14 ފެބުރުވަރީ 2022 - 12:00 0
ހުސެއިން އަރުބާން ފައްވާޒް
މުހައްމަދު އިމްތިޔާޒް: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިއަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމުގެ ދައުވާ ސާބިތު ނުވި --
14 ފެބުރުވަރީ 2022 - 12:00 0
މީގެ ނުވަ އަހަރު ކުރިން ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުތުވާ މުހައްމަދު އިމްތިޔާޒްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
މިހާރު މިކްފޯގެ ދަށުން ފެލިވަރު ހިންގި ނަމަވެސް އޭރު އެރަށް ހިންގީ ފިޝަރީޒް މޯލްޑިވްސްގެ ދަށުންނެވެ. މި މައްސަލަ އުފަންވީ 1،535،063ރ. ގެ އަގުހުރި 2000 ދަޅު މަސް ކޭސް އޭރު ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރި އިމްތިޔާޒްގެ އާއިލީ ވިޔަފާރީއަކަށް ކްރެޑިޓަށް ދޫކުރި މައްސަލައާ ގުޅިގެންނެވެ.
ދައުވާ ކުރަން އެދުނީ އިމްތިޔާޒުގެ މައްޗަށާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އެއިރު ހުރި، އަލީ އަހްމަދު މައްޗަށެވެ. މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ނުލިބިވާ -/1،235،060ރ (އެއްމިލިއަން ދެލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ) ހޯދުމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މައްސަލަ ސާބިތު ނުވީ އެ ހިޔާނާތުގައި ބައިވެރިވުމަށް އިމްތިޔާޒް ކޮށްފައިވާ އަމަލަކީ ކޮބާކަން ދައުލަތަށް ބުނެދެވިފައި ނުވާތީ އެވެ. އަދި އިމްތިޔާޒަށް ފައިދާ އެ މުއާމަލާތުން އޭނާއަށް ލިބުނު ފައިދާއަކީ ކޮބައިގެން ދައުލަތަށް ޝަރީއަތުގައި ކިޔައިދެވިފައި ނުވާތީ އެވެ.
"...ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާ އަނޫ ފުރެޝް ފާމްއާ ދެމެދު ކުރެޑިޓަށް މުދާ ދޫކުރުމުގެ މުއާމަލާތެއް ހިނގާފައިވާކަން އެނގެން އޮތް ނަމަވެސް މިމުއާމަލާތާއި ގުޅިގެން މުހައްމަދު އިމްތިޔާޒާ އެއްވެސް މުއާމަލާތެއް ކުރިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން ނެތް،" ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅާ ކުރި ހުކުމުގައި ވެއެވެ.
މީގެ އިތުރުން އިމްތިޔާޒްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެެރިއެއް ދައުވާ ލިބޭ ފަރާތް ދިފާއުކޮށް، ހެކި ބަސްދީފައިވާކަން ވެސް ހުކުމުން އެނގެން އޮވެ އެވެ.
އިމްތިޔާޒާ ދެބެއިންގެ ދެ ދަރި މުހައްމަދު ސިރާޖު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި އިރު، އޭނާގެ ހެކިބަހުން އެ މުއާމަލާތުގައި ދައުވާ ލިބޭ ފަރާތުގެ ޝާމިލުވުމެއް އެއްވެސް ވަރަކަށް ނެތްކަން ދޭހަވި ކަމަށް ގާޒީ އަލީ އާދަމް ހުކުމުގައި ފާހަގަކުރައްވާފަ ވެެއެވެ.
"...ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހާދިސާ ހިނގިއިރު ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގައި މަސައްކަތްކުރި ފަރާތްތަކުގެ ބަހުންވެސް ބުނެވިދިޔަ މުއަމަލާތާ ގުޅިގެން ސީދާ މުހައްމަދު އިމްތިޔާޒާ ސީދާ ގޮތުން ވާހަކަ ދެކެވި މުއާމަލާތްތަކެއް ކުރެވިފައިވާކަން އެނގެން ނެތް ކަމާއި، އެހެންނަމަވެސް އަނޫ ފްރެޝް ފާމްގެ ފަރާތުން ބޭފުޅަކާ ވާހަކަ ދެކިފައިވާކަމަށް ބުނެފައިވާކަން އެނގެން އޮވޭ،" ހުކުމުގައި ވެއެވެ.
މީގެ އިތުރުން އެ މުއާމަލާތާ ގުޅޭ އެއްވެސް ލިޔެކިޔުމަކުން ވެސް މުހައްމަދު އިމްތިޔާޒާ ގުޅުމެއް އޮތްކަން އެނގެން ނެތް ކަމަށާއި، ހެކިންގެ ހެކިބަހުން އެކަމަށް ބާރު ލިބުނު ގަމަށް ގާޒީ އަލީ އާދަމްގެ ނިންމުމުގައި ވެއެވެ.
އޭރު ކްރެޑިޓަށް ފައިސާ ދޫކުރުމުގެ އުސޫލެއް ފެލިވަރުގައި ހެދިފައިނުވި ނަމަވެސް، ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބަލާ، ކުންފުންޏަށް ގެއްލުންވާ ގޮތަށް މުދާ ދޫކޮށްފައި ވާތީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ފެބްރުއަރީ 18، 2013 ގަ އެވެ.
އޭސީސީން އާންމު ކުރި މި މައްސަލައިގެ ތަހުގީގީ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، 2000 ދަޅު ކޭސް މަސް އޭއެންޔޫ ފްރެޝް ފާމްއަށް ދޫކޮށްފައި ވަނީ އެ ކުންފުނީގެ ރަޖިސްޓްރޭޝަން އާ ނުކޮށްގެން ބާތިލްކޮށްފައި ވަނިކޮށެވެ. އަދި މިފަދަ ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކޮށްފައި ވާއިރު، ޑިޕޮސިޓެއް ނުވަތަ ގެރެންޓީއެއް ނަގާފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އޭސީސީން އެ މައްސަލާގައި ދައުވާ ކުރަން ފޮނުވިއިރު، އިމްތިޔާޒު ހުރީ ދުބާއީގަ އެވެ. އެއިރު އޭނާ ވިދާޅުވަމުން ގެންދެވީ އެ ތުހުމަތަކީ އޭނާ މަގާމުން ވަކިކުރުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި މަގާމުން ދުރުކުރުމަށްފަހު އެ މައްސަލަ އޮބޭނެ ކަމަށެވެ.
ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ ޖުމްހޫރީ ޕާޓީން އޭނާގެ ނަން ހުށަހެޅުމާ ގުޅިގެންނެވެ. އޭރު އޭނާއަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ދިޔަ ބޭފުޅެކެވެ.
Comment