބުން، ބިއެލްސާ ވަކިކުރަން "މަޖުބޫރުވީ" ކަމަށެވެ.

"ބިއެލްސާގެ އިރުޝާދުގެ ދަށުން ވަރަށް ކާމިޔާބު ތިން ސީޒަން ނިންމާލިން. ލީޑްސް އަށް އުފާވެރިކަން ލިބުނު،" ރަޑްރިޒާނީ ވިދާޅުވި އެވެ.

ލީޑްސްގެ ކޯޗުކަމާ 2018 ވަނަ އަހަރު ބިއެލްސާ ހަވާލުވިއިރު، ލީޑްސް އޮތީ އިނގިރޭސި ޗެމްޕިއަންޝިޕްގަ އެވެ. ބިއެލްސާގެ އިރުޝާދުގެ ދަށުން އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްވިއިރު، އޭނާ އަކީ އެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައި މަގްބޫލު ކޯޗެކެވެ.

ބިއެލްސާ ކޮންމެ ފަހަރަކު ލީޑްސްއާ އެކު ސޮއިކުރަމުން އައީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ އޭނާ އަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި އެއްވެސް ޓީމެއްގައި ނުހުރެވޭތީ މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް މުއްދަތަކަށް ކޮންޓްރެކްޓެއް ހަދަން ބޭނުންނުވާތީ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ލީޑްސްގެ ކޯޗުކަން ދެން ހަވާލުކުރާނީ އާރްބީ ލައިޕްޒިގް އަދި އާރްބީ ސަލްޒްބާގް ކުރީގެ ކޯޗު ޖެސީ މާޝްއާ އެވެ. -- އޭއެފްޕީ