Advertisement

ދިވެހި އަދަބިއްޔާތުގައި "ނޫރާނީމާ"

11 ފެބުރުވަރީ 2022 - 07:51 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ދިވެހި އަދަބިއްޔާތުގައި "ނޫރާނީމާ"

11 ފެބުރުވަރީ 2022 - 07:51 1

"ގުލްޒާރުގާ ނަޔާ މަގޭ، ނޫރާނީމާ ފޮޅޭނެޔޭ

ބުލްބުލްތަކާ ކޮކާ ތަކާ ފަރިވާއިރުން އުޅޭނެޔޭ"

މިއީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ މަޝްހޫރު ޅެން "މަގޭ ގުލްޒާރު"ގެ ފުރަތަމަ ބައިތެވެ. ދިވެހިން އެންމެ ދަންނަ އެއް ބައިތުކަމުގައި ދެންނެވުން ކުށަކަށް ނުވާނެއެވެ. އެންމެ ފުރަތަމަ، ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގައި، ދިވެހި އަދީބުންނާއި ޤައުމީ ޚިދުމަތްތެރިންނަށް ޖޯޝާއި ހިތްވަރު ލިއްބައިދިން މި ރީތި ޅެން، އަދުގެ ޖީލުގެ އަގުލަބިއްޔަތު ދަންނަނީ، ވެރިކަންކުރާ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ "ތީމް ލަވައިގެ" ގޮތުގައެވެ.

ޅެން ފުރަތަމަ އަޑު އިވުނީއްސުރެ އަޅުގަނޑު ނިންމައިގެން ހުރީ، އެ ޅެމުގައި އެ ބުނާ "ނޫރާނީމާ" އެއީ، ސޯސަންމަލާއި، ގުލޭނޫރަން، ގުލްޗަންޕާ ފަދަ މާމަލުގެ ޢާއިލާގައި ހިމެނޭ މަލެއް ކަމަށެވެ. ނޫރާނީމަލަކީ ކޮބައިކަން ޔަޤީންކުރަން މަސައްކަތް ފަށައިގަނެވުނީ މި ތަޢައްޞަބުގެ ބިންގާގައި އަޅުގަނޑުގެ ޚިޔާލީ "ލީނިންގް ޓަވަރ އޮފް ޕީސާ" ބިނާކުރަމުން އެ ޢިމާރާތް ރަހަ ނުކުރެވިގެން އުޅޭތާ އެތައް އަހަރެއް ވީ ފަހުންނެވެ.

ދިވެހި ބަސްފޮތް ބުނާ ގޮތުން ނަމަ ނޫރާނީމަލަކީ "ދިވެހި ޅެންވެރިންގެ ޚިޔާލީ މަލެކެވެ". ލަފުޒު ވަކިކޮށްފިނަމަ، "ނޫރާނީ"ގެ މާނައަކީ "އަލިކަން ގަދަ" އެވެ. އެހެންކަމުން، އަޅުގަނޑަށް މާނަކުރެވުނީ އަލިކަން ގަދަ މަލެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއީ ދިވެހި ބިމުގައި ހެދޭ މަލެއް ނޫނެވެ. މިމާ ފެންނަނީ ދިވެހި އަދީބުންގެ ޚިޔާލީ ގުލްޒާރުގައެވެ. އަޖާއިބު ވާންވީ ކަމެއް ނެތެވެ. "ނޫރު" މި ލަފުޒަކީވެސް ދިވެހި އަދަބިއްޔާތުގައި އެތައް ފުން މާނައެއް ނެގޭގޮތަށް ބޭނުންކުރާ ލަފުޒެކެވެ. ޢިލްމާއި، ހިދާޔަތު ދައްކައިދޭ ސާފު އަލިކަމެއްގެ ގޮތުގައި ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތުގައި "ނޫރު" މި ލަފުޒު ބޭނުންކުރުމަކީ ޢާއްމުކަމެކެވެ.

އެހެންނަމަވެސް އިތުރަށް "ފީނާލުމުން" ތިލަވެގެންދިޔަ ޙަޤީޤަތަކީ "ނޫރާނީމާ" މި ލަފުޒު އަދަބިއްޔާތަށް ޢާއްމުކުރި ޒަމާނަކީ ދިވެހި ބަހުގެ ހިނގައިގަނެވުނު ދައުރު، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލިގެފާނުގެ ދައުރުގައި ކަމެވެ. އަދި "ނޫރާނީމާ" މި ލަފުޒު، ތަރައްޤީ އާއި ހިދާޔަތާއި ޢިލްމުގެ ކުންނު ދައްކުވައިދޭ މަޖާޒީ ތަސްވީރެއްގެ ގޮތުގައި އެންމެ ފުރަތަމަ މަޝްހޫރުވެގެންދިޔައީ އިސްވެ މި ދެންނެވި "މަގޭ ގުލްޒާރު" ޅެމުން ކަމެވެ. ޅެންވެރިކަމުގެ ވަޒަންތަކުގެ ތެރެއިން 8 ވަނަ ވަޒަންކަމުގައިވާ "އަލި ވަޒަން" (7؛6؛7؛6 ފިލީގެ މައްޗަށް އެކުލެވޭ ޞަދުރަކާއި ޢަޖުޒެއް) ބިނާވެފައި އޮންނަނީވެސް މި ދެންނެވި ޅެމަށްކަމަށް ވެއެވެ.

ނޫރާނީ މަލުގެ ވާހަކަ ދައްކަވަނީ ހަމައެކަނި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއެއް ނޫނެވެ. އަންނަބީލާ އާމިނަތު ޙުސައިން ލިޔުއްވާފައިވެއެވެ.

"ލިބުމަށް މި އެދޭ ނޫރާނީމާ، ލިބުމަށް މިންނަތް ދެން ކުރަމާހޭ؟

މިބުނާ ގޮތުގައި ނާދީ އެންމެން، ލިބުމަށް މިންނަތް ދެން ކުރަމާހޭ؟

އެންމެން އެއްބާރެއްލައި ތިބެގެން، އެންމެން ހިތްތައް އެއްގޮތްކޮށްގެން

ފެންނާނޭހައި ސީދާ މަގަކުން، ދެން އެންމެން ކުރިޔަށް ހިނގަމާހޭ؟"

މި ބައިތުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް، ނޫރާނީމަލަކީ ތަރައްޤީ އާއި ހިދާޔަތާއި ޢިލްމުގެ ކުންނު ދައްކުވައިދޭ މަޖާޒީ ތަސްވީރެއްގެ ގޮތުގައި ސިފަކުރެވޭނޭ ޖާގަ އެބައޮތެވެ.

އަދަބިއްޔާތުގައި ފައްސި ހުރިހާކަމެއް ސިފަކުރުމަށް ނޫރު ނުވަތަ އަލިކަން ބޭނުންކުރުމަކީ ގިނަ ބަސްބަހުގައި ގެންގުޅޭ އުކުޅެކެވެ. ފައްސި ހުރިހާ ކަމެއް "އަލިކަމުގެ" ގޮތުގައި ސިފަކުރާ އިރު، ނައްސި ހުރިހާ ކަމެއް އަނދިރި ކަމުގެ ގޮތުގައި ސިފަކުރެއެވެ. ދެން އުފެދޭ ސުވާލަކީ، ދިވެހި ބަހުގައި "އަލި" މި ލަފުޒު އޮއްވާ، "ނޫރު" މި ލަފުޒު ޅެންވެރިންނާއި ލިޔުންތެރިން ބޭނުންކުރަން ވިސްނީ ކޮން ގޮތަކުންތޯ ކުރެވޭ ސުވާލެވެ. ޖަވާބުގައި ނަކަލުކޮށްލާ ހިތް އޮތީ، "ޅެމާއި ޅެންވެރިކަން" މި ފޮތުގައި އަލްއުސްތާޛު މުޙައްމަދު ޖަމީލު ޅެމުގެ ބަސްކޮށާރު ސިފަކުރައްވާ ލިޔުއްވާފައިވާ ޢިބާރާތްތަކެވެ.

"ބަސްތަކުގެ ދުނިޔެއަށް ބަލާއިރު ތަފާތު ދެ ސިފަ ލިބިގެންވާ ބަސްތައް ހުރެއެވެ. ބައެއް ބަހަށް، މީހެއްގެ ސިފަ ގެނެވިއްޖެނަމަ އެއީ، ކުޅަދާނަ ޒުވާން ނެށުންތެރިއެކެވެ. ބައެއް ބަހަކީ ދަނޑިގަނޑު ހިފައިގެން ކޮރުޖަހަމުންދާ މުސްކުޅި ބެއެކެވެ. މި ދެބާވަތުގެ ބަސްތައް ވަކިކޮށް، މިއުޒިކުގެ ގޮތްހުރި ރީތި ބަސްތައް އަމުނައި އެކުލަވަމުން ގެންދިޔުމުން އުފެދޭނީ ރީތި ޅެމެކެވެ. މޮޅު ޅެމެކެވެ."

ނޫރާނީމާ މި ލަފުޒު އެއްފަރާތްކޮށްލުމުން، ދިވެހި ބަހުގެ އެންމެ އުޖާލާ އެއް ދައުރުގައި، ލިޔުންތެރިންނާއި ޅެންވެރިންގެ ޚިޔާލުތަކަށް ފުރުޞަތު ހުޅުވައިދިން އެއް މަންސަގެ ގޮތުގައިވެސް "ނޫރާނީމާ" ސިފަކުރެވިދާނެއެވެ. މި ދަންނަވަނީ ޅެންވެރިންގެ ގުލްޒާރުން ޝާއިޢުކުރަންފެށި "ނޫރާނީމާ" މަޖައްލާގެ ވާހަކައެވެ. އަމީންދީދީ ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ދިރާސާކުރައްވައި، 2011 ވަނަ އަހަރު އާދަމް ނަޞީރު އިބްރާހިމް ލިޔުއްވި ދިރާސީ މަޒުމޫނެއްގައި ވިދާޅުވެފައިވެއެވެ.

"ޢަބްދުﷲ މޫސާ (ލިޔުންތެރިޔާ ގާތުގައި ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 10، 2011) ވިދާޅުވާ ގޮތުގައި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ކާއިނާތުގައި ފުރާނަ އެޅުވުމުގެ އުސްލޫބު ދައްކައިދޭ، ދިވެހި ޅެންތަކާއި، ޞޫފިޔާނާ ޅެންވެރިކަމާއި، ޤައުމީ ޝުޢޫރުތައް ހިލުވައިދޭ މޮޅު ޅެންތައް ފަދަ، ތަފާތު ދާއިރާއިރާތަކުގެ ޅެންތައް ރާއްޖޭގައި އާންމުވާން ފެށީ މުޙަންމަދު އަމީނުގެ މުޙައްރިރުކަމުގެ ދަށުގައި 1367ހ. ގައި ނިކުންނަން ފެށި ''ނޫރާނީމާ'' މި މަޖައްލާއިންނެވެ."

ނޫރާނީމަލަކީ ސިޔާސީ ފިކުރެއްކަމަށް މިއަދު ބަލައިގަނެވޭ ހިނދު، އޭރުގެ އަދަބިއްޔާތުގައިވެސް "ނޫރާނީމަލަށް" އެކުރާ އިޝާރާތްތަކަކީ ސިޔާސީ ކުލަވަރެއް ނެތް، ހަމައެކަނި އަދަބީ އިޝާރާތެއް ކަމަށް ދެންނެވުން އެއީ އިންސާފަކަށް ނުވާނެއެވެ. އަމީން ދީދީގެ މަޒުމޫނުތަކުގައި އެ ސިފަކުރައްވާ "ތަރައްޤީ އާއި ތަމައްދުންގެ އުހައުވެރި މާ ބަގީޗާ"ތަކުގައި ފެންނަ "އުންމީދާއި އެދުންވެރިކަމުގެ ރޯޝަނީ މަންޒަރު"ތަކަށް އަލިކުރާ "ތަޢުލީމުގެ ނޫރާނީ ފެހި" އަލީގެ ވާހަކަ އަކީ އަމީން ދީދީގެ "އިންޤިލާބީ" ސިޔާސީ ފިކުރުތަކުގެ މޫނުބަލާ ލޯގަނޑެއް ކަމަށް ބެލެވޭނޭ ޖާގަ، ތާރީޚު އެބަ ދެއެވެ.

އެހެންކަމުން، މިއަދުގެ ސިޔާސީ މައިދާނުގައި "ނޫރާނީ މަލަކީ" ވަކި ސިޔާސީ ފިކުރެއްގެ ބަޔަކަށް ނިސްބަތްކޮށް ކުރެވޭ އިޝާރާތަކަށް ވެފައިވުމުން އަޅުގަނޑަކަށް ހައިރާންކަމެއް ނުލިބެއެވެ. ވެރިކަން ކުރާ ދިވެހި ރައްޔިތުންގެ ޕާޓީގެ ތަޤުރީރުތަކާއި އެ ފިކުރަށް ބާރުދޭ އަދުގެ ލިޔުންތެރިކަމުގައި "ނޫރާނީމާ" މި ލަފުޒުގެ މާނައިގައި އަމީން ދީދީގެ ޒަމާނުގައި އެ އިޝާރާތްކުރެއްވި އުޖާލާ ކަމާއި ޢިލްމުގެ ކުލަވަރު ބަބުޅާ ނަމަވެސް، އިދިކޮޅު ފަރާތްތަކުން އެ ލަފުޒު ބޭނުންކުރަނީ އޭގައި ނާއީޖާބީ ކުލަވަރެއް ވެސް ފެންނާނޭ ފަދަ ގޮތަކަށެވެ.

ޒަމާނާއެކު ލަފުޒުތައް ބޭނުންކުރާ އުސްލޫބާއި، ލަފުޒުތަކުގެ މާނައަށް ބަދަލުއައުމަކީ އާ ކަމެއް ނޫނެވެ. މިއީ ދުނިޔެ ދައުރުކުރާ މަގެވެ. އަޅުގަނޑު އަދިވެސް ނޫރާނީމާ މާނަކުރާ ހިތް އޮތީ، ބޮޑުފެންވަޅުގޭ ސީދީ އަދި މުޙައްމަދު އަމީން އަދަބިއްޔާތުގެ ރަން ޒަމާނުގައި އެ ލަފުޒު ބޭނުންކުރައްވާފައިވާ ގޮތަށެވެ. "ނޫރާނީމާ" އެ ލަފުޒުގެ އަޑުތަކުގެ ދެމުންތަކުގައި އެހުރި މިއުޒިކީ އަސަރު އަޅުގަނޑަށް އަދިވެސް ސިފަކުރެވެނީ އެ އީޖާބީ ފިކުރާ ގުޅުވައިގެންނެވެ. އެހެންނަމަވެސް ބަހަށް އިޚުލާސްތެރިވުމަކީ ޒަމާނާއެކު މާނަކުރުމަށ އަންނަ ބަދަލުތައްވެސް ބަލައިގަތުމެވެ. އެހެންކަމުން މިއަދުގެ ބަސްކޮށާރުގައި ނޫރާނީމާ ކުރާ އިޝާރާތްތައްވެސް ބަލައިގަންނާނަމެވެ. ގައިމު އެ މާނަތައްވެސް ބަސްފޮތުގައި ހިމަނާލުމަކީ ބަހަށް ލިބޭ މުއްސަނދިކަމެއް ނޫންތޯއެވެ؟