15 ފެބުރުވަރީ 2022 - 10:18 0
މުހައްމަދު ނަސީމް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ބައެއް ވަޒީރުންގެ ހަމަހަމަކަން ނެތް ކަމަށް.
15 ފެބުރުވަރީ 2022 - 10:18 0
އެމްޑީޕީން އެކަންކަމަށް ވަކާލާތުކުރާ ހަމަހަމަކަމާއި އިންސާފު ބައެެއް ވަޒީރުންގެ ފަރާތުން ނުފެންނަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) މިއަދު ކަންބޮޑުވުން ފާާޅުކުރައްވައިފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މޯޑް ތުހުމަތުކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ސަރުކާރުން ގާއިމްކޮށްފައިވާ އެސްއެމްއީ ބޭންކުން ލޯނު ދިނުމުގައި ހަމަހަމަކަން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ވެލިދޫ ދާއިރާގެ ރައްޔިތަކު ލޯނަށް އެދި އެސްއެމްއީ ބޭންކަށް ހުށަހެޅި ހުށަހެޅުމަކަށް ޖަވާބު ނުލިބި ހަ މަސް ދުވަސް ހޭދަވި ކަމަށެވެ. އެއަށް ފަހު ދިން ޖަވާބަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި, ގަބޫލުކުރެވޭ ކަހަލަ ޖަވާބެއް ނޫނެވެ.
"ނ. އަތޮޅު މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެބަ އޮތް، ދިހަވަރަކަށް މިނެޓް، ލޯންޗް [ދަތުރުގެ] ޑިސްޓެންސް މީނީ، އެހެން ނަމަވެސް އެރަށުގައި ރަށު ފަތުރުވެރިކަން ތައާރަފްކުރަން ނޫން ނަމަ ހިންގަން އެއީ ފީސިބަލް ކަމެއްނޫން ކަމުގައި އެސްޑީއެފްސީން ނިންމާފައި،" ދާއިރާގެ މީހަކާ ހަވާލާދެއްވައި މޯޑް ވިދާޅުވި އެވެ.
އެސްޑީއެފްސީން އެގޮތަށް ކަންތައް ކުރާ ނަމަ އަލަށް ކުދި ވިޔަފާރިތައް ފަށާ ފަރާތްތަކަށް އޮތް އެހީތެރިކަމަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ. ބައެއް މީހުންނާ މެދު އެ ބޭންކުން އެގޮތަށް ކަންތައް ކުރާ އިރު އަނެއްބައި މީހުން އެސްއެމްއެސް އެއް ކޮށްލައިގެން ވެސް ލޯން ހަމަ ޖެހޭ ވާހަކަ އިވިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލޯނު ދެއްކޭނެ ގޮތެއް ނެތަސް ވަރިހަމަ. ވަކި ބޭފުޅަކު ބުނާ ގޮތަށް ވަކި ކަމެއް ކުރީމާ އެކަންކަން ހަމަޖެހިގެންދޭ. މިއީތޯ އަޅުގަނޑުމެން ގެންނަން ބޭނުންވި އިސްލާހު،" މޯޑް ސުވާލު ކުރެއްވި އެވެ.
އެމްޑީޕީގައި ދެމިހުންނެވީ އޭނާ ވިދާޅުވި ގޮތުގައި އެއީ ހަމަހަމަކަމާއި އިންސާފާއި ހަމަހަމަކަމަށް ވަކާލާތުކުރާ ޕާޓީއަކަށް ވާތީ އެވެ. އެހެން ނޫން ނަމަ އާއިލީ ގޮތުން މާގާތް ސިޔާސީ ޕާޓީތައް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ހިތާމައާ އެކީ މިދަންނަވަނީ އެ ހަމަހަމަކަމެއް، އެ އިންސާފެއް އަޅުގަނޑުމެންގެ ބައެއް ވަޒީރުންގެ ފަރާތަކުން ނުފެނޭ،" މޯޑް ވިދާޅުވި އެވެ.
އާއިލީ ގޮތުން ބަލާ ނަމަ މަސައްކަތްކުރާނެ އެހެން ޕާޓީތައް އެބަހުރި ކަމަށާއި ބައެއް ލީޑަރުން ވެސް އެތިއްބެވި ކަމަށް އޭނާ އެ ވިދާޅުވީ ބެލެވޭ ގޮތުގައި އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްކުރައްްވަ އެވެ. އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އޭނާއާއި އާއިލީ ގުޅުން އޮތް ބޭފުޅެކެވެ.
މޯޑް ދެއްކެވި އެ ވާހައަށް ރައްދު ދެއްވައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ އެެސްއެމްއެސްއެއް ކޮށްލައިގެން ލޯނު ހަމަ ޖެހޭ ވާހަކަ މީހުން ދެއްކިޔަސް އެއީ ދޮގެއް ކަމަށެވެ.
މިއަދު ބަހުސަށް ހުޅުވާލާފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމަކީ ވިޔަފާރިތައް ގިންތިކުރުމުގައި ޕެންޝަން އޮފީހުގެ މައުލޫމާތަށް ރިއާޔަތްކުރާ ގޮތަށް ހަމަޖެއްސުމާއި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ގިންތިކުރާނެ އުސޫލު ކަނޑައެޅުމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment