Advertisement

އެކުވެރިކަމުގެ މެޗުތަކުން އާ ޖޯޝަކާއި ހިތްވަރެއް ޒުވާން ކުޅުންތެރިންނަށް ލިބިއްޖެ

26 ފެބުރުވަރީ 2022 - 12:24 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް ގައުމީ އަންހެން ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


އެކުވެރިކަމުގެ މެޗުތަކުން އާ ޖޯޝަކާއި ހިތްވަރެއް ޒުވާން ކުޅުންތެރިންނަށް ލިބިއްޖެ

26 ފެބުރުވަރީ 2022 - 12:24 0

މި މަހު މާލޭގައި ސީޝެލްސް އާއި ސައުދީ އަަރަބިއްޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ސަބަބުން ގައުމީ އަންހެން ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން އާ ހިތްވަރަކާއި ޖޯޝެއް ފެންނަ ކަމަށް ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު އާމިނަތު ލީޒާ ބުނެފި އެވެ.

ގައުމީ އަންހެން ޓީމުން ވަނީ މާލޭގައި ކުޅުނު ސިލްސިލާ މެޗުތަކުގެ ފުރަތަމަ މެޗުން ސީޝެލްސް 1-0 އިން ބަލިކޮށްފަ އެވެ. ރާއްޖޭން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު ދެ ވަނަ މެޗުގައި ސީޝެލްސް އަތުން ބަލިވީ 4-0 އިންނެވެެ. އަދި ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ބަލިވީ 2-0 އިންނެެވެ.

މި މެޗުތަކަށް ފަހު ގައުމީ އަންހެން ޓީމުގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ ވަނީ ޓީމަށް އައި ކުރިއެރުން ފާހަގަކޮށްފަ އެވެ. އަދި މި މެޗުތަކުގެ ނަތީޖާތަކަށް ނުބަލައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކުވެރިކަމުގެ މެޗުތަަކުގައި ޓީމުން ދެއްކި ކުޅުމާއި ގުޅޭގޮތުން ކެޕްޓަން ލީޒާ ބުނީ މުޅިން އަލަށް ރަސްމީ މެޗަކަށް ނިކުތް ކުޅުންތެރިން މި ޓީމުގައި ގިނަ ކަމަށައި، ނަމަވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ވަަރަށް ޕޮޒިޓިވް ކަންތައްތަކެއް ކަަމަށެވެ.

އަލަށް ޓީމާއި ގުޅުނު ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމާ އެކު އިތުރަށް ފުޓްބޯޅައަށް ލޯބި ޖެހި މި ކަމުން ކުރިއަށްދާން ހިތްވަރު ލިބުނު ކަމަށް އުއްމީދުކުރާ ކަމަށް ވެސް ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ލީޒާ ބުންޏެވެ.

"މި ޓީމްގައި އެބަތިބި އަށް ވަރަކަށް ކުޅުންތެރިން 11 އެސައިޑް ނުކުޅޭ. އެކަމަކު، އެކުދިން ދަނޑަށް އަރާ ކުޅުނުއިރު އެއްވެސް ތަފާތެއް ނުފެނޭ. ހަމަޖެހިލައިން ކުޅުނުތަން ފެނުނީ" ގައުމީ ޓީމުގެ ގޯލު ގިނަ މެޗުތަކެއްގައި ބެލެހެއްޓި ކީޕަރު ލީޒާ ބުންޏެވެ.

"ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް ބޮޑަށް އަލަށް ޖޮއިންކުރި ކުދިންގެ ކޮންފިޑެންސް އިތުރުވި ކަމެއް. އިތުރަށް މީގެ ތެރެއަށް ލޯބި ޖެހޭނެ ކަމަށް މިބަލަލީ އެކަމުގެ ސަބަބުން،"

ލީޒާ ބުނީ މި ޓީމު މިގޮތަށް އޮވެ ގިނަ ދުވަހު ޕްރެކްޓިސް ކޮށްފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަމިއްލަ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ޓީމަށް ބޮޑު ބަދަލެއް އައިއިރު ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ކުރިން އިތުރު މެޗުތަކެއް ކުޅެން ލިބުމަކީ ލީޒާގެ އުއްމީދެވެ.

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ލީޒާ ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


އޭނާ ބުނީ މި އަހަރު ރާވާފައި ހުރި އަންހެން ފުޓްބޯޅައިގެ ހަރަކާތްތަކަށް ބަލާއިރު، އަންހެން ކުޅުންތެރިންގެ ލީގުގެ ސަބަބުން ގައުމީ ޓީމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. މިގޮތުން އާ ކުޅުންތެރިން ޓީމަށް ލިބި އަންހެން ފުޓްބޯޅައިގެ ފޯރި އިތުރުވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

އަންހެން ފުޓްބޯޅައިގައި މި އަހަރު ކުރިއަށްދާ އެންމެ މުހިންމު ހަރަކާތަކީ އެފްއޭއެމުން ކުރިއަށްގެންދާ ވިމެންސް އިންވިޓޭޝަން ކަޕް އެވެ.

މި މުބާރާތުގެ ނައިފަރުގެ ބައި ނިމިފައިވާއިރު، ލ. އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ވެސް މި މުބާރާތް ބާއްވާނެ އެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެ އެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ.