24 ފެބުރުވަރީ 2022 - 11:48 0
ސާއިފް ޝިޔާދު
ވެލާނާ އިންޓަނޭޝަނަލް އެއާޕީޯޓުން ޓޫރިސްޓުންތަކެއް ރިސޯޓަކަށް ފުރަނީ. ރަޝިއާ އަދި ޔޫކްރެއިން އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ގައުމުތަކުގެ ކުރީ ސަފުގައި އުޅޭ ދެ ގައުމު -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު
24 ފެބުރުވަރީ 2022 - 11:48 0
ރަޝިއާ އަދި ޔޫކްރެއިންގެ މެދުގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މި ދެ ގައުމުގެ މާކެޓް ވެއްޓި ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ރަޝިއާއިން ވަނީ ޔޫކްރެއިނަށް ހަމަލާ ދޭން ފަށާފަ އެވެ. އެއާއެކު ޔޫކްރެއިނުން ވެސް އަންނަނީ ދިފާއުގައި ހަމަލާ ބަދަލުކުރަމުންނެވެ.
މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވޭއިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެ ކަމަށް ބެލެވެ އެވެ. އެއީ ޔޫކްރެއިނާއި ރަޝިއާއަކީ ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ދެ ގައުމަށް ވާތީ އެވެ.
"ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެ. މިވަގުތު ރާއްޖެއަށް އެންމެ ބޮޑު މާކެޓަކީ ރަޝިއާ މާކެޓް ކަމަށްވެފައި އަދި ހާއްސަކޮށް ހައި އެންޑް ރިސޯޓްތަކަށް މިކަމުގެ ގެއްލުން ވަރަށް ބޮޑުވެދާނެ ކަމަށް ހީވޭ. ގެސްޓްހައުސްތަކަށް މާބޮޑު އަސަރެއް ނުކުރި ނަމަވެސް މެދުފަންތީގެ ރިސޯޓްތަކަށް ވެސް ހީނަރުކަމެއް އައުން ގާތް،" ރާއްޖެއަށް އެންމެ ގިނައިން ރަޝިއާ ޓޫރިސްޓުން ގެންނަ ޓްރެވަލް އޭޖެންސީ ކަމަށް ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު "އަދަދު" އަށް މިއަދު ވިދާޅުވި އެވެ.
މިވަގުތު ހޯމްސްޓޭ މާކެޓަށް ވަނުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި އެކުންފުނިން ނުދެކެ އެވެ. ރަޝިއާ އަދި ޔޫކްރެއިންގެ މައްސަލަ ހިލެން ފެށި ހިސާބުން ފެށިގެން އެ ކުންފުނިން އަންނަނީ ވިސްނުންތެރިކަމާއެކު އާ ދެ މާކެޓަށް ވަނުމަށް މަސައްކަތްކުރަމުންނެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ޝާޒް ދެކެ އެވެ.
"ރިސޯޓްތަކާއި ސަރުކާރާއި ދިވެހި ޓްރެވަލް އޭޖެންސީތައް އެއްކޮށް ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ޓުއަރިޒަމް ވަޅުގަނޑަކަށް ވެއްޓުމުގެ ކުރިން ސަލާމަތް ކުރެވިދާނެ. އެ ދެގައުމުގެ ފައިސާއަށް އައި ބަދަލަށް ވިސްނައި ރިސޯޓްތަކުން އަގުތައް ތިރިކުރަންވީ މިވަގުތު. އަދި، އެހެނިހެން އެކްސްޓްރާސްގެ އަގުވެސް ކުޑަކޮށް މާކެޓް ހިފެހެއްޓުން ވަރަށް ރަނގަޅު ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ބޮޑު ވަޅުގަނޑަކަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެގައުމުން 33،191 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ޔޫކްރެއިން އޮތީ 7،002 ޓޫރިސްޓުންނާއެކު މި ލިސްޓުގެ އަށްވަނައިގަ އެވެ.
ޔޫކްރެއިންގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާއިރު ދެކުނު ރަޝިއާގެ 11 އެއާޕޯޓަކުން ކުރާ ދަތުރާއި ރަޝިއާއިން ހިފައިގެން އުޅޭ ކްރައިމިއާގެ އެއާޕޯޓަކުން ކުރާ ދަތުރުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ފްލައިޓްތައް ކެންސަލް ކުރި ބައެއް ބޮޑެތި ސިޓީތަކުގެ ތެރޭގައި ސޯޗީ، ކްރަސްނޮޑާރް އަދި އަނަޕާ ފާހަގަކުރެވެ އެވެ. ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ބުނީ މާޗް ދެ ވަނަ ދުވަހާ ހަމައަށް އެ ތަންތަނުން އެއްވެސް ފްލައިޓް ދަތުރެއް ނުކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ޝާއިއުކުރި ފަތުރުވެރިކަމާ ބެހޭ އަހަރީ ރިޕޯޓުގައިވާ ގޮތުން ފާއިތުވި 10 އަހަރު ވެސް ރާއްޖެ ޒިޔާރަތް ކުރާ ރަޝިއާ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ވެސް ރަޝިއާއިން ރާއްޖެ އަންނަ މީހުންގެ އަދަދު އުޅުނީ 60،000 އިން މަތީގަ އެވެ.
"ރަޝިއާގެ މާކެޓަކީ ރާއްޖެއަށް އަންނަ ބަދަލުތަކަށް ނުގުޑާ ފަދަ މާކެޓެއް. 2020 ވަނަ އަހަރު ފަދަ ގޮންޖެހުންތައް ގިނަ އަހަރެއްގައި ވެސް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ވެސް ރަޝިއާގެ ފަތުރުވެރިން ހުއްޓުމެއް ނެތި ޒިޔާރަތް ކުރި. އަލުން ބޯޑަރުތައް ހުޅުވުމާ އެކު ފަތުރުވެރިކަން ރިކަވާ ކުރުމަށް ވެސް ރަޝިއާއިން ބޮޑު ދައުރެއް އަދާކުރި،" އެ ރިޕޯޓުގައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ 10 ގައުމުގެ ލިސްޓަށް ޔޫކްރެއިން ފުރަތަމަ ފަހަރަށް އެރީ 2020 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާ އެކު ޔޫކްރެއިން ފާހަގަވީ މުޅިން އަލަށް ފުޅާވަމުން ދިޔަ މާކެޓެއްގެ ގޮތުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment