Advertisement

އުތީމު އާދަމް ޢަބްދުއްރަޙުމާނުގެ "ކުޑައިރުގެ ހަނދާނެއް"

18 ފެބުރުވަރީ 2022 - 09:02 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


އުތީމު އާދަމް ޢަބްދުއްރަޙުމާނުގެ "ކުޑައިރުގެ ހަނދާނެއް"

18 ފެބުރުވަރީ 2022 - 09:02 0

މިއަދު ޢަޒުމު މި ހިފީ ވަރަށް އުނދަގޫ މަސައްކަތެއް ކުރާށެވެ. މިއަހަރުގެ ޅެން ވެރިންގެ ދުވަސް އެ ބޭފުޅަކަށް ތަޙްޞީސް ކޮށްފައިވާ އާދަމް ޢަބްދުއްރަޙުމާން ނުވަތަ އުތީމު އާދަންބެގެ ޅެމަކާ މެދު އަޅުގަނޑު ދެކޭ ގޮތް ފާޅުކުރާށެވެ. އާދަންބޭގެ ޅެންވެރިކަމުގައި އިންސާފުކުރައްވާފައި ނުވާ މަޢުޟޫޢެއް މަދުވާނެ އެވެ. ފެންނަ މަންޒަރެއް ކަމުގައިވިޔަސް، ދިރިއުޅުމުގެ ތަޖުރިބާއެއް ކަމުގައިވިޔަސް، ކުރެވޭ އިހުސާސެއްކަމުގައިވިޔަސް، އާދަންބެ ޅެން ބަހުރުވަ އަށް ތިލަކުރައްވަނީ އޮމާންކަމާ އެކުގަ އެވެ.

އާދަންބެގެ ޅެން "ކުޑައިރުގެ ހަނދާނެއް" މިއީ ވާހަކަ ޅެމެކެވެ. ޅެމުގެ ވާހަކަ ޚުލާސާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ. ޅެމުގައި ކިޔައިދެއްވަނީ ބުރަ މަސައްކަތުން ދޫންޏެއް ހިފައިގެން އައިސް، ރަން ކޮށްޓެއްގައި އެ ދޫނި ބަންދުކޮށްގެން ގެންގުޅުނު މީހެއްގެ ވާހަކައެވެ. އެ ސޮރުގެ ވެށީގައި މިނިވަންކަމާއެކު ދިރިއުޅެމުންދިޔަ ދޫންޏެއް ރީތިވެގެން، ވަރަށް ބުރަ މަސައްކަތުން އެ ދޫނި ހިފައިގެން އޭނާ ގެންދެ އެވެ. އެ ދޫނި ބަންދުކުރީ "ރަން ކޮށްޓެއްގަ އެވެ. ވާރެ އާއި އަވިން ހިމާޔަތްކުރީ އޭގައި ރަން ގޮށްޓެއް ޖަހައިގެންނެވެ. އެސޮރުގެ އަސްލު ވެށި ނަކަލުކޮށްދިނުމަށް، ގަސްގަހުގެ ފަތްތަކާއި މާމެލާމެލި އެ ކޮށްޓަށް ގެނެސްދެ އެވެ. އަގުބޮޑު، ފެންވަރު ރަނގަޅު ގޮވާމާއި މޭވާ، ވެސް ގެންގޮސްދެ އެވެ. އެހެންނަމަވެސް މިނިވަންކަން ގެއްލުނު ދޫނި، ދެލޯވެސް ހުޅުވާނުލައި އިނދެ މަރުވެގެންދެ އެވެ. ދޫނި ހިފި މީހާއަށް އޭނާއަށް ހެދުނު ގޯސް ފަހުމުކުރެވުނީ ވަގުތު ފާއިތުވީ ފަހުންނެވެ. އޭނާ އެކަމާ ފަހުން ހިތާމަކުރެއެވެ. ޅެމުގެ ފަހު ބައިތުގައި އޭނާގެ ހިތާމަ ސިފަކުރައްވާފައިވަނީ މުހިއްމު ދަރުސަކާއެކުގަ އެވެ.

"މަޚުލޫޤަކަށް މި ފަދައިން ދިންނަމަ ދުކެއް ޙަޔާތުން

އަޚަކަށްނެތޭ އަރާމެއް ބުނަމުން ކަރުނަފޮހޭތީ"

އާދަންބެގެ ޅެންވެރިކަން ސިފަކުރައްވަމުން އާދަމް ނަސީރު އިބްރާހިމް ވިދާޅުވެފައިވެ އެވެ.

"އާދަމްބެ ޤަބޫލުކުރައްވާ ގޮތުގައި ޅެމެއް ނަމަ އޭގައި އެއް މާނައަށްވުރެ ގިނަ މާނަ އޮންނަންވާނެ އެވެ. ޅެމަކީ ފަށުއި ފޭރާމަކުން ނިވާކުރެވިފައިވާ ހިތެއްގެ ތަސްވީރެކެވެ. ޅެންވެރިކަމުގެ އަދަބިއްޔާތަކީ ނިވާކަމުގެ އަދަބިއްޔާތެވެ"

އެހެންކަމަށްވާނަމަ، "ކުޑައިރުގެ ހަނދާނެއް" މި ޅެމުގައި މި ދައްކަނީ ހަމައެކަނި ދޫނީގެ ވާހަކައެއް ނޫންބާވަ އެވެ. ކިޔުންތެރިންނަށް މިއިން މަޖާޒީ މާނައެއް ނެގޭނޭ ޖާގަ ނެތްބާވަ އެވެ. މިހާހިސާބުން އަޅުގަނޑަށް މަޖުބޫރުކުރުވަނީ އާދަންބެގެ "ކުޑައިރު" ޚިޔާލަށް ގެންނާށެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1945 ވަނަ އަހަރުގަ އެވެ. އެހެންކަމަށްވާނަމަ، އާދަންބެއަށް ވާނީ އިނގިރޭސިންގެ "ހިމާޔަތުގެ ދަށުގައި" އޮތް ދިވެހިރާއްޖެ ފެނިވަޑައިގެންފަ އެވެ. އުފަންވެ ވަޑައިގެންފައިވާނީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ކާމިޔާބީގައި ދުނިޔޭގެ ބާރުތައް "މެޑަލް ޖަހަމުންދިޔައިރު" ތިންވަނަ ދުނިޔެ ދަތިކަމާއި ހައިހޫނުކަމުގައި "ގަނަތެޅުނު" ޒަމާނަށެވެ. ދިވެހިރާއްޖެ މިނިވަންވީއިރު އާދަންބެގެ ޢުމުރުން ވާނީ ވިހި އަހަރެވެ. އިނގިރޭސިވެރިންގެ ހިމާޔަތުގެ "ރަން ކޮށީގައި" ދިވެހިންނަށް ކުރެވުނު ހުރިހާ ތަޖުރިބާތަކެއް، އޭރު ތަޢުލީމީ ޒުވާނެއްގެ މަޤާމުގައި ހުންނެވި އާދަންބެއަށް އެނގިވަޑައިގަންނާނެ އެވެ. އެހެންކަމަށް ވާނަމަ، "ކުޑައިރުގެ" ހަނދާން، މި ޅެމުގެ ތެރެއިން، އެ ތަޖުރިބާގެ އަސަރުތަކާއި ނުފޫޒު ފެނުން އެކަށީގެންނުވޭތޯ އެވެ.

އުތީމު އާދަންބެއަކީ ޅެމެއްގައި ހިމަނުއްވާ ލަފުޒުތަކުގެ މުނާސަބުކަން ކަށަވަރުކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ޅެންވެރިއެކެވެ. އެކަން މި ޅެމުންވެސް ސާފުކޮށް ފެނެ އެވެ. ދޫނި ހިފުމަށް މީހަކު ކުރާ މަސައްކަތް ސިފަކުރައްވާފައިވަނީ އެކަމަށް ޚާއްޞަ ބަސްކޮށާރުގެ އެހީގައެވެ. ކުޑަ މިސާލެއްގެ ގޮތުން ޅެމުގެ ފުރަތަމަ ދެތިން ބައިތު ނައްސުކޮށްލާނަމެވެ.

"އަޅުގަނޑުވަރަށް ކުޑާއިރު އޭނާ ދެކެން ދުވާތީ

ވަޅުކޮންނަމުން ތުނޑީގައި ދެކޮޅަށް އަބަދު ހިނގާތީ

ވަޅިއެއްނަގާ ކޮށައިގެން އޮށްޓެއް އެކީ މަށައިގެން

މަޅިފަތި ހަދާ ޖަހައިގެން ދޫންޏެއް ހިފަން އުޅޭތީ

އަޑުބޭރުވެސް ނުވާހާ މަޑުފިޔަވަޅުން ހިނގާފާ

ލަނޑުދޭނަމޭ ހިތައިގެން ދޫންޏަށް މަކަރު ހަދާތީ"

މަންޒަރު ލޮލަށް ފެންނަ ކަހަލައެވެ. އެ މަންޒަރު ދެކެން، އެ ތުނޑިމަތީ، ތުއްތު އާދަންބެއާއެކު އަޅުގަނޑުމެންވެސް ތިބި ކަހަލަ އެވެ. ދޫންޏަށް އަޑު ނީވޭ ވަރަށް އަޅާ އެ ފިޔަވަޅުތައް ބަލަން އަޅުގަނޑުމެންވެސް ގަސްތަކުތެރޭ ބޮނދައިގެން ތިބޭ ކަހަލަ އެވެ. ދޫނިހިފަން ހުރި ޝައުޤާއި ކުރާ މަސައްކަތް އަޅުގަނޑުމެންނަށްވެސް އިހުސާސްކުރެވޭކަހަލަ އެވެ. މޮޅު ޅެންވެރިކަމަކީ މިއީއެވެ. ސިފަކުރެއްވުމަށް އެއްވެސް އުނިކަމެއް ނާންނާނޭ ފަދައިން ބަނޑުވައް އަކުރުތައް އެއްގޮތްކުރެވިފައިވެ އެވެ. ފިލިކޯޅި އާއި ކާފިޔާ ޤުރުބާންކުރެއްވުމެއް ނެތި، މުނާސަބު ބަސްކޮށާރެއް ބޭނުންކުރައްވާފައިވެ އެވެ. ބަސްކޮށާރުގެ އެހީގައި، ޅެންވެރިޔާއަށް އެ ފެނިވަޑައިގަންނަވާ މަންޒަރުގެ އިތުރުން، އެ ސިފަކުރައްވާ މީހާގެ ހިތުގެ ތެޅުންވެސް އަޅުގަނޑުމެންނަށް އަޑުއިވޭ ކަހަލައެވެ. މި ފަދަ އެހެން ބައިތެކެވެ.

"ފިޔަތަކުގެ ރީތި ކުލަތައް ހުޅުވާލުމުން އެ ފަތްތައް

ކިޔަމުން ޘަނާގެ ބަސްތައް އޭނާގެ ލޯ މެރޭތީ"

މި ބައިތުން އެކަނިވެސް، އެ ދޫނި ހިފުމަށް އޭނާގެ ހިތުގައި އޮތް ދަހިވެތިކަން ސިފަކުރެވޭ ނޫންތޯ އެވެ؟ އެ ދޫނި އޭނާއަށް ކަމުދާ މިންވަރު އިހުސާސްކުރެވޭ ނޫންތޯ އެވެ. ޅެމުގެ ވާހަކަ ނިއުޅެމުންދާވަރަކަށް، ކުންނު ގާތްވަމުންދާ ވަރަކަށް ޅެމުގެ ދުވެލި އަވަސްކޮށްދެނީވެސް ސިފަކުރެއްވުމުންނެވެ. އޭނާ ދޫނި މަޅީގައި ޖައްސަން ކުރެއްވި މަސައްކަތް ތަފްޞީލާއެކު ސިފަކުރައްވާފައިވާއިރު، އޭނާ އެ ދޫނި ކޮށްޓަށްލުމަށްފަހު އެ ސޮރު އުފާކޮށްދޭނޭ ގޮތެއް ހޯދުމަށް ކުރާ މަސައްކަތްތައް ސިފަކުރެއްވުމުގައި އަވަސްކަމެއް ފެނެ އެވެ. އެ ދޫނި ބަނޑަށް މަރުވެދާނޭތީ އޭނާގެ ހިތް އަވަސްވެފައިވާކަން އެ އަވަސް ސިފަކުރެއްވުމުން އިހުސާސްކުރުވަ އެވެ.

