Advertisement

"މާކެޓް"އަށް ނެރެން 200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް ރެޑީގައި!

22 ފެބުރުވަރީ 2022 - 12:59 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ނޫސްވެރިންނަށް ކިޔާދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


"މާކެޓް"އަށް ނެރެން 200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް ރެޑީގައި!

22 ފެބުރުވަރީ 2022 - 12:59 0

އޮތީ އަތާއި ފައި ފަހަތަށްލާ ޗޭނު ޖަހާފަ އެވެ. ފައި ކަރާ އެއްކޮށް ވަނީ ޗޭނުން ބަނދެފަ އެވެ. އެއީ މަސްތުވާތަކެތީގެ ގެރެންޓާއެއްގެ ގޮތުގައި ހުރި މީހެއްގެ ހާލަތެވެ. ގެރެންޓާއެއްގެ ގޮތުގައި ހުރުމަކީ އަދަބެއް ލިބޭ ކަމަކަށް ނުވި ނަމަވެސް ކަންކަން ދާ ގޮތުން އެއީ ވަރަށް ވޭނާއި ހާލުގައި އުޅެން ޖެހޭ ކަމެކެވެ.

އެ ފޮޓޯގައި ވަނީ ހދ. ނޮޅިވަރަންފަރު، މޯނިންސަން މިސްބާހު އެވެ. ވީނުވީއެއް ނޭނގިގެން އާއިލާއިން އޭނާ ހޯދަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ހޯދަމުން ދަނިކޮށް އޭނާ ދިރިއުޅެމުން ގެންދިޔައީ ޕާކިސްތާނުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ހުސްވި ޖޫން މަހު ފުލުހުން ވަނީ އޭނާ ހުރީ ޑްރަގް ނެޓްވޯކަކުން މަސްތުވާތަކެތި ރާއްޖެ ގެންނަން "ރަހުނުކޮށްފައި" ކަމަށް ބުނެފަ އެވެ.

"ބްރޯ މަށަށް ވާނެ ގޮތަކާމެދު ވިސްނާލަބަލަ. އެމީހުން މަ މަރާލާނެ. މަ މިހާރު މި އޮތީ 50/50ގައި. ހެޔޮނުވާނެ މަ ބޭނުން ސަލާމަތްވާން. މަ ބޭނުން އާއިލާއާ އެންމެންނާ އެއްކޮށް އުޅެން. މަ ބޭނުމެއް ނޫން މިތާ އޮވެ މަރުވެގެން ދާކަށް. ހެޔޮނުވާނެ ﷲ އަަށްޓަކާ، ހެޔޮނުވާނެ ސަލާމަތްކޮށްދީ،"

އެއީ މިސްބާހު ރަހުނެއްގެ ގޮތުގައި ހައްޔަރުގައި އޮތް އިރު އޭނާގެ އާއިލާއަށް ފޮނުވި ވޮއިސް ރިކޯޑެކެވެ. ގިސްލާ ރޮމުން ބުނަމުން ދިޔައީ މަރުވާން ބޭނުން ނުވާ ކަމަށާއި އާއިލާއާއެކު އުޅެން ބޭނުންވާ ކަމަށެވެ.

އޭނާ އަކީ ރާއްޖެއިން މަސްތުވާތަކެއްޗާއެކު ހިފަހެއްޓި އިރާން ބޯޓެއްގެ "ރަހުނަކަށް" ފޮނުވި މީހާ އެވެ. ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެ ބޯޓު އަތުލައިގަތުމުން ދެން ސަލާމަތް ވާނެ ކަމުގެ އުންމީދު ނެތް ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. ނަމަވެސް އެ މީހުންނަށް ދޭން ޖެހޭ ފައިސާ ދީފިނަމަ ސަލާމަތް ވާނެ ކަމަށް އާއިލާ ކައިރީ އާދޭސް ކުރަމުން ދިޔަ އެވެ.

ސަލާމަތް ނުވާ ވަރަށް ކަންކަން ގޮސްފައިވާ ހާލަތު ފުލުހުން އިއްޔެ މީޑިއާތަކަށް ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތާއި ވިޔަފާރި ހިންގާ ގޮތާއި އޭގައި ހިމެނޭ ބައެއް ބޮޑުންނާއި އެ މީހުން މި ކަން ކުރުމުގައި ބޭނުން ކުރަމުން އައި އުކުޅުތައް ބަދަލުކޮށް މިހާރު ރާއްޖޭގެ ހާލަތު ވަނީ ކިޔާދީފަ އެވެ.

ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް, ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ ރާއްޖެ ހިމެނޭ ގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގައި ދައުރުކުރަން މިހާރު ވެސް 200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

"އިންޑިއާ, ލަންކާ, ރާއްޖެ ހިމެނޭ މި ރީޖަންގައި ބޭނުންކުރުމަށްޓަކައި 200 ޓަނުގެ ހެރޮއިން ތައްޔާރުކޮށްފައި ވަނީ މާކެޓަށް ނެރުމަށްޓަކައި. މި ވަރަށް ތައްޔާރު ކުރެވިގެންދާއިރު ގޮންޖެހުން ވެސް ބޮޑުވާނެ،" ޝާކިރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖެ އެވެ. އެ މީހުން ރާއްޖޭގެ ސަރަހައްދަށް ވަންނަނީ ދެ ބޭނުމަކު އެވެ. އެއީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ވެފައި އެ މީހުންނަށް މާކެޓް ކުރުމަށާއި ރާއްޖެއިންވެސް އެކަމަށް ޑިމާންޑު ކުރާތީ އެވެ.

ރާއްޖެ މަގުން މި ތަކެތި ގެންދާ ގައުމުތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ތައިލެންޑު ނުވަތަ ސިންގަޕޫރަށް ދާ މީހުން އެ ގެންދަން މަސައްކަތް ކުރާތަން ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުމަށް ފުލުހުން ތައްޔާރުކޮށްފައިވާ ޑެމޯއެއް-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


މަަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ބްލައިންޑް ސްޕޮޓްތަކެއް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އާންމުކޮށް ބޭނުންކުރަނީ ރާއްޖޭގެ ހުޅަނގު ފަރާތެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އެއީ އެ ސަރަހައްދުގައި މަސްވެރިންގެ ހަރަކާތްތެރިވުމާއި ސަލާމަތީ ހިދުމަތްތަކުގެ ނޭވަލް އެކްސަސައިޒްތައް ހިންގުން ވެސް މަދު ކަމުންނެވެ.

  • މަކުނުދޫ ހުޅަނގު
  • އއ. އދ އަދި ބ. އާ ދެމެދު
  • ގއ. ގދ އަތޮޅު ހުޅަނގު
  • އައްޑޫ ދެކުނު ޗެނަލް

ރާއްޖެ އެތެރެކުރި ޝިޕްމެންޓެއް އަތުލައިގަތުމުން ރަހުނު ކުރި މިސްބާހު ފަހުން އޭނާ ވަނީ ތިމަންނާ ހުރީ ރަހުނުކޮށްފައި ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިސްބާހު ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ކަރެކްޝަނާ ހަވާލުކުރީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ކަމަށެވެ. އަދި ޑްރަގް ނެޓްވޯކާ ގުޅިގެން ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.