Advertisement

ބާސެލޯނާގެ ވަރުގަދަ ފޯމު ހުއްޓުވޭނެ ގޮތެއް އަދި ނެތް

28 ފެބުރުވަރީ 2022 - 07:36 0

ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ބާސެލޯނާގެ ވަރުގަދަ ފޯމު ހުއްޓުވޭނެ ގޮތެއް އަދި ނެތް

28 ފެބުރުވަރީ 2022 - 07:36 0

ބާސެލޯނާ (ފެބްރުއަރީ 28) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 އިން މޮޅުވެ، ބާސެލޯނާ އިން އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެމުން އައި ވަރުގަދަ ފޯމު ދަމަހައްޓައިފި އެވެ.

އެންމެ ފަހުން ތިން މެޗުގައި ވެސް ބާސެލޯނާ އިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެއީ ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ބިލްބާއޯ ކޮޅަށެވެ. އަދި ޔޫރޮޕާ ލީގުގައި ނަޕޯލީ ކޮޅަށެވެ. ޑިސެމްބަރު އަށް ވަނަ ދުވަހުގެ ފަހުން 90 މިނިޓްގެ މެޗަކުން ބާސެލޯނާ ބަލިވެފައިނުވެ އެވެ. އެ ޓީމު ބަލިވީ ސްޕެނިޝް ސުޕަ ކަޕްގައި އިތުރު ވަގުތު ކުޅެގެންނެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ ހަތަރު ވަނަ އަށް އަލުން ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސެވިއްޔާ އިން ވަނީ ރޭ 2-1 އިން ތިން ވަނައިގައި އޮތް ރެއާލް ބެޓިސް ބަލިކޮށްފަ އެވެ. ސެވިއްޔާ އަށް 54 ޕޮއިންޓް ލިބިފައިވާއިރު، ބެޓިސް އަށް ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން ވަނީ 45 ޕޮއިންޓް ހަމަކޮށްފަ އެެވެ.

ބާސެލޯނާ އިން ލީޑުނެގީ 37 ވަނަ މިނިޓްގައި ޕިއޭ އެެމެރިކް އޮބާމަޔަން ވައްދާލި ގޯލުންނެވެ. މިއީ ކޯނަރެއްގައި ޖެރާޑް ޕީކޭ ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އެނބުރި އައި ވަގުތު އޮބާމަޔަން ޖެހި ގޯލެކެވެ. މިއީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޮބާމަޔަންގެ ފަސް ވަނަ ގޯލެވެ.

ބާސެލޯނާގެ ޑެމްބެލޭ (ކ) ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


ދެ ވަނަ ހާފްގައި ބާސެލޯނާ އިން ގިނަ އެޓޭކްތަކެއް ކުރަމުންދިޔައިރު، އެ ޓީމުން ލީޑުފުޅާކުރީ 73 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. ފްރެންކީ ޑި ޔޯން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޑެމްބެލޭ ގޯލަށް ފޮނުވާލީ ހަނި އޭންގަލުންނެވެ.

ބާސެލޯނާ އިން ފަހު ދެ ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފުރަަތަމަ މިނިޓްގައި ޑެމްބެލޭ ނެގި ހުރަހަކުން ލޫކް ޑި ޔޯން ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެމްފިސް ޑިޕާއި ވަނީ އޭގެ ފަހުން ގޯލެއް ޖަހައިފަ އެވެ. މި ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑެމްބެލޭ އެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މިއީ ޑެމްބެލޭ ބާސެލޯނާ ޖޯޒީގައި އޭނާގެ އަސްލު ލެވަލްގައި ކުޅުނު މެޗެއް ކަމަށެވެ. ޖެނުއަރީ މަހު ބާސެލޯނާ އިން ދޫކޮށްލަން ބޭނުންވި ޑެމްބެލޭ މި ސީޒަނުގެ ނިޔަލަށް ބާސެލޯނާ ކޮންޓްރެކްޓްގައި ހުރިއިރު، ޒަވީ ބުނީ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމާނީ ޑެމްބެލޭ ކަމަށާއި ބާސެލޯނާ އިން ބޭނުންވާ ކަންތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.