މިނިވަންކަމުގެ މަޖާޒެއްގެ ގޮތުގައި ދޫނި ބޭނުންކުރުމަކީ މުޅި ދުނިޔޭގެ ގިނަ ބަސްތަކުގެ އަދީބުން އިއްތިފާޤުވެވަޑައިގަންނަވާ މިސާލެއްކަން، އެ އަދީބުންގެ މަސައްކަތްތައް ހެކިކޮށްދެ އެވެ. އަދި ރަނުން ގިރިޓީކޮށްފައިވާ ކޮށްޓެއްގައި ދޫނި ގެންގުޅުން އެއީ މިނިވަންކަމެއް ނެތި މުއްސަނދި ދިރިއުޅުމެއް އުޅުމުގެ ގޮތުގައި ސިފަކުރުމަށް ބޭނުންކުރާ މަޖާޒެއްކަންވެސް އަދަބިއްޔާތުން އެނގެ އެވެ. އިނގިރޭސި ބަހުގައި މި މަޖާޒު އެންމެ ފުރަތަމަ ބޭނުންކުރައްވާފައިވާކަމަށް ބުނެވެނީ 1900 ވަނަ އަހަރު، އިނގިރޭސި ޅެންވެރިޔާ އާތަރ ލޭމްބްގެ ޅެން "އަ ބަރޑް އިން އަ ގިލްޑަޑް ކޭޖް" ގަ އެވެ. އެ ޅެމުގައި ސިފަކުރަނީ މުސްކުޅިއެއްގެ ފައިސާވެރިކަމުން "ގަންނަ" ޒުވާން، ރީތި އަންހެނެއްގެ މުއްސަނދި، އެހެންނަމަވެސް މިނިވަންކަމެއް ނެތް ދިރިއުޅުން ސިފަކުރެއްވުމަށެވެ.

އުތީމު އާދަންބެގެ ޅެމުގައި ސިފަކުރައްވާ ދޫނި އެ ދޫނީގެ ފިޔަތަކުގެ ރީތިކަން ވިއްކާލަނީކީ ނޫނެވެ. އެހެންނަމަވެސް، އެ ދޫނި މަޅީގައި ޖައްސައިގެން ހިފަނީ އެވެ. އާތަރ ލޭމްބްވެސް އެ ވިދާޅުވާ ފަދަ "މުއްސަނދިކަން" އެ ދޫންޏަށްވެސް ލިބެއެވެ. ޅެންވެރިޔާ ސިފަކުރައްވަ އެވެ.

"އަގުބޮޑު ރަނގަޅު ގޮވާމާ ރަހަކުލަ ތަފާތު މޭވާ

ވަގުތުން ގެނެސް ފުރާލާ ކާންދޭން އަތުން އުޅޭތީ

ގަސްގަހުގެ ރީތި ފަތްތައް ވަސްމީރު ކޯނިމާތައް

ރަސްދަރިކަލެއްގެ އަރިހަށް ފަދައިން ގެނެސް ހަދާތީ

އެހެނަސް އެ ދޫނި ތުންވެސް ހުޅުވާނުލާ ދެލޯވެސް

ކެހި ލިބުނަތީ ހިތާމައިން އިނދެގެން ކަރުނަ އަޅާތީ"

ޤައުމެއްގެ މިނިވަންކަން އެކަންޏެއް ނޫނެވެ. މި ޅެމުގައި ފަރުދީ މިނިވަންކަމަށްވެސް އިޝާރާތްކުރެވިދާނޭކަމަށް ބެލެވިދާނެ އެވެ. ޚާއްޞަކޮށް، ބައެއް އަންހެނުންގެ ދިރިއުޅުން، މި ޅެމުން ލޮލަށް ސިފަވާ ފަދަ އެވެ. މި މާނަ ނަގާ ނަމަ، އާތަރ ލޭމްބްގެ ސިފަކުރެއްވުމާ އެއްގޮތަށް ވިސްނަމާތޯ އެވެ. ދޫންޏަކީ ރީތި އަންހެނެކެވެ. ދޫނި ހިފަން މި އުޅެނީ، އެ އަންހެނާގެ ރީތި ކަމުގެ އަވައިގައި ޖެހި، ނުރުހުމުގައިވިޔަސް އެ އޭނާ އަމިއްލަކުރަން މަސައްކަތްކުރާ މީހެކެވެ. މަކަރުން، މަޅިފަތި ޖަހައިގެން އޭނާ އެ އަންހެނާ އޭނާގެ މިލްކަކަށް ހެދުމަށްފަހު، އޭނާ އެ ދިނީ ކިހާވަރެއްގެ އަނިޔާއެއްކަން ނުދަނެ ހުރި ހާލު، މާއްދީ އެކި ހަދިޔާތަކުގެ އެހީގައި އޭނާގެ ރުހުން ހޯދަން މަސައްކަތްކުރެ އެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވެ، ގެއްލުނު މިނިވަންކަމުގެ ހިތާމައިގައި އެ އަންހެނާ ނިމިދަނީ އެވެ.

އާދަންބެގެ ޅެންވެރިކަމަކީ މަޖާޒީ ސިފަކުރުއްވުންތަކަށް ފަރިތަ ޅެންވެރިކަމެކެވެ. އިޖުތިމާޢީ އަދި ސިޔާސީ އަދި ޤައުމީ މައްސަލަތަކަށްވެސް މަޖާޒުތަކުގެ އެހީގައި އިންސާފުކުރެއްވުމަކަށް އާދަންބެގެ ގަލަން އަލެއް ނުވާނެ އެވެ. އެކަމަކު އަޅުގަނޑުމެން، ފާޑުކިޔާ މީހުން ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ، ޅެމެއްގެ ޙަޤީޤީ މާނަ އެނގޭނީ ހަމަ ޅެންވެރިޔާއަށްކަމެވެ. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާ އަނެއްކަމަކީ، އެ ޅެމެއް ދުނިޔެއާ ހަވާލުކުރާ ހިސާބުން، އެ ޅެމަކުން ނެގެން އޮތް އިތުރު މާނަތަކެއް ކިޔުންތެރިންނަށް ފެންނަ ނަމަ، އެއީ ޅެންވެރިކަމުގެ ފެންވަރު އަގުކޮށްދޭ އެއް ނިޝާންކަމެވެ.

އަޅުގަނޑުގެ ނަޒަރުގައި މި ޅެމަކީ ދަރުހެކެވެ. މިނިވަންކަން ގެއްލިއްޖެނަމަ، ދުނިޔަވީ އެހެން ހުރިހާ އުފަލެއް ލިބުނު ކަމުގައިވިޔަސް، ދިރިހުރުމުގެ އުފާވެރިން ނުލިބޭނޭކަމާއި، މީހެއްގެ މިނިވަންކަން ނަގާލާ، އޭނާއަށް އަނިޔާއެއް ދީފި މީހަކަށް، އޭގެ ބަދަލުގައި އޮތީ ހިތާމަކަން، މި ޅެމުން އެބަ ބުނެދެ އެވެ. ޅެމުގެ ސިފަކުރެއްވުމުގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ބީރައްޓެހި، އެހެންނަމަވެސް އޭރުގެ ދިވެހި ދިރިއުޅުމުގައި ޢާއްމުކޮށް ފެންނަ ކަންތައްތަކެއް، ތަޖުރިބާކޮށްލުމުގެ އުފާ ލީއްބައިދެ އެވެ. ޅެމުގެ އެމުނުންތަކާއި ބަސްކޮށާރުން، އާދަންބެ އެ ވިދާޅުވާ ފަދައިން "އިމާމުންނަށް ބަލައިގެން މަސައްކަތްކުރުމުގެ" ފައިދާ އެބަ ފެނެ އެވެ. މިއީ އަދި އެންމެ ޅެމެކެވެ. މި އެދުރުގެ ޅެމުގެ އަރުޝީފު ހުޅުވާލައްވާށެވެ. ދިވެހި ޅެންވެރިކަމުގެ ބާވަތްތަކާއި ވަޒަންތަކާއި މަޢުޟޫޢުތައް ދެނެގަންނާނޭ "އެންތޮލޮޖީ" އަކަށް ފުދޭނެ އެވެ.