Advertisement

ސައުދީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކުޅޭނީ ބޮޑު ފުރުސަތެއްކަން ދަނެގެން

24 ފެބުރުވަރީ 2022 - 11:35 0

ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ބާބާ (މ) ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސައުދީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކުޅޭނީ ބޮޑު ފުރުސަތެއްކަން ދަނެގެން

24 ފެބުރުވަރީ 2022 - 11:35 0

އެކުވެރިކަމުގެ މެޗެއްގައި މިރޭ ސައުދީ އަރަބިއްޔާގެ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ޓީމުން ނުކުންނާނީ މިއީ ނަތީޖާއެއް ނެރެން ލިބޭ ރަނގަޅު ފުރުސަތެއްކަން ދަނެގެން ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު ޑޭވޯ ބާބާ ބުނެފި އެވެ.

ސާބިއާގެ ކޯޗު ބާބާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސީޝެލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ރާއްޖޭން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު މެޗުގައި ސީޝެލްސް އިން ވަނީ ރާއްޖެ 4-0 އިން ބަލިކޮށްފަ އެވެ. ސައުދީ އަރަބިއްޔާ އިން ބައިނަލްއަގުވާމީ އަންހެން ފުޓްބޯޅައިގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ 2-0 އިން ސީޝެލްސް ބަލިކޮށްފަ އެވެ. ސައުދީ ދެ ވަނަ މެޗުގައި މިރޭ ރާއްޖޭގެ އަންހެން ޓީމާ ކުޅޭނެ އެވެ.

މަރިޔަމް ނޫރާގެ ގޯލުން ރާއްޖޭން ސީޝެލްސް އަތުން މޮޅުވި މެޗަށް ފަހު ކޯޗު ބާބާ ވަނީ އޭނާގެ ޕްލޭނުގައި ސީޝެލްސްއާ ކުޅޭ ދެ ވަަނަ މެޗަކީ އާ ކުޅުންތެރިން ޓެސްޓްކުރާނެ މެޗެއް ކަމަށް ބުނެފަ އެވެ. އޭނާ ކަންކުރީ ވެސް އެ ގޮތަށެވެ. ކޯޗު ބާބާ ބުނީ ފަހު މެޗުގައި ސައުދީއާ ދެކޮޅަށް ކުޅޭއިރު، މިއީ ނަތީޖާއެއް ނެރުން މުހިންމު މެޗެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

"އުންމީދަކީ އަހަރެެމެންގެ އަސްލު ކުޅުން ސައުދީ އަރަބިއްޔާ ކައިރީގައި ދެއްކުން. އެ ފުރުސަތުގެ މުހިންމުކަން ކުޅުންތެރިންނަށް ވެސް އެނގޭނެ،" ސީޝެލްސް އަތުން މޮޅުވި މެޗަށް ފަހު ބާބާ ބުންޏެވެ.

ބާބާ އަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު ޓާގެޓަކީ މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. އެކަމަށް، ސީޝެލްސް ދެ މެޗާއި ސައުދީ އަރަބިއްޔާ މެޗުން ބޭނުން ހިފޭނެ ކަމަށް ބާބާ ވަނީ ބުނެފަ އެވެ.

ގަލޮޅު ދަނޑުގައި ސައުދީ އަރަބިއްޔާ އާއި ގައުމީ އަންހެން ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.