27 ފެބުރުވަރީ 2022 - 11:04 3
ފާތިމަތު އަޖްފާން
ފީވަކު މަސްޖިދުލް އިއްތިހާދުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ: އެ މިސްކިތް ހެދީ ސަމުގާ ބަލައިގެނެއް ނޫ ް-- ފޮޓޯ: ފީވަށް އެމްވީ
27 ފެބުރުވަރީ 2022 - 11:04 3
ށ. ފީވަކުގައި ހުރި އެންމެ ޒަމާންވީ މިސްކިތުގައި ނަމާދު ކުރާތާ އެތައް އަހަރެއް ފަހުން، މިސްކިތުގެ ގިބްލު ހުރީ ނުބައި ދިމާލެއްގައިކަން އެނގިއްޖެ އެވެ.
އެ މިސްކިތުގައި ނަމާދު ކުރާތާ ގާތްގަނޑަކަށް 30 އަހަރު ފަހުން މަސްޖިދުލް އިއްތިހާދުގެ ގިބްލަ ހުރީ ގޯސްކޮށްކަން އެނގުނީ، އާ މިސްކިތެއް އެޅުމަށް ސަރުކާރުން ފޮނުވި ބަޔަކު އެ މިސްކިތުގެ ގިބްލަ ބެލުމުން ކަމަށެވެ.
"ކުރީ މިސްކިތުގެ ގިބުލަ ބަލާލަދޭން ހިނގާށޭ ބުނީމަ އެ މީހުން އައިސްދިނީ. އެ މިސްކިތް އެޅުމަށް ޖެހި ބުޑުތައް ފަސް ޑިގްރީގެ ތަފާތު އިން. ގިބްލައާ ދިމާނުވާ. ގެފުޅަށް ދިމާނުވާ. ސަމުގާއިން ބެލީ،" ފީވަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިސްކިތަށް ކޮންމެ އަހަރު އެކި ބަދަލުތައް ގެންނަމުންދިޔަ ނަމަވެސް ގިބްލަ ގޯސްކަން ކުރިން ފާހަގަވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ އަހަރަކު އެ މިސްކިތުގެ މުށި ބަދަލުކުރާނެ ރޯދައަށް އެކަމަކުވެސް އެކަމެއް ނޭނގުން. މިފަހަރު އެ މީހުން ލައްވާ ގޮސް ބެލުވީ މިސްކިތުގެ ގިބްލަ ރަނގަޅުތޯ. ދެން މި އެނގުނީ ރަނގަޅު ނޫންކަން، ދެން މިސްކިތުގެ އިމާމުވެސް އައިސް ސަމުގާއިން ބެލީ،" އޭނާ ބުންޏެވެ.
މިސްކިތް އިމާރާތް ކުރިއިރު ރަށުގައި އުޅުނު މީހަކު ބުނީ އެ މިސްކިތުގެ ގިބްލަ ދިމާ ކުރީ ލަފަޔަކަށް ކަމަށާއި އެއިރު ގިބްލަ ބަލަން ސަމުގާ ބޭނުން ނުކުރާ ކަމަށެވެ.
"މިސްކިތް އެޅި އިރު ގިބްލަ ލާން އޭރު އުޅެނީ ހުސެން ކަތީބު އުސްމާން އަބްދުﷲ ނަމަކަށް ކިޔާ މީހެއް. އެމީހަ ކައިރީ ގިބްލަ އިންނަނީ ކޮން ދިމާލަކަށްހޭ ބުނުމުން ބުނީ، ގިބްލަ ބައިންދާށޭ އުތުރުގަ. ވީހާވެސް ބޮޑަށް އުތުރަށް، ދެކުނަށް ނުވާނެހެން ބައިދާށޭ. އޭގެ ފަހުން މިސްކިތް އަޅައިގެން ނަމާދު ކުރޭ. އޭރު ސަމުގާއަކުން ނުބަލާކަމަށް ވަނީ،" އޭނާ ބުންޏެވެ.
Comment