Advertisement

ފަޒީލަށް އެއް ވަނަ، ޖާއިޝާ އަށް ގައުމީ ރެކޯޑަކާ އެކު ދެ ވަނަ!

19 ފެބުރުވަރީ 2022 - 14:51 0


ފަޒީލަށް އެއް ވަނަ، ޖާއިޝާ އަށް ގައުމީ ރެކޯޑަކާ އެކު ދެ ވަނަ!

19 ފެބުރުވަރީ 2022 - 14:51 0

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މިއަދު ރޭހުގެ ފަސް ކިލޯމީޓަރު ދުވުމުގެ އަންހެން ބައިން ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް ގައުމީ ރެކޯޑަކާ އެކު އެ ބައިން ދެ ވަނަ ހޯދިއިރު، ފިރިހެން ބައިން ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އެއް ވަނަ ހޯދައިފި އެވެ.

ދިގު ދުވުންތަކުގައި ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އަންނަ ޖާއިޝާ ރެކޯޑް ހެދީ މީގެ ދެ އަހަރު ކުރިން އައިޝަތު ޖިނާނީ އިބްރާހިމް ހެދި ރެކޯޑް މުގުރާލައިގެންނެވެ. އެ ގޮތުން ޖިނާނީ 2020 ވަަނަ އަހަރު 20 މިނިޓް 34 ސިކުންތުން ރެކޯޑް ހެދިއިރު، މިއަދު ޖާއިޝާ އެ ރެކޯޑް މުގުރާލީ 20 މިނިޓް 25 ސިކުންތުން ނިންމައިގެންނެވެ.

އުމުރުން 21 އަހަރުގެ ޖާއިޝާ އަތުގައި މި ވަގުތު ދުވުމުގެ އިތުރު ގައުމީ ދެ ރެކޯޑް އެބައޮތެވެ. އެއީ 1500 މީޓަރާއި 3000 މީޓަރުގެ ދުވުމުގެ ރެކޯޑެވެ. އޭނާ އެ ރެކޯޑްތައް ހެދީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ގައުމީީ ގްރޯންޑް ޕްރީ މުބާރާތުގަ އެވެ.

އަނިޔާގައި ދެ އަހަރު ހުރެފައި ފަޒީލް މިދިޔަ އަހަރުގެ ފަހުކޮޅު އަލުން ދުވަން ދިޔައީ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އަދި މިހާރު ދުވުމަށް ގިނަ ޒުވާނުން ނެރެމުން އަންނަ ކޯޗު ނަސީރު އިސްމާއިލް ކައިރިއަށެވެ. ނަސީރު ކައިރިއަށް ދިޔަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަޒީލަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މިއަދު މި ހޯދި ކާމިޔާބީން ސާބިތުވެ އެވެ.

މިއަދުގެ ފަސް ކިލޯމީޓަރު ރޭހުގެ ފިރިހެން ބައިން ފަޒީލް އެއް ވަނަ ހޯދީ 16 މިނިޓް 32 ސިކުންތުން ދުވެގެންނެވެ. ރާއްޖޭގެ ގިނަ ދުވުންތެރިން ދުވުނު މި ރޭހުގައި ހުސެއިން ރިޒާ ވެސް ވާދަކުރި އެވެ. އޭނާ، 17 މިނިޓް 18 ސިކުންތުން ރޭސް ނިންމިއިރު ނިންމާލީ ތިން ވަނައިގަ އެވެ.

މި ރޭހުގައި ދުވުނު ރާއްޖޭގެ ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމް (މަރީ) ވަނީ ހާފް މެރަތަން ރޭސް 1 ގަޑިއިރާއި 30 މިނިޓް 46 ސިކުންތުން ރޭސް ނިންމައިފަ އެވެ. މިއީ އަންހެނުންގެ ހާފް މެރަތަންގެ ގައުމީ ރެކޯޑެވެ. މީގެ ކުރިން ވެސް މި ރެކޯޑް ދަމަހައްޓަމުން އަންނަނީ ތަޖުރިބާކާރު ދުވުންތެރިޔާ މަރީ އެވެ.