Advertisement

ސައުދީ އަރަބިއްޔާ އަތުން ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ފެބުރުވަރީ 2022 - 07:10 0

ސައުދީގެ ލާނާ ރެދާ (ވ) އަތުން ބޯޅަ ހޯދަން ރާއްޖޭގެ ނޫރާ މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސައުދީ އަރަބިއްޔާ އަތުން ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ފެބުރުވަރީ 2022 - 07:10 0

އަންހެން ފުޓްބޯޅައިގެ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާ ފަހު މެޗުގައި ރޭ ސައުދި އަރަބިއްޔާގެ އަންހެން ޓީމް އަތުން ރާއްޖޭގެ ގައުމީ އަންހެން ގައުމީ ޓީމު 2-0 އިން ބަލިވެއްޖެއެވެ.

މުޅިން އަލަށް ގައުމީ ޓީމެއް އަންހެން ގައުމީ ޓީމެއް އެކުލަވާލައި ސައުދީ އަރަބިއްޔާ އިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދީ ސީޝެލްސްއާ ވާދަކޮށެވެ. ސީޝެލްސް އަތުން 2-0 އިން ސައުދީ މޮޅުވިއިރު، މިއީ އެ ޓީމު ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗެވެ.

އަންހެން ފުޓްބޯޅަ ތައާރަފްކޮށް ރަސްމީކޮށް ސައުދީ އިން ކުޅުނު ދެ ވަނަ މެޗުގައި ރޭ ރާއްޖެ އަތުން އެ ޓީމުން ހޯދީ ފުރިހަމަ މޮޅެކެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ސައުދީ އިންނެވެ. ރާއްޖެ އިން މި މެޗަށް ނުކުތީ ސީޝެލްސް އަތުން 4-0 އިން ބަލިވި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން ސީނިއާ ހުރިހާ ކުޅުންތެރިންނަށް ކޯޗު ވަނީ ފުރަތަމަ އެގާރަ އިން ފުރުސަތުދީފަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެ ސައުދީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ރާއްޖޭގެ މައި ދެ ޑިފެންޑަރުންކަމަށްވާ މައީޝާ އަބްދުލް ހައްނާން އާއި ފާތިމަތު ތީބާ ޑިފެންސްލައިނުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، ސައުދީގެ މެދުތެރެއިން ކެޕްޓަން ސާރާ މުހައްމަދު އަލްހަމަދާއި، މަރިޔަމް އަލްތަމީމީގެ ކުޅުން ފާހަގަކުރެވުނެވެ.

ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، ދެ ވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ފެނުނީ ވަރުބަލިކޮށެވެ. ވަކިން ހާއްސަކޮށް ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާތަކުގެ އަސަރު މި މެޗުން ވަރަށް ބޮޑަށް ފެނުނެވެ. ފޯވާޑް ލައިނުގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ މަރިޔަމް ރިފާ އަދި ފާތިމަތު ނޫރާ އަށް މެޗުގެ އެކި ހިސާބުތަކުގައި ފަރުވާ ދޭން ޖެހުނެވެ.

ސައުދީ އަރަބިއްޔާއިން މެޗުގެ ފުރަތަމަ ގޯލް ޖެހީ 62 ވަނަ މިނިޓުގަ އެވެ. އަލްބަންދާރީ މުހައްމަދު އަލްވަސާވީ ނަގައިދިން ހުރަސް ގޯލްގެ ތިރީ ކަނަށް ފޮނުވާލައި މި ލަނޑު ސައުދީ އަށް ޖަހައިދިނީ އަލްބަންދާރީ މުބާރަކް އަބްދުﷲ އެވެ. އޭނާ ވަނީ ސީޝެލްސް ކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލް ޖަހައިފަ އެވެ.

ސައުދީގެ ގޯލާ އެކު ރާއްޖެ އިން ކުރިއަށް ޖެހިލައިގެން ކުޅެން މަސައްކަތްކުރި އެވެ. ނަމަވެސް މާ ހުސް ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ރާއްޖެ އިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ހިލޭ ޖެހުމަކުންނެެވެ. ތީބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީކަނާ ދިމާލުން ބޭރަށެވެ. އަދި އޭގެ ފަހުން އޭރިއާ ބޭރުން ރާއްޖޭގެ އިނާޝާ އާދަމް ފޮނުވާލި ބޯޅައިގައި ބާރެއް ނެތި ދިޔައީ ސައުދީގެ ކީޕަރު ސާރާ ހާލިދު އަތަށެވެ.

ސައުދީގެ ދެ ވަނަ ގޯލް ޖެހީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. މި ގޯލް ވެސް ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި އަލްބަންދާރީ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މަރިޔަމް އަލްތަމީމީ ފޮނުވާލި ބޯޅަ ކީޕަރު އާމިނަތު ލީޒާ އަތުގައި ޖެހިފައި ނިކުތް ވަގުތު ލިބުނީ ސައުދީގެ ބަޔާން ބަހާއިލްދިން ސަދަގާ އަށެވެ. ބަޔާން ޖައްސާލި ބޯޅަ ދިފާއުކުރަން ހައްވާ ހަނީފާ އަދި ކީޕަރު ލީޒާ ވެސް މަސައްކަތް ކުރިއެވެ. ރާއްޖޭގެ ކުޅުންތެރިއަކަށް ބޯޅަ ނުލިބި އެ ބޯޅަ ލިބުނީ އަލްބަންދާރީ އަށެވެ. އޭނާ ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައި ސައުދީ އަށް މެޗު ކާމިޔާބު ކޮށްދީފަ އެވެ.

މި ގޯލަށް ފަހު ރާއްޖޭގެ ޑިފެންޑަރު ތީބާ ކުރިއަށް ޖެހިގެން ކުޅުނު ވަގުތު ސައުދީން ނުރައްކާތި ބޯޅަތަކެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ލިބުނު ތިން ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ ވެސް ކީޕަރު ލީޒާ ދިފާއުކުރިއެވެ. އަދި ކެޕްޓަން ސާރާ ވާތުފައިން ގޯލްގެ އަރިމަތީ ކަނަށް ފޮނުވާލި ބޯޅަ ވެސް ކީޕަރު ލީޒާ ދިފާއުކުރި އެވެ.

މިރޭގެ މެޗާ އެކު މާލޭގައި ކުޅުނު އެކުވެރިކަމުގެ ސިލްސިލާގެ މެޗުތައް ނިމުނީ އެވެ. މި މެޗުތަކަކީ މި އަހަރު ފަހުކޮޅު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމަށް ހޯދައިދިން މެޗުތަކެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުރިން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެކުވެރިކަމުގެ މެޗުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.